December 23, 2024 02:11
Advertisement

-Advertisement-

ފޮޓޯ: ޖިއޯކޮލަމްބޯ.ކޮމް

ޑޮކްޓަރ ޝިފާންގެ ލިޔުއްވުމެއް: ކީމޯތެރަޕީގެ ފަރުވާ ނަގަމުންދާ މީހެއްގެ ހަށިގަނޑުން ބޭރުވާތަކެތި ރައްކާތެރިކަމާއެކު ނައްތާލާނެގޮތް

ތައާރަފް:

ކީމޯތެރަޕީގެ ފަރުވާ ނަގަމުން ގެންދާމީހެއްގެ ހަށިގަނޑުން ބޭރުވާ (ބޮޑުކަމުދާ، ކުޑަކަމުދާ، ދަވަ އަދި ހޮޑުފަދަ) ތަކެތި ނައްތާލުމުގައި (ގެންގުޅުމުގައި) ޚާއްސަ ސަމާލުކަމެއް ބޭނުންވެއެވެ. ސަބަބަކީ ކީމޯގައި ބޭނުން ކުރެވޭ ބޭސްތަކުގައި ހިމެނޭ ކެމިކަލްތަކަކީ "ސައިޓޯ ޓޮކްސިކް" މާނައަކީ ހަށިގަނޑުގައި ހުންނަ ރަނގަޅު (ބަލިނޫން) ސެލްތަކަށް ގެއްލުންދޭ ނޫނީ ސެލްތައް ނައްތާލާ ފަދަ ބާރުގަދަ ކެމިކަލް އަކަށް ވާތީ އެވެ.

މި ލިޔުމަކީ، ސިއްޙީ މަސައްކަތްތެރިންނާ، ބަލިމީހުންގެ އެހީތެރިން، ކީމޯތެރަޕީގެ ފަރުވާ ނަގަމުންދާ މީހެއްގެ ހަށިގަނޑުން ބޭރުވާތަކެތި ރައްކާތެރިކަމާއެކު ނައްތާލާނެ ގޮތާމެދު ލިޔެވިފައިވާ ލިއުމެކެވެ. އަދި މިލިޔުމަކީ "ގައިޑްލައން" ތަކުގެ އަލީގައި ލިޔެފައިވާ ލިޔުމެކެވެ.

Advertisement

ކީމޯތެރަޕީގެ ބޭހުން ބޭނުންކޮށް ނައްތާލާ (އުކާލާ) ބައިން ދިމާވެދާނެ ނުރައްކާތައް ދެނެގަތުން

ކީމޯތެރަޕީގެ ބޭސްތައް އަމާޒުކޮށް އުފައްދާފައިވަނީ، ހަށިގަނޑުގައި އަވަހަށް އުފެދި އިތުރުވާ ކެންސަރުގެ ސެލްތަކަށް އަމާޒުކޮށެވެ. ނަމަވެސް ހަށިގަނޑުގައިވާ އަވަހަށް އުފެދޭ އެހެނިހެން ސެލްތަކަށްވެސް އަސަރު ކުރެއެވެ.

(ގޮހޮރުގެ، އިސްތަށިބުޑު އަދި ކަށީގެމަދު ފަދަ)

މިފަދަ ބޭސްތަކަކީ ފަރުވާނަގަމުންދާ މީހާގެ ކުޑަކަމު، ބޮޑުކަމު ހޮޑު އަދިބައެއްފަހަރު ދަލުގައި އެކުލެވިގެން، ހާއްސަކޮށް ކީމޯނަގާތާ 48-72 ގަޑިއިރު ތެރޭ، ހަށިގަނޑުން ބޭރުވާ އެއްޗެކެވެ. (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ކުރިންވެސް ބަޔާން ކުރެވިފައިވާ ފަދައިން، ކީމޯގައި ބޭނުންކުރެވޭ ބޭސްތަކުގައި ހިމެނޭ ކެމިކަލްތަކަކީ "ސައިޓޯ ޓޮކްސިކް" މާނައަކީ ހަށިގަނޑުގައި ހުންނަ ރަނގަޅު (ބަލިނޫން) ސެލްތަކަށް ގެއްލުންދޭ ނޫނީ ސެލްތައް ނައްތާލާ ކެމިކަލްތަކެކެވެ. އެހެންކަމުން މިފަދަ ތަކެއްޗަކީ، މިފަދަ ތަކެތީގައި ތަކުރާރުކޮށް "ޖެހި" އުޅޭ ސިއްހީއެހީތެރިން، އަދި ބަލިމީހުންގެ އެހީތެރިން، ގެންގުޅުމުގައި ރައްކާތެރި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމެކެވެ. (ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ހަންގަނޑު ހަލާކުވުން، ލޮލަށް ގެއްލުންވުން، ދަރިމައިވުމުގެ ސިއްހަތަށް ދިމާވާހުރަސްތަކެއް އަދި ކެންސަރ އުފެދުމުގެ ރިސްކު އިތުރުވުން. (ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް، 2021)

ރަނގަޅުގޮތުގައި މިފަދަ ތަކެތި ނައްތާލުމުގައި ހެޔޮ އާދަތަކެއް ގެންގުޅުމަކީ އެންމެ މުހިއްމު އަސާސެވެ. ހާއްސަކޮށް ގޭތެރޭގައި ނަމަ، ސިއްހީ ހިދުމަތްތެރިންނަށް ލިބޭފަދަ ރައްކާތެރި ވަސީލަތްތަކެއް ނުލިބޭ ހާލަތެއްގައެވެ.

ރައްކާތެރިކަމާއެކު ކީމޯތެރަޕީ ގެ ސަބަބުން އުފެދޭ ތަކެތި ނައްތާލުމަށް ލިޔެވިފައިވާ "ގައިޑްލައިން" ތައް ބުނަނީ ކީކޭބާ؟

 

ޕީ.ޕީ.އީ ބޭނުން ކުރުން:

ކީމޯ ތެރަޕީ ގެ ފަރުވާ ނަގަމުންދާ މީހުންގެ ހަށިގަނޑުން ބޭރުވާ ތަކެތި ނައްތާލުމުގައި، އަދި ގެންގުޅުމުގައި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ)، އަންގި(ސާރޖިކަލް ގްލަވްސް)، މާސްކް،( ފޭސް ޝީލްޑް) އަދި ގައުން ފަދަ ވަސީލަތްތައް ބޭނުން ކުރަންވާނެއެވެ.

ހާއްސަކޮށް މިފަދަ ތަކެތި ގެންގުޅޭ (ގައިގޯޅިވެއުޅޭ) ހުރިހާއިރަކުވެސް އަންގި ބޭނުންކުރަން ވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި "ލޭޓޭކްސް" އަންގިއަށްވުރެ "ނައިޓްރައިލް" އަންގި ބޭނުން ކުރުމުގެ ފައިދާ އެތައް ގުނައަކަށް ރައްކާތެރި އެވެ. އެހެންކަމުން އެންމެ އެދެވިގެން ވަނީ "ނައިޓްރައިލް" އަންގި ބޭނުންކުރުމެވެ. (އޮންކޮލޮޖީ ނަރސިން ސޮސައިޓީ، 2021)

ފާހާނާ ތަށީގެ ފްލަޝްޓޭންކް ދެފަހަރު ފެންދުއްވާލުން

ބަލިމީހުން އަދި އެހީތެރިން ފާހާނާ ބެނުން ކުރުމައްފަހު (ބޮޑުކަމު، ކުޑަކަމު، ނޫނީ ހޮޑު)، ފްލަޝް ޓޭންކުން މަދުވެގެން ދެފަހަރު ފެންދުއްވާލަން ވާނެއެވެ. ހާއްސަކޮށް ކީމޯ ނެގިތާ 48-72 ގަޑި އިރު ތެރޭގަނަމައެވެ. މި ކަން މިގޮތަށް ކުރަންޖެހޭ ސަބަބަކީ، ހަށިގަނޑުން ބޭރުވާ މިފަދަ ތަކެތީގައި އެކުލެވޭ، ކީމޯގެ ކެމިކަލްގެ އަސަރު (ބާރު) ކަނޑުވާލުމުގެ ގަސްތުގައެވެ. އަދި މިފަދައިން ފެންދުއްވާލާއިރު ފާހާނާ ތަށީގެ މަތި ޖެހުމަކީ އެންމެ ރަނގަޅު ގޮތެވެ. މިގޮތަށް ކަންތައްކުރުމުން "ބުރައިގެން" ދާނެ މިންވަރު ވަރަށްބޮޑަށް މަދުކުރެވެއެވެ. އެހެންކަމުން އެހެންމީހެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރަނގަޅު އަސަރު ދުރުހެލި ކޮށްދެއެވެ. (މެޔޯ ކްލިނިކް، 2022)

ޑައެޕަރ ނޫނީ ޑިސްޕޯސަބަލް ޕެޑްސް ބޭނުން ކުރުން:

ހަށިގަނޑުން ބޭރުވާތަކެތި ޖެހޭފަދަ ތަންތަން (މިސާލަކަށް ފާހާނަ ތަށީގެސީޓު، މޫނުދޮންނަތަށީގެ އިސްކުރު)

ކުޑަކަމު ނޫނީ ބޮޑުކަމު ނުހިފެހެއްޓޭނަމަ، "ނެޕީ" ނޫނީ "ޕެޑް" ބޭނުން ކުރަންވާނެއެވެ. އަދި ބޭނުން ކުރެވިފައިވާ މިފަދަ ތަކެތި އަންގިއެއް ލައްވައިގެން، ލީކުނުވާފަދަ ކޮތަޅަކަށްލާ އެހެނިހެން އުކާލެވޭ ތަކެއްޗާ ވަކިކުރެވެން ވާނެއެވެ. މިފަދައިން ވަކި ކުރެވޭ ތަކެތި ނައްތާލުމަށް ހާއްސަ ގަވާއިދެއްގެ ދަށުން ކުރިޔަށް ގެންދެވޭނެއެވެ. (މިފަދައިން ނައްތާލެވޭތަކެތި ރައްކާތެރިކޮށް ނައްތާލުމަށް ހާއްސަ ގަވާއިދެއް ލިޔެވިގެން ވާނެއެވެ). (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ތަންތަން ސާފުކޮށް ބެލެހެއްޓުމުގައި ކަންކުރަންވީ ގޮތް:

ހަށިގަނޑުން ބޭރުވާތަކެތި ޖެހޭފަދަ ތަން ތަން، މިސާލަކަށް ފާހާނަ ތަށީގެ ސީޓު، މޫނުދޮންނަތަށީގެ އިސްކުރު ފަދަ ތަންތަން ބޭނުން ކުރުމަށްފަހު ރަނގަޅަށް ލައްފިލުވާ "ބްލީޗް" އެކުލެވޭ ސާފުކުރާ ވަސީލަތެއް ބޭނުން ކޮށްގެން، ގަވާއިދުން  ސާފުކުރަން ވާނެއެވެ. މިއީ، މިފަދަ ތަންތަން ބޭނުން ކުރާ އެހެން މީހުންގެ ރައްކަލަކަށް ކުރާ ކަމެކެވެ. (ސެންޓަރ ފޯރ ޑިސީސް ކޮނޓްރޯލް އެންޑް ޕްރިވެންޝަން، 2021).

އަންނައުނު ދޮވުމުގަ އަމަލުކުރަންވީ ގޮތްތައް:

ހަށިގަނޑުން ބޭރުވާތަކެތި ޖެހޭ އަންނައުނު، ބެޑުޝީޓުފަދަ ތަކެތި ގެންގުޅެންވާނީ ވަރަށް ސަމާލުވެ ރައްކާތެރި ކަމާއެކުއެވެ. ހާއްސަކޮށް މިފަދަތަކެތި ދޮންނަން ވާނީ އެހެން މީހުންގެ ތަކެއްޗާއި ވަކިންނެވެ. އަދި ދޮވުމުގަ ރަނގަޅު ގޮތަކީ ތާފެނާފެން ބޭނުން ކުރުމެވެ. ރަނގަޅު ދޮންނަ ކުނޑިއެއް ބޭނުން ކުރުމެވެ. މިފަދައިން ދޮންނަން ބޭނުން ކުރެވޭ ފެންގަނޑެއް ރައްކާތެރިކަމާއެކު ނައްތާލެވެން ވާނެއެވެ. އަދި މިފެންގަނޑުން އެހެންމީހުންގެ އެއްޗެހި ދޮވުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި މިފަދަ ތަކެތި ދޮންނަ މީހެއްވެސް ރައްކާތެރި ފިޔަވަޅު އަޅަން ވާނެއެވެ. އަދި މަދުވެގެން، ދޮންނަ މީހަކު އަންގިއެއް ބޭނުން ކުރަންވާނެއެވެ. (އޮންކޮލޮޖީ ނަރސިން ސޮސައިޓީ، 2021)

ހޮޑުފަދަ ތަކެތި ނައްތާލާނެ ގޮތް:

ހޮޑުފަދަ ތަކެތި ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހޮޑު ލެވިފައިވާތަނެއް ސާފުކުރުމުގައި އަންގި ބޭނުންކުރުން އަދި، ސާފުކުރުމުގައި "އެބްސޯރބް ކުރާ" ކަރުދާސް ޓިޝޫ، ކަރުދާސް "ޓަވަލް" ބޭނުން ކުރުން ރަނގަޅުވާނީ. މިފަދަ އިން ބޭނުން ކުރެވޭ ތަކެތި "ޑަބަލް ބޭގް" ފައްތަރުކުރެވިގެން ދެ ކޮތަޅު ބޭނުންކޮށް ރަނގަޅަށް ބަނދުކުރަން ޖެހޭނެއެވެ. އަދި މިފަދައިން ނައްތާލަން ވަކިކުރެވޭ ތަކެތި އެހެނިހެން ގޭގެ ތެރެއިން ނެރޭތަކެއްޗާ ވަކިކޮށްފަ ބަހައްޓަންވާނެއެވެ. އަދި، ހޮޑު އާންމުކޮށް ލެވޭނަމަ ގާތުގައި "ލީކު" ނުވާފަދަ ހޮޑުކޮތަޅު ގެންގުޅުން އެހީތެރި ވެދޭނެއެވެ. (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ތޫނު ތަކެތި، ނައްތާލެވޭ ތަކެތި ބެހެއްޓުމަށް ހާއްސަ "ކޮންޓެއިނަރެއް" ބޭނުން ކުރުން.

ބަލިމީހާ އަކީ އިންޖެކްޝަން ޖަހަންޖެހޭ މީހެއްނަމަ ނޫނީ މިފަދަ ތޫނުވަސީލަތެއް(އިންޖެކްޝަން ކަށި ފަދަ) ފަރުވާގެތެރޭގައި ބޭނުން ކުރަންޖެހޭ މީހަކަށް ވާނަމަ، ބޭނުންކޮށްފައިވާ ތަކެތި އެކަހެރިކޮށް ވަކި ދަޅެއް ނޫނީ ޕްލާސްޓިކް ކޮންޓޭނަރެއްގައި ވަކިން ބެހެއްޓުމަކީ ރައްކާތެރި ގޮތެވެ. އަދި މިފަދަ ކޮނޓޭނަރެއްގައި ސާފުކޮށް ނަންޖަހަން ވާނެއެވެ. ގޭތެރޭގެ އެހެނިހެން އުކާލެވޭ ތަކެއްޗާ، ވަކިން ބަހައްޓަން ވާނެއެވެ. (ނޯޓް ދިވެހިރާއްޖޭގައި ލިޔެވިފައިވާ ގަވާއިދުގެ ލިންކް އެކުލަވާލާނަމެވެ). (ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް، 2021)، (މިނިމަމް ސްޓޭންޑަޑް ފޮރ ހެލްތްކެއަރ ވޭސްޓް މެނޭޖްމަންޓް އިން މޯލްޑިވްސް، 2008).

މިފަދައިން ރައްކާތެރިވުމުގެ ބޭނުމަކީ ކޮބާ؟

މަތީގައި ބަޔާން ކުރެވުނު (ރައްކާތެރިކަމުގެ) ފިޔަވަޅު ތަކަކީ (ފަރުވާ ނަގާ މީހެއްގެ އިތުރުން، އެހެނިހެން މީހުންނަށް) ރައްކާތެރިވުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅު ތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކީމޯގައި ބޭނުން ކުރެވޭ "ސައިޓޮޓޮކްސިކް" ބޭހުގެ އަސަރު ހަށިގަނޑުގައި ދެމިހުރެ އެވެ. މިފަދަ ދިޔައެއްގައި އެހެންމީހަކު ޖެހިއްޖެނަމަ ސިއްހަތަށް (ދިގުމުއްދަތަކަށް) ނޭދެވޭ ބަދަލުތަކެއް އާދެއެވެ. އާންމުކޮށް ސިއްޙީ މުއައްސަސާތަކުގައި މިފަދަ ތަކެތި ނައްތާލުމަށް ގަވާއިދުތަކެއް ލިޔެވިފައި ހުރެއެވެ. މިސަބަބަށްޓަކައި މަތީގައި ބަޔާން ކުރެވުނު ކަންކަމަށް ރައްކާތެރިވެ، ގެއެއްގައި މިތަކެތި ގެންގުޅުމާ ނައްތާލުމުގައި ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

މިސާލަކަށް: ފާހާނާ ބޭނުން ކުރުމަށްފަހު ފާހާނާ ތަށިން 2 ފަހަރު ފެންދުއްވާލުން، އަދި މިފަދައިން ފެންދުއްވާލާއިރު ފާހާނާ ތަށީގެ މަތިގަނޑު ޖަހައިފައި ހުރުމުން ބުރައިގެން ވައިގެ ތެރެއަށް ގޮސްފާނެ އެތިކޮޅަކަށް ހުރަސް އަޅައެވެ. އަދި ހަމަ މިފަދައިން މިފަދަ ތަކެތި ގެންގުޅުމުގައި ރަނގަޅު އަންގި ބޭނުން ކުރުން، ލީކުނުވާފަދައިން ފައްތަރު ކުރެވިފައިވާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުން މިތަކެތި ހަށިގަނޑުގައި ޖެހުމެގެ ޗާންސް ކުޑަކޮށްދެއެވެ. އެހެންކަމުން، މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމުން ބަލިމީހާގެ އެހީތެރިންގެ އިތުރުން ގެއެއްގައި އުޅޭ އެހެނިހެން މީހުންވެސް މިފަދަ ތަކެތީގައި ޖެހުމުގެ ޗާންސް ކުޑަކޮށްދެއެވެ. މިއީ ރައްކާތެރިކަމަށް އެޅޭ އެންމެ މުހިއްމު އެއްފިޔަވަޅެވެ.

މަތީގައި ލިޔެވުނު ފަދައިން، ސިއްޙީ މުއައްސަސާތަކުގައި މިފަދަ ތަކެތި ނައްތާލުމަށް ގަވާއިދުތަކެއް ލިޔެވިފައި ހުރެއެވެ. މިސަބަބަށްޓަކައި މަތީގައި ބަޔާން ކުރެވުނު ކަންކަމަށް ރައްކާތެރިވެ، ގެއެއްގައި މިތަކެތި ގެންގުޅުމާ ނައްތާލުމުގައި ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ބަލިމީހާގެ އެހީތެރިއަކަށް ވާނަމަ މި މައުލޫމާތުތައް ވަރަށް ސާފުވާން ވާނެއެވެ. އެއްވެސް ޝައްކެއްވާނަމަ، ފަރުވާދޭ ޓީމުގެ މެމްބަރަކާ ސުވާލުކޮށް ރަނގަޅަށް އޮޅުންފިލުވަން ވާނެއެވެ. އަދި، ލިޔެވިފައިވާ މިފަދަ "ގައިޑްލައިން" ތަކަށް އާންމުން ހޭލުތެރި ކުރުމަކީ، މިފަދަ ތަކެތި ހަށިގަނޑުގައި ޖެހުމުގެ މަގު ހަނިކޮށްދޭ ކަމެކެވެ.

ފަހުބަސް

ކީމޯތެރަޕީ ނަގަމުންދާ މީހެއްގެ ހަށިގަނޑުން ބޭރުވާ ތަކެތި ގެންގުޅުމާ ނައްތާލުމަކީ ބުރަކަމަކަށް ވާއިރު، މިފަދަ ކަންކަން ރަނގަޅަށް ސަމާލުކަމާއެކު ކުރުމަކީ ބަލިމީހާގެ އިތުރުން އެތައްބައެއްގެ ސިއްހަތަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމެކެވެ.

މިފަދައިން ހަށިގަނޑުން ބޭރުވާތަކެތި ނައްތާލުމުގައި އެއްވެސް ޝައްކެއްވާނަމަ، ފަރުވާދޭ ޓީމުގެ މެމްބަރަކާ ސުވާލުކޮށް، ލިޔެވިފައިވާ ގަވާއިދުތަކާމެދު އަހުލުވެރިވާށެވެ. (ނޯޓް؛ އެކި ގައުމުތަކުގައި މިގޮތުގެމަތިން ލިޔެވިފައިވާ ގަވާއިދުތަކާ އާދަ ތަކުގައި ކޮންމެވެސް ވަރަކަށް ތަފާތުހުރެއެވެ).

އެހެންކަމުން، މިފަދައިން ބޭރުވާ ތަކެއްޗާ "ކީމޯ" ދީފަ އިތުރުވާ ބައި، ނައްތާލުމުގައި ލިޔެވިފައިވާ ގަވާއިދުތަކާ، ރިސާރޗް ގެ އަލީ ގައި އަމަލުކުރެވޭ އެންމެ ރަނގަޅު ގޮތް (ބެސްޓް ޕްރެކްޓިސް) ތަކާއި އެއްގޮތަށް އަމަލު ކުރުމަކީ، ބަލިމީހާ އާއި އެހީތެރިންގެ އިތުރުން ވަށައިގެންވާ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ.

ރެފަރެންސް

Algethami, A.A., Alshamrani, M.A., AlHarbi, A.M., AlAzmi, A.A., Khan, M.A. and AlHadidi, R.A., 2021. Evaluation of handling, storage, and disposal practices of oral anticancer medications among cancer patients and their caregivers at home setting in the Princess Noorah Oncology Center. Journal of Oncology Pharmacy Practice27(1), pp.20-25.

Easty, A.C., Coakley, N., Cheng, R., Cividino, M., Savage, P., Tozer, R. and White, R.E., 2015. Safe handling of cytotoxics: guideline recommendations. Current Oncology22(1), p.e27.

Oratz, T., 2021. Oral chemotherapy: An evidence-based practice change for safe handling of patient waste. Number 3/June 202125(3), pp.272-281.

Sargidy, A.A.W., Yahia, A., Ahmad, M., Abdalla, A., Khalil, S.N., Alasiry, S., Shaphe, M.A., Mir, S.A. and Kashoo, F.Z., 2022. Knowledge of safe handling, administration, and waste management of chemotherapeutic drugs among oncology nurses working at Khartoum Oncology Hospital, Sudan. PeerJ10, p.e14173.

Slotterback, S. and Stringer, R., 2018. Maldives Green Climate-Smart Hospitals: Hospital Vulnerability Analysis and Report. World Health Organization and Health Care Without Harm.

Takada, S., 2003. Principles of chemotherapy safety procedures. Clinical techniques in small animal practice18(2), pp.73-74.

Temima Oratz, B.S.N. and Racheal Ogletree, B.S.N., 2021. Oral Chemotherapy. Clinical Journal of Oncology Nursing25(3), pp.272-281.

https://health.gov.mv/en/downloads/minimum-standards-for-healthcare-waste-management-at-health-facilities

ޑރ.ޝިފާން ގެންދަވަނީ ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން

ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
1
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް