November 23, 2024 01:00
Advertisement

-Advertisement-

ހާދިސާ: ހުޅުވާރުލު ރީތި ފަތްމިނި

މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަށް ވެދާނެއެވެ. މިއީ ހުޅުވާރުލު ނަމަކަށް ކިޔުނު ހުވަދުއަތޮޅުގެ ރަށެއްގައި ހިނގާފައިވާކަމަށް ބުނާ ޙާދިސާއެކެވެ. މިކަން ހިނގައިދޔަގޮތުގެ ތަފްސީލަށް ދެވޭތޯ ބަލާނަމެވެ. އިހުޒަމާނުގައި ހުވަދުއަތޮޅު ހުޅުވާރުލަކީ ވަރަށްގިނަ މީހުން އުޅުނު ރަށެކެވެ. އެޒަމާނުގައި އެރަށަށް ވަރަށް ޚާއްސަ ކަމެއް ލިބިފައިވެއެވެ. އެޚާއްސަ ކަމަކީ މުޅިރާއްޖޭގެ ނިސްބަތުން އެއްމެރީތި ފަތްމިނިން (ރީތި އަންހެނުން) ތިބީ އެރަށުގައި ކަމެވެ. އެއިރު އެރަށުގެ އަންހެންކުދިންގެ ރީތިކަމުގެ ޚަބަރު އެހެން ރަށްތަކަށް ލިބުމުން، އެހެންރަށްތަކުން އެރަށަށް ދަތުރުކުރުން ވަނީ ވަރަށް މަޝްހޫރު ކަމަކަށް ވެފައެވެ.

އެދުވަސްވަރު އެރަށުގެ ވެރިޔަކަށްހުރީ ހުޅުވާރުލު ކަލޭގެފާނެވެ. މީނާގެ ވެރިކަމުގައި އެރަށުގައި 'ގުއްބުޑިޔާ' ނަމަކަށް ކިޔާ މީހަކުވެސް އުޅުނެއެވެ. މިއީ އެރަށުގައިހުރި އެންމެ މުއްސަނދި މީހާއެވެ. މިދެމީހުންނާއެކު އެރަށުގެ ރައްޔިތުން ވަރަށް ސުލްހަވެރިކަމާއިއެކު ދިރިއުޅެމުން ދިޔައެވެ. ދުވަސްކޮޅެއްފަހުން ކަތީބު ކަލޭގެފާނާއި ގުއްބުޑިޔާ، ދެމީހުން މައްސަލަޖެހި ދެބަސްވާންފެށިއެވެ. މިމައްސަލަ ބޮޑުވަމުންގޮސް ރަށު އެންމެނަށް މިކަން އެނގިއްޖެއެވެ. އަދި މިދެމީހުން މައްސަލަ ޖެހުމުން ރަށު ރައްޔިތުންނަށް އެކަމުގެ ދަތިކަން ތަހައްމަލްކުރުމަށް ޖެހިއްޖެއެވެ. ސަބަބަކީ އެކަކީ ރަށުގެ ވެރިމީހާއަށްވެފައި، އަނެކަކީ ރަށުގެ އެންމެ މުއްސަދިމީހާ ކަމަށްވުމުން މިދެމީހުންކުރާ ކަންތަކުން ޢާއްމު ރައްޔިތުންނަށް އަސަރު ފޯރާތީއެވެ. މިދެމީހުންގެ ކޯޅުންގަޑުގެ ތޭގައި އެރަށުގެ މީހުންނަށް އިތުރު އެހެން ތަކުލީފެއް ތަހަންމަލު ކުރަން ޖެހިއްޖެއެވެ. އެއީ އެރަށަށް ގޮތްނޭގޭ "ފުރޭތައެއް" އަރާ އެރަށުން މީހުން މަރުވެ އަދި ބައެއްމީހުން މޮޔަވާން ފެށުމެވެ. މިކަމުގެ ސަބަބުން ރަށުގެ މީހުނަށް ހަމަނިންޖަކުން ނިދާނުލެވެއެވެ. މި ދެމީހުންގެ ކޯޅުމާއި، މިފުރޭތައިގެ ސަބަބުން ރަށުގެ މީހުން ގޮތްހުސްވެ މާޔޫސްވާން ފެށުމުން އެހެންބައެއްގެ އެހީތެރިކަން ހޯދަން މަޝަވަރާ ކުރުމުން، އެކަމަކަށް ތާއީދު ނުލިބުނެވެ.

މިފަދަ ދަތިޙާލުގައި ދުވަސްތައް ބަރުދާސްތު ކުރަމުން ހުޅުވާރުލުގަ މީހުން އުޅެމުން އަންނަނިކޮށް ކުރިން ދެންނެވިހެން އެރަށުގެ "އަންހެނުން"ގެ ރީތިކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެރަށަށް މީހުން އަންނާތީ އެ މައްސަލަ ބޮޑުވެއްޖެއެވެ. އެހެން ރަށްރަށުން އަންނަނީ މުއްސަދިންނެވެ. މިގޮތުން އެއްވަގުތެއްގައި ގާތްގަޑަކަށް 1200އަންހެނުންނާއި އިދެގެން 1200 ފިރިހެނުން 12 ދުވަހުގެ ތެރޭގައި ދިޔަކަމަށްވެއެވެ. މިހެން މިކަންތަށް ހިނގަންފެށުމުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާންފެށިވެ. ވާނީވެސް އެހެންތާ! އެރަށުގެ ފިރިހެނުންނަކީ އަންހެންކުދިން ހިތްކިޔާފަދަ ރީތިބައެއް ނޫނެވެ. އެހެންކަމުން އެރަށުގެ ފިރިހެނަކާ އިންނާނެ "ފަތްމިންޏަކު" އެރަށަކުތެވެ. މިއީ ވަރަށްހިތި، އަސަރު ކުރުވަނިވި ހާދިސާއެއްކަމުގައި އެޒަމާނުގެ މުސްކުޅި ހަރުމީހުންގެ ވާހަކަ ތަކުން އެގެއެވެ. އަދި ރާއްޖޭގެ އެކިރަށްރަށުގެ ފިރިހެނުންނާއި އިދެގެން މިރަށުގެ ރީތި އަންހެންކުދިން ރަށުންބޭރަށްދިއުން ގިނަވަމުންގޮސް އެއްމެފަހުން ރަށުން އަންހެންކުދިން ހުސްވާ ހިސާބަށް ކަންތައް ހިގައްޖެއެވެ.

Advertisement

މިކަމާއިގުޅިގެން އެރަށުގައި ދޭދޭމީހުން ވާހަކަ ދައްކަމުންގޮސް އެންމެފަހުން ހުރިހާ ފިރިހެނުން އެއްވެ ކަންތައްކުރާނެ ގޮތަކާއިމެދު މަޝަވަރާ ކޮށްފިއެވެ. އެންމެންނަށްވެސް ފެނުނީ ދެން އެރަށުގައި އުޅެވޭނެ ގޮތެއް ނެތްކަމަށާއި، ރަށްދޫކޮށް ދިއުން ނޫންގޮތެއް ނެތްކަމަށެވެ. މިގޮތަށް އެއްމެން އެއްބަސްވެ ރަށުގައިތިބި ހުރިހާ ފިރިހެނުން އޭރު އެރަށުގައި ތިބި މަދު އަންހެން ކޮޅާއިއެކު ފުރަފުރައިގެން އަތޮޅުގެ އެކިއެކި ރަށްރަށަށް ދިޔަކަމަށްވެއެވެ. އެދުވަހުންފެށިގެން ހުޅުވާރުލަކީ ފަޅުރަށެކެވެ. މިއީ ޙަޤީގަތެއްކަން ދޭހަވާ އާސާރުތައް މިހާރުވެސް އެރަށުގައި އެބަހުއްޓެވެ. ދެވަނަ ހަޤީގަތަކީ މިހާރުވެސް ވާރުލު ދަރިކޮޅުމީހުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.

މުސައްނިފް ނ.ތ. ހަސަންދީދީ ލިޔުއްވި ކުރީގެ "ހުވަދު އަތޮޅު" ފޮތުގައި އޮތް ލިއުމުގެ ނަކަލެކެވެ. މި ލިޔުންވާނީ އަސްލު ނުގެއްލޭނެހެން މިހާރު ބޭނުންކުރާ ގޮތަށް ބަސްތަކާއި ޖުމްލަތައް ބަދަލު ކުރެވިފައެވެ.

+1
0
+1
6
+1
0
+1
6
+1
4
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް