November 24, 2024 07:19
Advertisement

-Advertisement-

ދުފުން ހުއްޓާލާ. ރާއްޖޭގައި އަނގައިގެ ކެންސަރު ގިނަވަނީ

ދުފުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން ގިނަބަޔަކު ޢާންމުކޮށް ކުރާކަމެކެވެ. ސުޕާރީ ނުވަތަ ފޯއް ނުދުފާ އެއްދުވަސް ވެސް ހޭދަނުކުރެވޭ ދިވެހިން ވަރަށް ގިނައިން އުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ޢާންމުކޮށް ކޮންމެ ދުވަހަކު ސުޕާރީކައި އުޅޭ މީހަކު ބުނިގޮތުގައި ފޫހިވިޔަސް ސުޕާރީ ކާލެވެއެވެ. ދުވާލަކު ކެވެނީ ކިތައްޕެކެޓު ސުޕާރީ ކަމެއް ގިނަ ޒުވާނުންނަކަށް ނުވެސް އެގެއެވެ.

އަނގައިގެ ކެންސަރު ރާއްޖޭގައި ގިނަ

ދުފުމަށް ބޭނުންކުރާ މިފަދަ އެއްޗެއްސަކީ ވަގުތީ ފައިދާއަށް ކާން ހެޔޮވާވަރު އެއްޗެއް ނޫނެވެ. ޒީޓައިމްސްއަށް މަޢުލޫމާތުދެއްވަމުން ދަތުގެ ޑޮކްޓަރު އަޙްމަދު ސަލީމް ވިދާޅުވީ މިސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު ރާއްޖޭގެ އަނގައިގެ ކެންސަރު ގިނަ ކަމަށެވެ. މިގޮތުން ޑޮކްޓަރު ސަލީމްގެ ކުލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުގެތެރެއިން އަހަރަކު 3 ކޭސް ފާހަގަކުރެވޭ ކަމަށާއި، މުޅި ރާއްޖެއަށް ބަލާއިރު އެއަދަދު ވަރަށްބޮޑަށް އިތުރުވާނެކަމަށް ބެލެވޭކަމަށް ޑރ.ސަލީމް ވިދާޅުވިއެވެ.  

Advertisement

ކެންސަރ ސޮސައިޓީއިން ގެންދަނީ ދިވެހިރާއްޖޭގައި ކެންސަރުހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވާ ޑޮކްޓަރެއްގެ ހައިސިއްޔަތުން ޑރ. ސަލީމް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާ ދުފާއެއްޗެހި ބޭނުންކުރާ މީހުން އެކަންކުރަނީ އޭގެ ސަބަބުން ލިބޭ ގެއްލުން އެނގިތިބެ ކަމަށެވެ.

" މީހުންނަށް އެނގިތިބެ އެކަންކަން ކުރަނީ. އެއީ ވަރަށް ދެރަކަމެއް. ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކިތައްމެވަރަކަށް ހިންގި ކަމުގައިވިއަސް ރާއްޖެއަށް މިތަކެތި އެތެރެކޮށް މީހުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް ހުންނަކަމުގައި ވަނީނަމަ ފައިދާއެއް ނުކުރާނެ. ސަރުކާރުން އެބަޖެހޭ ޑޮކްޓަރުންގެ އިރުޝާދާއެކީގައި ހަށިގަނޑަށް ގެއްލުންވާ ޒާތުގެ ޚާއްސަކޮށް ކެންސަރ ކަހަލަ ބަލިޖެހުމަށް މަގުފަހިވާ ކަހަލަ އެއްޗެހި ރާއްޖެއަށް އެތެރެކުރުން ހުއްޓުވަން ނުވަތަ މަދުކުރަން. އެކަން ކުރެވިއްޖެ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ފައިދާކުރާނެ"  

ޑރ.ސަލީމް

އަނގައިގެ ކެންސަރުގެ އަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟

ޑރ.ސަލީމް ވިދާޅުވީ އަނގައިގަ ހުދުކުލައިގެ ނުވަތަ ރަތްކުލައިގެ ތަންކޮޅެއް ހުރެއްޖެނަމަ އަދި ޢާންމުކޮށް ހަންގަނޑު ހުންނަގޮތާއި ތަފާތުގޮތަކަށް ހުރެއްޖެނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިއްމުކަމަށެވެ. ޢަލާމާތްތައް ކުރިން ދެނެގަނެވިއްޖެ ކަމުގައިވަނީނަމަ ވަރަށްގިނަ ފަހަރަށް ކެންސަރަށް ބަދަލުވުމުގެ ކުރިން ފަރުވާދެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އުމުރުދުވަހަށް ކޮންމެ 3 މަހަކުން 3 މަހަކުން ބަލިހުރި މިންވަރު ދެނެގަންނަން ޓެސްޓް ހަދަންޖެހޭ ފަހަރުވެސް އަންނަކަމަށް ވިދާޅުވިއެވެ.

އަވަހަށް ދުފުން ހުއްޓާލާ

ދުފުމަކީ އާދަކާދައިގެ ތެރެއިން ބައެއް ފަރާތްތަކުން ކުރަމުން އަންނަކަމެއް ކަމުގައިވިއަސް މިހާރުން މިހާރަށް ދުފުން ހުއްޓާލަންޖެހެއެވެ. އަދި ސަރުކާރުން އިސްނަގައިގެން ބާއްވާ ރަސްމިއްޔާތުތަކުގައި ދުފާއެއްޗެހި ނުބަހައްޓަންވީއެވެ. އަދި ސަރުކާރު އޮފީސްތަކުގެ ކެންޓީނުންވެސް ޢާންމުކޮށް ދުފާއެއްޗެހި ލިބޭނެގޮތް ހުއްޓުވަންވީއެވެ. ޖުމްލަކޮށް މުޅި ރާއްޖެއަށް މިފަދަ ގެއްލުންދެނިވި އެއްޗެހި އެތެރެނުކުރެވޭނެ ގޮތެއްހެދުން އެއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެކެވެ.

+1
0
+1
2
+1
1
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް