November 22, 2024 01:22
Advertisement

-Advertisement-

ދަރިން ރޯއިރަށް ބުނާހާ ކަމެއް ކޮށްދެންތަ؟ ނަތީޖާ ގޯސްވެދާނެ!

"ކުޑަކުޑަ ދަރިފުޅު ރޯލުމުން ހިތުގައި މަގޭ ހަމަ ޖެހިދެޔޭ!  

   ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން ހިތަކަށް މަގޭ ހަމަ ކެތް ނުވޭ!"  

މިއީ ދިވެހި ޝާއިރަކު އެކުލަވާލާފައިވާ މަދަހައެއްގައި ބައްޕައެއްގެ އިހުސާސެކެވެ.

Advertisement

ދަރިންނަކީ މާﷲ މައިންބަފައިންނާ ހަވާލުކުރެއްވި ބޮޑު އަމާނާތެކެވެ. އަދި ދެމަފިރިއެއްގެ ދިރިއުޅުން އުޖާލާކޮށްދޭ އަލިގަދަ ވޮށެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މަޔަކާ ބަޕައަކުވެސް ބޭނުންވާނީ ދަރިން ހެޔޮ ގޮތުގައި ބަލާ ބޮޑުކުރުމަށެވެ. އިސްލާމްދީނުގެ ރިވެތި ގިއުގަނޑުގެ ތެރޭގައި ހެޔޮލަފާ ދަރިއެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ މިއަދު ޅަ މައިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ސަބަބަކީ ޓީވީ އާއި އިންޓަނެޓް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ގިނަވެ އެތަކެތީގެ އަވާގައި ބެލެނިވެރިންނަށްވެސް ޖެހެވެނީއެވެ. އަދި ދުވާލުގެ ބުރަ ވަގުތުގައި އަވަދިނެތި އުޅޭއިރު ދަރިން ރޯލާ އިރަށް ހަމަ ހިތަށް ކެތްނުވަނީއެވެ. ކެތްނުވެގެން ހިތުގައި ޖެހިގެން ރުއިން ހުއްޓުވަން އަވަހަށް ދަރިން މަލަސްކޮށްލަންވެސް ދެވެނީ ކުރިން މިބުނިޒާތުގެ ކޮންމެވެސް ޑިވައިސްއެކެވެ. އެންމެ އާންމުކޮށް ފޯނު ނުވަތަ ޓީވީ އެވެ. ހަމަ ރޯލާއިރަށް ޓީވީ/އައިޕެޑް/ފޯނު ފަދަ އެއްޗެއް ދެއްކެނީއެވެ. ނުރޮއި ކުދިން ބައިތިއްބަން ބޭނުންވާތީ ގަޑި ދެގަޑިއިރު ވިޔަސް އެތަކެތީގެ ދޮށުގައި ކުދިން ބައިތިއްބަނީއެވެ.

ދަރިންނަށް ކާންދިނުމަކީވެސް ބައެއް ބެލެނިވެރިންނަށް ވަރަށް އުނދަގޫ ކަމެކެވެ. ފަސޭހައީ ޓީވީ ދައްކައިގެން ކާޓޫނެއް އަޅުވައިގެން ކަހަލަ ގޮތަކަށް ކުދިންނަށް ކާންދިނުމެވެ. އެހެންކަމުން ސްކްރީން ޓައިމް މި އޮންނަނީ ކުއްޖާގެ އުމުރަށްވުރެ މާ ބޮޑުތަނުންވެސް ހައްދުން ނައްޓާފައެވެ. އަދި ކުދިންގެ ސިކުނޑި ހެދިބޮޑުވުމުގައި ސްކްރީންގެ ސަބަބުން ހުރަސްއެޅޭ ފަހަރުވެސް އާދެއެވެ.

ސްކްރީންގެ ބަދަލުގައިި ގުދުރަތީ މަންޒަރުތައް ދައްކާ ގުދުރަތީ ވެށިން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ފެންނަ ކުލަތައް ހަމަލޮލަށް ތަޖުރިބާ ކުރަން ފުރުސަތުުދޭ ކުދިންނާއި ޓީވީ އާއި ވީޑިއޯ ގޭމާއި ޔޫޓިއުބް ފަދަ ވާޗުއަލް ދުނިޔެއެއްގައި ބޮޑުވާ ކުދިންގެ ސިކުނޑި ތަރައްގީވާ ގޮތާއި ސްޕީޑްގައިވެސް ބޮޑު ފަރަގެއް ހުންނަކަމަށް ރިސާޗަރުން ގަބޫލު ކުރެއެވެ. ހާއްސަކޮށް ދިވެހި ބައެއް ބެލެނިވެރިން ތަހައްމަލު ކުރަންޖެހޭ ބައެއް ހާލަތްތަކަށް ބަލާއިރު އެއްކަމަކީ ތުއްތުއިރު ސްކްރީންޓައިމް ގިނަވެގެންގޮސް ދަރިން ހެލިފެލި އުޅުމާ ދުރުވެ، ހެދިބޮޑުވުމަށްް އަސަރުކުރުން،، މުއާމަލާތް ކުރުން ނުވަތަ ސްޕީޑް ޑިލޭވުން، ލޮލުގެ ފެނުމަށް އަސަރު ކުރުން، ސިކުނޑީގެ ކުދިކުދި ސެލްތަކަށް ޓީވީ އާއި އައިޕެޑް/ފޯނު ފަދަ ތަކެތިން ފޮނުވައިދޭ ނޫ އަލީގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. އަދި އެހެން ކުދިންގެ ތެރޭގައި އުޅެން ނޭނގުމާއި އަމިއްލައަށް އަމިއްލަ ނަފްސް ބާކީ ކޮށްލެވޭ ފަދަ މައްސަލަތައްވެސް ކުރިމަތިވެއެވެ.  

ހާއްސަކޮށް މާލެ ފަދަ ތޮއްޖެހުން ބޮޑު އުސް އިމާރާތްތަކުގައި ކުދިކުދި އެޕާޓްމެންޓްތަކުގައި ދިރިއުޅޭ މައިންބަފައިންނަށް މިއީ މާ ގޮންޖެހުން ބޮޑުުކަމެއް ކަމަކަށް ވެދާނެއެވެ. ކުދިންނަށް ދުވެލާ ކުޅެ ހަދާނެ ޖާގައެއް ނެތުމާއި މަތީ ފްލޯތަކުގައި އުޅެން ޖެހޭތީ ފަސޭހައިން ކުދިން ގޮވައިގެން ބޭރަށް ނުދެވުމާއި، ކޮންމެ ކަމަކަށް ބުންޏަސް އެކުދިންނަށް ރޮވޭތީ އެކަމެއްް ކޮށްނުދީ ކެތްނުވާ ބެލެނިވެރިންވެސް އެބަތިއްބެވެ.

ރޯލާއިރަށް ޓީވީ، އައިޕެޑް، ފޯނު ނުދީ!

ބެލެނިވެރިން މުހިންމު ސަމާލުކަމެއް ދޭންވީ ތުއްތު ކުއްޖާ ތަރުބިއްޔަތު ކުރާއިރު ވީހާވެސް ބޮޑަށް ގޭތެރޭ މަސައްކަތްތަކުގައި މައިން ބަފައިންނާއި މާމަ އާއި ކާފަ ނުވަތަ އެނޫންވެސް ކުއްޖާގެ އާއިލާގެ މީހުންނާއެކު މަސްއޫލު ކުރުވައިގެން މަސަލަސް ކުރުމަށެވެ. ދަރިންނަށް ދަސްކޮށްދޭންވާނީ ދިރިއުޅުމުގެ ހަގީގީ ކުލަތަކެވެ. ކޮންމެ ހާލަތަކަށްވެސް ކެތްކުރަން ދަރިންނަށް ދަސްކޮށްދޭން ވާނެއެވެ. ޓީވީ ބަލަން އެދޭ ނަމަ ނުރޮއި ރީތިކޮށް ބުނަން ދަސްކޮށްދޭން ވާނެއެވެ. އަދި މައިން ބަފައިން ކަނޑައަޅާ ގަޑިއެއްގައި ދަރިން ޓީވީ ބެލުން ހުއްޓާލަށް ކުދިން އެއްބަސް ކުރެވިދާނެއެވެ. ދުވާލުގެ ކޮންމެވެސް އެއް ވަގުތެއްގައި ދަރިފުޅު ހިތްހަމަ ޖައްސާލަން ޓީވީ ދެއްކި ކަމުގައިވިނަމަވެސް 5 ފޫޓެއްހާ ދުރުން ކުދިންނަށް ޓީވީ ދެއްކުމާއި ޓީވީގެ އަޑުު މަޑުކޮށް ބެލުމަށް ކުދިންނަށް ދަސްކޮށްދޭން ވާނެއެވެ.

ރޯލާއިރަށް މި ތަކެތި ދިނުމުގެ ބަދަލުގައި ވަކި ގަވާއިދެއްގެ މަތިން ހަމަޖެހިފައިވާ ކުޑަ ވަގުތު ކޮޅަކަށް ކުދިންނަށް ސްކްރީން ދައްކާނަމަ ކުދިން ކުރަން ހުންނަ ކަންތައް އަވަހަށް ނިންމާލާފައި ޓީވީ ބަލަން އެކުދިންވެސް އެ ގަޑިއަށް ތައްޔާރުވާނެއެވެ. އެހެންކަމުން ކުދިން ޤުރުއާން ކިޔެވުމާއި، ހެނދުނު ސައި ބުއިން ނުވަތަ އެނޫންވެސް ގަޑިތަކުގެ ކެއުން ކާގަޑީގައި ނިންމުމަށާއި، ސްކޫލުން ތުއްތު ކުދިންގެ މުދަރިއްސުން ދެއްވާ ފިލާވަޅުތައް މުތާލިއާ ކުރުވުމާއި އަމިއްލައަށް އެއްޗެހި ކުރަހާލާ ކުލަޖައްސާ ނުވަތަ ފޮތެއް ބަލާލުން ފަދަ ކަންކަން ކުރަން ހާއްސަ ވަކި ވަގުތު ތަކެއް ކަނޑައަޅާނަމަ ކުއްޖާގެ ގައިގަ ވަގުތަށް ކަމޭހިތުމުގެ ރީތި އާދަ އާއި ތަރުތީބުން ކަންކަން ކުރުމުގެ ރީތި އާދަ އަށަގަންނުވަން ފަސޭހަވާނެއެވެ.

އެހެންނަމަވެސް އޭގެ ބަދަލުގައި ކުޑަކުދިން ހަމަ ރޯލާ ކޮންމެ ވަގުތެއްގައި ސްކްރީން ދައްކަން ވެއްޖެނަމަ ވަގުތުގެ މުހިންމު ކަމާއި ދުވާލާއި ރޭގަނޑުގެ ގަޑިތައް ފުރާލުމުގައި ވަކި ތަރުތީބެއް ނެތި އެކުއްޖަކު ބޭނުން ކަމެއް ބޭނުން އިރަކު ކުރުމުގެ އާދަ އަށަގަނެ ކުއްޖާ މައިންބަފައިންގެ މައްޗަށް ގަދަވެ ގަންނާނެއެވެ. އާހިރު ނަތީޖާއެއްގެ ގޮތުން ކުއްޖާ ބޭނުން އިރަކު އަމިއްލައަށްވެސް ޓީވީ ހުޅުވާނެއެވެ. ފޯނު ހުޅުވާނެއެވެ. ސްކޫލުންދޭ ފިލާވަޅުތަކަށް އިސްކަން ދިނުމުގެ ބަދަލުގައި ސްކްރީން އާއި އެކު ހޭދަކުރާ ވަގުތު ގިނަވެ ވަގުތުތައް ބޭކާރުވާނެއެވެ. ވޭހޭތާ ފެންނަގަން ކުދިންނަށް ދަހެއް ނުކޮށްދެވޭނެއެވެ. ކޮންމެ ކަމެއްވެސް ވަގުތުގައި ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށައެއް ނުގެންނުވޭނެއެވެ.

އަނެއްކާވެސް ޝާއިރެއްގެ ޅެމެއްގައި "ވެހޭތާ ފެންނަގާށޭ" މި ސުރުހީގެ ދަށުން ދީފައިވާ އަގުހުރި ނަސޭހަތްކޮޅެއް ހިމަނާލާނަމެވެ.

"ގެއްލިއްޖެ ނަމަ އަނބުރާ އަލުން ނުލިބޭނެ ވަގުތެއްް،

   ވީމާ ބާރުލައިގެން ނިކަން ދާށޭ ކުލާހަށް،

     ފަރުވާ ބަހައްޓައިގެން ފިލާވަޅުތައް ހަދާށޭ،

       މައިންބަފައިންދޭ ހެޔޮ ނަސޭހަތް އަޑުއަހައިގެންވީ އުޅޭށޭ،

          ފެންނަގާށޭވީ ފެންނަގާށޭވީ، ފެން ނަގާށޭވީ"

  މިއީ ޅެންވެރިޔާ ކުޑަކުދިންނަށް ދޭ އަގުހުރި ނަސޭހަތެކެވެ. މައިންްބަފައިންް ދަރިންްނަށްދޭންް މިިއީީ ރަނގަޅު އަގުހުރި ނަސޭހަތެއް ނޫންތޯޯ އެވެ؟ 

ރީތިބަހުރުވައިން ދަރިންނާ މުއާމަލާތު ކުރުން، ހަރުކަަށިކަން ދޫކޮށްލާ ކުއްޖާއާ އޯގާތެރިކަމާއެކު މުއާމަލާތް ކުރުން:

ދަރިން ރޯލާ އިރަށް ކުދިންނަށް އަޑުލާ ނަހަދާށެވެ. ކުރަން ޖެހޭ ކަމެއް ނުކޮށްފިނަމަ ހަރުކަށިވެ އަދަބު ނުދޭށެވެ. ދަރިންގެ ޅަ ސިކުނޑިތަކަށްް އެ ހުރިހާ ކަމެއް ނަގައިގަންނާނެއެވެ. އެހެންވީމާ އަބަދުވެސް ދަރިން މަސަލަސް ކުރުމުގައި އޯގާތެރިކަމާއި ލޯތްބާއި އެކު ކުދިންނާ މުއާމަލާތް ކުރަންވާނެއެވެ. އޭރުންް އުކުދިން ބޮޑުވެގެން އަންނައިރު މުޖުތަމުގެ ތަފާތު މިޒާޖުތަކުގެ މީހުންނާއެކު އުޅުމުގައި އަޅާލުމާއި އޯގާތެރިކަމާއި، ހިތްހެޔޮކަން އިސްކުރާނެއެވެ. އަދި މުސްކުޅި މައިން ބަފައިންނާ މުއަމާލަތް ކުރުމުގައިވެސް ލޯތްބާއި އިހްތިރާމާއި އޯގާތެރިކަން އެކުދިންގެ ކިބައިން ފެންނާނެއެވެ.

ރުޅި އިސްކުރާ ބެލެނިވެރިންގެ ކުދިން ގިނަ ފަހަރަށް ބޮޑުވާއިރު ރުޅި ގަދަވެއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ދަތިވެއެވެ. އަތް އިސްކުރެވެއެވެ. އަނިޔާއެއް ކޮށްގެން ނޫނީ އަދަބެއްދީގެން މެނުވީ ދަރިންލައްވާ ކަންކަން ނުކުރެވޭނަމަ ކުދިން އެ ކަންކަންދެކެ ފޫހިވާނެއެވެ. މިސާލަކަށް ގުރުއާން ކިޔަވަން ކުދިންނަށް މަޖުބޫރުކޮށް ނުކިޔަވައިފިނަމަ ހަރުކަށިި އަދަބުދޭނަމަ ކުދިން ގުރުއާން ކިޔެވުން ދެކެ ފޫހިވާ ގޮތްވާނެއެވެ. އަދި އެކަން ކުރާނީވެސް މަޖުބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ގުރުއާން ކިޔަވާނިމޭއިރު ކުއްޖާ އަށް ކަމުގެ މުހިންމުކަން އިހްސާސެއް ނުކުރެވޭނެއެވެ. މައިންބަފައިންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި މިކަން ކުރާނީ ފޫހިކަން މަތީގައެވެ. އަމިއްލަ ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. ހަރުކަށި ކަމާއެކު ކުއްޖާ ލައްވާ ގަދަބާރުން ކަންކަން ކުރުވާނަމަ އެކުދިން ސްކޫލު ދައުރުގައި ކިޔެވުން މަތިން ފޫހިވެ އެކަންކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަންނަ މިންވަރު ކުޑަވެއެވެ. އަދި ދިރިއުޅުމުގެ ވަކި 'ގޯލެއް' ހާސިލް ކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ކުޑަވާކަމަށް ދިރާސާކާރުން ބުނެއެވެ.

އޭގެ ބަދަލުގައި އިހުސާސްތައް ބޭނުންކޮށްގެން ކުދިންނާއި މުއާމަލާތްކޮށް ލޯތްބާއި އޯޯގާތެރިކަމާއެކު މުއާމަލާތް ކުރުމުން ކުއްޖާއަށް ކުރާ އަސަރު ބޮޑުވާނެއެވެ. މައިންބަފައިން ދެރަ ނުކުރަން ވެގެންވެސް ކިޔަވާނެއެވެ. މައިންބަފައިންގެ ނަސޭހަތަކީ ތިމާގެ މުސްތަގްބަލަށް ރަނގަޅަކަށްދޭ ނަސޭހަތްކަން ކުއްޖާ އަށް ވިސްނެން ފަށާނެއެވެ. އަދި މައިންބަފައިން ބުނާ ކަމެއް ބުނާ ވަގުތެއްގައި ނިންމާލާނެއެވެ. މައިންބަފައިންގެ ކުރިމަތީގައި އަދަބުވެރިވާނެއެވެ. އިިހްތިރާމްކުރާނެއެވެ. މައިންބަފައިންނާ ދިމާލަށް އަޑުގަދަކޮށް ހުތުރުބަހުން ވާހަކަ ދައްކާ އަނިޔާވެރި އެއް ނުވާނެއެވެ. ރިވެތި އަހްލާގާއި އޯގާތެރިކަމާއި ލޯތްބާއި އެކު މީހުންނާ މުއާމަލާތް ކުރަން ދަސްކޮށްދީފިނަމަ ދަރިން ބޮޑުވެގެން މުޖުތަމައަށް ނިކުންނަ އިރުވެސް ރިވެތިި އަހުލާގަށް އިސްކަންދޭނެއެވެ. ބާޒާރުމަތީީ ބަހުރުވައިން ގަދަރު ކުޑަކޮށް މީހުންނާއި މުއާމަލާތްކުރަން ޖެހިލުންވާނެއެވެ.

ތާވަލެއް ހަދައިގެން ކުދިންލައްވާ ކަންކަން ކުރުވުން:

މިއީ ކުއްޖާއަށް ދުވަސް ރާވާލަން ފަސޭހަވާނެ މަގެކެވެ. ޅައިރުންސުރެ މި އާދަ އަށަގެންނުވިއްޖެނަމަ ކުއްޖާ ބޮޑުވެގެން އައިސް ގިނަ ޒިންމާތަކެއް ބޮލުގައި އެޅޭހިނދު އެ ހުރިހާ ކަމެއް ބޮޑު ކަމަކަށް ނުހަދާ ވަގުތު ހޯދާލައިގެން ކަންކަން ކުރުމުގެ ބާރުވެރިން އެކުދިން ހޯދާނެއެވެ. އިނގިރޭސިބަހުން ބުނާ ނަމަ ކޮންމެ ކަމެއް މެދުވެރިވިޔަސް 'މެނޭޖް' ކޮށްލާނެއެވެ. އަދި ވަގުތަށް ކަމޭހިތާނެއެވެ. ގިނަ ކަންތައްތައް އަވަހަށް ނިންމާލަން ޖެހުނަސް ބޮޑު ކަމަކަށް ވެގެން އުނދަގޫވެގެން ނޫޅޭނެއެވެ.

ހުރިހާ ހާލަތަކަށްވެސް ރުހެން ދަސްކޮށްދިނުން:

ދަރިން ގޮވައިގެން އުޅުމުގައި ލައްކަ ގިނަ ކަންކަމުގައި ނޫނެކޭ ބުނަން ޖެހޭ ހާލަތްތައް އަންނާނެއެވެ. މިސާލަކަށް ކުޅޭ އެއްޗެއް ގަންނަން، ފިހާރައަކުން ފެންނަ ރީތި އެއްޗެއް ބޭނުން ވެގެން ބުނެލާއިރަށް، މެޓައެއް ޗޮކްލެޓެއް އެއްޗެއް ބޭނުންގެން ރޯލާ ކޮންމެ ފަހަރަކު އެއެއްޗެއް ގަނެދިނުމަކީ އެންމެ ބުއްދިވެރިގޮތެއް ކަމަށް ނުވެދާނެއެވެ. އަދި އެހެން ކުއްޖަކު ގެންގުޅޭ އެއްޗެއް ފެންނަ އިރަށް އެ އެއްޗެއް ބޭނުންވެގެން ރޮވޭ ފަހަރުވެސް އަންނާނެއެވެ. އެހެން ރޯލާއިރަށް ދަރިފުޅަށް ބުނެދޭންވީ ބޭނުން އިރަކު ބޭނުން އެއްޗެއް ގަންނަން މައިންބަފައިންގެ އަތުގައި ފައިސާ ނެތް ކަމަށެވެ. އަދި ބޭނުން ކަމެއް ބޭނުން އިރެއްގައި ނުވިޔަސް، ބޭނުން އެއްޗެއް ރޯލާ އިރަށް ނުލިބުނަސް އެކަމަށް ކެތްކޮށްލައިގެން އުޅެން ދަރިންނަށް ދަސްކޮށްދޭން ވާނެއެވެ.

އޭގެ ބަދަލުގައި ދަރިން ކުރާ ރަނގަޅު ކަންކަމަށް 'ރިވާޑެއް' ދިނުމަށް ނުވަތަ އިނާމެއް ދީގެން ކުއްޖާ ކުރާ ރަނގަޅު ކަމެއް ބަލައިގަތުމުގެ ގޮތުން ނުވަތަ 'އެޕްރިޝިއޭޓް' ކުރުމުގެ ގޮތުން ހަދިޔާ ދޭންވީ އެވެ. ރޮއިގެން ހަދިޔާ ހޯދުމުގެ އާދަ ކުއްޖާގެ ތަބީއަތުގައި އަށަގަންނުވައިގެން ނުވާނެއެވެ. ފައިސާއަކީ އަގެއް ވާއެއްޗެއްކަމާއި އެހޯދޭނީވެސް ބުރަ މަސައްކަތުންކަން ކުއްޖާއަށް ވިސްނައިދީފިނަމަ ކުދިންނަށް އިގްތިސާދު ކުރަންވެސް ދަސްކޮށްދެވޭނެއެވެ. އެހެންކަމުން ދަރިންގެ މުސްތަގްބަލުގައި އަމިއްލަ އާއިލާއެއް ފަށައިގެން އުޅޭ އިރު ފަހައް ރައްކާކުރުމާއި އިގްތިސާދު ކުރުމުގެ ރީތި އާދަ ކުދިންގެ ކިބައިގައި ހަރުލާނެއެވެ. މި އާދަ ހަރުލައިފިނަމަ ފައިސާގެ އަގު ދަންނާނެއެވެ. އަދި ގަދައަޅާ މަސައްކަތް ކޮށްގެން ހަލާލު އާމްދަނީ ހޯދާނެއެވެ. އެ އާމްދަނީން ހުރިހާ ބޭނުންތައް ފުއްދަން ދަސްކުރާނެއެވެ. މީހުންނަށް ސަލާންޖަހައިގެން ލޭންދޭނަށް ލޯނު ނަގައިގެން ދަރަނިވެރިވެގެން އުޅޭކަށް ނުޖެހޭނެއެވެ.

އެހެންނޫނީ އެ ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭއިރު ދިރިއުޅުމުގެ ހުރިހާ ކުލަތަކެއް ދަހެއް ނުވާނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާލަތަކަށްވެސް ރުހެން ދަރިފުޅަށް ދަހެއް ނުވާނެއެވެ. ބޭނުންހާ ކަމެއް ބޭނުންހާ ވަގުތެއްގައި ވާން ޖެހޭ ކަމަށް ގަބޫލު ކުރެވި މުޖުތަމައުގައި އަމުރުވެރި ރުޅިވެރި މީހަކަށްވެ މުސްކުޅި މައިންބަފައިން މަތިންވެސް ފޫހިކޮށްލަފާނެއެވެ. އަދި އެހެންމީހުން އޭނާދެކެ ފޫހިވާފަދަ މިޒާޖެއްގެވެރިއަކަށް ވެދާނެއެވެ.

ފުންކޮށް ވިސްނާށެވެ. ތިޔައިގެ ތެރެއިން އެއްވެސް ބެލެނިވެރިއަކީ މި ބުނި ފަދައިން ދަރިން ތަރުބިއްޔަތު ކުރާ ބައެއް ހެއްޔެވެ. ރަނގަޅު ޖީލެއް ބިނާކުރަން ބޭނުންނަމަ އަދުގެ ތުއްތު ކުރިން ތަރުބިއްޔަތު ކުރުމުގައި ތިމާއަށް ކުރިން ހެދެމުން އައި ގޯސްތައް އިސްލާހުކޮށްލާށެވެ. އަދި ދަރިންގެ މައްޗަށް ބެލެނިވެރިން ގަދަވެ ގަންނާށެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އިސް ފަރާތަކީ މައިން ބަފައިންނެވެ. އެ ދަރިން ނޫނެވެ. "ކުކުޅަށްވުރެ ބިސް ދޮށި ނުވާށޭ" ބުނާ ފަދައިން މައިން ބަފައިން ނަކީ ދަރިން ކޮންޓްރޯލް ކުރާ ބަޔަކަށް ނަހަދާށެވެ. އޭގެ ބަދަލުގައި މަންމަ އަށް ނުވަތަ ބައްޕައަށް ކުދިން ކޮންޓްރޯލް ކުރެވެންވާނެއެވެ. ކުދިން ޅައިރު އެންމެ މަތިން ބަސްބުނާ ފަރާތަކީ ނުވަތަ ފައިސަލާކޮށް ކަންކަން ނިންމާ ފަރާތަކީ މައިންބަފައިންކަން ދަރިންނަށް ދަސްކޮށްދޭށެވެ.

ނޯޓް:މި ލިޔުމުގައި ހިމަނާފައިވާ ގިނަ މައުލޫމާތަކީ 'ވެރީ ވެލް ޕޭރެންޓިން ޑޮޓް ކޮމް 'އާއި 'ފޯ ޓައިޕްސް އޮފް ޕޭރެންޓިން ސްޓައިލްސް' ގެ ނަމުގައި ހަދާފައިވާ ފަހުގެ ދިރާސާތަކުން އެއްކޮށްފައިވާ މައުލޫމާތެވެ.

+1
0
+1
2
+1
0
+1
1
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް