ފުވާދު ތަޢުފީގާ އަޅުގަނޑު އެންމެފުރަތަމަ ދިމާވީ 2008ވަނަ އަހަރުގައެވެ. އެއިރު އެއީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އެވެ. މަޢުލޫމާތު ހޯދާލުމަށް ގުޅާލާ ކޮންމެފަހަރަކު މަޢުލޫމާތު ދެއްވައެވެ. މީޑިއާއާއި އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވާ ބޭފުޅެއްގެގޮތުގައި ފުވާދު ފާހަގަކުރެވެއެވެ.
ފުވާދު ތައުފީގު
ވެރިރަށް މާލެއަށް އުފަން ފުވާދު ތައުފީގު އެންމެފުރަތަމަ ތަޢުލީމް ހާސިލްކުރެއްވީ މަޖީދިއްޔާ ސުކޫލުންނެވެ. އެއަށްފަހު އިންޑިއާގެ ސްޓެޓިސްޓިކަލް އިންސްޓިޓިއުޓްގަ ތަފާސްހިސާބުގެ ރޮގުން ޑިޕްލޮމާ ހާސިލްކުރެއްވެވިއެވެ. އަދި ކޮމްޕިއުޓިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރެއްވުމުގެ އިތުރަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދާއިރާއިން ބޮސްޓަން ޔުނިވާސިޓީއިން ވަނީ ޑިޕްލޮމާ ފުރިހަމަ ކުރައްވާފައެވެ.
އެންމެފުރަތަމަ ތަފާސްހިސާބުގެ ރޮގުން ތަޢުލީމުދޭން ކަލްކަތާއަށް ދިވެހި ސަރުކާރުން ފޮނުވި 4 މީހުންގެ ތެރޭގައި ފުވާދު ހިމެނިވަޑައިގަންނަވައެވެ. އަދި ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ކޮމްޕިއުޓަރެއް ގެނައުމަށް މީހަކު ތަމްރީންކުރުމުގެ ގޮތުން ޔޫ.އެސް އަށް ތަމްރީން ޕްރޮގްރާމަކަށް ފޮނުވީވެސް ފުވާދުއެވެ. "އެހެންވީމަ އަޅުގަނޑާއި އެކު ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރ ތަޢާރަފުވެފަވަނީ" ފުވާދު ވިދާޅުވިއެވެ.
1973ވަނަ އަހަރު އެންމެފުރަތަމަ ވަޒީފާ އަދާކުރެއްވީ ކަސްޓަމްސްގެ އިނގިރޭސި ކާތިބެއްގެ ގޮތުގައެވެ. އެއަށްފަހު އައިލެންޑް އޭވިއޭޝަންގެ އިތުރުން ސަރުކާރުގެ ތަފާތު މިނިސްޓްރީތަކުގެ އެކި މަޤާމްތައް އަދާކުރައްވާފައިވެއެވެ. އެންމެގިނަ ދުވަހު މަސައްކަތްކުރެއްވީ ޕްލޭނިންގ މިނިސްޓްރީގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސެއްގެ ގޮތުގައި އަލުން ފެނިދާނެ؟
އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އެންމެފުރަތަމަ ފުވާދު އައްޔަންކުރެވުނީ 2008ވަނަ އަހަރު ސެޕްޓެމްބަރު މަހުގައެވެ. އެއަށްފަހު ކޮމިޝަންގެ ރައީސެއްގެ ގޮތުގައި 2014ވަނަ އަހަރުގެ މާރިޗް މަހާއި ހަމައަށް ފުވާދު ހުންނެވިއިރު، މަޤާމް ގެއްލުނީ ސުޕްރީމް ކޯޓުން ފުވާދު އެމަޤާމުން ވަކިކުރަން ނިންމެވުމުންނެވެ.
އޭގެފަހުން 4 އަހަރެއްހާ ދުވަހު ސްރީލަންކާއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށްފަހު އަނެއްކާވެސް މިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. މިފަހަރު އެމަޤާމަށް ފުވާދު އައްޔަން ކުރެވުނީ 2019ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ފުވާދު ގެންނަން ބޭނުންވާ ކަމަށްބުނެ އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީއިން ވާހަކަދައްކާފަވާތީ އެކަމާގުޅޭގޮތުން ސުވާލުދެންނެވުމުން، އަލުން އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ފުވާދުވަނީ ވިދާޅުވެފައެވެ.
" ކޮމިޝަނުގައި ތިއްބަވާ މެންބަރުންގެ ސަޕޯޓް ލިބިއްޖިއްޔާ އަޅުގަނޑު ކޮމިޝަންގެ ރައީސްކަމަށް ކުރިމަތިލާނަން. ބުރަ މަސައްކަތެއް. އެހެންނަމަވެސް ވަރަށްގިނަ މީހުން ބޭނުންވާ ކަމެއް އެއީ. އަޅުގަނޑަށް އަބަދުވެސް ލިބޭ ނަސީބަކީ 2 ފަރާތެއް އޮންނައިރުވެސް ދެފަރާތުން ކުރާ އިތުބާރު" ފުވާދު ވިދާޅުވިއެވެ.
ފުވާދު އެވިދާޅުވިގޮތަށް އެމް.ޑީ.ޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އިތުބާރާއިއެކު ކޮމިޝަނަށް ވަޑައިގެންނެވިއިރު، އިދިކޮޅު ފަރާތްތަކުން ފުވާދު ކޮމިޝަންގެ ރައީސްކަމަށް ގެންނަވަން ބޭނުންފުޅުވަނީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ.
" ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކަންއޮންނަގޮތް ސާފުކޮށް ހުރިހާ ފަރާތެއްގައިވެސް ދެންނެވުން. މީޑިއާއަށްވެސް ފޮރުވުމެއްނެތި ހުރިހާ މަޢުލޫމާތެއް ދިނުން. ކޮންމެ ޕާޓީއަކުން އަޅުގަނޑާ ގުޅާފަ ކަމަކާގުޅޭގޮތުން ސުވާލުކުރިޔަސް އެކަމެއް އޮންނަގޮތް ސާފުކޮށް ކިޔައިދެން. އެހެންވީމަ އުފެދިފަ އޮންނަ އިތުބާރެއްކަމަށް ޤަބޫލުކުރަނީ. އަޅުގަނޑު އެއްވެސް ފަރާތަކަށް ނުޖެހޭނަން. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ވަރަށް އިންސާފުވެރިކަމާއެކު" ފުވާދު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ހިތުގައި ކޮންމެ އިހުސާސެއް އޮތަސް އިންސާފުވެރިކޮށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަބަދުވެސް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށްވެސް އެއިރުޝާދު ދެއްވާކަމަށް ވިދާޅުވިއެވެ.
އަމިއްލަ ދިރިއުޅުއްވުން
ސ.ހުޅުދޫ އަށް އުފަން ޒީދާ ޙުސެއިން އާއި ފުވާދުގެ ކައިވެންޏަށް މިހާރު 28 އަހަރުވަނީ ވެފައެވެ. މިދެމަފިރިންގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފާހަގަވީ އެކި ޤައުމުތަކުގައި ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގެން ނަންގަވާފަހުރި ރީތި ފޮޓޯތަކެވެ. ދެމަފިރިން ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާތަން ފެނެއެވެ.
" ވަރަށްގިނައިން އަހަރު ނިމޭއިރު ދެވޭ ޗުއްޓީއަށް. އަބަދުވެސް ބަލަން ތަފާތު ޤައުމުތަކަށް ދެވޭތޯ. ވަރަށްގިނަ ޤައުމުތަކުގަ ރައްޓެހިން އެބަތިބި. އެމީހުންގެވެސް ދައުވަތުލިބިގެން ޚަރަދުކުޑަކޮށް ދަތުރު ހަމަޖައްސަނީ. އެހެންވެ އެހާބޮޑު އެއްޗެއް އަމިއްލައަތުން ނުގޮސް ޗުއްޓީ ހޭދަކުރެވޭ. އަބަދުވެސް ދަތުރުކުރަނީ އެންމެ އަގުހެޔޮ ފެއާއެއް އޮތިއްޔާ އެފެއާގަ" ފުވާދު ވިދާޅުވިއެވެ.
ފުވާދުގެ އިންޓަވިއު ކުރިއަށްގެންދިޔައިރު ކައިރީގައި އިންނެވި ޒީދާ އާއި މިދެމަފިރިންގެ 28 އަހަރުވީ ކައިވެނީގެ ސިއްރަކީ ކޮބައިތޯ އަހާލީމެވެ. ޒީދާ ވިދާޅުވީ ހުރިހާވެސް ސިއްރަކީ ދެމަފިރިންގެ މިޒާޖު ކަމަށެވެ.
" އަޅުގަނޑުގެ ހުންނާނީ ވަރަށް ސަކަ މިޒާޖެއް. ފުވާދާއި އެކީގަ އުޅޭއިރުވެސް ވަރަށް މަޖާކޮށް އަބަދުވެސް އުޅެވޭނީ. މިޒާޖު ގުޅޭލެއް ބޮޑީ. މިސާލަކަށް ވަރަށްގިނަ މީހުން އުޅޭނެ ދެމަފިރިން ދެޗެނަލް ބަލަން. އެކަމަކު އަޅުގަނޑުމެން ޝައުގުވެރިކަން ހުންނަނީ އެއްޗެނަލަށް. ކެއުމުގެ ކަންތައްތަކުގައިވެސް އެއްގޮތެއް ހުންނަނީ. އިއްތިފާގުން ވަރަށްގިނަ ކަންތައްތައް ދިމާވެފަހުންނަނީ"
އެހެންނަމަވެސް މިދެމަފިރިންވެސް އެއްގަލަކަށް ނެއެރޭ ކަމެއް މިއަދާއިހަމައަށް އެބައޮތެވެ. ޒީދާ ހެވިލާފަ ވިދާޅުވީ " އެއްކަން އާދޭ ތަފާތު. އެއީ އޭސީއާއި ފަންކާއާއި ގުޅޭގޮތުން. އެހެންނޫނީ ޚިޔާލުތަފާތުވާ ކަމެއް އޮތްހެނެއް ހީނުވޭ. އަޅުގަނޑު ބޭނުންވާނީ އޭސީއާއި ފަންކާ އެއްކޮށް ޖައްސަން. ފުވާދު ބޭނުންވާނީ އޭސީ ނޫނިއްޔާ ފަންކާ ޖައްސަން. އެކަންތައްތަކުގައި ހައްލެއް ހޯދާނެ ގޮތެއް ނޭގޭ" މިގޮތަށެވެ.
ޒީދާ އާއި ފުވާދުގެ ދެމަފިރިންގެ ކުއްޖަކު ނެތް ކަމުގައިވިއަސް، ފުވާދުގެ 4 ކުދިން އަދި ޒީދާގެ 1 ކުއްޖަކު ހުރެއެވެ.
ކިޔުންތެރިންގެ ހިޔާލު
Good luck and best wishes for the couple, may the almighty bless
ކޮމެންޓްސް ބަންދުކުރެވިފައި