November 23, 2024 16:16
Advertisement

-Advertisement-

ކެންސަރ އެވެއަރނެސް ފޮޓޯ: ޑރ. ޖޭ އަނަމް

ޑރ. ޝިފާންގެ ލިޔުއްވުމެއް: އުރަމަތީގެ ކެންސަރުގެ ފަރުވާގެ ތެރެއިން އަތް ދުޅަވުން، ރައްކާތެރި ވާނީ ކިހިނެއް؟

ތައާރަފް
އުރަމަތީގެ ކެންސަރ ގެ ފަރުވާގެ ބައެއްގެ ގޮތުގައި ގިނަފަހަރު ކިހިލިފަތް ދޮށުގައިވާ ގޮށް ތަކުގެ (ބޮޑު) ބައެއް ނަގައެވެ. މިފަދަ ބައެއް ހިމެނޭ ފަރުވާއަކަށްފަހު އަތް ދުޅަވުން ދިމާވެއެވެ. އަދި ކިހިލިފަތަށާއި އުރަމައްޗައް ރޭޑިއޭޝަން ދިނުމުން މިފަދަ އިން އަތް ދުޅަވުން އިތުރުވެދެއެވެ. މިމައްސަލަ އަކީ ދާއިމީ ކަމެކެވެ. އެއްކޮށް ހައްލުކުރުމަށް ދަތި މައްސަލައެކެވެ. ނަމަވެސް މިފަދަ ކަމެއް ފެށުނަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުރެއެވެ. އަދި ފެށިއްޖެނަމަ އަލާމާތްތައް ގޯސްވިޔަ ނުދީ ބެލެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެއެވެ. ކުރީކޮޅުގައި އަޅާނުލެވިއްޖެނަމަ، "ލިންފްއެޑީމާ" އިތުރަށް ގޯސްވެދެއެވެ.

"ލިންފެޓިކް ސިސްޓަމް" އަކީ ކޮބާ؟
މިއީ ގޮށްތަކަކާއެކު ކުދިކުދި ލޭހޮޅީތަކަކުން އެކުލެވޭ ނިޒާމެކެވެ. މައިގަނގު ގޮތެއްގައި ހަށިގަނޑުގައި ލޭދައުރުކުރުމާއެކު ދިފާއީ މުހިއްމު ރޯލެއް އަދާކުރާ ނިޒާމެކެވެ. އަދި ހަށިގަނޑުގެ އެކިހިސާބުން ތަގައްޔަރުވެފައިވާ މާއްދާތައް ހަށިގަނޑުން ސާފުކުރާ "ފިލްޓަރެއްގެ" މުހިއްމު ރޯލުވެސް އަދާކުރެއެވެ.
އަތްދުޅަވާންދިމާވާ ސަބަބު:
އުރަމަތީގެ ކެންސަރ ގެ އޮޕަރޭޝަން ކުރުމުގައި ޓިއުމަރ ނެގުމަށްފަހު އެންމެކައިރީގަވާ ގޮށްތައް ނަގައެވެ. މިފަދައިން ކަންކުރުމުން ދައުރުކުރަމުން ދިޔަ "ލިންފް"ގެ މަގަށް ހުރަސް އެޅި މި ދިޔަ ޖަމާވެއެވެ. ބޭރުފުށުން ދުޅައިގެ ސިފައިގަ ފެނެއެވެ. މިފަދައިން ދުޅަ އަތުގަ(ބައެއްފަހަރު ދެއަތުގަ)، ފައިގަ(ބައެއްފަހަރު ދެފައިގަ)، ކަރާ މޫނުގެ ހިސާބުތަކުގަ، އުކުޅުވަޅު އަދި ބަނޑުގެ ހިސާބުތަކުން ފެނުން އެކަށީގެންވެއެވެ. ދުޅަ އިތުރުވެ ދުޅަވެފައިވާ ހިސާބުތަކުގައި ފާރުކޮޅު ޖަހައެވެ. އަދި ފަރުވާ ނުލިބިއްޖެނަމަ މިފަދަ ފާރުކޮޅުތަކުގައި ޖަރާސީމު އަށަގަނެއެވެ.
ގިނަފަހަރު އުރަމަތީގެ ކެންސަރގެ ފަރުވާގެ ބައެއްގެ ގޮތުގައި އުރަމައްޗައް އަދި ކިހިލިފައްޗަށާ ވަށައިގެންވާ ހިސާބަށް "ރޭޑިއޭޝަން" ފަރުވާގެ މުހިއްމު ބައެއްގެ ގޮތުގައި ހިމެނެއެވެ. މިފަދައިން ރޭޑިއޭޝަން ދިނުމުން އިތުރަށް "ލަކުނުލައި" "ލިންފް" ގެ ދައުރުވުމަށް އިތުރަށް ހުރަސްއެޅެއެވެ.
އެހެންކަމުން ބޭރުފުށަށް ދުޅަ އިތުރުވެއެވެ. މިފަދައިން އަލާމާތްތައް ބައެއްފަހަރު އޮޕަރޭޝަނަށްފަހު ނޫނީ ރޭޑިއޭޝަނަށްފަހު ފެނެއެވެ. ބައެއްފަހަރު އެތައް ދުވަހެއް ނޫނީ އަހަރެއް ފަހުންވެސް ފެނެއެވެ.
މައިގަނޑުގޮތެއްގައި ބެހެވިގެންދާ ބައިތައް:
1-ފުރަތަމަ ވައްތަރު: އޮޕަރޭޝަން ކުރާތާ ކުޑަމުއްދަތެއްގެތެރޭގައި ވަރަށް ކުޑަކޮށް ދުޅައަރާ، ކުޑަ މުއްދަތެއްގެތެރޭގައި އަމިއްލަޒާތުގައި ރަނގަޅުވުން.
2-އޮޕަރޭޝަން ނޫނީ ރޭޑިއޭޝަން ދޭތާ އެއްމަސް ނޫނީ ދޮޅުމަހެއްހާދުވަސް ތެރޭގައި ދުޅައައިސް، ވަގުތާއެކު އެކަން އަމިއްލައަށް ހައްލުވުން.
3-އެންމެ އާންމު ވައްތަރަކީ އޮޕަރޭޝަންކުރާތާ ދޮޅު އަހަރާ ދެ އަހަރާ ދޭތެރޭ އަރާދުޅައެވެ. މިއީ ގިނަފަހަރު ތަދަކާނުލާ އަންނަ ދުޅައެކެވެ. އަދި ފަރުވާއަކާ ނުލާ ލުޔެއް ނުލިބޭ ވައްތަރެކެވެ.
ނޯޓް; އޮޕަރޭޝަން ނޫނީ ރޭޑިއޭޝަނަށްފަހު ކޮންމެ މުއްދަތެއްގެ ތެރޭގައިވެސް ދުޅަ އަތުވެދާނެއެވެ. އެއްކޮށް ފަސޭހަނުވިކަމުގައި ވިޔަސް އިތުރަށް ގޯސްވިޔަނުދީ ބެލެހެއްޓޭނެއެވެ. މިފަދައިން ދުޅައަންނާނީ ކާކަށް ކަމެއް ފަރުވާގެކުރިން ބުނެދިނުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މިފަދައިން ދުޅައައުން ދުރުކުރުމަށް ކުރެވިދާނެކަންކަން ހުރެއެވެ.
މިފަދައިން ދުޅަވާ ދުޅަވުން ހުއްޓުވިދާނެ ތޯ:
ފަރުވާއަށްފަހު ހަންގަނޑު ރަނގަޅަށް ބަލަހައްޓާ އަދި ފަރުވާއަށްފަހު ކަސްރަތު ކުރާމީހުންނަށް މިފަދަ ގޮތަކަށް ދުޅައައުން ދުރުވެއެވެ. ސީދާ ހުއްޓުވޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ. އޮޕަރޭޝަން ކުރުމުގައި ބޭނުން ކުރެވޭ ވަސީލަތައް އައި ހެޔޮބަދަލާ ކުރެވޭ ގޮތަށް އައި ކުރިއެރުމާ އެކު މިފަދައިން ދުޅައައުން މަދުކަމަށް ދިރާސާތަކުން ދައްކައެވެ.

އަލާމާތްތައް:
އުރަމަތީގެ ކެންސަރ އަށް ކުރާ އޮޕަރޭޝަންއަށް ފަހު މައިގަނޑު އަލާމާތަކީ ކިހިލިފަތުން ގޮށް ނެގި ފަރާތުގެ އަތް ދުޅަވުމެވެ. އަދި މިފަދަ އިން ދުޅައަރާ މިންވަރު ދޭދޭ މީހުންގެތެރޭގައި ތަފާތު ވާނެއެވެ. އެހެންކަމުން ދެއަތުގެ ވަށަމިނުގެ ތަފާތުގައި ބޮޑެތި ފަރަގު ހުރުން އެކަށީގެން ވެއެވެ.
ބައެއް އެހެނިހެން އަލާމާތްތައް:
އަތާއި ކިހިލިފަތް (ދުޅައެއް ނެތި) ބަރުވެފައި ހުންނަ އިހްސާސްއެއްވުން
ކުރިން އަތަށް ހެޔޮވަރު ގަހަނާފަދަ ތަކެތި ބާރުވުން
މޭމަތީގައި ދުޅައިތުރުވެ އަޅަމުންދިޔަ ބްރާ ބާރުވާކަމުގެ އިހްސާސްވުން
އަތް ވަރުބަލި ވުމުގެ އިހްސާސްވުން
އިނގިލިތައް ބާރުވެ ލެނބުމަށް އުނދަގޫވުން
ހަންގަނޑު ބޯވެ ބަދަލުތަކެއް އައުން

Advertisement

ރައްކާތެރިވުން:
އޮޕަރޭޝަން ކޮށްފައިވާ ފަރާތުގެ އަތް ރައްކާކުރުމަކީ އެންމެ މުހިއްމުއެއް ފިޔަވަޅެވެ. މިފަދަ ފަރުވާއަކަށް ފަހު “ލިންފް” ދައުރުކުރުމުގައި ހުރަސްތަކެއް ހުރުމަކީ އެފަރާތުގައި ޖަރާސީމު އަށަގަތުމާ ފަސޭހައިން އަނިޔާވުމަށް މަގުފަހި ވާކަމެކެވެ.
އެހެންކަމުން ލޭނެގުމާއި އިންޖެކްޝަން ފަދަ ކަންކަން ފަރުވާކުރެވުނު އަތުން ނުކުރުން މުހިއްމުވާނެއެވެ.
ލޭގެ ޕްރެޝަރު ބެލުންވެސް އަނެއް އަތަށް (ފަރުވާ ކުރިއަތް ނޫން) ބަދަލު ކުރުން މުހިއްމުވާނެއެވެ.
ބޭނުންކުރާ އަންނައުނުގައި އަތް ކުރި ދޫކޮށް ހުރުން މުހިއްމުވާނެއެވެ. (ބާރު ރަބަރު ލައިފައި ހުންނަ އަތުކުރި ބޭނުން ނުކުރުން)
ބަރު ދަބަސް ނޫނީ އެފަދައިން ކޮނޑުގައި އުފުލާ ދަބަސް އަނެއްއަތަށް ބަދަލުކުރުން
ސާފު ރޭޒަރު ބޭނުން ކުރުން (ކިހިލިފަތުގައި ހުންނަ އިސްތަށި ބޭލުމަށް)
ވަރަށް ހޫނު މާހައުލަކަށް އަތް ނޫނީ ހަންގަނޑު ހުށަ ނޭޅުން
ކިޔައި ދެވިފައިވާ ލުއި ކަސްރަތުތައް ކުރުން
މިންހެޔޮ ލޮނުމަޑުކޮށް ކެއުންބުއިން ބެހެއްޓުން

