September 20, 2024 08:38
Advertisement

-Advertisement-

މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ހައްލު ލިބެން އޮތީ ޤައުމިއްޔަތު އިޢާދަކުރެވިގެން- މެޑަމް ސާޖިދާ

ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިންމު މަޤްޞަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާޢީ ބަލިމަޑުކަމެއްނެތް ފުދުންތެރި ފަޚުރުވެރި ދިވެހިރާއްޖެއެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވަނީ ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

Advertisement

" ސަގާފީ މީހެކޭ ބުނެވޭނީ ވަކި ޚާއްސަ ތަހުޒީބީ ސިފަތަކެއް ހުރީމަ. ދިވެހީން ދަނޑިފަނުން އެޅި ގެތަކުން، ހިރިގަލުން އަޅާފައިހުރި މިސްކިތްތަކުން ދިވެހީންގެ އޮޑިދޯނިފަހަރުން އެފެންނަނީ އެއީ ގޮތްހުރި ތަހުޒީބު. ހަރުދަނާ ތޫނުފިލިބަޔަކު އުފައްދާފައިވާ ތަކެތިކަން. އެތަކެތި ހެކިވަނީ އެމީހުންގެ ކުޅަދާނަކަން. އެތަކެތި ހެކިވަނީ އެމީހުންގެ އީޖާދީ އުފެއްދުންތެރިކަން. އެމީހުންގެ ފަރުވާތެރިކަން. މުރާލި ހީވާގިކަމަށް. އެމީހުންގެ އަޚްލާގުގެ މަތިވެރިކަމަށް". ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭގޮތަށް ހަދާފައިވާ ތަނެކެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައީދިން ރިހެބިލިޓޭޓްކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރެއިން ފެންނަންހުރި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެއެވެ.

ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ޖަލުގައި ކުރެވޭ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތަކަށް ވާނެ ކަމަށެވެ.

" ގައިދީންނަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސައްކަތަކަށް ވާނެ. އަދި އެމަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އަދި އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތްތަކެއް ހޯދުން. ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަންގެ މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު އެއީ އިލެކްޓްރިކަލް އިންޖިނިއަރިން ނުވަތަ ރޭނުން، ސަގާފީ މަސައްކަތުގެ ދާއިރާއިންވިއަސް މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތްކުރުމަށް ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކީ އޭނަގެ ޖަލުހުކުމުން އެއްދުވަސް އިތުރަށް ކެނޑިގެންދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން. މިކަން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުގެނެސް ވަރަށް އަވަހަށް ހަމަޖައްސާނަން". އިހުސާން ވިދާޅުވިއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް