ބޭނުންވާ ތަކެތި
2 ގަބުޅީގެ ހުނި
ބައި ޖޯޑު ހަކުރު
ދޮންކެޔޮ ފަތް
ފުށްގަނޑު މޮޑުމަށް ބޭނުންވާ
ފުށް
ފެން
ކުޑަ ލޮނުކޮޅެއް
ކުޑަ ތެޔޮކޮޅެއް
ތައްޔާރުކުރާނެ ގޮތް
ގަބުޅީގެ ހުނިގޭނުމަށްފަހު، ހުނިކޮޅު ވަކިން ތައްޓަކަށް އަޅާލާށެވެ. އަދި އެއަށްފަހު ހަކުރާއި ހުނި ރަނގަޅަށް އެއްކޮށްލާށެވެ. އުނދުން މައްޗަށް ތަވާ އުދުމަށްފަހު އެއްކުރި ހުނި އަދި ހަކުރު ތަވައަށް އަޅާ މަޑު ގިނީގައި ބަހައްޓާށެވެ. އަދި އަވަސް އަވަހަށް ދޭފަތުން އެއްކުރަމުން ކައްކާށެވެ. ރީތި މުށި ކުލައަކަށް ހުނިގަނޑު ބަދަލުވަންދެން އުނދުން މަތީގަ ބަހައްޓަން ވާނެއެވެ. އެއަށްފަހު އުނދުން ނިއްވާލާށެވެ. ދެން ބާކީ ހުރި އެއްޗެހި އަޅައިގެން ފުށްކޮޅު މޮޑެލާށެވެ. އެއަށްފަހު ހުނިހަކުރު އެމީހަކު ހަދަން ބޭނުންވާ ސައިޒަކަށް ކެޔޮ ފަތްކޮޅުތައް ކަފާށެވެ.
ފަތުގެ މަތީގައި މޮޑުނު ފުށުން ގުޅައެއް ނަގާ ފަތުރާލާނީއެވެ. ދެން ގަބުޅި ހުނި އޭގެ ތެރެއަށް އަޅާ ރީތިކޮށް ބަންދުކޮށްލާށެވެ. އެއަށްފަހު ތަވާގައި މަޑުގިނީގައި ފިހެލާނީއެވެ.
ނޯޓް. ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ހުނިހަކުރު ހަދާ އުޅެއެވެ. މިޒަމާނުގައި ބައެއް މީހުން އަވަނުންވެސް ފިހެއުޅެއެވެ. ބައެއް މީހުން ފެނުވެސް ކައްކައެވެ. އަދި އަނެއް ބަޔަކު ތެލުވެސްލައެވެ. އަޅުގަނޑަށް އެންމެ މީރީ މިގެނެސްދިން ގޮތަށް އުނދުން މަތީ ފިހެލީމައެވެ.