October 5, 2024 15:29
Advertisement

-Advertisement-

މަސްޖިދުލްއިނާރާގެ ފޮޓޯ: މިކަލްނިވްސް

ތާރީޚް: ފުވައްމުލައް ސިޓީގެ މަސްޖިދުލްއިނާރާ

މަސްޖިދުލްއިނާރާއަކީ ފުރަތަމަ ބޯޅަ މިސްކިތުގެ ނަމުގައި ބިންގާ އެޅިގެން އިމާރާތް ކުރެވުނު މިސްކިތެކެވެ. މިމިސްކިތުގެ ބިންގާ އެޅުނީ 1371 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 13 ވަނަ ދުވަހުގައެވެ. ބިންގާ އަޅުއްވައިދެއްވީ އެދުވަސްވަރުގެ ކަތީބު ބޭކަލަކު ކަމުގައިވާ ފުވައްމުލަކު އިހަލަގެދަރި ޢަބްދުﷲ ދީދީ (ޢަބްދުﷲ ހުސައިންދީދީ) އެވެ.

ބިންގާ އެޅުނު މިސްކިތް ގަލާއި ވެލި އަދި އުވަ ބޭނުންކޮށްގެން ރާނާ ނިމި މިސްކިތް ހިޔާކޮށް މިސްކިތުގައި ނަމާދު ކުރަން ފެށުނީ ކޮން ދުވަހެއްގައިކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވެ މިސްކިތުގައި ނަމާދު ކުރަން ފެށުނުކަން އެނގެއެވެ. އޭގެފަހުން މިސްކިތް މަރާމާތު ކުރުމަށް ރޫޅާލެވުނީ ފުވައްމުލަކުގެ ރަށްވެހިކަމުގެ މަގާމުގައި ފެންސިރު އަހުމަދު ދީދީ ހުންނެވިއިރުއެވެ. މިމަރާމާތަށްފަހު މިސްކިތުގައި ނަމާދު ކުރަން ފެށުނީ 1374 ވަނަ އަހަރު އޮކްޓޯބަރުމަހުގެ 12 ވަނަ ދުވަހުގައެވެ. އޭރު މިމިސްކިތަށް މާދަޑު މިސްކިތޭވެސް ކިޔައި އުޅުނެވެ.

ތަފާތު ފަހަރުމަތިން މަރާމާތު ކުރުމަށްފަހު ފުވައްމުލަކުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް އެޅުމަށް ސަރުކާރުން ހަމަޖައްސަވައި އެމަސައްކަތް ފެއްޓެވުމުގެ ގޮތުން މިސްކިތް ރޫޅާލުމަށް މިސްކިތުގައި ނަމާދުކުރުން ހުއްޓާލެވުނީ 2007 ވަނަ އަހަރު ޑިސެންބަރުމަހުގެ 14 ވަނަ ދުވަހުގައެވެ. ރަނގަޅު ފެންވަރަކަށް މިމިސްކިތް އިމާރާތް ކުރެވުނުއިރު މިސްކިތުގެ ގޯތިތެރޭގައި މުންނާރެއްވެސް ހެދުނެވެ. އަދި ވުޟޫ ކުރާނެ އިސްކުރު ބަރިއަކާއި ފާޚާނާއެއް ރަނގަޅު ފެންވަރަކަށް ހަދައިފައިވެއެވެ. މިސްކިތުގެ ހުރިހާ މަސައްކަތަކުން ނިމި މިމިސްކިތުގައި ނަމާދުކުރަން ފެށުނީ 2009 ވަނަ އަހަރުގެ ޖުލައިމަހުގެ 30 ވަނަ ވީ ބުރާސްފަތި ދުވަހުގެރޭ ފަތިސްނަމާދުން ފެށިގެންނެވެ. މިމިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވީ އައްޝައިޚް މުހައްމަދު މޫސާއެވެ.

Advertisement

ނޯޓް: މައުލޫމާތު ނަގާފައިވަނީ އަދްނާން އިބްރާހީމް ދީދީ ލިޔުއްވި "ތާރީޚީނަޒަރަކުން ފުއައްމޮލޮއް" މި ފޮތުންނެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް