އެއް ރަށެއްގެ ވަލުތެރޭގައި އަސްދޫންޏެއް އޭތީގެ ކުދިކުދި ދަރިންތަކާއެކު ދިރިއުޅެމުން ދިޔައެވެ. އެ އެއްޗެހި ދިރިއުޅެމުން ދިޔައީ ވަރަށް އުފަލާ މަޖަލުގައެވެ. އެ ރަށުގެ މެދުތެރޭގައި ވަރަށް ބޮޑު ކޯރެއް އޮވެއެވެ. އެ ހިސާބުގަނޑުގައި ދިރިއުޅޭ ގިނަ ޖަނަވާރުތައް ކޮންމެ ދުވަހަކުހެން އެ ކޯރު ކައިރިއަށް ފެން ބޯން ގޮސް އުޅެއެވެ. އެ ގޮތުގެ މަތިން އަސްދޫނި ވެސް އޭތީގެ ދަރިންކޮޅު ގޮވައިގެން ވަރަށް ގިނައިން އެ ކޯރުގެ އައްސޭރިއަށް އުފާކޮށްލަން ގޮސް އުޅެއެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން އެ ދުވަހު ވެސް މައި އަސްދޫނި އޭތީގެ ކުދި ދަރިންތައް ގޮވައިގެން ކޯރުގެ އައްސޭރިއަށް ދިޔައީ ކުދި އަސްދޫނިތައް އުފާކޮށްލާ ހިތްހަމަހަމަޖައްސައިލަ ދިނުމަށްޓަކައެވެ. އެހެން ދުވަސްދުވަހު އަސްދޫނިތައް އަންނައިރު، އެކިއެކި ޖަނަވާރުތަކާއި ދޫނިސޫފާސޫފިތައް ވަރަށް ގިނައިން ކޯރުކައިރީގައި އުޅޭ ފަދައިން އެ ދުވަހު އެ ހިސާބުގައި ވަރަށް މަދުން ނޫނީ ޖަނަވާރެއް ފެއްނާކަށް ވެސް ނެތެވެ. އެކަމަކު ވެސް ދުރުދުރުގައި ކޮންމެވެސް ވަރަކަށް ޖަނަވާރުން އުޅޭތަންފެނެއެވެ. އެހެންކަމުން އެ ހިސާބު އޮތްލެއް އަމާންކަން ފެނިފައި މަންމަ އަސްދޫނި ކުދި އަސްދޫނިތަކަށް ބުންޏެވެ. ދަރިފުޅުމެން މިތާ ކޯރުގެ އައްސޭރީގައި މަޖާކޮށްލަން ދާށެވެ. އެކަމަކު ނަމަނަމަ ދުރަށް ނުދައްޗެވެ. މަންމަ ވެސް މިއަދު ދާނީ މަންމަގެ އެކުވެރިންނާއެކު މަޖާކޮށް އުފާކޮށްލާށެވެ. ކުދި ދޫނިތައް އެކަމާ އެއްބަސްވުމުން، މަންމަ އަސްދޫނި އެއްގަމަށް އަރައިގެން ހިނގައްޖެއެވެ.
އެއްކަލަ ޅަ އަސްދޫނިތައް ވަރަށް މިނިވަންކަމާއެކު ކޯރުގެ އައްސޭރީގައި މަޖާކުރަމުން ދިޔައެވެ. ޅަ އަސްދޫނިތައް އެތާނގައި އުފަލުގައި އުޅެމުން ދަނިކޮށް އެ ކޯރުގެ އައްސޭރިޔަށް ދުރު ހިސާބަކުން ދަތުރުކުރަމުން އައި ހިޔަޅަކަށް ނިކުމެވިއްޖެއެވެ. އެއްކަލަ ހިޔަޅަށް އެ ހިސާބަށް އާދެވުމާއެކު އެތާ މަޖާކުރަމުން ދިޔަ ކުދި އަސްދޫނިތައް ފެނިއްޖެއެވެ. ކުދި އަސްދޫނިތައް ހިޔަޅަށް ހަމަ ފެނުމާއެކު ހިޔަޅުގެ ހިތަށް އެރިއެވެ. މިއަދު ވަރަށް ފަސޭހައިން މިއޮތީ ކާނާ ލިބޭގޮތް ވެފައެވެ. ދެން ހިޔަޅު އެ އަސްދޫނިތަކަށް ހަމަލާދޭނެ ދަނޑިވަޅެއް ބަލަބަލާ ގަސްތަކުގެތެރޭގައި ފިލާ އޮވެއްޖެއެވެ.
ހިޔަޅު ކުދި އަސްދޫނިތަކަށް ކަޅިއަޅައިގެން ފިލާ އޮންނަތާ އިރުކޮޅެއް ވީތަނާ، އެ ހިސާބުގައި އުދުހެމުން ދިޔަ ދޫނިތަކަކަށް ފިލާ އޮތް ހިޔަޅު ފެނިއްޖެއެވެ. ދެން އެ ދޫނިތައް އެތާ އުޅެމުން ދިޔަ އެހެން ޖަނަވާރުތަކަށް އެ ހިސާބުގައި ހިޔަޅެއް ފިލާ އޮތްކަން އެންގުމަށްޓަކައި ގޮވަންފެށިއެވެ. "ގަސްތަކުގެ ތެރޭގައި ހިޔަޅެއް އެބައޮތް. ހިޔަޅު އެ އޮތީ އަހަރެމެންނަށް ޙަމަލާދޭން ދަނޑިވަޅެއްގެ އިންތިޒާރުގައި. އެންމެން އަވަހަށް މި ތަނުން ދަމާ ހިނގާ!" މިހެން ގޮވަމުން ދޫނިތައް އެ ހިސާބުން ދުރަށް އުދުހިފައި ހިނގައްޖެއެވެ.
ދޫނިތައް އެހެން ގޮވާއަޑު ކޯރުގެ އައްސޭރީގައި ތިބި ކުދިކުދި އަސްދޫނިތަކަށް އިވުމުން ވަރަށް ކަންބޮޑުވެއްޖެއެވެ. އަދި އެ ތަކެތީގެ މަންމަ ފެންނަ ހިސާބުގައި ނެތުމުން ހާސްވެ ރޮވެންވެށިއެވެ. ދެން ހަދާނެ ގޮތެއް ނުވިސްނުމުން، ކުދި އަސްދޫނިތައް އެއްއަޑަކުން ގޮވަންފެށިއެވެ. "މަންމާ! މަންމާ! އަވަހަށް އަހަރެމެން ސަލާމަތްކޮށްދީ!" ކުދި އަސްދޫނިތައް އެހެން ގޮވަންފެށުމުން އެ އަޑު އެއްގަމުގައި އުޅެމުން ދިޔަ މައި އަސްދޫނީގެ ކަންފަތުގައި ޖެހުމާއެކު، އެއީ އޭތީގެ ދަރިންތަކުގެ އަޑުކަން ޔަޤީންވެއްޖެއެވެ. ދެން އެންމެ ސިކުންތެއް ވެސް ނަގައިނުލާ ވަގުތުން ކުދި އަސްދޫނިތައް ސަލާމަތްކުރުމަށްޓަކައި ކޯރާ ދިމާއަށް މައި އަސްދޫނި ބާރަށް ދުއްވައިގަތެވެ.
ކުދި އަސްދޫނިތައް ފެންނަ ހިސާބަށް ކައިރިވި ވަގުތު ފިލާ އޮތް ހިޔަޅު މަންމަ އަސްދޫންޏަށް ފެނިއްޖެއެވެ. ދެން މި ވެގެން އުޅޭގޮތް މައި އަސްދޫންނަށް ވިސްނިއްޖެއެވެ. އެ ވަގުތު މަންމަ އަސްދޫނި ވިސްނާލާފައި ބާރަށް ގޮވައިލިއެވެ. "ދަރިފުޅުމެން އަވަހަށް ގޮސް ތި ކޯރަށް އެރޭ! އަދި ކޯރުގެ އަނެއް ފަރާތަށް ދެވޭތޯ ބަލާ. މަންމަ މިދަނީ އެ ދިމާއަށް" މަންމަ އަސްދޫނީ އެހެން ގޮވައިލުމުން، ކުދި އަސްދޫނިތައް ހަމަ ވަގުތުން ކޯރަށް އެރިގެން ކޯރުގެ އަނެއް ފަރާތަށް ދިއުމަށްޓަކައި ދަތުރު ފަށައިފިއެވެ.
ދެން މަންމަ އަސްދޫނި ހެދި ގޮތަކީ އެ ކުދި އަސްދޫނިތަކާ ދުރަށްދާން ހިނގައިގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ހިޔަޅަށް ރަނގަޅަށް ފެންނަ ހިސާބުގައި އޭތީގެ ފިޔަގަނޑު ދަމައިލިއެވެ. ކުދި އަސްދޫނިތަކަށް ސަމާލުކަން ދީގެން އޮތް ހިޔަޅަށް ކުއްލިއަކަށް މަންމަ އަސްދޫނި އޭތީގެ ފިޔަގަނޑު ބިންމަތީގައި ދަމައިލިތަން ފެނުމުން އެއްކަލަ ހިޔަޅުގެ ހިތަށްއެރިއެވެ. ހީވާގޮތުގައި މި އަސްދޫނި އެ އޮތީ ބަލިވެފައެވެ. އެ އެއްޗަށް އުދުހެވޭހެން ހިއެއް ނުވެއެވެ. މިހެން ހީކޮށްފައި މަންމަ އަސްދޫންޏާ ދިމާއަށް ހިޔަޅު މަޑުމަޑުން ހިނގައިގަތެވެ.
ހިޔަޅު މަންމަ އަސްދޫންޏާ ދިމާއަށް އަންނަން ފެށުމުން، މަންމަ އަސްދޫނި ނިކަން ބާރަށް ކުރިޔަށް ދާން ފެށިއެވެ. ދެން އަސްދޫނި ބާރަށް ދިޔަވަރަކަށް ހިޔަޅު ވެސް އަސްދޫނީގެ ފަހަތުން ހިނގުން ބާރު ކުރަމުން ދިޔައެވެ. މިހާރު މަންމަ އަސްދޫންޏަށް ކޯރާއި ވަރަށް ދުރަށް ދެވިއްޖެއެވެ. ދެން މަންމަ އަސްދޫނި ކޯރާ ދިމާއަށް ބަލައިލިއިރު އޭތީގެ ދަރިންތަކަށް ކޯރުގެ މެދަކާ ހަމައަށް ދެވިއްޖެއެވެ. އެ ވަގުތު އަސްދޫނީގެ ހިތަށް އެރިއެވެ. މިހާރު މި ހިޔަޅަށް މަގޭ ދަރިންނާ ކައިރިއެއް ނުވެވޭނެއެވެ. އެ ވަގުތު ހިޔަޅަށް އޮތީ މަންމަ އަސްދޫންޏާ ވަރަށް ކައިރިއަށް އާދެވިފައެވެ. ދެން އަސްދޫނި ހެދި ގޮތަކީ ދެ ފިޔަގަނޑު މައްޗަށް ނެގުމާއެކު ބާރަށް އުދުއްސައިގަތެވެ. ހިޔަޅު ވެސް އަސްދޫނީގެ ފަހަތުން ދުއްވައިގަތެވެ. އެކަމަކު ހިޔަޅަށް އަސްދޫނި އަތުވާގޮތެއް ނުވިއެވެ. އަސްދޫނި ކުރިއަރައިގެން ހިނގައްޖެއެވެ.
މައި އަސްދޫނި އުދުހެމުން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ވަރަށް އަވަހަށް ދަރިންތަކާ ހަމަޔަށް ދެވިއްޖެއެވެ. އެ ވަގުތު ކުދި އަސްދޫނިތަކަށް އެ ތަކެތީގެ މަންމަ އެ ދިމާއަށް އަންނަތަން ފެނުމުން އުފަލުން ފިޔަތަޅަންފެށިއެވެ. ދެން މަންމަ އަސްދޫނި އެ ކުދިކުދި އަސްދޫނިތައް ކޯރުގެ އަނެއްފަރާތަށް ގެންގޮސް ހިޔަޅުގެ އަތްދަށުން ސަލާމަތްކޮށްފިއެވެ. އެ ތުއްތު ފުރާނަތައް އެ ދުވަހު ހިޔަޅުގެ ވަކިތަކުން ސަލާމަތްވީ އެ ތަކެތީގެ އޯގާތެރި ބުއްދިވެރި މަންމަގެ ސަބަބުންނެވެ.
ހިޔަޅު ވަރަށް ލަދުވެތިކަމާއެކު އަސްދޫނިތައް ސަލާމަތްވެގެން ދިޔަ މިމަންޒަރު ބަލަން ދުރުގައި އޮތުމަށްފަހު ޖަންގަލީގެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ޢިބްރަތް: ބުއްދިވެރިންނަކީ އަބަދުވެސް ޙިކްމަތުގެ ބޭނުންހިފާ މީހުންނެވެ.
ނޯޓް ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު
ހުސްނާގެ މަސައްކަތުގައި ކާމިޔާބު ލައްވާށި. ދެދުނިޔޭގެ މަންފާ ލައްވާށި..ހިތްވަރާއެކު މަސައްކަތް ކުރެއްވުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާށި. ވާހަކަ ވަރަށް ނަލަ. ޝުކުރަން. ވަލްދާ މިސް