September 19, 2024 22:28
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: ގަސްކަނޑާ މީހާ، މިވާހަކަ ކިޔުމަށްފަހު ޖަވާބުދިނުމަށް!

  • "ގަސްކަނޑާ މީހާ" މިއީ "މާމަގެ ޢިބްރަތްތެރި ވާހަކަތައް 1" މި ފޮތުގެ ވާހަކައެކެވެ. މި ވާހަކަ ވިސްނައިގެން ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅުމަށްޓަކައި މީހުން ތަފާތު މަސައްކަތްކުރެއެވެ. އެއްބަޔަކު ދަނޑުވެރިކަންކުރެއެވެ. އަނެއްބަޔަކު މަސްވެރިކަން ކުރެއެވެ. އަދި ބައެއް މީހުން ވަޑާމުގެ މަސައްކަތްކުރެއެވެ. އަދި މި ނޫން ވެސް ތަފާތު މަސައްކަތް ކުރާ މީހުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅެއެވެ. އެ ގޮތުން ޖަންގަލީން ގަސްކަނޑައިގެން އެ މަސައްކަތުން ލިބޭ އާމްދަނީއަކުން ދިރިއުޅުން ހަމަޖައްސަމުން ދިޔަ ބަޔަކު، އެއް ދުވަހަކު ވަލަށް ގޮސް އެ މަސައްކަތުގައި އުޅެނިކޮށް އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެ މީހުން އެނބުރި ދާން އޮތް ރާސްތާގެ ދުރުކަމުން ގަސްތުކުރީ އެރޭ ވަލުތެރޭގައި މަޑުކޮށްލާށެވެ.

މޫސުމަކީ ކަޅުފޮއި މޫސުމެއްކަމުން އިރުއޮއްސުމުން ޖަންގަލީތެރެ އޮތީ ވަރަށް ބޮޑަށް އަނދިރިވެފައެވެ. އެހެންކަމުން އިތުރަށް ކުރިޔަށް ނުގޮސް ޖަންގަލީގެ ވަކިހިސާބެއްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި ގަސްކަނޑާ މީހުން އަރާމުކޮށްލަން މަޑުކޮށްލިއެވެ. އެއިރު އެމީހުން ތިބީ ވަރަށް ބަނޑުހައި ވެސް ވެފައެވެ. ނަމަވެސް އެ މީހުންގެ އަތުގައި އެ ވަގުތު އެއްވެސް ކާއެއްޗެއް ނެތެވެ. އެ މީހުން އެ ދުވަހު ކާން ގެންދިޔަ ކާއެތިކޮޅު ވެސް ވަނީ ހުސްވެފައެވެ.  ދެން އެ އެންމެން ވަރަށް ބަނޑުހައިކަންމަތީ ތިބެ، ގަސްދޮށުގައި އަރާމުކޮށްލަން ޖައްސައިލިތަނާ ވެފައިތިބި ވަރުބަލީގެ ސަބަބުން ވަރަށް އަވަހަށް އެ މީހުނަށް ނިދިއްޖެއެވެ. އެކަމަކު އެ ތަނުން އެކަކަށް އެއްގޮތަކަށް ވެސް ނުނިދިފައި އޮތެވެ. އޭނާއަށް ނުނިދިފައި އޮތީ މާބޮޑަށް ބަނޑުހައިވެފައި އޮތުމުގެ ސަބަބުންނެވެ.

ނުނިދިފައި އޮތް މީހާ ފުރޮޅިފުރޮޅި އެތައް އިރަކު އޮތުމަށް ފަހު ހިތަށް އެރިއެވެ. މިހައި ބޮޑަށް ބަނޑުހައިވެގެން އޮވެ މަށަކަށް ނުނިދޭނެއެވެ. މި ޖަންގަލީގެ ތެރެއިން ކޮންމެވެސް ކާ އެއްޗެއް ލިބޭތޯ ނިކުމެލަންވީއެވެ. މިހެން ހިތަށްއެރުމާއެކު އެހެން މީހުނަށް ސިއްރުސިއްރުން ކޯރާޑިއެއް ހިފައިގެން އޭނާ ނިކުމެ ހިނގައިގަތްތަނާ ފެނުނީ ފެންކޯރެކެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ހަމަ ޔަޤީނުން ވެސް، މި ޖަންގަލީގެ ތެރޭ އުޅޭ ޖަނަވާރުތައް ފެންބޯން މި ކޯރު ކައިރިއަށް އަންނާނެއެވެ. އެހެންވީމާ، މިތާ މަޑުކޮށްލައިގެން އޮވެލަނިކޮށް ބަނޑުހައިކަން ފިލުވައިލެވޭނެ ކޮންމެވެސް ކާއެއްޗެއް ލިބިދާނެއެވެ. އެހެން ހިތަށްއެރުމުން ގަސްކަނޑާ މީހާ އެ ކޯރުގެ އައްސޭރީގައި މަޑުކޮށްލައިގެންއިނެވެ. އެހެންއިންދާ ޖަންގަލީގެ ތެރެއިން ފުއްލާއެއް ނިކުމެގެން އެ ކޯރާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ. ދެން މީނާ ކުރިކަމަކީ އަވަސްއަވަހަށް އެތާ އޮށޯވެ މަރުވެފައި އޮތް މީހެއް ކަމަށް ހެދިގެން އޮވެއްޖެއެވެ. އެއްކަލަ ފުއްލާއަށް އެ ހިސާބަށް އާދެވުމާއެކު މި މީހާ ފެނިއްޖެއެވެ. އަދި އޭނާގެ ގާތަށް ފުއްލާ ގޮސް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލި ވަގުތު، އޭނާގެ އަތުގައިއޮތް ކޯރާޑި ފުއްލާއަށް ފެނިއްޖެއެވެ. އެ ވަގުތު ފުއްލާގެ ހިތަށް އެރިއެވެ. މި މީހާ މަރެއް ނުވެއެވެ. އޭނާ އެ އުޅެނީ އޭނާގެ މަކަރުގައި އަހަރެން ޖައްސައިގެން އަހަރެން އަތުލައިގަންނާށެވެ. އޭނާ އެ އޮތީ މަރުވި ކަމަށް ހެދިގެންނެވެ.