ފަރުވާ:
ފަރުވާ ބެހިގެންވާނީ މައިގަނޑުގޮތެއްގައި އަލާމާތްތައް ހުންނަމިންވަރަށް ބަލާފައެވެ. އަދި ފަރުވާގެތެރޭގައި ތިރީގައި ބަޔާންކުރެވޭ ކަންކަން ހިމެނޭ ނެއެވެ.
- ކަސްރަތު: ކަސްރަތު ކުރުމުން "ލިންފް" ދައުރުކުރުމަށް އެހީވެދެއެވެ. ފަރުވާކުރާ ޓީމުގެ ޑޮކްޓަރު ނޫނީ ފިޒިކަލް ތެރަޕިސްޓް ވަކިކަސްރަތުތަކެއް ކިޔައިދޭނެއެވެ.
- ބެންޑެޖެއް ބޭނުން ކުރުން: ދެމޭ ބެންޑޭޖެއް ނޫނީ ހާއްސަ “ކޮމްޕްރެސިވް ސްލީވް” އެއް ބޭނުން ކުރުމުން ޖަމާވާ ލިންފް ޖަމާވިޔަނުދީ ދައުރު ކުރުމަށް އެހީވެދެއެވެ.
– މިންހެޔޮ ކެއުމެއް އަދި ބަރުދަން ހެޔޮ މިންވަރެއްގަ ބެލެހެއްޓުން: އާންމު ފަރުވާގެ ތެރޭގައި މިންހެޔޮ ކެއުމެއް އަދި ހަށިގަނޑުގެ ބަރުދަން ވަކިމިން ގަނޑަކަށް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.
އަތް އުފުލާފައި ބޭއްވުން: އަތް އެމީހެއް ގެ ހިތް އިންނަ މިނައް ވުރެ މައްޗައްއުފުލުމުން “ގްރެވިޓީ” ގެ ބާރުން ތިރިޔަށް ދަމަން އެހީވެދެއެވެ. އެފަރާތް އަތްމައްޗައް ނިދަން އޮށޯވެ ނުއޮތުން. އަދި ނިދާއިރު ކުޑަބާލީ ހެއް އެ އަތް ދަށަށް ލެއްވުން.
ޖަރާސީމް އަށަގަތަ ނުދިނުން: ދުޅަވެފައިވާ ހިސާބުގެ ހަންގަނޑަށް ހާއްސަ ސަމާލުކަމެއްދިނުމަކީ މުހިއްމުކަމެކެވެ. ކިތައްމެ ކުޑަކޮށް ހަންގަނޑު ހަލާކުވެއްޖެނަމަ ޖަރާސީމު އަށަގަނެ ފަސޭހަކުރުމުގައި އިތުރު ހުރަސް ތަކެއް މެދުވެރި ވެއެވެ.
މަސާޖް/ ތެޔޮދެމުން: މިކަމުގެ ހާއްސަ ތަމްރީން ލިބިފާ ވާ މީހެއްގެ އެހީހޯދުން މުހިއްމުވާނެއެވެ.

އިންފެކްޝަނަކުން ނޫނީ އަނިޔާ އިންސަލާމަތްވުން: (އެންމެ މުހިއްމު އަސާސް)

އުރަމަތީގެ އޮޕަރޭޝަނަކަށްފަހު އެފަރާތުގެ އަތް ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކޮށް ގެންގުޅުމަކީ މުހިއްމުކަމެކެވެ. ލިންފް ދައުރުކުރުން ލަސްވުމަކީވެސް އިންފެކްޝަނަށް ހުށެހެޅުންގާތްވާ ކަމެކެވެ. އަދި އަތަށް ޕްރެޝަރު އިތުރުވާ ކަންކަން (އަތަށް ބާރު އަންނައުނު) ނުކުރުމަށް ސަމާލުވާންޖެހެއެވެ. ލިންފް ދައުރުކުރުން ދައްވުމަކީ އަތުގެ ހިއްސު (ފިނި ހޫނުމިނުގެ އިހްސާސް) ދައްވާކަމެކެވެ. އެހެންކަމުން ތިރީގައި ބަޔާން ކުރެވިދާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.
• ލޭނެގުމާ އިންޖެކްޝަން ފަދަ ކަންކަމަށް އަނެއް އަތް ބޭނުން ކުރުން.
• ލޭގެ ޕުރެޝަރު ބެލުންފަދަ ކަންކަން އަނެއް އަތުން ކުރުން.
• އަންނައުނު ބޭނުން ކުރުމުގައި, އަތުކުރި ނޫނީ އަތައް ބާރު އަންނައުނު ހިޔާރުނުކުރުން.
• ބަރުދަބަސް ފަދަ ތަކެތި އަނެއް އަތުން އުފުލުން.
• ކިހިލިފަތުގައި ހުންނަ އިސްތަށި ބޭލުމަށް ސާފު ރޭޒަރު ތިލަ ބޭނުން ކުރުން.
• އިރުގެ ހޫނުން އެއަތް ރައްކާތެރި ކުރުން. އަދި އުނދުނުގެ ހޫނު (ހުޅުން) ފަދަ ގޮތްގޮތަށް ފިހުނަ ނުދީ ރައްކާތެރިކުރުން.
• މަސައްކަތެއް ކުރަނީނަމަ އަންގިލައްވައިގެން މަސައްކަތް ކުރުން. (މިސާލަކަށް ގޭތެރެ ސާފުކުރުން ފަދަ ކަންކަމުގައި އަހުލުވެރިވެ އުޅޭއިރު)
• އޮޕަރޭޝަން ކޮށްފައިވާ އަތް މަދުވެގެން ދުވާލަކު އެއް ފަހަރު ދޮވެހިއްކުމަށް ފަހު "މޮއިސްޗަރައިޒަރ" އެއް ލައިފަަ ބެހެއްޓުން
• މިކަމަށް ހާއްސަވެފާވާ ކަސްރަތުތައް, ކަނޑައެޅިފައިވާ ގޮތަށް, އާދަވެ ކުރުން.
• ކެއުމުގައި ލޮނުމަދު, މިންހެޔޮ ކެއުމެއް ހިޔާރުކުރުން
• އެއްވެސް ހާލަތެއްގައި އިންފެކްޝަނެއްގެ ފުރަތަމަ އަލާމާތް ތަކާއެކު (ތަދުވެ, ދުޅަވެ,ހޫނުވެ, އަދި ހުންއަންނަނަމަ), ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމުވާނެ އެވެ.
ފަހުބަސް:
ނޯޓް; މަތީގައި ބަޔާން ކުރެވިފައިވާ ފަދަ އޮޕަރޭޝަނެއް ނޫނީ ފަރުވާއެއްކޮށްފައި ވާނަމަ, އާނމުދިރިއުޅުމުގައި ކުރެވޭނެކަންކަމާ, އަތުގެ ބޭނުން ހިފޭނެވަރާމެދު, ފަރުވާކުރާ ޓީމުގެ ޑޮކްޓަރުންނާ ސުވާލުކުރާށެވެ. އަދި, އެލަފާ ތަކަކީ ކޮންމެދުވެހެއްގެ އާދަކާދައިގައި ހިމަނަންޖެހޭ މުހިއްމު ކަންކަން ކަމުގައި ގަބޫލުކޮށް އެގޮތަށް އަމަލުކުރުމަކީ ހަޔާތުގެ މުހިއްމު އަސާސެއް ކަމުގައި ހަދާށެވެ.

ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް