އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ. މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒު ގޯތި ތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. މެނޭޖިންގ ޑިރެކްޓަރ ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން މަސްފެންގަނޑު ހަދާފައިވާތީ މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ. މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ.