November 21, 2024 22:39
Advertisement

-Advertisement-

ދުރުގައި ގިނަ ދުވަހު ދިރިއުޅެންޖެހޭ ހާލަތްތަކުގައި ލޯތްބާއިއެކު ދިރިއުޅުން ކުރިއަށްގެންދާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ވަޒީފާގެ ގޮތުގައި ނުވަތަ ދިރިއުޅުމުގެ އެހެނިހެން ސަބަބުތަކާއި ހުރެވެސް ލޯބިވާ އާއިލާއާއިއެކު އެކީގައި އަބަދު އެއްފަސްގަނޑެއްގައި ދިރިއުޅެވޭނެ ބައެއް ނޫނެވެ. ކައިވެނީގެ ކުރީކޮޅުގައިވެސް ވަޒީފާގެ ސަބަބުން ދެތަނެއްގައި ދިރިއުޅެންޖެހެއެވެ. ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރުގައި އެކަކު އުޅެންޖެހޭ ހާލަތްތަކުގައިވެސް ދިރިއުޅުން ކާމިޔާބުކަމާއިއެކު މައްސަލަ ނުޖެހި އުޅެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ.

1. ވަކި ވަގުތުތަކެއް ވާހަކަދައްކަން ކަނޑައެޅުން

އެކި ސަބަބުތަކާއި ހުރެ ދެތަނެއްގައި ދިރިއުޅެންޖެހޭ ހާލަތްތަކުގައި ކޮންމެ ދުވަހަކުވެސް ވާހަކަދައްކާނެ ވަކި ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. ވަޒީފާގައި ނުވަތަ އެހެން މަސައްކަތެއްގައި ބިޒީކޮށް އުޅެންޖެހުނަސް އެ ޚާއްސަ ވަގުތު ވާންވާނީ ދެމީހުން ފޯނުން ވާހަކަދައްކާނެ ވަގުތަކަށެވެ. އެހެންމީހުންނާއި ދުރުގައި ދެމީހުންނަށް ޚާއްސަ ވަގުތަކަށްވާން ވާނެއެވެ.

Advertisement

ރަނގަޅަށް ވާހަކަ ނުދެއްކޭނަމަ ގުޅުން ދާނީ ހީނަރުވަމުންނެވެ. ގުޅުން ވަރުގަދަވާނީ ހަމައެކަނި ގިނަގިނައިން ވާހަކަ ދެއްކުމަކުންނެއް ނޫނެވެ. ވާހަކަ ދައްކާއިރު ލޯތްބާއި އިހުތިރާމާއެކު އެކަކު އަނެކަކުގެ އިހުސާސްތައް ދަނެގެން ވާހަކަދެއްކުމަކީ މުހިންމުކަމެކެވެ.

2. ދެމީހުން ދުރުގައި އުޅެންޖެހިފައިވަނީ ވަގުތީގޮތުންކަން ޔަގީންކުރުން

ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް އަކީ އުންމީދެއް ނެތި ހާސިލުވާނެ ކަމެއް ނޫނެވެ. ދެމީހުން ދުރުގައި އުޅެންޖެހިފައިވަނީ ވަގުތީގޮތުންކަން އެކަކު އަނެކަކަށް ޔަގީންކުރަން ޖެހެއެވެ. އަދި ޔަގީނުންވެސް އެކީގައި އުޅެވޭނެ ދުވަހަކީ ކޮބައިކަން އެކަކު އަނެކަކަށް ބުނެދެވެންވެސް ޖެހެއެވެ. އެހެންނޫނީ އިންތިޒާރުގައި ހުރެހުރެ އިންތިޒާރަށް ނިމުން ނައިސް ގިނަ ދުވަސް ވުމަކީ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމެކެވެ.

3. އިތުބާރުކުރުން

ދުރުގައި އުޅެންޖެހުނަސް އެކަކު އަނެކަކަށް އިތުބާރު ކުރަންޖެހެއެވެ. ޝައްކުކުރެވޭ ކަންތައްތަކާމެދު ސުވާލުކޮށް ޒުވާބުކުރުމުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެއެވެ.

4. ސިކުނޑިއަށް ލުއި ހޯދުމަށް ކަސްރަތުކޮށްލުން

ތިމާ އެންމެ ލޯބިވާ މީހަކާއި ދުރުގައި ދެތަނެއްގައި ދިރިއުޅެންޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންވުމުން މިފަދަ ހާލަތެއްގައި ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި އަމިއްލަ ސިކުނޑިއަށް ލުއި ލިބޭނެ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހެއެވެ. މިގޮތުން އެކުވެރިންނާއެކު ޖިމަށް ދިއުން ނުވަތަ ކުޅިވަރެއް ކުޅެލަން ދިއުމަކީ މީހާ އަށް ހުރިހާގޮތަކުންވެސް ފައިދާ ކުރާނެކަމެކެވެ.

5. އެކުގައި ވަގުތު ހޭދަކުރެވޭނެ ގޮތެއް ހޯދުން

ދުރުގައި ގިނަދުވަހު ދިރިއުޅެންޖެހޭ ހާލަތްތަކުގައި ޗުއްޓީ ނަގައިގެން ކަމުގައިވިއަސް އެކުގައި ވަގުތު ހޭދަކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. އަދި އެވަގުތުކޮޅަކީ އެންމެ ހިތްހަމަޖެހޭ ގޮތަށް ހޭދަކުރެވޭ ވަގުތަކަށް ހެދުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި އެއުފާވެރި ހަނދާންތަކަކީ ގިނަ ދުވަހަށް ދެމިހުންނާނެ ހަނދާންތަކަކަށް ވޭތޯ މަސައްކަތް ކުރެވިދާނެއެވެ.

ޒަވާޖީހަޔާތެއް ފެށުމަށްފަހު މާގިނަ ދުވަސް ނުވަނީސް އެކި ސަބަބުތަކާއިހުރެ ވަރިއާއި ހަމައަށް ދާއިރު ދެމީހުން އެކަކު އަނެކަކަށް އިތުބާރުކޮށް ދާއިމަށް އެކީގައި އުޅުމަށް މަސައްކަތް ކުރަންޖެހެއެވެ. ޚާއްސަކޮށް ކުދިން ތިބިނަމަ އެކުދިންގެ ހައްގުގައިވެސް ކައިވެނި ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަންޖެހެއެވެ. އެއީ ދުރުގައި ދެތަނެއްގައި ގިނަ ދުވަހު އުޅެންޖެހުނު ކަމުގައިވިއަސް ހެވެވެ.

+1
1
+1
2
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް