September 29, 2024 08:29
Advertisement

-Advertisement-

ވާހަކަ: މެންދަން (ބާވީސްވަނަބައި)

"ފާއިޒް، އަހަރެން މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ. އަހަރެންގެ ހިތުގައި ކުރިން ނެތް އިހުސާސްތަކެއް މިހާރު އުފެދިއްޖެ" ޝަރީފާ ފާއިޒް އަށް ބަލަހައްޓައިގެން ހުރެ، ހިނިތުންވެލަމުން ބުންޏެވެ.
"އަހަރެންނަށް މިހާރު އެނގިއްޖެ ލޯތްބަކީ ކޮބައިކަން. އެއީ ދެ ހިތެއް ގުޅިގެން އެއް ހިތަކަށްވުން ކަހަލަ އިހުސާސެއް. އަހަރެންގެ ހިތުގައި އުފެދިފައި މިވަނީ ހަމަ އެފަދަ އިހުސާސެއް" ޝަރީފާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ޝަރީފާ، އަހަރެންވެސް ހަމަ ތިހެން އިހުސާސް ކުރަން. އަހަރެމެންގެ ލޯބި ވަރުގަދަވެ، ދެމިގެންދާނެ ކަމަށް އަހަރެން ޔަގީން ކުރަން" ފާއިޒް އެހެން ބުނިއިރު މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
"ފާއިޒް، އަހަރެމެންގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށް އަހަރެން އުއްމީދު ކުރަން. އަހަރެމެން ދެމީހުން އެކުގައި ދިރިއުޅެމުން، އަޅުކަން ކުރަމުން، އެކަކު އަނެކަކަށް އެހީތެރިވަމުން ދިއުމަކީ އަހަރެންގެ އެންމެ ބޮޑު އެދުން" ޝަރީފާގެ ލޮލުގައި އުފާވެރިކަމުގެ ކަރުނަ ފެންނަންންނަން ފެށިއެވެ.
"އިން ޝާ ﷲ، އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމަކަށް ނާންނާނެ" ފާއިޒް ޝަރީފާގެ އަތުގައި ހިފަމުން ބުންޏެވެ.

ޝަރީފާ އާއި ފާއިޒް އެކަކު އަނެކަކަށް ލޯބީގެ ޔަގީންކަން ދެމުން މުސްތަޤުބަލް ރާވަމުން ދިޔައެވެ. އަދި އެ ދެމީހުންގެ ލޯބީގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ.
"ޝަރީފާ، އަހަރެންގެ ހިތުގައި ތިޔަ އޮތް މަޤާމު ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ. އަހަރެންގެ ލޯބި ހަމައެކަނި ތިޔަ އޮތީ ޝަރީފާއަށް،" ފާއިޒް ބުންޏެވެ.

ޝަރީފާ އާއި ފާއިޒްގެ މުސްތަޤުބަލުގެ ޕްލޭންތައް ރާވަން ފެށިއެވެ. ޝަރީފާގެ މޫނުމަތިން ފެންނަމުން ދިޔައީ އުއްމީދުގެ އަލިކަމެވެ. ޝަރީފާ ދެން ފެށީ އޭނާގެ ޚިޔާލުތަކާއި ވިސްނުންތައް ފާއިޒަށް ކިޔައިދޭށެވެ.
"ފާއިޒް، އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ އަހަރެމެންގެ ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ހަމަޖައްސަން. އަހަރެމެންގެ ލޯބި ހަލާލު ގޮތުގައި ފުރިހަމަވުމަކީ އަހަރެންގެ އެންމެ ބޮޑު އެދުމެއް" ޝަރީފާ ބުންޏެވެ.
"ޝަރީފާ، އަހަރެންވެސް ބޭނުން އަހަރެމެން ކައިވެނިކުރަން. އެކަމަކު އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެމެން ހަމަޖެހިލާފައި، ރަނގަޅަށް ޕްލޭން ކޮށްގެން މިކަން ކުރިއަށް ގެންދިއުން މުހިންމު" ފާއިޒް ވިސްނުންތެރިކަމާއެކު ޖަވާބު ދިނެވެ.
"އެކަމަކު ފާއިޒް، އަހަރެމެން މާ ގިނަ ދުވަސް ވަންދެން މަޑުކޮށްގެން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަންނޭނގެ" ޝަރީފާގެ މޫނުމަތިން ކުޑަ ކަންބޮޑުވުމެއް ފެނުނެނެވެ.
"އަހަރެންނަށް ތިކަން އެނގޭ. އެކަމަކު އަހަރެން ބޭނުންވަނީ އަހަރެމެންގެ ދިރިއުޅުން ފެށުމަށް ހުރިހާ ކަމެއް ރަނގަޅަށް ތައްޔާރުވެފައި އޮތުން. އަދި އަހަރެން ބޭނުން ޝަރީފާ އާއި ޝީމާ އަހަރެންގެ ގޭގައި އެކުގައި ދިރިއުޅެން" ފާއިޒް ޝަރީފާގެ އަތުގައި ހިފަމުން ބުންޏެވެ.
"އޯ ފާއިޒް، ހާދަހާ ރަނގަޅޭ. ޝީމާއަށްވެސް ބައްޕައެއްގެ ލޯބި ލިބުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް" ޝަރީފާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.

Advertisement

"އާނ، އެކަމަކު އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ. ގޭގެ އެކި ދިމާ މަރާމާތު ކުރަން ޖެހޭ. އަދި ޝީމާއަށް ވަކި ކޮޓަރިއެއް ހަދަން ޖެހޭ" ފާއިޒް ހިނިތުންވެލަމުން ބުންޏެވެ.
"އަހަރެމެން އެކުގައި މަސައްކަތް ކޮށްގެން އެކަން ކުރާނަން. އަހަރެންނަށްވެސް އެހީތެރިވެވޭނެ ކަންތައްތައް ހުންނާނެ" ޝަރީފާ އުފަލުން ފުރިގެންވާ އަޑަކުން ބުންޏެވެ.

ޝަރީފާ އެނބުރި ގެއަށް އައީ ވަރަށް އުފަލުންނެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް އެޅިފައިވާއިރު، ހިތުގައި ފޮރުވިފައިވާ ސިއްރެއް ހާމަކުރުމަށް ކެތްމަދުވެފައިވާކަން އެނގެއެވެ. ޝަރީފާ ބޭނުންވީ އަވަހަށް އެވާހަކަ އޭނަގެ ދަރިފުޅު ޝީމާއަށް އެންގުމަށެވެ. އަދި އެމީހުން މިހާރު ދިރިއުޅޭ ގެއިން ބަދަލުވެ ފާއިޒުގެ ގެއަށް ބަދަލުވާން ތައްޔާރުވާންވީ ކަމެވެ.
ޝަރީފާ ގޭގެ ދޮރާށިން ވަދެ "ޝީމާ، ޝީމާ!" އޭ ގޮވާލިއެވެ. ޝީމާ އޭނާގެ ކޮޓަރިން ނުކުމެ މަންމަގެ އަޑަށް އައެވެ.
"އަހަރެން މިހިރީ މަންމާ، ކީއްވެ ތިހާ އަވަސްވެގެން ތިއުޅެނީ" ޝީމާ އަހާލިއެވެ.
ޝަރީފާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައި، ސޯފާގައި އިށީނދެލިއެވެ. އަދި އެވާހަތައް ޝީމާއަށް ކިޔައިދިނުމުން ޝީމާވެސް ހުރީ ވަރަށް އުފަލުންނެވެ. ޝަރީފާ ފާއިޒް އާއި ދެކެވުނު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ފާއިޒަކީ ވަރަށް ހެޔޮލަފާ އޯގާތެރި މީހެއްކަމަށްވެސް ޝަރީފާ ބުންޏެވެ.
"އަހަރެން އުފާވޭ މަންމާ. ފާއިޒު ބޭބެއަކީ ރަނގަޅު މީހެއްކަން އަހަރެންނަށްވެސް އެނގޭ. އެކަމަކު އަހަރެމެން މިހާރު މިދިރިއުޅޭ ގެ ދޫކޮށްލަން ޖެހޭނެތަ؟" ޝީމާ މަޑުމަޑުން ބުނެލިއެވެ.
"އާނ، އަހަރެމެން ފާއިޒުގެ ގެއަށް ބަދަލުވާން ޖެހޭނެ. އެއީ މާ ތަނަވަސް ގެއެއް. އަދި އަހަރެމެންނަށް އެތަން މާ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ" ޝަރީފާ ބޯޖަހާލިއެވެ.
"މަންމާ، އަހަރެން ދެރަވޭ މިގެ ދޫކޮށްލަން ޖެހޭތީ. އެކަމަކު މަންމަ އުފާވެފައި ހުރިތަން ފެންނާތީ އަހަރެންވެސް އުފާވޭ. އަހަރެން ތައްޔާރު މިކަމަށް" ޝީމާ ހިނދުކޮޅަކަށް ހަނުހުރެފައި ބުންޏެވެ.
"ޝުކުރިއްޔާ ޝީމާ. އަހަރެމެންގެ ދިރިއުޅުން މިއަށްވުރެ ރަނގަޅުވާނެ. އަހަރެމެން ތިންމީހުން އެކުގައި އުފާވެރި ޢާއިލާއަކަށް ވާނެ" ޝަރީފާ އޭނާގެ ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލަމުން ބުންޏެވެ.
އެރޭ ޝަރީފާއާއި ޝީމާ އެކުގައި ތަކެތި ރޭވުމުގައި ބިޒީވިއެވެ. އައު ދިރިއުޅުމަކަށް ތައްޔާރުވަމުން ދިޔައިރު، ޝަރީފާގެ ހިތުގައި ލޯތްބާއި އުއްމީދު ފުރިފައިވާކަން އެނގެއެވެ.

ޝަރީފާ އާއި ޝީމާ ރާވަމުން ދިޔައީ ފާއިޒުގެ ގެއަށް ބަދަލުވުމުން ކަންތައް ކުރަންވީ ގޮތެވެ. އެ ދެމީހުން ކުރެހުމެއް ކުރަހަމުން ދިޔައެވެ. އެކުރެހުމުގައި ފާއިޒުގެ ގޭގެ ކޮޓަރިތަކާއި އެހެނިހެން ތަންތަން ފާހަގަކޮށްފައިވެއެވެ.
"ޝީމާ، މިބައި މިއޮތީ ދަރިފުޅުގެ ކޮޓަރިއަށް. މިއީ ވަރަށް ތަނަވަސް ކޮޓަރިއެއް. ދަރިފުޅަށް މިތާގައި ވަރަށް ރީތިކޮށް ތަކެތި ބެހެއްޓިދާނެ" ޝަރީފާ ބުންޏެވެ.
"އާނ މަންމާ، އަހަރެން ހިތަށްއަރަނީ އަހަރެންގެ ފޮތްތަކާއި ފައިލްތައް ކިހިނެއްބާއޭ ބަހައްޓާނީ" ޝީމާ އުފަލުން ހިނިތުންވެލިއެވެ.
"އަހަރެން ވަރަށް އުފާވޭ މަންމާ. އަހަރެމެންނަށް ވަރަށް ރީތި ދިރިއުޅުމެއް އުޅެވޭނެހެން ހީވަނީ" ޝީމާ ބުންޏެވެ.
"އާނ އަހަރެންގެ ލޯބިވާ ދަރިފުޅާ. އަހަރެމެން ތިންމީހުން އެކުގައި ވަރަށް އުފާވެރި ޢާއިލާއަކަށް ވާނެ. ފާއިޒު ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. އޭނާ ދަރިފުޅަށް ބައްޕައެއްގެ ގޮތުގައި ހުންނާނެ" ޝަރީފާ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

"އަހަރެން ވަރަށް އުފާވޭ މަންމާ. ފާއިޒުބޭބެއަކީ ވަރަށް ރަނގަޅު މީހެއް" ޝީމާ ބުންޏެވެ.

ޝަރީފާގެ ހިތުގައި އުފަލާއި އުއްމީދު ފުރިފައިވާއިރު، ޝީމާގެ ހިތުގައިވެސް އައު ދިރިއުޅުމަކަށް ދާން ޖޯޝް އުފެދިފައިވެއެވެ. މާދަމާ އަންނާނީ އެމީހުންގެ ދިރިއުޅުމުގެ އައު ބާބެއްގެ ފެށުމެވެ.

ޝަރީފާ ބޭނުންވީ އަބަދުވެސް ފާއިޒަށް އެހީތެރިވުމުގައި ހުންނާށެވެ. އޭނާ ޝީމާއާ ދިމާލަށް ބަލާ ހިނިތުންވެލިއެވެ. އަދި ޝަރީފާ ބޭނުންވަނީ އަބަދު ފާއިޒާއެކު ރާއްޖެއިން ބޭރަށް ދާންކަމަށްވެސް ބުންޏެވެ. އަދި ވިޔަފާރީގައި ދެން އިސްކޮށް އުޅެންވާނީ ޝީމާ ކަމަށާއި ރަނގަޅު މުސާރައެއްވެސް ހަމަޖައްސައިދޭނެކަމަށްވެސް ޝަރީފާ ބުނެލިއެވެ. އެއިރުން ގިނަ ގައުމުތަކަށް ދެވޭނެ ކަމަށާއި ރީތި ތަންތަން ބަލާލެވި ރީތި ހެދުންތައް ލިބޭނެ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިއެއްވެސް ފަށަން ޚިޔާލު ކުރާކަމަށް ޝަރީފާ ބުންޏެވެ.
"މަންމާ، ތި ރޭވުން ތިރާވަނީ ހާދަހާ އަވަހަކަށް" ޝީމާ ހައިރާންވެފައި ބުންޏެވެ.
"ލަސްކުރަންވީ ކީއްކުރަން. ފާއިޒު އަހަރެން ނުބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ. އަހަރެމެންނަށް އެއޮތީ ނަސީބު އަތުގައި ހިފައިފައި. ފައިސާ އާއި މުދާ އަހަރެމެންނަށް ލިބެނީ" ޝަރީފާ ހިނިތުންވެލަމުން ޖަވާބުދިނެވެ.
"އެކަމަކު މަންމާ، މިހާ އަވަހަށް މިހުރިހާ ކަމެއް ބަދަލުކުރަން ރަނގަޅުބާ؟ އަދި ފާއިޒުބޭބެގެ ވިޔަފާރި އަހަރެން ބަލަހައްޓަން ޖެހުމަކީ ވަރަށް ބޮޑު ޒިންމާއެއް ނޫންތަ؟" ޝީމާ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ބުންޏެވެ.
"ޝީމާ، ދަރިފުޅަކީ ވަރަށް ވިސްނުންތެރި އަދި ޤާބިލު ކުއްޖެއް. އަހަރެންނަށް ޔަޤީން ދަރިފުޅަށް މިކަން ކުރެވޭނެކަން. އަދި ފާއިޒު އަހަރެމެންނަށް އިތުބާރުކުރޭ" ޝަރީފާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފަމުން ބުންޏެވެ.
"މަންމާ، އަހަރެން ކަންބޮޑުވޭ މިހުރިހާ ކަމެއް އަވަސްވެގެން ދާތީ. އަދި ފާއިޒު ބޭބެގެ މުދަލާއި ފައިސާއަށް މަންމަ އެހާ ބޮޑަށް ސަމާލުކަން ދޭތީ" ޝީމާ ހިނދުކޮޅަކަށް ހަނުހުރެފައި ބުންޏެވެ.
ޝީމާ ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ކަންބޮޑުވުން ފިލާފައެއް ނުވެއެވެ. ޝަރީފާ އޭނާގެ ދަރިފުޅުގެ ކަންބޮޑުވުމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ހިތުގައި މިހާރު އޮތީ އައު ދިރިއުޅުމަކާއި، މުއްސަނދިކަމާއި، ފާއިޒާއެކު ދަތުރުފަތުރު ކުރުމުގެ ހުވަފެންތަކެވެ.

= ނުނިމޭ =

+1
2
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް