September 27, 2024 12:28
Advertisement

-Advertisement-

ތެލެސީމިއާ ދަރިފުޅު ގޮވައިގެން މަންމަ އުޅެން ޖެހުނު އުނދަގޫ ހާލަތު، މުޖުތަމައުން ކުރީ ފުރައްސާރަ!

ވަހީދާ އަކީ ތެލެސީމިއާ ދަރިއެއް ގެންގުޅޭތާ 21 އަހަރު ހޭދަކޮށް ހިތްދަތި ތަކުރިބާތަކެއް ކޮށްފައިވާ މައެކެވެ. ތިޔައިގެ ތެރެއިން ކޮންމެ މައެއްވެސް އެ މީހެއްގެ ދަރިފުޅަށް ފުރިހަމަ ސިއްހަތެއް އެދޭ ފަދައިން ވަހީދާގެ ދެމަފިރިންނާއި އާއިލާއިންވެސް އެމީހުންގެ މިިދަރިފުޅާ މެދު ފޮނި އުންމީދުތަކެއް ކުރިއެވެ.

"އެންމެ ފުރަތަމަ އެއަންހެން ދަރިފުޅަށް ލޭ އަޅަން ފެށީ 3 މަހުގައި. މިހާރު އަޅަން މަހަކު ދެ ފަހަރު، އޭރު އަޅުގަނޑުމެން ލޭ ގަންނަނީ މީހުންނަށް ބޮޑު އަގުދީގެން
އޭރު ވަރަށް އުނދަގޫ ލޭ ހޯދަން. މީހުން ގުލާލީމަ ލޭ ދޭން ބުނެފަ ފަހުން ގުޅީމަ ނުދާނެ. ދެން އެ ދުވަހު ނުލިބޭނެ.
ލޭ ދޭ މީހާއަށް އެމީހަކު ބުނާ އަގެއް ދީފަ ލޭ ނަގާ ނިމުނީމަ ސައިދީފަ ފޮނުވާލަނީ." ވަހީދާ ކިޔައިދިނެވެ. 

ވަހީދާގެ އެ ދިރިއުޅުމުގެ ހާލަތު 'ޒީޓައިމްސް' އަށް ކިޔައިދެމުން ބުނީ އޭނާގެ މި އަންހެން ދަރިފުޅަކީ ދިރިއުޅުމުގެ މައިދާނުގައި އެހެން ކުދިންނެކޭ އެއްގޮތަށް އުޅެން ބޭނުންވި އަދި އެ ހިތްވަރުވެސް ހުރި ކުއްޖެއް ކަމަށެވެ. ސުކޫލުގައި އުޅުނު އިރުވެސް ކަންކަމަށް ޝައުގުވެރި އެހެން ކުދިންނާ ގުޅޭ ކިޔެވުމަށްވެސް މޮޅު ކުއްޖެކެވެ.

ސުކޫލު ނިންމާ ސަރުކާރުގެ ވަޒީފާއަކަށް ނުކުތުމުން މަސައްކަތުގެ މާހައުލުންނާއި މުޖުތަމައުން އެ ދަރިފުޅުގެ ނުކުޅެންތެރިކަމާ ހުރެ ޖެހީ "ދުވަހަކުވެސް ހަނދާނުން ނުފޮހެވޭ ފަދަ ވަރުގަދަ ތަފާލެކެވެ". ވަޒީފާއަށް ސަލާމް ބުނުމަށްފަހު މަހަކު ދެ ފަަހަރު ލޭ އަޅަން ދިއުމަކީ އޭނާގެ ނާގާބިލުކަން ކަމަށާއި، އޭނާއަށް ވަޒީފާ އަދާ ނުކުރެވޭނެކަން އެ ދަރިފުޅަށް އިހުސާސް ކޮށްދިނީ އެ މާހައުލުންނެވެ. އަދި ދިރިއުޅުންމަތިން ފޫހިކޮށްލާ، ބުލީކޮށް ނަފްސާނީ ވާ މިންވަރަށް އޭނާގެ ހުރި ނުކުޅެދުންތެރިކަން އޭނާއަށް ބުނެދީ އެކަމާއެކު މުޖުތަމައުގެ އެހެން މީހުންނާ އެއް ހަމައެއްގައި ނުހުރެވޭކަމުގެ "ނެގެޓިވް" ވިސްނުންވެސް އެ ދަރިފުޅަށް ވިސްނައިދިނީ އެކުގައި މަސައްކަތް ކުރި މުވައްޒަފުންނެވެ.

Advertisement

ސަރުކާރުގެ ގަދަރުވެރި އޮފީހަކުން އެ އަމަލު ކުރި ގޮތުގެ ސަބަބުންނާއި އޭނާއަށް ދޭންފެށި ނޯޓިސްތަކާއި، އެހެން ސްޓާފުންގެ ފުރައްސާރައަށް ކެތް ނުވެގެން މިހާރު އެދަރިފުޅު ހުރީ ވަޒީފާއިން ވަކިވެގެން ގޭގައެވެ. އަދި އަމިއްލައަށް އާމްދަނީ ލިބޭ ކަމެއް ކުރެވޭނެ ކަމަށް، ނުވަތަ އޮފީހަކަށް ގޮސް މަސައްކަތް ކުރެވިދާނެ ކަމުގެ ހިތްވަރެއް ކުރީގެ އޮފީހުގެ އެ "ޓޮކްސިކް" މާހައުލުގެ ސަބަބުން އޭނާއަކަށް ނުވެސް ލިބުނެވެ. ވަހީދާ ބުނީ ދަރިފުޅުގެ ކަންކަން ހަމަޖައްސަން އޭނާއަށް ލިބޭ މުސާރައިން ބައެއް ދެނީ ކަމަށާއި، ދަރިފުޅުގެ މާޔޫސްކަން ފިލުވައިދީ އަލުން މުޖުތަމައަށް ނެރެދިނުމަށް އޭނާގެ ގާތް އެކުވެރިންނާއި އާއިލާއިން ވަރަށް ބޮޑަށް މަސައްކަތް ކޮށްދިން ކަމަށެވެ.

"ٱلْحَمْدُ لِلَّٰهِ މިހާރު އޭނާގެ ރައްޓެހިންނާއި އެކު ބޭރަށްވެސް ދާނެ، އާއިލާ މީހުންނާއި އެކު ބައްދަލުވުންތަކަށްދާނެ ދަތުރުވެސް ދާނެ. ރައީސް ޔާމީން ވެރިކަމުގައި ޕޮލިހުގެ ސިވިލް ބައިގައި އުޅުނު އިރު މީހުން އޭނާ އަކީ ބޭކާރު މީހެއް ކަމަށް ވިސްނާދީފަ އޮތީ، އެކަމާ ހުރެ ދަރިފުޅަށް ނަފްސާނީ އުނދަގޫތައްވެސް ކުރިމަތިވި."

ލޭ ދަށްވެގެން ބައެއްފަހަރު 5 ނުވަތަ 4 އަކަށްވެސް ވެއްޓޭ ކަމަށާއި، އެހެންނަމަވެސް ކުރިޔަށްވުރެ މިހާރު ލޭ ހޯދުން ފަސޭހަ ކަމަށް ވަހީދާ ބުންޏެވެ. އަދި ސިފައިންގެ ބޭފުޅުން ލޭ ދެއްވުމުގައި އެ އާއިލާއަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށާއި، އާންމުންގެ ތެރެއިންވެސް ވަރަށް ގިނަ މީހުންގެ އިޖާބަ ލޭ އަޅާ ކުދިންނަށް މިހާރު ލިބޭކަން ވަހީދާ ފާހަގަ ކުރިއެވެ.

ދަރިފުޅުގެ ސުކޫލު ދައުރުގައި ލޭ އެޅުމުގެ ކަންކަން ހުރިގޮތް ހަނދާނަށް ގެންނަމުން ވަހީދާ ބުނީ "ސުކޫލުގައި އުޅުނު އިރުގައި ލޭ އަޅާ ދުވަހަކަށް މެޑިކަލް ސެޓިފިކެޓެއް ހަދާލާފަ ލޭ އަޅަން ގެންދަނީ. މިހާރު ނޯވޭ ވަޒީފާއަކަށްވެސް ދެވޭކަށް. ކޮންމެ ފަހަރަކުވެސް ސެޓިފިކެޓް ދޭން ޖެހޭ. އޯލެވެލް ނިންމާފަ 2014 ހިސާބުގައި ވަޒީފާއަށް ވަނީ. މަހަކު ދެފަހަރު ނުވަތަ އެއް ފަހަރު ލޭ އަޅަން ޖެހޭ ކަމާއި، ޑޮކްޓަރ ސެޓިފިކެޓް ހުއްޓަސް ވަޒީފާއަށް ދިއުމުން ވަރަށް އުނދަގޫވި. ބޯވެސް ކޮށާލާފަ ހުންނަނީ. ކުރިން ވަރަށް ބޮޑަށް ހާލަތު ގޯސްވި، ވަޒީފާގެ މާހައުލުގައި އޭނާއަށް ނުވާ ކަމާއި، އޭނާ ސަލާމް ބުނީމަ ފާޑުފާޑުގެ ލިޔެކިއުންތަކުން އެންގުމާއި، ހިތްވަރު ދިނުމުގެ ބަދަލުގައި އޭނާ އަކީ ނުވާ މީހެއްގެ ގޮތުގައި ސިފަކޮށްފަ ހުންނަނީ، އެހެންވެ ވަޒީފާއިން ކަނޑާލީ އަޅުގަނޑުމެން."

އެކަމަކު މިއަދު ހަމަ އާދައިގެ މީހެއްހެން އާއިލާ އާއި އެކު ދަރިފުޅު އުޅޭތަން ފެނުނީނަ އުފާވޭ، ލޭ އަޅާ ކުއްޖެއްވީމަ ހަށިގަނޑުގައި ތަފާތުތަކެއް ހުއްޓަސް ވަރަށް ގާތް ރައްޓެހިންގެ އެހީއާއެކު އަމިއްލައަށް ކަންކަން ކޮށްގެން މުޖުތަމައުގައި އެހެން އުޅޭތީ ވަހީދާ މާތްﷲ އަށް ހަމްދު ކުރެއެވެ.

"ލޭ ހޯދަން ދަރިފުޅުގެ ބައްޕައާއި އާއިލާއިން އެހީވޭ. ލޭ ދަށްވެފަ ހުންނައިރު ވަރަށް އުނދަގޫވޭ، ސިޑިން ނޭރޭނެ، އަރިދަފުސް ރޯގާ ޖެހުމާ، ރުޅިގަދަވުމާއި އެކަހަލަ ބައިވަރު ކަންތައްތައް ހުރޭ.."

ތެލެސީމިއާ ކުދިންގެ މައިންގެ ތެރެއިން ވަހީދާއަކީ ތަފާތު މަންމައެކެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޒިންމާދާރު ވަޒީފާއެއްގައި މެދުނުކެނޑި 25 އަހަރަށްވުރެ ގިނަ ދުވަސް ވީއިރު އަދިވެސް ދަރިފުޅު ހައްގުގައި ވަޒީފާ ދޫކޮށް ނުލާ އެ ހިތްވަރު ކުރަނީއެވެ. އެ ދަރިފުޅަށް އެހީތެރިވުމުގެ އިތުރަށް އެހެން ދަރިންގެ ފުށުން ލިބިފައިވާ މާމަ ދަރިންގެ ކަންކަމުގައިވެސް ހީވާގިކަމާއެކު ނުހަނު ލޯތްބާއެކު އުޅެއެވެ.

މުޖުތަމައުގައި ވަހީދާ ފަދަ އެތައް މަންމައެއް ލޭ އަޅާ ކުދިން ގޮވައިގެން އުޅޭއިރު އެބެލެނިވެރިން އެދެނީ "އިންކްލޫސިލް ސޮސައިޓީއެއް" ނުވަތަ ޝާމިލު މުޖުތަމައެއްގައި އެހެން ކުދިންނަށްވެސް ހުރި ފުރުސަތުތައް އެކުދިންނަށް ތަހަންމަލު ކުރެވޭ ވަރަކަށް ދީގެން އުޅެވޭނެ ދުވަހެކެވެ. ސަރުކާރު ވަޒީފާތަކާއި އަމިއްލަ ތަންތަނުގައިވެސް ބޮޑެތި މަގާމުތަކުގައިވެސް ލޭ އަޅާ ކުދިން އުޅެއެވެ. ރާއްޖޭގައި ތެލެސީމީއާ ކޮމިއުނިޓީއަށް އަދިވެސް ގޮންޖެހުންތަކާއި އުނދަގޫތައް ހުރިނަމަވެސް މުޖުތަމައުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލުމުގެ ޖާގަ އެމީހުންނަށްވެސް ދޭން ޖެހެއެވެ. ވަހީދާ ފަދަ އެތައް މައެއްގެ އާދޭހަކީ އެ ކުދިން ބާކީ ނުކޮށް، ބުލީ ނުކޮށް އެކުދިންނަށް އޯގާވެރިކަމާއެކު ދެކޭ މުޖުތަމައެއް މި ގައުމުގައިވެސް އޮތުމަށެވެ. އެ ކުދިން ދިރިއުޅުމުގައި އަޅާ ކޮންމެ ފިޔަވަޅަކާއި އެކު އިތުރު ހަރުފަތަށް މައްޗަށް ނަގާދިނުމުގެ ބަދަލުގައި ކޮށްޕާ ވައްޓާނުލުމަށެވެ. ވަހީދާގެ ދަރިފުޅު ފަދަ ލޭ އަޅާ ކުދިންގެ ބައިވެރިވުން ގައުމު ބިނާ ކުރުމުގައިވެސް މުހިންމެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
3

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. Raajjeyga varah kurissure thalassemia test kurevey. Kaiveni kuraa iru court in ves naseyhai dheyne . Ekam hama bas gaboolu nukoh kaiveni koggen dharin hoadhanee iraadha kureviyyaa ley alhaa kujjeh nulibeyne ey kiyaafa. Mee hama gasthuga mainbafain dharinnah dhey aniyaa eh

    5
    1

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް