މިއީ ރަނގަޅު އަގެއްގައި ރީތި ކޭކެއް ފެނޭތޯ ބަލާލަން އިންސްޓަގްރާމަށް ވަދެ ބަލާލި ޕޭޖެކެވެ. ވަރަށް އަޅައިގަންނަ ރީތި ކޭކުތަކެއް ހުއްޓެވެ. ކޭކުގެ ހުރިހާ ބައިތަކެއްވެސް ކެވޭހެން ތައްޔާރުކޮށްފައި ހުރި ވަރަށްގިނަ ކޭކު ފެނުނެވެ. ހުރިހާ ވައްތަރެއްގެ ކޭކު، ޑެޒަރޓް، ޑެކަރ އަދި ސްމެޝިން ޕެކްސްއާއި ޑޯނަޓްވެސް ހުއްޓެވެ. ގަޔާވާ ޑިޒައިންތަކެއްގެ ކޭކުތައްފެނި ހައިރާން ވެއްޖެއެވެ. އިންސްޓަރގްރާމް ޕޭޖްއިން ނަންބަރު ހޯދައިގެން ކޭކުއަޅާ އާދީއަށް ގުޅާލީމެވެ.
ޓީވީ ސްޓޭޝަނެއްގައި މާކެޓިން ޑިޕާޓްމަންޓުގެ އިސް މަޤާމެއްގައި ވަޒީފާ އަދާކުރާ އާދިލާ އިސްމާޢީލް(އާދީ) ބުނީ އޭނާގެ ކޮއްކޮއެއް ކޭކުއަޅާތީ 2016ގައި އޭނާއަށް އެހީތެރިވާން އެގެއަށްދާ ކަމަށެވެ.
"އޭރުވެސް ކޭކުކޯސް ހަދައިގެން ހުރީ. އެކަމަކު ކޯސް ނިންމާފަ މާގިނަ ދުވަހެއްނުވެ ބަނޑުބޮޑުވެގެންނާއި ދެން އުޅެން ޖެހުނު ގޮތުން ކޭކު އަޅާކަށް ނުފެށޭ. ކޮއްކޮއަށް އެހީވެދޭންދާތީ ކޮއްކޮ ބުނީ ވީނުންހޭ ވަޒީފާއަށް ނުގޮސް ހުންނައިރު ތުއްތަ ކޭކު އަޅަން ފަށަން. އެހިސާބުން ދެން ކޭކު އަޅަންފެށީ."
އާދީއަށް އެފެށުނީ އަދި ރަނގަޅަކަށް ނޫނެވެ. 2017ގައި އޭނާ ވަޒީފާއަށް ނިކުންނަށް ފެށުމާއި ގުޅިގެން އެކަން ހުއްޓުނީ އެވެ. ދެން ދިރިއުޅުމުގެ ކަންކަން ހަމައަކަށް އެޅިގެން 2018ގައި އަނެއްކާވެސް ކޭކު އެޅޭތޯ ހިތްވަރާއި އެކު މަސައްކަތް ފެށިއެވެ. އޮފީހުގައި އުޅެމުންވެސް މިކަން ކުރާހިތްވާލެއް ބޮޑުކަމުން ހިތްވަރު ދޫކޮށެއްނުލައެވެ. އާދީ ބުނީ ވިޔަފާރިއެއްގެ ގޮތުގައި ކޭކު އަޅަން ފެށުނު ހިސާބަކީ އެއީކަމަށެވެ.
ކޭކު އެޅުމުގައި އެހެން މީހުންނެކޭ އެއްގޮތަށް އާދީ އަށްވެސް ދިމާވާ ދަތިތައް ގިނައެވެ. ބޭނުންވާ ސާމާނު މާލެއިން ގަންނަން ނުލިބުމާއި، ލިބެން ހުންނަ ބާވަތްތައް އަގު ބޮޑުވުމެވެ. އާދީ ބުނީ ބައެއްފަހަރު އޯޑަރުތައް އެންމެ ހިތްހަމަޖެހޭ ގޮތަށް ނިންމާލަން ބޭނުންވާ އިންގްރީޑިއަންޓްސް ނުލިބިގެންވެސް އުޅެން ޖެހޭ ކަމަށެވެ.
މިކަމުގައި ކުރިއަށްދާން އާދީ އަށް އެންމެބޮޑަށް އެހީތެރިވެދެނީ ފިރިމީހާއާއި ގާތް އެކުވެރިއެކެވެ. އަދި ޢާއިލާގެ އެހީތެރިކަންވެސް ލިބެއެވެ. އާދީގެ 10 އަހަރު ދަރިފުޅުގެ އެހީތެރިކަންވެސް ބައެއް ފަހަރު ލިބެއެވެ.
އާދީ ބުނީ ސިމްޕަލް ކޭކަށްވުރެ ހަދާހިތްވަނީ އުނދަގުލުން ހެދޭ، ޗެލެންޖިން އަދި މަސައްކަތް ފެންނަ ކޭކު ކަމަށެވެ. "ތަފާތު އަދި ވަރަށްކަވި މަސައްކަތް ކޮށްގެން ހަދާ ކޭކުތައް ބޮޑަށް ހަދާހިތްވަނީ. އެންމެ ކަމާވެގެން ކުރެވުނު މަސައްކަތަކީ މޮއާނާ ކޭކަކާއި ޑެޒަރޓް ޓޭބަލްއެއްގެ މަސައްކަތް. އެއީ ވަރަށް ހިތްހަމަ ޖެހޭ ކޭކެއް. އެކަމަކު ދެން ހުރޭ ވަރަށް ހިތްހަމަޖެހޭ އެހެން ކޭކުވެސް." އާދީ ބުންޏެވެ.
ވެޑިން އޯޑަރެއް ނަގައިގެން މަސައްކަތް ކުރާނަމަ 3 ދުވަސްތެރޭގައި މަސައްކަތް ނިންމާލައެވެ. އާދީ ބުނީ ވަޒީފާއަށް ނުގޮސް ހަމައެކަނި އެކަމަށް ހުސްވެ ހުންނަނަމަ އެކެއް ނޫނީ ދެދުވަސް ތެރޭގައި މަސައްކަތް ނިންމޭނެކަމަށެވެ. އެހެންނަމަވެސް ޑެކަރޭޝަނެއް ހަދަން އޮންނަނަމަ ހަފްތާއެއްވަރު ކުރިން މަސައްކަތް ފަށައެވެ. ކޮންމެ ކަމެވެސް ކުރަނީ ވަރަށް ފަރުވާތެރިކަމާއި ލޯތްބާއި އެކުއެވެ.
މިހާތަނަށް ވެޑިންއަކަށް ތައްޔާރުކުރި ކޭކުތަކުގެ ތެރެއިން އާދީއަށް ފާހަގަ ކޮށްލެވޭ އެންމެބުރަ މަސައްކަތުން ތައްޔާރު ކުރެވުނު ކޭކަކީ މާލޭގައި އޮތް ވެޑިންއަކަށް ހެދި ފޯޓަޔަރސް ވެޑިން ކޭކެކެވެ. ފިނިފެންމާތަކެއް އަތުރާލާފައިވާ މިކޭކަކީ ރީތި ޑިޒައިނެއް ހުރި ހުދު ކުލައާއި ރަންކުލައިގެ ކޭކެކެވެ.
މީގެ އިތުރުން ވަރަށް ބުރަމަސައްކަތުން ނިންމި އެހެން ވެޑިން ކޭކެއްވެސް އާދީ ފާހަގަ ކުރިއެވެ. އެއީ އޭނާގެ އުފަންރަށް ނ. ހޮޅުދޫގައި އޮތް ވެޑިންއަކަށް ތައްޔާރުކުރި ކޭކަކާއި ޑެޒަރޓް ޓޭބަލްއެވެ. އެއީ ޑެކަރޭޝަނަށް ބޭނުންވާ ކަންކަމާއި ގިނަކަންކަން މާލެއިން ހަމަޖައްސައިގެން އާދީ ހޮޅުދޫއަށްގޮސް ކުރި ވަރަށްބުރަ މަސައްކަތެކެވެ.
ކޭކު ވިޔަފާރީގައި އާދީއަށް ދެވުނު އެންމެ އުހަކަށްދާން އޭނާ ބޭނުންވެއެވެ. "އަބަދުވެސް ބޭނުންވޭ 'ކޭކްސް ބައި އާދީ'ގެ ނަމުގައި ތަނެއް ހުޅުވަން. އެކަމަކު އެފުރުސަތެއް އަދި ނުލިބޭ. އިރާދުކުރެއްވިއްޔާ އެދުވަސް އަދި އަންނާނެ ކަމަށް އުންމީދު މިކުރަނީ." އާދީ ބުންޏެވެ.
އެންމެ އުފާވަނީ ކަސްޓަމަރުން އަމިއްލައަށް މެސެޖްކޮށްފަ ކޭކު ވަރަށްމީރޭ އަދި ވަރަށް ރީއްޗޭ ބުނީމައެވެ. "އަސްލު ކަސްޓަމަރ ފީޑްބެކްގައި އެންމެ ގިނައިން ލިބެނީ ވޯކް ވަރަށް ރީތިވުން. އަދި ރަހަވެސް މީރުވުން." އާދީ ބުންޏެވެ.
މިކަމުގައި އާދީއަށް ދެމިހުރެވޭ އެންމެބޮޑު އެއްސަބަބަކީ ކަސްޓަމަރުންގެ ފަރާތުން ލިބޭ މިފަދަ އުފާވެރި ބަސްތަކެވެ. އަދި އާދީގެ ފިރިމީހާގެ ފަރާތުން އަބަދުވެސް ލިބޭ ސަޕޯޓެވެ. އާދީ ބުނީ މިހާރު ކޭކު އެޅުމަކީ އޭނާ ވިޔަފާރިއަކަށް ބަލައިގެން ނުވަތަ ލިބޭ އާމްދަނީއަށް ބަލައިގެން ކުރާ ކަމަކަށްވުރެ ބޮޑަށް އެކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ގޮތުން ޕެޝަންއެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ. ޒީޓައިމްސް އިން އެދެނީ އާދީގެ އުންމީދުތައް ހާސިލްވެ ކޭކު ވިޔަފާރީގައި އާދީ ދާން ބޭނުންވާ ހިސާބަށް ދެވުމެވެ.
ކިޔުންތެރިންގެ ހިޔާލު
❤❤❤Best as always
ކޮމެންޓްސް ބަންދުކުރެވިފައި