October 5, 2024 15:34
Advertisement

-Advertisement-

އަންހެނުންނަށް އަނިޔާ ކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު ޢަމަލެއް- ހުކުރު ޚުޠުބާ

އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ހަރާމްކުރައްވައިފައެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މިކަމަކީ މުޖުތަމައުގައި ގަދަ އަޑުން ވާހަކަދެކެވޭ އެކަމާމެދު ކަންބޮޑުވެ އެކަން ހުއްޓުވުމަށްޓަކައި އަޑު އުފުލަމުންދާ މައްސަލައެކެވެ. ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ ފިރީން އަނބީންނަށް، އަނބީން ފިރިންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ.

މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެކެވެ. އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެކެވެ. މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއްބައި ކަމުގައިވާއިރު އަދި އެކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް ނުވަތަ މައިންނަށް ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާއިރު އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން އެކަމާ މެދު ކޮންމެ މުސްލިމަކު ވިސްނަން ޖެހޭނެއެވެ. އެ ކަނބަލުންގެ އަގުވައްޓައިލުމަށްޓަކައި އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ކީރިތި ރަސޫލާ ﷺ ދުވަހަކުވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތްޕުޅުތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތް ކުރައްވައިފައިވެއެވެ.

ގެވެށި އަނިޔާގެ ރޯގާ އަހަރެމެންގެ ތެރޭގައި ވަކި ހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުންނެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތު ކުރަނީ އަޚްލާޤު ރިވެތި ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށްޓަކައެވެ. ދަރީން ރަނގަޅަށް ބަލަހައްޓައި ކިޔަމަންތެރި އަންބަކު ގޭގައި ބޭންދުމަށްޓަކައެވެ. އެހެނަސް ފިރިހެނާ މިގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުމެވެ. އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވުމެވެ. ހިތްހަމަޖެހުން އޮންނާންޖެހޭ ގޭތެރޭގައި ހިތްދަތިވުމެވެ.

Advertisement

އަނބިދަރީންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރީންހެއްޔެވެ؟ އަނބިމީހާ ވަރިކޮށްފައި ދަރިންނަށް ޚަރަދު ނުދީ ފިލައިގެން އުޅެނީ ކިތައް ބަފައިންހެއްޔެވެ؟ މިއީ މުޅިންވެސް އަނިޔާއެވެ. މިފަދަ އަނިޔާތަކަކީ މާތް ﷲ ޙަރާމް ކުރައްވައިފައިވާ ކަންކަމެވެ. ތިމާގެ އަހުލުވެރީންނާއިމެދު ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލު ކުރައްވާނެއެވެ.

މިފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވޭ އެންމެ ބޮޑު ސަބަބަކީ އީމާންކަމުގެ ބަލިކަށިކަމެވެ. އީމާންކަން ނެތިއްޖެނަމަ ލަދުވެތިކަމެއް ނުއޮންނާނެތެވެ. ލަދުވެތިކަން ނެތިއްޖެނަމަ އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެތެވެ.

ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ހިމެނެއެވެ. މަސްތުވާތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސެވެ. ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާޢީ ފޭރާން ހަލާކުވެ މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލަން ތިބެގެން ނުވާނެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބާރުލުން ނެތިގެންދިޔުމާމެދު ވިސްނައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި ހަރުކަށި އަމަލުތައް އިތުރުވެގެންދެއެވެ.

އަންހެނުންނަށް އަނިޔާ ކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު ޢަމަލެކެވެ. އޭނާގެ ހަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.

ގެވެށި އަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅާވެގެން ގޮސް މިއަދު އެކަންތައް ވަނީ އަތްނުފޯރާފަށަށް އުފުލިފައެވެ. ގެވެށި އަނިޔާގެ ހުރިހާ ބާވަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް