2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވައިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާމަކުރެއްވީ މިރޭ އިރާކޮޅުގައެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައިކަމަށް ރައީސް ވިދާޅުވިއެވެ.
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދަންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުގައި ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރުމަށް ނިންމަވައި އެކަން ރައީސް ވަނީ މިދިޔަ ހަފްތާގައި އިއުލާން ކުރައްވާފައެވެ. ސިޔާސީ ވަޒީފާތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށްވެސް ރައީސް އެއިރު ވަނީ ވިދާޅުވެފައެވެ.