November 21, 2024 23:06
Advertisement

-Advertisement-

ވާހަކަ: މެންދަން (ސާދަވަނަބައި)

އައިސްކްރީމް ބޮމުން ދިޔައިރު، ޝަރީފާ ލަދުވެތިކަމާއެކު ތިރިއަށް ބަލައިލިއެވެ. އިރުއިރުކޮޅާ ފާއިޒު އޭނާއަށް ބަލާކަމުގެ އިހުސާސްވިއެވެ.
"ކީއްވެ ތިހެން ބަލަނީ" ޝަރީފާ މަޑުމަޑުން އަހާލިއެވެ.

"މުޅި އަނގަމަތީގައި އައިސްކްރީމް ހުރީމަ" ފާއިޒު ހިނިތުންވެލިއެވެ.

"ކޮބާ ކޮންތާކު" ޝަރީފާ އަވަހަށް އަތްލާ މޫނު ފޮހެލިއެވެ.

Advertisement

"ނެތް. ނެތް. އަހަރެން ހަމަ ޖޯކެއް ޖަހާލީ" ފާއިޒު ހޭންފެށިއެވެ.
ޝަރީފާ ފާއިޒު އާއި ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުގައި އުފާވެރިކަމާއި ލޯތްބުގެ އަސަރު ހުއްޓެވެ. ޝަރީފާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އޭނާއަށް އިހުސާސްކުރެވުނީ ފާއިޒު އޭނާދެކެ ލޯބިވާކަމެވެ.
އަހަރެމެން ދެން ގެއަށް ދާންވީ ދޯ" ޝަރީފާ މަޑުމަޑުން ބުނެލިއެވެ.
"އާނ، ދާންވީ. އެކަމަކު އަދި އަންނަންވާނެ އައިސްކްރީމް ބޯން" ފާއިޒު ބުނެލިއެވެ.
ޝަރީފާ ގޭގެ ދޮރާށިން ވަދެ، އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ހިތުގައި އަދިވެސް ފާއިޒުގެ ނަން ރާގު ކުޅެމުން ދިޔައެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، އޭނާ އެނދުގައި އޮށޯވެލިއެވެ. ލޯ މަރާލައިގެން އޮވެ، މިރޭގެ ހަނދާންތައް އަލުން އާވާން ފެށިއެވެ. ފާއިޒުގެ ހިނިތުންވުން... އޭނާގެ މީރުވަސްދުވާ އަޑު... އައިސްކްރީމް ކައިލި ވަގުތުކޮޅު... މި ހުރިހާ ކަމެއް ޝަރީފާގެ ހިތުގައި ތާޒާވަމުން ދިޔައެވެ. އޭނާގެ ތުންފަތްމަތީ ހިނިތުންވުމެއް ވިދިގެން ދިޔައެވެ.

ޝަރީފާ ތެދުވެ، މޭޒުދޮށަށް ގޮސް، ކަރުދާހެއް ނަގައި، ގަލަމެއް ހިފައިގެން އައިސް އަނެއްކާވެސް އެނދުގައި އިށީނދެލިއެވެ. ޝަރީފާ ފެށީ ފާއިޒުގެ ނަން ލިޔަންފެށިއެވެ. ކޮންމެ ފަހަރަކު އެ ނަން ލިޔެލުމުން، އޭނާގެ ހިތުގައި އުފަލުގެ ރާގެއް ޖެހެއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް މެސެޖެއް އައެވެ. ޝަރީފާ އަވަސް އަވަހަށް ފޯނު ނެގިއެވެ. އޭނާގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. މެސެޖު ފޮނުވި މީހާއަކީ ފާއިޒެވެ.

"ވަރަށް ހިތްގައިމު ރެއެއް" މެސެޖުގައި ލިޔެފައި އޮތެވެ.

ޝަރީފާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އަދި ޝަރީފާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ޖަވާބެއް ދޭން ބޭނުން ނަމަވެސް، ލިޔާނީ ކޮން އެއްޗެއްކަން ނޭނގި ހުއްޓުންއެރިއެވެ. ފަހުން ޝަރީފާ ނިންމީ ހަމައެކަނި ހިނިތުންވާ އިމޯޖީއެއް ފޮނުވާލާށެވެ. އެ ރޭ ޝަރީފާ ނިދީ ފާއިޒުގެ ނަން ހިތުގައި ކުޅެމުންނެވެ.

ޝަރީފާ އެކަނި އޮތީ ކޮޓަރީގައެވެ. އޭނާގެ ހިތުގައި ފާއިޒުގެ ޚިޔާލުތައް ފުރިފައިވާ ކަހަލައެވެ. ފާއިޒުގެ ހިނިތުންވުމާއި، މަޑުމައިތިރި އަޑާއި، ހަނދާންތައް އޭނާގެ ހިތުގައި މަޑުމަޑުން ދައުރުވަމުން ދިޔައެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރު ހުޅުވާލައި އިބްރާހިމްފުޅު ވަދެއްޖެއެވެ.
"ޝަރީފާ ނުނިދަންތަ. ނިދަން އުޅެމާ" އިބްރާހިމްފުޅު ބުނެލިއެވެ.

"ފާއިޒު ވަރަށް ރަނގަޅު ދޯ. އަޚްލާޤު ރަނގަޅު، އަދި ވަރަށް މަޖާ މީހެއް" އިބްރާހިމްފުޅު ޝަރީފާގެ ކައިރީގައި އިށީނދެ ފާއިޒުގެ ހެޔޮ ސިފަތައް ބަޔާންކުރަމުން ދިޔައެވެ.

ޝަރީފާގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު ފެންނަން ފެށިއެވެ. އޭނާގެ ލޮލުގައި އުފާވެރިކަމުގެ ވިދުވަރު އެޅުނެވެ. ފާއިޒުގެ ރީތި ސިފަތައް އަޑުއަހަން ޝަރީފާ އިނީ ވަރަށް ޝައުޤުވެރިކަމާއި އެކުގައެވެ.

"އާނ، ދެން ނިދަން އުޅޭ. މިހާރު ލަސްވެއްޖެ" އިބްރާހިމްފުޅު ބުނެ، ލޯމަރާލިއެވެ.

ޝަރީފާވެސް ނިދޭތޯ ދެލޯމަރައިލިއެވެ. އެކަމަކު ޝަރީފާގެ ލޮލަށް ނިންޖެއް ނައެވެ. ޝަރީފާގެ ހިތުގައި ފާއިޒުގެ މަޑުމައިތިރި އަޑު، ލޯބި ހިނިތުންވުން، އަދި ހެޔޮ އަޚްލާޤުގެ ވާހަކަތައް ދައުރުވަމުން ދިޔައެވެ. ޝަރީފާގެ ހިތުގައި ފާއިޒާ މެދު ރީތި އުއްމީދުތަކެއް އުފެދެމުން ދިޔައެވެ. އެ ޚިޔާލުގައި އޮއްވާ ޝަރީފާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ހެނދުނު އަލިކަމާއެކު ދޫނިތަކުގެ އަޑު އިވެން ފެށުމުން، ޝަރީފާ ކުއްލިއަކަށް ހޭލެވުނެވެ. އޭނާގެ ލޮލުގައި އަދިވެސް ނިދީގެ އަސަރު ހުއްޓެވެ. އަވަހަށް ގަޑިއަށް ބަލައިލިއެވެ. ގަޑިން ހަގަޑި ބައިވަނީއެވެ. ނަމާދު ވަގުތު ވެސް ފާއިތުވީއެވެ. އަވަހަށް އިބްރާހިމްފުޅަށް ގޮވައިލިއެވެ. އިބްރާހިމްފުޅުވެސް މިއަދު އަވަހަށް މަސައްކަތު ދާންޖެހޭނެތީއެވެ. ހެނދުނުގެ އަލިކަން ފެތުރެމުންދިޔަ ވަގުތު، ޝަރީފާ ކޮޓަރިން ބޭރަށް ނިކުތެވެ. ޝަރީފާއަށް ފެނުނީ ޝީމާ ސައި ތައްޔާރުކޮށްގެން އިންތިޒާރުގައި އިން މަންޒަރެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިބްރާހިމްފުޅުވެސް ނިކުތެވެ. ތިން މީހުން އެކުގައި ސައިބޯން ފެށިއެވެ.

"މިއަދު މަސައްކަތް ގިނަވާނެ ކަންނޭނގެ. ތަންކޮޅެއް ލަހުންވެސް އާދެވިދާނެ" އިބްރާހިމްފުޅު ބުންޏެވެ.
"އާނ، ރަނގަޅަށް ސައިބޮއިގެން ދާންވީނު" ޝަރީފާ ޖަވާބުދިނެވެ.
ސައިބޮއި ނިމުމުން އިބްރާހިމްފުޅު މަސައްކަތަށް ދާން ހިނގައިގަތެވެ. އޭނާ ދިޔުމާއެކު ޝަރީފާ ޝީމާގެ ކައިރިއަށް ޖެހިލިއެވެ.

"ޝީމާއަށް އެނގޭތަ ފާއިޒުގެ ވާހަކަ" ޝަރީފާ އަހާލިއެވެ.

"އާނ، އެނގޭ. ކީއްވެ" ޝީމާ ޖަވާބުދިނެވެ.
"އަހަރެން... އަހަރެން ފާއިޒުދެކެ ވަރަށް ލައިކްވޭ" ޝަރީފާ މަޑުމަޑުން ބުންޏެވެ.

ޝަރީފާގެ ވާހަކަ އަޑުއިވުމާއެކު ޝީމާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. އޭނާގެ މަންމަ މިހާ ކުއްލިއަކަށް ބަދަލުވެފައިވާތީ ޝީމާއަށް ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.
"ކުއްލިއަކަށް ތި ބަދަލު އައީ ކީއްވެ އަދި އިބްރާހިމްފުޅަށް ދެން ވާނެ ގޮތަކާމެދު ވިސްނާލިންތަ" ޝީމާ ސުވާލުކޮށްލިއެވެ.

"އަހަރެމެންނަށް ރަނގަޅު އުފާވެރި ދިރިއުޅުމެއް ލިބޭނީ ފާއިޒު ކަހަލަ ތަނަވަސް މީހަކާ އިނދެގެން" ޝަރީފާ ހިނިތުންވެލަމުން ޖަވާބުދިނެވެ.
"ދެމީހުން އެކުގައި ހޭދަކުރި ވަގުތުތަކާއި، އެކުގައި ދެކެމުންދިޔަ ހުވަފެންތަކާއި، އިބްރާހިމްފުޅު މަންމައަށް ދިން ލޯބި. އެހުރިހާ އެއްޗެއް ހަނދާން ނެތުނީތަ" ޝީމާ އަންތަރީސްވެފައި ބުންޏެވެ.

"އަހަރެން އެނގޭ އިބްރާހިމްފުޅަކީ ރަނގަޅު މީހެއްކަން. އެކަމަކު އަހަރެން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް. ފާއިޒުގެ ފަރާތުން އެކަން ލިބޭނެ" ޝަރީފާ ހިމޭނުން ތިރިއަށް ބަލާލިއެވެ.

"މަންމާ ވިސްނާލަބަލަ. ލޯބި އަދި އުފާވެރިކަމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން. އިބްރާހިމްފުޅު މަންމައަށް ދޭ ލޯތްބަކީ ފައިސާއަށްވުރެ މާ އަގުހުރި އެއްޗެއް. މަންމާ. މަންމަ ނިކަން ވިސްނާލަބަލަ، މަންމައަށް ހަގީގަތުގައި ބޭނުންވަނީ ކޮން އެއްޗެއްތަ" ޝީމާ އޭނަގެ މަންމަގެ އަތުގައި ހިފައިލަމުން ބުންޏެވެ.

ޝަރީފާ ހުރީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ފާއިޒު އާއި އިންނަން ނިންމާފައެވެ. އެވާހަކަ މަންމަ އާއި އިތުރަށް ދެއްކުމަކީ ބޭކާރުކަމެކެވެ. ޝީމާވެސް އޭނަގެ ވަޒީފާއަށް ދާން ތައްޔާރުވާން ކޮޓަރިއަށް ވަނެވެ. ނަމަވެސް ޝަރީފާ ސިޓިންގރޫމްގެ ގޮނޑީގައި އެކަނި އިނެވެ. ޝީމާވެސް ވަޒީފާއަށް ދާން ތައްޔާރުވެގެން ބޭރަށް ނިކުތެވެ. ޝީމާ ދިޔަތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، ޝަރީފާވެސް ބޭރަށް ނުކުތެވެ. އޭނާ ދާން ހިނގައިގަތީ ފާއިޒުމެންގެ ގެއަށެވެ.

ޝަރީފާ ފާއިޒުމެންގެއަށް ދިޔައިރު، ގޭގައި އެއްވެސް މީހަކު ނެތެވެ. އެގޭގައި އެއްވެސް މީހަކު ނެތުމުން ޝަރީފާގެ ހިތަށް ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އެއީ ދުވަހަކުވެސް އެގެ އެގޮތަށް އެއްވެސް މީހަކު ނޫޅޭ ވަގުތެއް ނުދާތީއެވެ. ޝަރީފާ މީހަކު އަންނަންދެން ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ނަމަވެސް ޝަރީފާއަށް ގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ދޮރާށިން ވަދެގެން އައީ ފާއިޒެވެ. ފާއިޒު އައީ އޭނަގެ މަންމަ އަތުގައި ހިފަހައްޓައިގެންނެވެ. އެމަންޒަރު ފެނުމާއިއެކު ޝަރީފާ އަވަހަށް ތެދުވެ، ދޮރާށިއާ ދިމާއަށް ހިނގައިގަތެވެ. ފާއިޒުއަށް ޝަރީފާ ފެނުމާއެކު، އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ނަމަވެސް ފާއިޒުގެ މަންމަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ޝަރީފާ ހިތްވަރުކޮށް، އެ ދެމީހުންނާ ދިމާއަށް ދިޔައެވެ. ފާއިޒާއި އެކީގައި އޭނަގެ މަންމަ ގޭތެރެއަށް ވެއްދުމަށް އެހީތެރިވިއެވެ.

= ނުނިމޭ =

+1
2
+1
2
+1
0
+1
1
+1
0
+1
1
+1
4

Advertisement

ގުޅުންހުރި ލިޔުންތައް