ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ވަނީ ފަށައިފައެވެ. ޝިއާމެން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު އިރުއޮއްސުނުއިރުގައެވެ.
ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.
ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރ ދަތުރުތައް ދަނީ ކުރަމުންނެވެ.
ޗައިނާގެ ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.