Advertisement

އެ ބުއްދިވެރި ފުއްލާ ކުޑައިރުކޮޅަކު ދުރުގައި ބަލަން މަޑުކޮށްލައިގެން އޮތުމަށް ފަހު މަޑުމަޑުން ގަސްކަނޑާ މީހާގެ ގާތަށް ގޮސް އޭނާގެ އަތުގައި އޮތް ކޯރާޑި ތަލުވައިލިއެވެ. ހަމަ ވަގުތުން ވެއްޓިފައި އޮތް ގަސްކަނޑާ މީހާ އެ ކޯރާޑި އޭނާގެ ގާތަށް ދަމައިގަތެވެ. ފުއްލާ އޮތީ އެކަމަށް ވިސްނައިގެންނެވެ. އެހެންކަމުން ކުއްލިއަކަށް އެއްކަލަ ފުއްލާ ބާރަށް ދުވެފައި ގޮސް ޖަންގަލީތެރެއަށް ވަދެ ފިލައިފިއެވެ. އަދި އެ ސޮރު ގޮސް އެ ހިސާބުގަނޑުގައި ދިރިއުޅޭ އެހެން ޖަނަވާރުތަކަށް ގަސްކަނޑާ މީހާގެ ވާހަކަ ކިޔައިދީފިއެވެ. ދެން ހުރިހާ ޖަނަވާރުތައް އެރޭ ކޯރު ކައިރިއަށް ނުދިއުމަށް އެއްބަސްވެގެން ފިލައިފިއެވެ.

ގަސްކަނޑާމީހާ ކޯރުކައިރީގައި ކޮންމެވެސް އެހެން ޖަނަވާރެއް އަތުލައިގަތުގެ އުންމީދުގައި މަޑުކޮށްގެން އިނެވެ.  އެތައްއިރެއް ވީއިރު ވެސް އެއްވެސް ޖަނަވާރެއް އެ ތަނަކަށް ނައެވެ. ދެން އޭނާގެ ކެއްތެރިކަން ނެތިގެން އެއްކަލަ ފުއްލާއާމެދު ކަންތައް ކުރެވުނު ގޮތުން ލިބުނު ލަނޑު ހިތަށްއަރާފައި ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އެންމެފަހުން ކުރަން ދިޔަ ކަންތައް ކާމިޔާބު ނުވުމުން ގަސްކަނޑާ މީހާ އެނބުރި އޭނާގެ އެކުވެރިން ނިދާފައި ތިބިތަނަށް ގޮސް މަޑުމަޑުން އޮށޯވެ ނިދޭތޯ މަސައްކަތްކުރަންފަށައިފިއެވެ. އޭރު އޮތީ ރޭގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑުތަން ފާއިތުވެފައެވެ. އަދި އެރޭ ކަންހިނގައިދިޔަ ގޮތުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް ވެސް އޭނާ އަޒުމް ކަނޑައެޅިއެވެ.  

އެރޭގެ ދެން އޮތް ދަންފަޅީގައި ވެސް އޭނާއަކަށް ނުނިދުނެވެ. ފުރޮޅިފުރޮޅި އޮއްވާ އިރުއަރައިފިއެވެ.  އެ ވަގުތު އޭނާގެ ހިތަށް އަރަމުންދިޔައެވެ. ކާނެ އެއްޗެއް ނުލިބުނުތާނގައި މިރޭ މަގޭ ނިދިކޮޅު ވެސް ގެއްލި އެ ދިޔައީއެވެ.

ސުވާލުތައް:

  • ވާހަކައިގާ އުޅެނީ ކޮން މަސައްކަތެއްކުރާ ބައެއް ހެއްޔެވެ؟
  • އެރޭ އެ މީހުން ވަލުތެރޭގައި މަޑުކޮށްލަން ނިންމީ ކީއްވެ ހެއްޔެވެ؟
  • ނުނިދިގެން އުޅޭ މީހާއަށް ދިމާވެގެން އުޅެނީ ކޮންމައްސަލައެއް ހެއްޔެވެ؟
  • ނުނިދިގެން އުޅުނު މީހާ އެންމެފަހުން ގަސްދުކުރީ ކީއްކުރަން ހެއްޔެވެ؟
  • ފުއްލާ ފެނުމުން ގަސްކަނޑާ މީހާ މަރުވެފައި އޮތް މީހެއް ކަމަށް ހެދުނީ ކީއްވެ ހެއްޔެވެ؟
  • ގަސްކަނޑާ މީހާއަށް އޭނާގެ މަޤްޞަދު ކާމިޔާބު ވި ހެއްޔެވެ؟ ތިޔަ ޖަވާބު ދިން ސަބަބު ތަަފްޞީލުކޮށްދޭށެވެ!
  • މި ވާހަކައިގާ އެންމެ ބުއްދިވެރިއަކީ ކާކު ނުވަތަ ކޮން އެއްޗެއް ހެއްޔެވެ؟ ސަބަބާއެކު ބަޔާންކުރާށެވެ.!
  • މި ވާހަކައިން ތިޔަ ދަރިވަރަށް ލިބުނު ޢިބްރަތަކީ ކޮބައި ހެއްޔެވެ؟

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
1
+1
0
+1
2
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް