މިއީ ގިނަ ބައެއްގެ ދިރިއުޅުމުގައ ދިމާވާ ވަޅުގަނޑުތަކުން އަރައިގަތުމަށް އެހީވެދޭ ލައިފް ކޯޗެކެވެ. ދިރިއުޅުން މަތިން ފޫހިވެފައި ތިބި އެތައްބަޔަކަށް ﷲގެ ރަހްމަތްފުޅާއި އެކު އުންމީދު އާލާކޮށްދީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ކަންކަމާއި ކުރިމަތިލާ ކުރި ހޯދަން އެހީވެދޭ ހައްވާ ޝަހީނާ މުހައްމަދު އެވެ. ގިނަ ބަޔަކު ދަންނަ ނަމުންނަމަ "ޑިއުޑްރޮޕް ޝަހީނާ" އެވެ. އެހެންމީހުންގެ ދިރިއުޅުމަށް ބަދަލެއް ގެނެސްދިނުމަށް ޝަހީނާ ހިތްވަރު ހޯދީ އަމިއްލަ ދިރިއުޅުމުގެ ހިތި ތަޖްރިބާތަކުންނެވެ.
ޅަފުރާގައި މާލޭގައި ދިރިއުޅެމުންދަނިކޮށް ފުރަތަމަ ކައިވެނި ރޫޅި، ދެ ދަރިންނާއި އެކު އުފަން ރަށް ސ.ފޭދޫ އަށް ބަދަލުވާން ޖެހުނީ ހުސްއަތާއެވެ. ފިރިމީހާ ހޫރާލި އެތިފަހަރުން މައިބަދައަށް ލިބުނު ބޮޑު އަނިޔާއަކާއި ގުޅިގެން ޝަހީނާގެ ދިރިއުޅުން އިތުރަށް ބަނަވެގެން ދިޔައެވެ. "އިށީންދެގެން ނީންދެވޭ، އޮށޯވެގެން ނޯވެވޭ، އެ ހާލަތުގައި ވަރަށް ބޮޑު އަނިޔާއެއްގައި އުޅެމުންދަނިކޮށް ދަރިންނަށް ލިބެމުންދިޔަ އެހީތެރިކަން ކަނޑާލެވި ކާނެ ބޯނެ ލާރިވެސް ނެތި އުޅެން ޖެހުނު ދަނޑިވަޅެއްއެއީ".
އެ ދަނޑިވަޅުގައިވެސް ﷲގެ ރަހްމަތްފުޅާއިމެދު އުންމީދު ކަނޑައެއް ނުލައެވެ. އަދި ޝަހީނާ ހިތްވަރު ހޯދީ އޭނާއަށް ކިޔުނު ދެ ފޮތަކުންނެވެ. އެ ދެފޮތަކީ 'ސަކްސެސް ޕްރިންސިޕަލްސް' އާއި 'މެކްސިމަމް އެޗީވްމެންޓް' ކިޔާ ދެފޮތެވެ.
"ބަލި އެނދުގައި އޮތް އިރު މި ދެފޮތް އެއްކޮޅުން އަނެއް ކޮޅަށް ކިޔާލެވުނީމަ އަޅުގަނޑަށް ސިފަވެގެން ދިޔައީ އަޅުގަނޑުގެ ދިރިއުޅުމުގެ މިސްރާބެއް ނެތްކަން. އެހެންކަމުން ފޮތުގައި ކިޔާދީފައިވާ ގޮތަށް ދިރިއުޅުމުގެ ޕްލޭން އެއް ރާވާލިން. ފޮތް ލިޔުއްވާފައިވާ ދެ ބޭފުޅުންވެސް ސިފަކޮށްފަވަނީ އެމީހުން ކޯޗުންގެ ގޮތުގައި. އެހެންކަމުން އަޅުގަނޑުވެސް ކޯޗް އަކަށް ވުމަށް އަޒުމުކަނޑައެޅިން".
އެ ޕްލޭންގެ ދަށުން އޭނާއަށް 65 އަހަރު ފުރޭ އުފަންދުވަހުގެ ގޯލެއް ސެޓް ކުރިއެވެ. އަދި އޭނާގެ ދިރިއުޅުމުގައި ކޮންމެ އަހަރަކުވެސް ކުރާނެ ކަންތައް ލިޔެ، ޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި އެހެން މީހުންގެ ދިރިއުޅުމަށް އެހީތެރިވެދިނުމަށް ލަނޑުދަނޑިއެއް ކަނޑައެޅިއެވެ. އޭރު ޝަހީނާގެ އުމުރުން 29 އަހަރެވެ. އެ އުންމީދު ހާސިލްކުރުމަށް އޭރު ހުރި ނަފްސާނީ އަދި ޖިސްމާނީ ދަތި ހާލަތުން އަރައިގަތުމަށް ޝަހީނާ ފުރަމަ ފެށި މަސައްކަތަކީ އާމްދަނީއެއް ލިބޭނެ މަގެއް ހޯދުމެވެ. ދެވަނަ ކާވެންޏެއް ކޮށް، ފިރިމީހާގެ އެހީތެރިކަމާއި އެކު ދިރިއުޅުން ކުރިއަށް ރާވަމުން ދިޔައެވެ. "އޭރު އަބަދުވެސް ސިކުނޑީގައި އޮވޭ އަޅުގަނޑު ކޮންމެވެސް ދުވަހަކުން މިކަން ކުރާނަމޭ." މިއަދު ޝަހީނާއަށް ދިރިއުޅުމުގައި އާދެވިފައިހުރި ހިސާބަށް ވާސިލްވެވުމުގެ ހިތްވަރަކީ ޝަހީނާގެ މި ނުގުޑާ އަޒުމާއި އަމިއްލަ ނަފްސަށް ކުރި އިތުބާރެވެ. ލިބުނު އަނިޔާއިން އަރައިގަނެވި ދިރިއުޅުމާއި ކުރިމަތިލެވުނީ ފިރިމީހާގެ އޯގާތެރިކަމާއި އެހީތެރިކަމާއި އެކުއެވެ.
"ކޯޗިންގެ ތެރެއަށް ވަދެވުނު ގޮތަކީ، އަޅުގަނޑުގެ ދެ ކުދިން ގޮވައިގެން މުޖުތަމައުތެރެއަށް ނިކުންނަން ބެލިއިރު މުޖުތަމައުގައި ވަރަށް ބައިވަރު ނޭދެވޭ ކަންތައްތައް ހުރި، އެހެންވީމަ އަމިއްލަ ނަފްސާއި ކުރެވުނު ސުވާލަކީ ކުދިން ކޮޓަރިތެރޭގައި ތަޅުލައިގެން ގެންގުޅޭނީތޯ؟ ނޫނީ މުޖުތަމައު ތެރެއަށް އަޅުގަނޑުގެ ކުދިން ނެރެން މަސައްކަތް ކުރާނީތޯ؟"
އޭރު ޝަހީނާ ނިންމީ އޭނާގެ ކުދިން މުޖުތަމައުތެރެއަށް ނެރެގެން ނޫނީ އެކުދިންނަށް ދިރިއުޅެން ދަސްކޮށްނުދެވޭނެ ކަމަށެވެ.
އެގޮތުން އަމިއްލަ ދެ ދަރިން މުޖުތަމައަށް ނެރެން ބެލި އިރު މުޖުތަމައުގައި އުޅޭ އެހެންކުދިންނަށްވެސް އެހީތެރިވާން ޖެހޭނެ ކަމަށް ޝަހީނާ ޤަބޫލުކުރިއެވެ. އެންމެ ފުރަތަމަ ލައިފް ސްކިލްސް އިންސްޓްރަކްޓަރ ކޯހެއް ހެދީވެސް އެ ވިސްނުމުގައެވެ. އެ ކޯސް ނިންމި ނަމަވެސް ޓެކްނިކަލް ކަމެއް ދިމާވެގެން އޭރު ބައިވެރިވި އެއްވެސް މީހަކަށް ސެޓިފިކެޓެއް ނުލިބެއެވެ. އެކަމާހުރެ ޝަހީނާގެ މަސައްކަތް ރަސްމީގޮތުން ފަށައިގަނެވޭ ގޮތެއް ނުވިއެވެ.
އެހިސާބުންވެސް އުންމީދު ދޫކޮށެއް ނުލައެވެ. އެހެން ކުދިންނަށް އެހީތެރިވުމުގެ ނިޔަތުގައި އަމިއްލަ ޖަމްއިއްޔާއެއް ރަޖިސްޓްރީ ކުރިއެވެ. އެއީ މިހާރުގެ ޕްރޮފެޝަނަލް ކޯޗިންގ އެންޑް މެންޓަރިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕިކޮމާ)އެވެ. އޭރު ކެރިއާ ވިޓަމިން ސޮސައިޓީގެ ނަމުގައި ރަޖިސްޓަރ ކުރި އެ ޖަމްއިއްޔާއިން ރަސްމީކޮށް މަސައްކަތް ފެށީ 2011 ވަނަ އަހަރެވެ. އެ ޖަމްއިއްޔާގެ ދަށުން އޭރު ޝަހީނާ ވަނީ އޭނާގެ ދަރިންގެ އުމުރުފުރާގެ ކުދިންނާއި، ބެލެނިވެރިންނާއި ވާހަކަ ދައްކާ ގޮންޖެހުންތައް އޮޅުންފިލުވާ ހިތްވަރު ދިނުމުގެ މަސައްކަތް ކޮށްފައެވެ. ލައިފް ސްކިލްސް ކޯސްތަކާއި، ކުދިން ބާރުވެރިކުރުމުގެ ޕްރޮގްރާމްތަކާއި އަންހެނުން މަސައްކަތުގެ މައިދާނަށް ނެރުމަށް ތަފާތު މަސައްކަތްތަކެއް ކުރިއެވެ.
2018 ވަނަ އަހަރު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން، މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ކޯހުން ދަސްވެނިވުމަށްފަހު، ޝަހީނާގެ 20 އަހަރުގެ އެކައުންޓިންގ ކެރިއަރ ދޫކޮށް، ކޯޗިންގ އަދި ޕްރޮފެޝަނަލް ސްޕީކިންގ ދާއިރާއަށް ހުސްވެގަތުމަށް ނިންމިއެވެ. އެގޮތުން 2019 ވަނަ އަހަރު 'ސަރޓިފައިޑް ޕްރޮފެޝަނަލް ކޯޗް'، އަދި މާރޝަލް ގޯލްޑްސްމިތް ސްޓޭކްހޯލްޑަރ ސެންޓަރޑް ކޯޗިންގ އިން 'ސަރޓިފައިޑް އެގްޒެކެޓިވް ކޯޗް' އަދި 'ސަރޓިފައިޑް ޓީމް ކޯޗް' ހާސިލްކުރިއެވެ. އޭގެ އިތުރުން 2022 ވަނަ އަހަރު ޖޯން މެކްސްވެލްގެ 'ސަރޓިފައިޑް ލީޑަރޝިޕް ކޯޗް، ސްޕީކަރ، ޓްރެއިނަރ' ހާސިލް ކުރިއެވެ.
އަދި 2021 ވަނަ އަހަރުން ފެށިގެން އެހެންމީހުންނަށް ހިތްވަރުލިބޭ ފަދަ ވީޑިއޯ މެސެޖްތައް މީސްމީޑިއާގައި އާންމުކުރަން ފެށިއެވެ. ކިޔެވުމުގައި ލިބެމުންދިޔަ އިލްމާއި ކޯޗިންގެ މަސައްކަތުން ލިބެމުންދިޔަ ތަޖުރިބާގެ އަލީގައި ފޭސްބުކް ލައިވް މެދުވެރިކޮށް، އެހެން މީހުން މޯޓިވޭޓްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
"ކޯޗިން ދާއިރާއިން މިހާރު ގާތްގަނޑަކަށް 16 ވަރަކަށް ސެޓިފިކެޓް ހާސިލް ކުރެއްވިއްޖެ. މި މަސައްކަތްކުރަނީ
ސެޓިފައިޑް ކޯޗް އިން ތަމްރީނުކުރުމަށް. ދިރިއުޅުމުގައި ކްލިއަރިޓީ ލިބި މަންޒިލެއް ކަނޑައެޅިއްޖެނަމަ، އަމިއްލަ ނަފްސުގެ ކަންތައްތައް ރަނގަޅު ކުރެވޭނެ، ވިސްނުމާއި ފިކުރަށް ބަދަލު އަންނާނެ، ތިމަންނާއަކީ ކެރޭ މީހެކޭ، ކުރެވޭ މީހެކޭ އިހްސާސް ކުރެވޭނެ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އެހެން މީހުންނަށް އެހީތެރިވެދެވޭތީ."
ކޯޗް އިން ތަމްރީން ކުރުމަށްޓަކައި 'ޑިއުޑްރޮޕް ލީޑަރޝިޕް ސަރޓިފައިޑް ކޯޗް' ނަމުގައި ޕްރޮގްރާމެއް ތައްޔާރުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޗް އިން ތަމްރީން ކުރުމުގެ މަސައްކަތް ފެށިއެވެ. ދެ ބުރަކަށް ބަހާލައިގެން 30 ކޯޗް އިން ވަނީ ތަމްރީން ކުރެވި މުޖުތަމައަށް ނެރެވިފައެވެ. ތިންވަނަ ބެޗްގެ ތަމްރީންތައް މިހާރުވެސް ކުރިއަށް ދެއެވެ. އަދި 'ޕިކޮމާ'ގެ މަސައްކަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރޓިފައިޑް ކޯޗް އަދި ސްޕީކަރއެއް ބެހެއްޓުމުގެ މަސައްކަތް ފެށި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
މީގެ އިތުރަށް މީހުން ބާރުވެރިކޮށް، ﷲ ސުބުހާނަހޫ ވަތަޢާލާ ހަނދުމަކުރާ ޖީލެއް ބިނާކުރުމަށް، 2023 ވަނަ އަހަރު "ފަޖުރުތަރި: ޑިއުޑްރޮޕް އާއިއެކު ދުޢާކުރަމާ" ޕްރޮގްރާމް ފެށިއެވެ. ތިން މަހުގެ މުއްދަތަށް ހިންގާ މި ޕޮރޮގްރާމް މިހާރު 450 ބައިވެރިން ނިންމައިފިއެވެ.
ޝަހީނާ އެ ދުވަހު ފެށި މަސައްކަތައިގެން ކުރިޔަށް ދިއުމަށް މިއަދު ލިބޭ އެންމެ ބޮޑު ބާރަކީ އަދި ހިތްވަރަކީ އޭނާގެ ދެ ދަރިންނާއި، މިހާރުގެ ފިރިމީހާއެވެ. "ތިންވަނަ ކާވެނީގައި މިއުޅެވެނީ. މަސައްކަތުގެ އިތުރަށް އަޅުގަނޑު ކިޔަވަމުން، އިތުރަށް ތަރައްޤީވުމަށް މަސައްކަތް ކުރަން. އަޅުގަނޑުގެ ފިރިމީހާ ވަރަށް ސަޕޯޓް ދޭ، ވަރަށް އެއްބާރުލުންދޭ. ޝަހީނާ ކުރާހިތްވާ ކަމެއް ވިއްޔާ ކުރާށޭ، ތިމަންނަ ހިތްވަރުދޭނަމޭ، ފިރިމީހާ ބުނާނެ. އެކި ރަށްރަށަށް ދަތުރުކުރާއިރުވެސް ފިރިމީހާ ބައިވެރިވެދޭނެ، ހިތްވަރުދޭނެ. ރައްކާތެރިކަމާއި، ހިތްހަމަޖެހުން އަދި އުފާވެރިކަން ލިބޭ ފިރިމީހާގެ އެހީތެރިކަމުގެ ސަބަބުން."
22 އަހަރާއި 19 އަހަރުގެ ދެ ދަރިންގެ ސަޕޯޓާއި ނުލާ މިއަދު ޝަހީނާއަށް އާދެވިފައިހުރި ހިސާބަކަށް ނާދެވުނީހެވެ. އެ ކުދިންގެ ކެތްތެރިކަމާއި ކިޔަމަންތެރިކަމަކީ ޝުކުރުވެރިކަމާއެކު ޝަހީނާ އަބަދުވެސް ފާހަގަކުރާނެ ކަންކަމެވެ. މިހާރު މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ ދެ ދަރިންގެ ސަޕޯޓިވްކަން 'ޒީޓައިމްސް' އާއި ހިއްސާ ކުރަމުން ޝަހީނާ ބުނީ
" މާޝާﷲ، އެކުދިން ގަބޫލު ކުރޭ މަންމަ އެ ކުދިންނަށްޓަކާ ބޮޑު ޤުރުބާނީއެއް ވާކަން، ވަރަށް ކިޔަމަންތެރި ބަސްޤަބޫލުކުރާ ދެކުދިން" ކަމަށެވެ.
2022 ވަނަ އަހަރު ގްލޯބަލ ޕީސް އެވޯޑް ހާސިލްކޮށްފައިވާ ކޯޗް ޝަހީނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އެވޯޑަކަށްވުރެ ބޮޑަށް މުޖުތަމައުން އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއަށްދޭ ލޯތްބާއި ތަރުހީބެވެ. ފޭސްބުކްގައި 16 ހާހަށްވުރެ ގިނަ މީހުންގެ ފަރާތުން ލިބޭ ޝުކުރުގެ ބަސްތަކެވެ. ވީޑިއޯ ތަކުގެ ސަބަބުން ދިރިއުޅުމާއި ދޭތެރޭ ދެކޭގޮތް ބަދަލުވެ، މާޔޫސްކަމުގައި އުޅުމުގެ ބަދަލުގައި ހިތްހަމަ ޖެހުމާއި އުފާވެރިކަމާއި ހިނިތުންވުމާއި އެކު އުޅެވޭކަން ފާހަނގަކޮށް މީހުން ފޮނުވާ މެސެޖްތަކެވެ.
މިވަގުތު ސައުދީ އަރައްބިއްޔާގައި ދިރިއުޅުނު ނަމަވެސް ޝަހީނާ ކުރާ މަސައްކަތް ހުއްޓައެއް ނުލައެވެ. ގާތްގަނޑަކަށް 25 އަހަރު، އެކި ފަންތީގެ ވަޒީފާތައް އަދާކުރި ޝަހީނާ އެންމެފަހުން މަސައްކަތް ކުރީ 2020 ން 2022 އަށް ވިލާ ކޮލެޖްގެ އެޗްއާރް މެނޭޖަރުގެ މަގާމުގައެވެ. އުމުރުން 18 އަހަރުގައި ބޭންކް އޮފް މޯލްޑިވްސް ގެ ވަޒީފާ އަދާކުރަންފެށި ގޮތަށް މެދުކެނޑުމެއްނެތި ޝަހީނާ މަސައްކަތް ކުރިއެވެ. އެންމެ ހާލުގައި ޖެހުނު ދުވަހު ދަރިން ކައިރީގައި ހުރެގެން މަސައްކަތް ކުރުމަށް ޓިއުޝަން ކުލާހަކާއި، ޔޫސީމަސް ފޭދޫ ބްރާންޗް ހިންގިއެވެ. ދެވަނަ ފިރިމީހާގެ އެހީތެރިކަމާއި އެކު ޕްރިންޓް ކުރާތަނެއް ހިންގިއެވެ. 2022 ވަނަ އަހަރުން ފެށިގެން ކޯޗް، ޓްރެއިނަރ އަދި ސްޕީކަރގެ ގޮތުގައި އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރުމަށް ޚާއްސަވެގަތެވެ.
"އައިމް ނޮޓް އިނަފް އޭ، ދެން ނުވާނެއޭ ހިތަށް އެރި ވަރަށް ގިނަ ފަހަރު އައި، އެހެންނަމަވެސް، 65 ވަނަ އަހަރުގެ ގޯލް، އަދި އެއަހަރަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ދޭތެރޭ ވިސްނާލެވުނީމާ، ކިތަންމެ އުނދަގޫވި ކަމުގައިވިޔަސް މިކަންވެސް ވާނެޔޭ ހިތަށް އަރުވާލެވޭ، އަދި ކުރެވޭނެ ކަމުގެ ޔަޤީންކަންވެސް ލިބޭ. ތަކުރާރުކޮށް ކުރެވޭ ދުޢާގެ ސަބަބުން ﷲގެ ރަހްމަތް އިތުރަށް ލިބޭކަން ޤަބޫލުކުރެވޭ".
ނާކާމިޔާބު ވުމަކީ ދިރިއުޅުގައި ވާނެ ކަމެކެވެ. ނަމަވެސް ނާކާމިޔާބުވުމުން ދެން ނުކުރެވޭނެ އޭ ބުނުމުގެ ބަދަލުގައި، ސިކުނޑި ބޭނުންކޮށްގެން ކާމިޔާބު މީހެއްގެ ގޮތުގައި ކަނޑައަޅައި، ދިރިއުޅުމުގައި ގޮންޖެހުންތައް ދިމާވީމަ، މާޔޫސް ނުވެ، އެ ކަންތައް ދިމާވަނީ ﷲ ސުބުހާނަހޫ ވަތައާލާގެ ތަނަވަސް ރަހުމަތުން، ހިދާޔަތުގެ އަލިކަން ދެއްވުމަށް އަޅުގަނޑުމެންނަށް ކުރިމަތިކުރުވާ އިމްތިހާނެއްގެ ގޮތުގައި ކަމަށް ދެކި، އަމިއްލަ ނަފްސާމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށްލުމަކީ މިއަދު މުޖުތަމައުގެ ހުރިހާ އެންމެނަށް ޝަހީނާ ދިން އަގުހުރި އިރުޝާދެކެވެ.
އޭގެ ސަބަބުން އަޅުގަނޑުމެން ޝަކުވާގެ ނަޒަރަކުން، އަބަދު ތިމަންނައަށް މިހެންވަނީ ކީއްވެގެންތޯ އޭ އެ ސުވާލު ކުރުމުގެ ބަދަލުގައި މިކަމުން ތިމަންނަ ދަސްކުރާނީ ކޮން ކަމެއްތޯ، ލިބޭ ފިލާވަޅަކީ ކޮބާތޯ، ނުވަތަ އިބްރަތަކީ ކޮބާތޯ އެ ސުވާލު ކުރުމަށްފަހު ގޮންޖެހުމާއި އެކު ތިމަންނަ ކުރިޔަށްދާނީ ކޮންގޮތަކަށްތޯ ވިސްނައިފިނަމަ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ކުރިޔަށް ދެވޭނެ ކަމަށް ޝަހީނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުގައި ދިމާވާ ކަންތައްތަކުގެ ސަބަބުން، އެކަމަކާއި ދޭތެރޭ މާބޮޑަށް ވިސްނި، މާޔޫސްވެ، އެންޒައިޓީ އާއި ޑިޕްރެޝަންގެ ތެރެއަށް ދިއުމުގެ ބަދަލުގައި 65 ބާރތްޑޭ ގޯލް އެއް ކަނޑައަޅާ، އެގޯލް ހާސިލް ކުރުމަށް ކޮންމެ އަހަރަކު ކުރާނީ ކޮންކަމެއްތޯ ރާވާލައި، ކަށިން ހިތްވަރުނެރެގެން މަސައްކަތް ކުރެވިއްޖެނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބުވާނެ. ދަތިކަންތައް ދިމާވާނެ، އެހެންނަމަވެސް ނަމާދާއި ދުޢާއިން ހިތްވަރުލިބިގެން އަޒުމް އާކޮށް ގަދައަޅާ މަސައްކަތް ކުރަންވީ. މިސާލަކަށް ސުވަރުގެ ހޯދަން މަސައްކަތް ކުރާ މީހާ، ޖަސްޓް ސުވަރުގެ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ސުވަރުގޭގެ އެންމެ މަތީ ހަރުފަތް ޖަންނަތުލް ފިރްދައުސް ހޯދުމަށް މަސައްކަތް ކުރަންވީ" ކަމަށް ޝަހީނާ އިރުޝާދު ދިނެވެ.
ގޯލެއް ކަނޑައޅާއިރު އާދައިގެ ގޯލެއް ކަނޑައެޅުމުގެ ބަދަލުގައި ތަންކޮޅެއް ވަރުގަދަ ޓާގެޓެއް ކަނޑައަޅާ މަސައްކަތް ކުރުމަށް ޝަހީނާ ވަނީ އިރުޝާދު ދީފައެވެ. އެގޮތުން މިވަގުތު ޝަހީނާގެ މަސައްކަތުގެ ގޯލްއަކީ ހައިޓިކެޓް ޕްރްގްރާމްތައް އުފައްދަން ދަސްކޮށްދީގެން 100 ދުވަސްތެރޭގައި 9 ލައްކަ ރުފިޔާ ހޯދުމުވެ.