މަރިޔަނބު މިހާރަކަށް އައިސް ހުންނަނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައެވެ. އެއީ އޭނާގެ ދަރިފުޅާމެދުގައެވެ. މަރިޔަނބުގެ ހުރި ހަމައެކަނި ދަރިފުޅު އަނަސްގެ އުމުރުން އެންމެ 5 އަހަރުގައި އެ ދަރިފުޅުގެ ބައްޕަ ހަސަނު ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް މަރިޔަނބު އޭނާގެ ދަރިފުޅު އަނަސް ބަލައި ބޮޑުކުރަމުން ދިޔައީ އެ ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ނެތްކަމުގެ އިޙުސާސް ވިޔަނުދީ ނުހަނު ލޯތްބާއި އަޅާލުމާއެކުގައެވެ.
މަރިޔަނބަކީ ވަރަށް ހީވާގި އަންހެނެކެވެ. އެކަނިވެރި މަޔެކެވެ. ދިރިއުޅުމަށްޓަކައި ތަފާތު މަސައްކަތް ކުރި ނަމަވެސް އޭނާގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. އޭނާގެ ދަނޑުގައި ވަރަށް ގިނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް އަބަދުވެސް ހުންނަނީ ދޮންވެފައްކާވެފައެވެ. އެހެންކަމުން މަރިޔަނބުގެ އެ ބުރަ މަސައްކަތުން އޭނާއަށް އެކަށޭނަ އާމްދަނީއެއް އަބަދު ވެސް ލިބިލިބި ހުރެއެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އަނަސް ވެސް ބޮޑުވަމުން އައިސް މިހާރު އޭނާގެ އުމުރުން 13 އަހަރު ފުރިއްޖެއެވެ. އަނަސް މިހާރު އުޅެނީ އެރަށު ސްކޫލްގެ ގްރޭޑް 7 ވަނަ ކުލާހުގައެވެ. ދަރިފުޅު ބޮޑުވަމުން ދިޔަ ވަރަކަށް ދަރިފުޅު ބެލެހެއްޓުމުގެ ޒިންމާތައް ވެސް އިތުރުވަމުން ބޮޑުވަމުން ދިޔައެވެ. އެއީ ރަށުތެރޭގައި އުޅޭ ޒުވާނުންގެ އަމަލުތައް ފަހަކަށް އައިސް ހުންނަ ގޮތުންނެވެ. ބޮޑެތިވަމުން އަންނަ ރަށުގެ ޒުވާނުންތައް ދިރިއުޅުމަށްޓަކައި މަސައްކަތެއް ނުކޮށް ރަށުތެރޭގައި ގޯޅިގޯޅި ކަންމަތީގައި ލޮނުމެދު ބޮނޑިބޮނޑިހެން ތިބުން އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާތީއެވެ. އެ މަންޒަރު މަރިޔަނބަށް ވެސް ފެންނަމުންދާތީއެވެ. އަދި ރަށުގެ އެތައްއެތައް މައިންނެއް އެ އެބައިމީހުންގެ ދަރިންގެ ވިޔާނުދާ އުޅުމާމެދު ކަންބޮޑުވެގެން ރޮއިރޮއިފައި އެ ވާހަކަތައް މަރިޔަނބު ގާތުގައި ވެސް ދައްކަމުންދާތީއެވެ. އެހެންކަމުން މަރިޔަނބު އަބަދު ހުންނަނީ އޭނާގެ ދަރިފުޅު އަނަސް ވެސް އެ ކުދިންނާއެކުވެގެން އެ މަގުން ހިނގައިދާނެތީ ފިކުރު ބޮޑުވެ އެކަމުގެ ހާސްކަންމަތީގައެވެ.
ރަށުގެ ހާލަތު އެގޮތަށް އޮތް ނަމަވެސް މަރިޔަނބު ދިރިއުޅުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާލާފައި ދަރިފުޅު ބަލަން ގޭގައި ހުރެވޭކަށް ވެސް ނެތެވެ. އެއީ އާމްދަނީ ހޯދާނެ ދެވަނަ މީހަކު އެ އާއިލާގައި ނެތުމުންނެވެ. މަރިޔަނބު ދެކެމުންއަންނަ ހުވަފެނަކީ ދަރިފުޅު ރަށު ސްކޫލު ނިންމާފައި އިތުރަށް ކިޔަވަން މާލެ ފޮނުވުމެވެ. އެހެންކަމުން މަރިޔަނބަށް މަޖުބޫރުވެފައިވަނީ ހިތާ ދެކޮޅަށް ނަމަވެސް، ބުރަކޮށް އުޅެގެން ލިބޭ އާމްދަނީ އިތުރުކުރުމަށެވެ.
އަނަސް ވެސް މިހާރަކަށް އައިސް އެ ގޭދަށުގައި އުޅޭ ވިޔާނުދާ ގޯސް ކުދިންނާ ގުޅުން ބަހައްޓަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އަދި އެ ޚަބަރުތައް އަވައްޓެރިންގެ ފަރާތުން މަރިޔަނބަށް ލިބެމުންދާން ފަށައިފިއެވެ. މަރިޔަނބަށް ވެސް އެ ވާހަކަތައް ގަބޫލުކުރެވެއެވެ. ސަބަބަކީ، މަރިޔަނބު މަސައްކަތް ނިންމާފައި ގެއަށް އަންނައިރު ގޭގައި ކިޔަވަން އިންނަ ދަރިފުޅު މިހާރަކަށް އައިސް ގޭގައި އިނުން މަދުވެއްޖެކަން ފާހަގަ ކުރެވުމެވެ. އަދި ފަތިހު ފަތިސް ނަމާދަށް ދާން ގޮވި ނަމަވެސް ހޭނުލެވިގެން ފަތިސް ނަމާދު އަޅަންފަށުމެވެ. ސްކޫލަށް ނުދާ ދުވަސްތައް ވެސް ގިނަވަމުންދިއުމެވެ. އެހެންކަމުން މަރިޔަނބުގެ ލޮލުގެ ނޫރު ފަދަ އެ ދަރިފުޅުގެ އުޅުމަށް އެ އަންނަމުންދާ ބަދަލުތައް ކިތަންމެ ރަނގަޅަކަށް ވެސް މަރިޔަނބަށް ވަނީ ފާހަގަކުރެވިފައެވެ. ވުމާއެކު އެ ދަރިފުޅު އަނަސް ރަނގަޅު މަގަށް އެޅުވޭތޯ މަރިޔަނބު ހުއްޓުމެއްނެތި ރޮއިރޮއިފައި ނަސޭހަތް ދޭންފަށައިފިއެވެ. ނަމަވެސް އަނަސް ހުރީ މަންމަގެ ނަސޭހަތް އަޑުއަހަން ތައްޔާރަކަށް ނޫނެވެ. ނަސޭހަތުގެ ގޮތުން އެއްޗެއް ބުނިނަމަވެސް އެ ދަރިފުޅު ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަޑުއަހާކަށް ވެސް ބޭނުމެއްނުވެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މަރިޔަނބަށް ލިބިފައިވާ މާޔޫސްކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިޔައެވެ. ދެން އެއް ދުވަހަކު މަރިޔަނބު އޭނާގެ ދަރިފުޅުގެ ގާތުގައި ބުންޏެވެ. ދަރިފުޅާ އަނަސްއެވެ. މަންމަ މިއަދު މިއުޅެނީ ކުޑަކޮށް ބަލިވެއެވެ. ދަނޑުގައި ހުރި އަނބުގަސްތަކުގައި ހުރި ދޮން އަނބުކޮޅު ބިނދެގެން ގެންނަން އެބަޖެހެއެވެ. ނޫނީ ވާތައް އަނބުތައް ކައި ހުސްކޮށްލަފާނެއެވެ. އަދި ދޮންވެފައި ހުރި އަނބުތައް ފީވެ ހަލާކުވެގެން ވެސް ހިނގައިދާނެއެވެ. މަރިޔަނބު އެހެން ބުނުމުން އަނަސް ވަރަށް ހިތްހަމަނުޖެހި ހުރެ ނަމަވެސް އެ ދުވަހު މަންމައާއެކު ދަނޑަށް ހިނގައްޖެއެވެ. އަދި އަނަސް އެ ގަސްތަކުގައި ހުރި ދޮން އަނބުތައް ބިންނަމުން ދިޔައެވެ. އެ ވަގުތު މަރިޔަނބު ދިޔައީ އެ އަނބުތައް ބޮޑު ވަށިގަނޑަކަށް އަޅަމުންނެވެ. އަދި މާ ބޮޑަށް ދޮންވެ ފީވާންފަށައިފައި ހުރި ގަސްދޮށުން ހޮވި އަނބުތައް ވެސް މަރިޔަނބު ދިޔައީ ވަށިގަނޑަށް އަޅައި އެހެން އަނބުތަކާ އެއްކުރަމުންނެވެ.
ދެން އަނބު ބިނުމުގެ މަސައްކަތް ނިމުމުން ދަރިފުޅު ގާތުގައި އެ އަނބު ވަށިގަނޑު ގެއަށް ގެންގޮސް ބަދިގެތެރޭގައި ބަހައްޓައި ދިނުމަށް މަރިޔަނބު ދަރިފުޅު ގާތުގައި އެދުނެވެ. އަނަސް މަންމަ ބުނި ގޮތަށް އެ ކަންތައް ކޮށްފިއެވެ.
އޭގެ ދެ ދުވަސް ފަހުން މަރިޔަނބު ދަރިފުޅަށް ގޮވާލާފައި ބުންޏެވެ.
މަރިޔަނބު: "ދަރިފުޅާ އަނަސް! ކުރީ ދުވަހު ދަރިފުޅު ގެނައި އަނބުވަށިގަނޑު މަންމަ ގާތަށް ގެނެސްދީބަލަ!"
އަނަސް ބަދިގެއަށް ގޮސް އެއްކަލަ އަނބު ވަށިގަނޑު އޭނާ ބެހެއްޓިތަނުން ނަގައިގެން ގެނެސް
މަންމަގެ ކުރިމަތީގައި ބަހައްޓައިފިއެވެ.
މަރިޔަނބު: "ދަރިފުޅާ! ތިޔަ ވަށިގަނޑުގައި ހުރި ހުރިހާ އަނބެއް ނަގައި މި ކުނާ މަތީގައި ރީތިކޮށް
އަތުރާލަދީބަލަ!"
އަނަސް މަންމަ ބުނިފަދައިން ވަށިގަނޑުން އަނބުތައް ނަގައި ކުނާމަތީގައި އަތުރަން ފަށައިފިއެވެ.
އަނަސް! "(ކުއްލިއަކަށް ދެތިން އަނބު އަތަށް ނަގަމުން) އައްޗީ! މި އަނބުތައް މި ހުރީ މުޅިން ކުނިވެފައި.
ހަލާކުވެފައި. މި ވަށިގަނޑުގައި ބޭނުމެއް ހިފޭނެ ހުރީ ވަރަށް މަދު އަނބުކޮޅެއް. މުޅިން ބޭކާރު
މަސައްކަތެއް މި ކުރެވުނީ މަންމާ!"
މަރިޔަނބު: ދަރިފުޅާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ތިޔަ ބުނީ ތެދެއް. ތިޔަ ވަށިގަނޑުގައި ހަލާކުނުވެ އޮތް އަނބެއް ނެތޭ ވެސް ބުނެވިދާނެ. އެ ދުވަހު ދަރިފުޅު އެ ވަށިގަނޑު ގެނައިއިރު އޭގެ ތެރޭގައި ހަލާކުވާންފަށައިފައި ހުރި އަނބުތަކެއް ހުއްޓައި ނުދެކެންތަ؟ އެތަކެތީގެ ސަބަބުން އެ ވަށިގަނޑުގައި ދެން ރަނގަޅަށް ހުރި އަނބުތައް ވެސް މިހާރު އެ ހުރީ ފީވެ ހަލާކުވެފައި. މިހާރު މި ވަށިގަނޑުގައި ބޭނުން ހިފޭނެ އަނބެއް ވަރަށް މަދު. އެ ދުވަހު ފީވެފައި ހުރި އަނބުތައް ދަރިފުޅު ވަށިގަނޑުން ނަގައި އެހެން އަނބުތަކާ ވަކިކުރިނަމަ، މި ވަށިގަނޑުގައި އެ ހުރި ގިނަ އަނބުތައް އަދި ހަލާކެއް ނުވީސް. ދަރިފުޅަށް އަދިވެސް ވިސްނޭކަށް ނުވޭތަ؟ ބަލަ ދަރިފުޅާ! އަހިވަކާޖެހި އަހިވައް ފާވާނޭ، މުސްކުޅިން ބުނާ އަޑެއް ނާހަންތަ؟ މަންމަ މި ބުނި އެއްޗެއް ދަރިފުޅަށް ވިސްނިއްޖެތަ؟"
އަނަސް: "އާނ! މަންމަ ތިޔަ ބުނި އެއްޗެއްގެ މާނަ އަނަސްއަށް ވިސްނިއްޖެއެވެ. މަންމަ ތިޔަ ބުނި އެއްޗެއްގެ މާނައަކީ، ގޯސް ކުދިންނާ އެކުގައި އުޅުމުން ތިމާ ވެސް ގޯސް ކުއްޖަކަށް ވުމަށް ފުރުޞަތު ބޮޑުވާނެ ވާހަކަ. (ދެން އަނަސް ދެރަވެލާފައި ބުންޏެވެ.) މާފުކުރޭ މަންމާ! މިއަދުންފެށިގެން އަހަރެން މިހާރު އެކުގައި އުޅެމުންމިދާ ގޯސް ކުދިންނާއެކު އުޅުން ހުއްޓައިލާނަން. އަދި މަންމަގެ މި އަނަސް ދެން ފެންނާނީ މަންމަ އެދޭ ފަދަ ކުރީގެ އަނަސްގެ ގޮތުގައި.
އަނަސްއަށް ވިސްނުނީތީ އަނަސްގެ މަންމަ ވަރަށް ބޮޑަށް އުފާކޮށް، އަނަސް ދެކެ މަންމަ އަބަދު ވެސް ވަރަށް ބޮޑަށް ލޯބިވާ ވާހަކަ ބުންޏެވެ. އަދި އޭގެ ފަހުން އަނަސް ކުރިން ވެސް އުޅެމުން އައި ގޮތަށް މަންމަގެ ބަސްއަހައި ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައި އުޅެމުން ދިޔައެވެ.
ޢިބްރަތް: ގޯސް ކުދިންނާ އެކުގައި އުޅޭނަމަ ގޯސް މަގުން ދިއުން ގާތެވެ.
- ވިސްނައިގެން ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!
1- މަރިޔަނބު އޭނާގެ ދަރިފުޅު ބަލާ ބޮޑުކުރަމުން ދިޔައީ ކިހިނަކުން ހެއްޔެވެ؟
2- މަރިޔަނބު ދިރިއުޅުމަށްޓަކައި ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟
3- އަނަސްގެ އުޅުމަށް ބަދަލު އަންނަންފެށީ ކޮން އުމުރަކުން ފެށިގެން ހެއްޔެވެ؟
4- މަރިޔަނބު ފިކުރުބޮޑުވެ ހާސްވެފައި ހުރީ ކޮންކަމަކާ ހެއްޔެވެ؟
5- ދަރިފުޅާމެދު މަރިޔަނބު ދެކެމުން އަންނަ ހުވަފެނަކީ ކޮބައިހެއްޔެވެ؟
6- އަނަސް އަނބު ބިންނަމުން ދިޔައިރު އޭނާގެ މަންމަ ކުރަމުން ދިޔައީ ކީއްހެއްޔެވެ؟
7- ދެ ދުވަސް ފަހުން ބެލިއިރު ވަށިގަނޑުގައި ހުރި އަނބުތަކަށް ވެފައި ހުރީ ކީއްހެއްޔެވެ؟
8- އަނބުތަކަށް ވެފައިހުރި ގޮތުން އެއާ ގުޅުވައިގެން މަރިޔަނބު ބުނި މިސާލުބަހަކީ ކޮބައިހެއްޔެވެ؟
ނޯޓް ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.