އާޚިރަތް ދުވަހަކީ ދުނިޔަވީ ހަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ. އެދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެންދާނެތެވެ. އަދި އެއްވެސް ތަރުޖަމާނަކާ ނުލައި ﷲ ސުބުހާނަހޫ ވަތަޢާލާ ކޮންމެ މީހަކާމެ ބަސް ވަޙީކުރައްވާނެތެވެ. އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެކެވެ.
ދުނިޔަވީ ހަޔާތުގައިވާ އެންމެ ބޮޑު ހަގީގަތަކީ ތިބާ ލޯބިވާ އެންމެތަކުންނާއި އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް މަރުވެގެން ދާން ޖެހޭނެކަމެވެ. އެކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެތެވެ. އާޚިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހެއެވެ. ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބަޔެކެވެ. މިއާ ޚިލާފަށް މާދިއްޔަތަށް ގޮސް ހުސްވެ ދުނިޔެ ހޯދުމުގައި އުޅެނިކޮށް އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުން ހެއްޔެވެ؟
ﷲ ސުބުހާނަހޫ ވަތަޢާލާގެ ޤުދުރަތްތެރިކަން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޝާމިލުވެގެންވެއެވެ. ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެތެވެ. ޖައްވުގައި ވިޔަސް ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް ވަލުޖަނަވާރެއްގެ ބަނޑުގައި ވިޔަސް އަދި މިނޫން ގޮތަކަށްވިޔަސް ޤިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެކެވެ. އެދުވަހުން އުފާވެރިކަން ހުރީ ހެޔޮ ޢަމަލުކޮށްއުޅުނު މީހާއަށެވެ. މާތް ﷲ ގެ މަގުން މޫނު އަނބުރައިލި މީހާ އެދުވަހުން ހިތާމަކުރާނެތެވެ.
ރަހިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ. އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި އަނބިދަރީންނާއި އެއްބަނޑު އެއްބަފާ މީހުން ގޮތް ހުސްވެފައިވާ ހާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ.
އުންމަތްތަކުގެ މީހުން މަޙްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިކުރެވިފައިކަމަށް ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސައްހަ ގޮތުގައި ސާބިތުވެގެންވެއެވެ. ދުނިޔެއާއި އިރާ ދެމެދު ނުވަދިހަ ތިން މިލިއަނެއްހާ މޭލު ހުންނައިރު ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަވެއެވެ. ހޫނުގެ ސަބަބުން ކޮންމެ އަހަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވެއެވެ. ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ހާލަކީ މިއީކަމުގައިވާއިރު ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި ތިބޭއިރު މީސްތަކުންގެ ހާލު ހުންނާނީ ކިހިނެއްތޯއެވެ. އެދުވަހުން މީސްތަކުންގެ އަމަލުތައް ހުންނަގޮތުން އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކައްޓާއި ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާ ހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނގަނޑާއި ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެބައެއް އަނގައާއި ހަމައަށް ގެނބިފައެވެ.
ޤިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ހާލު ބޮޑުވެ ކަރުހިއްކުން އިންތިހާއަށް އިތުރުވެފައިވަނިކޮށް ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހުމަތުން އެކަލާނގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްއަށް ޙައުޟުކޮޅު ދެއްވާނެއެވެ. އޭގެ ފެން ކިރަށްވުރެ ހުދުވާނެއެވެ. އަދި މާމުޔަށްވުރެ ފޮނިވާނެއެވެ. އެއިން ފެން ބުއިމުގެ ނަސީބު ލިބިގެންދާނީ ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ފުރިހަމައަށް އީމާންވެ އެކަލާނގެއަށް އިޚްލާސްތެރިކަމާއެކު އަޅުކަންކޮށް ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރިހަމަގޮތުގައި އީމާންވެ އެކަލާނގެއަށް އިޚުލާސްތެރިކަމާއެކު އަޅުކަންކޮށް ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަބާވާ މީހުންނަށެވެ.
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެއެވެ. ޢަމަލުތައް ވަޒަން ކުރެވޭނެއެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