October 2, 2024 07:32
Advertisement

-Advertisement-

އުރަމަތީގެ ކެންސަރު ޖެހިފައިވާނަމަ ކުރުން ރަނގަޅު ކަސްރަތުތައް

އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ބާވަތުގެ ކެންސަރެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނަ ކެންސަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ ގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރަކު 2.3 މިލިއަން މީހުން އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ކުރެވެއެވެ. އަދި މި ބަލީގައި ގާތްގަނޑަކަށް 685،000 މީހުން ކޮންމެ އަހަރަކު މަރުވެއެވެ.

މި ލިއުމުގައި މި ހިމަނާލަނީ އުރަމަތީގެ ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހިތްވަރުގަދަ އަންހެނުންނަށް ކުރެވިދާނެ ބައެއް ކަސްރަތުތަކެވެ.
ހިނގުމާއި، ޔޯގާ، ޕިލޭޓް، ޓައި ޗީ، ނެށުން، އެނދާއި ސޯފާގައި ކުރެވޭ ކަސްރަތުތަކަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ކުރާ މީހުންނަށް ފަސޭހަކަމާއެކު ކުރެވިދާނެ ކަސްރަތުތަކެވެ.

Advertisement

މިފަދަ ކަސްރަތުތައް ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައްް

1. އަމިއްލައަށް ހިތްހަމަ ޖެހޭ ސްޕީޑެއްގައި ކަސްރަތު ކުރުން

ކަސްރަތަކީ ވާދަވެރި މުބާރާތެއް ނޫނެވެ. އެކަކު ކުރާތީ އޭނާ ކުރާ ގޮތަށް ތިމާ ކުރުން ލާޒިމެއްވެސް ނޫނެވެ. އެމީހެއްގެ ހައްޓަށް ކެތްވާ މިންވަރަކަށް ކަސްރަތު ކުރަން އާދަކުރާށެވެ. މަޑުމަޑުން ކުރަމުން ދިއުމުން މީހާގެ ހަށިގަނޑު އެ ކަސްރަތުތަކަށް ހޭނި މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ފައިދާ އާއި ހިތްހަމަޖެހުން ގެނެސްދެއެވެ.

2. ކިތަންމެ ކުޑަ މޫވްމެންޓެއް ނަމަވެސް އެ ކައުންޓް ކުރެވޭނެ

ކެންސަރު ބަލީގައި އުޅޭއިރު އެންމެ އުނދަގޫ ދުވަސްތަކުުގައިވެސް ކަސްރަތު ކުރެވޭނެއެވެ. ސޯފާގައި ނޫނީ އެނދުގައި އޮވެގެންވެސް ހިތްވަރު ކޮށްގެން ހަރަކާތް ކުރެވޭނެއެވެ. މިސާލަކަށް މަޑުމަޑުން ފައި ހިއްލާލުން، ވައިގެ ތެރޭގައި އަތުން 'ޕަންޗު' ކުރުން ކަހަލަ ކުދި ކުދި ކަސްރަތުތަކުންވެސް ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް ގެނެސްދީ މީހާގެ މޫޑު ރަނގަޅު ކޮށްދިނުމަށް އެހީވެދެއެވެ.

3.މަޑުމައިތިރި ކަމާއެކު ކުރެވޭ ކަހަލަ ކަސްރަތުތައް އިހްތިޔާރު ކުރުން

ކެންސަރަށް ފަރުވާ ހޯދުމުގެ ކުރިން ނުވަތަ ކެންސަރު ޖެހުމުގެ ކުރިން ތިމާގެ ހަށިގަނޑުގައި ހުންނަ ބުންވަރު މިހާރު ނުހުރެދާނެ ކަން ގަބޫލުކުރަންވާނެއެވެ. ފަރުވާ ނުހޯދާ ދުވަހެއްގައި ހަށިގަނޑުގައި ވަރު ހުރިނަމަވެސް ތިމާއަކީ ފަރުވާ ހޯދަމުން އަންނަ މީހެއްކަން ހަނދާން ނައްތާ ނުލާށެވެ. ކެންސަރުގެ ކުރިން ވަރަށް އާދައިގެ ކަސްރަތުތައް ކަމަށް ހީވި ކަސްރަތުތައް މިހާރު އުނދަގޫވެސް ވެދާނެއެވެ. ބޯ އެނބުރުމާއި، ވަރުބަލިވުމާއި، އުނނަގަނޑަށްވުރެ ތިރިއަށް ބޯ ގުދުކޮށްގެން ކުރާ ކަސްރަތުތައް ކުރުން ރައްކާތެރިއެއް ނޫނެވެ.

4. އެހެންމީހުން ހީކޮށްފާނެ އެއްޗަކާއި މެދު ކަންބޮޑުނުވުން

ޖިމް އަށް ގޮސް އެހެންމީހުންގެ ތެރޭގައި ކަސްރަތު ކުރާއިރު، ތިމާ އަކީ ކެންސަރަށް ފަރުވާ ކުރަމުންދާތީ، ކީމޯގެ ސަބަބުން ބޮލުގައި އިސްތަށިނެތް މީހެއް ކަމުން ބޮލުގައި ވިގެއް ނުވަތަ ސްކާފެއް އަޅައިގެން ކަސްރަތު ކުރަން ޖެހުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ބޮލުގައި ސްކާފު އަޅާތީ އެހެން މީހުން ކުރާ ސުވާލުތަކަށް އެމީހުން ހީކޮށްފާނެ އެއްޗަކާއި މެދު އެއްގޮތަކަށްވެސް ނުވިސްނާށެވެ. ތިބާ ތަހަންމަލު ކުރަމުންދަނީ ކިހާ ވޭނެއް ކަމެއް އަނެކާއަކަށް ނުވެސް އެނގޭނެއެވެ. އެހެންކަމުން މީހަކު ކިޔާހާ އެއްޗަކަށް ޖެހިލުންވެ، ހިތްދަތިވާ ބަސްތަކުގެ ސަބަބުން ފަހަތަށް ޖެހިގެން ނުވާނެއެވެ. އެހެންމީހުންގެ ތެރޭގައިވެސް ކަސްރަތު ކުރެވޭނެއެވެ. ތިމާ ހުންނަގޮތަކާއި މެދު މީހުން ހީކޮށްފާނެ އެއްޗެއް އަމިއްލަ ހިތަށް ގެނައުމުން ތިމާއަށް ލިބޭނީ އިތުރު ތުރާލެކެވެ. ތިމާގެ ހިތްވަރުގެ ސަބަބުން އެހެންމީހުން 'އިންސްޕަޔާ' ވާނެ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

5. އެކްސަސައިޒުތަކުން ފައިދާ ކުރާކަން ހަނދާނުގައި ބަހައްޓަންވާނެ

ދިރާސާވެރިން ބުނާގޮތުގައި ކަސްރަތު ކުރުމުން އެޕޮޕްޓޮސިސްއަށް ޓްރިގާވެ، ކެންސަރު ސެލްތައް މަރުވެއެވެ. އަދި ޕްރޮގްނޯސިސް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. ކަސްރަތު ކުރުމުން، ހަކަތަ އިތުރުކޮށްދީ، ވަރުބަލިކަން ކުޑަކޮށްދެއެވެ. ބަރުދަން އިތުރުވުން ހުއްޓުވައިދީ، ކަންބޮޑުވުމާއި ހާސްކަން މެނޭޖް ކުރުމާއި، ކަށީގެ ސިއްހަތު ރަނގަޅުކޮށްދެއެވެ. ހިތުގެ ސިއްހަތާއި، ނިދި ރަނގަޅުކޮށްދެއެވެ. ބަނޑުހަރުވުން ދުރުކޮށްދެއެވެ.
އަދި އުފާވެރި ހޯމޯނެއް ކަމުގައިވާ އެންޑޯފިންސް ހަށިގަނޑުގައި އުފައްދާދެއެވެ. އެންޑޯފިންސް އަކީ އުފާވެރިކަން އިހުސާސްކޮށްދޭ އެއްޗެކެވެ. ކެންސަރަށް ފަރުވާ ކުރަމުންދާއިރު އުފާވެރިކަމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

ކެންސަރަށް ފަރުވާ ކުރަމުންދާއިރު ކަސްރަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭ ގޮތުން ޑޮކްޓަރުންނާއި މަޝްވަރާކޮށް ހިތްވަރު ހޯދާށެވެ. ތިމާއަކީ ބަލި މީހެއް ކަމުގައިވިޔަސް ހިތްވަރު އެލުވާނުލާ، އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރާށެވެ. އަދި އަމިއްލަ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އިސްކަންދޭށެވެ. ތިޔައީ އެހެންމީހުންނަށް ނަމޫނާއެކެވެ. އުރަމަތީގެ ކެންސަރާއި ތިޔަ ހަނގުރާމަ ކުރަނީ ވަރަށް ހިތްވަރުގަދަވީމައެވެ. އިންޝާﷲ ތިޔަ ބަލިން އަރައިގަނެވޭނެ ކަމުގެ އުންމީދު ނަގާނުލާށެވެ. އަބަދުވެސް ފަރުވާއަށް ވިސްނާ ކަސްރަތާއި ހެލިފެލިވެ އުޅުމަށް އިސްކަން ދޭށެވެ.


ނޯޓް: މައުލޫމާތު ނަގާފައިވަނީ ހެލްތްލައިން ޑޮޓް ކޮމް އިން

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް