December 5, 2024 07:02
Advertisement

-Advertisement-

ސަހާގެ އާއިލާގެ ފޮޓޯ: މަމްސްއެއިޑް

ދެކުދިންނާއި މާމަ ބަލަމުން ބަލިއެނދުގައި އޮތް ފިރިމީހާއަށް ލޯތްބާއި އަޅާލުން ދިނުމުގައި ނަމޫނާއެއް!

މިއީ 'މަމްސް އެއިޑް' ގައި ގެނެސްދީފައިވާ 'ސަހާ' (އަސްލުނަމެއް ނޫން)ގެ ވާހަކައެވެ. 18 އަހަރުން ދަށުގެ ކުޑަދެކުދިން ގޮވައިގެން ސަހާ މިއަދު އެދައްކަނީ ނަމޫނާއެކެވެ. ސަހާ އަކީ ކުޑައިރުއްސުރެ ނިކަމެތި ހާލުގައި ދިރިއުޅުނު މީހެކެވެ. ސަހާ އާއި އޭނާގެ އެއްބަފާ ދެކުދިންގެ ޒިންމާ ނެގީ މާމައެވެ. ގޭގެ ކުނިކަހައި، ކައްކައިދީ އެއްޗެހި ދޮވެދިނުން ފަދަ ކަންކަން ކުރަމުން އެ މާމަ ދިޔައީ ވެވުނު ވަރަކުން މި 3 ކުދިންގެ ބޭނުންތައް ފުއްދައިދެމުންނެވެ.

ސަހާ އަކީ އަތުގެ ނާރުތަކުގެ މައްސަލަ ހުންނަ މީހަކަށް ވުމުން އަތް ތުރުތުރުލާތީ ގިނަ ވަގުތު ބުރަ މަސައްކަތް ކުރުމަކީ އުނދަގޫ ކަމެކެވެ. އުމުރުން 20 އަހަރުގައި ކައިވެނިކޮށް ލިބުނު 2 ކުދިން ގޮވައިގެން ރަނގަޅު ދިރިއުޅުމެއް އުޅުމަށް ސަހާ އާއި އޭނާގެ ފިރިމީހާ ނިހާދު މަސައްކަތް ކުރިއެވެ. ރަނގަޅު އާމްދަނީއެއް ލިބޭނެ ހުރިހާ މަގުތަކެއް ބަލައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ ދެމަފިރިން މަސައްކަތް ކުރިއެވެ.

ސަހާގެ ދެމަފިރިންނާއެކު އޭނާގެ މާމަވެސް ދިރިއުޅެމުން އައިއިރު 2016 ވަނަ އަހަރު މާމަ ގައިގައި ކާރަކުން ޖެހި ވެއްޓުނު ގޮތަށް ވަރަށް ބޮޑަށް އަނިޔާވެ ނަފްސާނީ ގޮތުން ބަލިކަށިވިއެވެ. މާމައަށް ލިބުނު އަނިޔާތަކުން ރަނގަޅުވުމުންވެސް އަމިއްލައަށް ތެދުވެ ހިނގަން ބިރުގަނެ އެނދުމަތިވި ގޮތަށް ބަލިއެނދުގައި އެ މާމަ އޮންނަތާ މިވަނީ 8 އަހަރު ވެފައެވެ. 2 ކުދިން ގޮވައިގެން އުޅެމުންވެސް ސަހާ ދަނީ އެ މާމަގެ ހުރިހައި ކަމެއް ކޮށްދެމުންނެވެ.

Advertisement

އުފާވެރި ދިރިއުޅުމެއް އުޅެމުންއައި ސަހާގެ އާއިލާ އަށް އިތުރު ހިތްދަތިކަމެއް ލިބުނީ ބޮޑު ދަރިފުޅުގެ އުމުރުން 13 އަހަރުގައި ނިހާދުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މީހާ އަބަދު ވަރުބަލިވެ ނުތެދުވެވި އޮންނަން ފެށުމުންނެވެ. އެއިރު ވާގޮތެއް ފިރިމީހާއަށް ބުނެދޭން ނޭނގެއެވެ. ވަޒީފާއަށްވެސް ފަރުވާ ކުޑަކުރެވެން ފެށުމުން އެންމެފަހުން އެވަޒީފާއިން ވަކިކުރީއެވެ.

ނިހާދުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ ސަހާ އެންމެފަހުން ފުރައިގެން ދިޔައީ ނިހާދު ގޮވައިގެން އިންޑިއާއަށެވެ. އެއިރު ނިހާދުގެ ކަނާއަތުގެ ވާގި ގޮސް އަތުގެ މަސްތައް އެއްކޮށް ވިރި އަތުގެ ހަންތައް ހުރީ ކަށީގައި ތަތްވާވަރުވެފައެވެ.

" ފުރަތަމަ ކަނާއަތުގެ ވާގިގޮސް އަތް އެއްކޮށް ހިމަވެ ހިކުނީ. އިންޑިއާއަށް ދިޔަތާ މާގިނަ ދުވަހެއް ނުވެ ކަރުންނާއި އުނަގަނޑުގެ ތިރިން ވާގިދާކަން ފާހަގަވެ ނިހާދުއަށް ނޭވާލުމަށްވެސް އުނދަގޫވާން ފެށި. ހާލު މާބޮޑަށް ގޯސްވުމުން އިންޑިއާގެ ހޮސްޕިޓަލުގެ އައިސީޔޫގައި 45 ދުވަހު ބޭއްވި. މީހުން ވަކިކުރަން ނޭނގޭ ހާލުގައި އޭރު އޮތީ". އަސަރާއެކު މަމްސް އެއިޑްގައި ސަހާ ހިއްސާކޮށްފައިވެއެވެ.

ލޯބިވާ  ފިރިމީހާ ހާލު އެހާ ބޮޑަށް ގޯސްވެ އުންމީދު ކަނޑާލާ ހިސާބަށް ދިއުމުން ސަހާގެ ލޮލުން ކަރުނަ ނުހިކި އާހިތްވަރެއް ކުރަން ޖެހުނެވެ. ޒުވާން އުމުރުގެ ދުވަސްތައް ބަލިއެނދުގައި ފިރިމީހާ ހޭދަކުރަންޖެހުމުން ކުދިންގެ އިހުސާސްތައްވެސް އެންމެ ކައިރިން ފެންނާނީ ސަހާއަށެވެ. މަންމައާއި ބައްޕަގެ ލޯބި ދެވޭތޯ ސަހާ އެދަނީ މަސައްކަތް ކުރަމުންނެވެ.

ސަހާގެ އާއިލާ ދިރިއުޅެމުންދާ ގެ

ފިރިމީހާ އަށް ޖެހުނު ބައްޔަކީ " އެމައޮޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް" ނަމަކަށް ކިޔާ ބައްޔެކެވެ. ނިހާދު އެނދުމަތިވެފައި އޮންނަތާ މަސްތަކެއް ވެއްޖެއެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތުގައި މިހާރު އޮތީ ރަށު ހޮސްޕިޓަލުގައެވެ.

" ނޭވާލުމަށް އުނދަގޫވާތީ 'ޓްރެކިއޮސްޓޮމީ ޓިއުބެއް' ވެންޓިލޭޓަރ މެޝިނަކާ ގުޅާފައި ހުންނަނީ. އެ މެޝިނުގެ އެހީގައި ނޭވާ ލެވެނީ. ބަނޑަށް ހޮޅިއެއް ލައްވައިގެން އެ ހޮޅިން ކާންދެނީ. ނިހާދު ކިތަންމެ ބައްޔަސް ސިކުނޑި މަސައްކަތްކުރާތީ އަހަރެމެން ދައްކާ ވާހަކަ އަޑުއިވޭ. އެކަމަކު ވާހަކަ ނުދެއްކޭތީ ޖަވާބު ދެނީ ލޮލުގެ އިޝާރާތުން". ސަހާ ކިޔައިދިނެވެ. ޖެނެޓިކް މި ބަލީގައި ނިހާދުގެ ބޮޑުބޭބެއާއި އޭނާގެ ދެކުދިން ވެސް ވަނީ ނިޔާވެފައިކަމަށް މަމްސްއެއިޑްގައި ފާހަގަކޮށްފައިވެއެވެ.

ބަލިއެނދުގައި އޮތް މާމައާއި ފިރިމީހާ ދޫކޮށް ވަޒީފާއަކަށް ދެވެން ވެސް ސަހާއަކަށް ނެތެވެ. ނިހާދުއަށް އެލަވަންސަށް ލިބޭ 6000 ރުފިޔާ ހަރަދު ވަނީ އޭނާއަށް ބޭނުންވާ ނެޕީއާއި ޕްރޮޓީންސް އަދި ކާއެއްޗެހި ހޯދުމަށެވެ. ކުދިންނަށް ރަނގަޅު ކާއެއްޗެހި ހޯދައި ނުދެވި ހުސްބަތްކޮޅެއް ދީގެން ހުންނަންޖެހޭ ދުވަސްވެސް އާދެއެވެ. މިހަކަލަ ހާލަތްތަކުގައި އެކަނިވެރި މައިންނަށް ލިބޭ އެލަވަންސް ލިބޭތޯ ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ.

ސަހާގެ ދޮށީދަރިފުޅު އާހިލް އަކީ ވެސް ކުޑައިރުން ފެށިގެން ބްރެއިން ޑިވެލޮޕްމަންޓް ލަސްކުއްޖެކެވެ. ސަހާ ފަދައިން އަތުގެ ނާރުގެވެސް މައްސަލަ ހުންނަ ކުއްޖެކެވެ. ވިޒިޓިންގ ޑޮކްޓަރަށް ދައްކަން ފައިސާ ނެތުމުން ފަރުވާ ނުދެވެއެވެ. ބޮޑު ޚަރަދު ކޮށްފައި އާއިލާ ގޮވައިގެން މާލެއަށް ފަރުވާ ހޯދުމަށް އަންނާނެ ތަނަވަސްކަމެއް ނެތެވެ. ބޮޑު ދަރިފުޅަކީ ބަލިކުއްޖަކަށް ވުމުން ލިބޭ 3000 ރުފިޔާ އާއި މާމައަށް ލިބޭ ރުފިޔާއިން ވެސް އާއިލާގެ ޚަރަދުތައް ދެކޮޅު ޖައްސަން ވަނީ އުދަގޫވެފައެވެ. ސަހާއަށް ހަމައެކަނި އާމްދަނީއެއް ލިބެނީ މިސްކިތުގައި މަސައްކަތް ކުރާ މީހަކު ނުނިކުންނަ ދުވަހަކު ބަދަލުގައި ސަހާ ނުކުންނަ ދުވަހަކަށް ލިބޭ 200 ރުފިޔާއެވެ.

ދެކުދިންނާއި މާމަގެ ކަންކަން ކުރުމަށްފަހު ސަހާ ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރަނީ ފިރިމީހާއާއެކު ހޮސްޕިޓަލުގައެވެ. ލޯތްބާއި އޯގާތެރިކަމާއެކު ފިރިމީހާއާއެކު ހުރިކަން އަންގައިދީ ހިތްވަރު ދިނުމަށެވެ. އެވަގުތުތަކުގައި ފިރިމީހާގެ ލޮލުން ފެންނަ އުފާވެރިކަމުން ސަހާއަށް ހިތްހަމަޖެހުން ލިބެއެވެ. ދަތިކަމާއި ވޭނާއި ކެކުޅުމުގައި ވެސް ސަހާ އެދައްކަނީ ގަދަ ހިތްވަރެކެވެ.

ނޯޓް: މަމްސް އެއިޑް އިން އާންމުކޮށްފައިވާގޮތުގައި ސަހާގެ އާއިލާއަށް އެހީ ހޯދުމުގެ ބޭނުމަކީ ޑޮކްޓަރީ ފަރުވާއާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން 1 އަހަރު ދުވަހަށް ބޭނުންވާ ކާބޯތަކެތި ހޯދައިދިނުމެވެ. އަދި ކުދިންނަށް ބޭނުންވާ އަންނައުނާއި ކިޔެވުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމެވެ. އެއިރުން ސަހާގެ އާއިލާއަށް އެ ލިބޭ އާމްދަނީއިން ކޮންމެވެސް މިންވަރެއް ރައްކާކުރެވި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބޭނެ އެހީއަކަށްވާނެއެވެ.

ސަހާގެ އާއިލާއަށް އެހީ ފޯރުކޮށްދިނުމަށް މަމްސް އެއިޑްގެ އެކައުންޓް ނަންބަރު:

7730000562469 ދިވެހި ރުފިޔާ އެކައުންޓް ނަންބަރު

7730000562470 ޑޮލަރު އެކައުންޓް ނަންބަރު

 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް