October 18, 2024 13:35
Advertisement

-Advertisement-

ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭ- ހުކުރު ޚުޠުބާ

އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެވެ. ﷲ ތަޢާލާ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމް ކުރައްވައިފައެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭއެވެ. ޒިނޭއަކީ އެކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވައެވެ. މި ޒަމާނުގައި މިއަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިއެެވެ. ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤްސަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސް އުޅެއެވެ. އޭ އިންސާނާއެވެ. ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ.

ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދެއެވެ. ޢާއިލާތައް ރޫޅި، ނަސްލު އޮޅި ރަށްމެދަށް ވިހާ ކުދިން ގިނަވެއެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަށް އަރައިގަނެއެވެ.

ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. މާނައީ: " ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާ (މުޙުޞަނަކު ކަމުގައި ނުވާނަމަ) ދެމީހުން ކުރެ ކޮންމެ މީހަކުގެ ގައިގައި ސަތޭކަ އެތިފަހަރުން (ހައްދު) ޖަހާށެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާން ވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ. އަދި އެ ދެމީހުންނަށް ދެވޭ އުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ".

Advertisement

ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލަށްވީ ހިނދު އެކަމާމެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރިންނާއި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާއި އެކު ޒިނޭކުރާ މީހުންވެސް އުޅެއެވެ. އެ މީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެކެވެ. މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހުވުމަށެވެ. އިސްލާހުނުވެ ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ.

ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނައެވެ. އެއީ ނުރައްކާތެރި ބަލިތަކެކެވެ. ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނެެއެވެ. ޢިލްމުވެރިން ސިފަކުރައްވާގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚުލާޤީ އަމަލުތަކަށް ﷲ ދެއްވި ދުނިޔަވީ ސަޒާއެކެވެ. ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ އިސްލާމީ އުސޫލުތަކަށް ތަބަޢަވެގެންނެވެ. ކާވެނީން ބޭރުގައި ޖިންސީ އަމަލުތައް ހިންގުމާ މުޅިން ދުރުހެލިވެގެންނެވެ.

ފާޙިޝު ޢަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި ތަޢުލީމުދޭ މުއައްސަސާތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިއްޔަތު ކޮށްގެންނެވެ. އެމީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެންނެވެ. ޒިނޭ އާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ތައުބާވެ ހެޔޮ ޢަމަލު ކުރާ މީހުންގެ ތައުބާ މާތް ﷲ ޤަބޫލު ކުރައްވައެވެ. ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް