ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފުލެޓް އޭގެ ހައްގުވެރިންނަށް ދިނުން ލަސްވުމަކީ އެފުލެޓުތަކަށް ކުރިމަތިލި މީހުންގެ ކަންބޮޑުވުމެކެވެ. ނިމިދިޔަ ސަރުކާރުގައި އިމާރާތްކުރަން ފެށި މި ފުލެޓުތަކުގެ ތެރެއިން ބައެއް ފުލެޓުތަކުގެ މަސައްކަތް އެކީގައި ވަނީ ނިމިފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ނިމިދިޔަ ސަރުކާރުގައި އިއުލާން ކުރި ލިސްޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އާންމުންގެ ބަޔަކު ހުށަހެޅި މައްސަލަ އޭސީސީއިން ވެސް ވަނީ ބަލާފައެވެ. ވިހި ހާހަށްވުރެ ގިނަ މީހުން މި ފުލެޓުތަކަށް ކުރިމަތިލިއިރު ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމުން ލިސްޓް ފައިނަލް ނުކުރެވި ލަސްވަނީ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.
ރައީސް ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.
" އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް އަޅުގަނޑުމެން އަތެއް ނުލާނަމޭ. އަބަދުވެސް އޮންނަ ހަމައެއް އެންމެ ކުރިއްސުރެ ނުގަވާއިދުން މަކަރު ހަދައިގެން ދޮގު ހަދައިގެން ފޯޖު ޑޮކިއުމެންޓްސްލައިގެން މިކަހަލަ ގޮތަކަށް މީހަކު ފުލެޓެއް ގޯއްޗެއް ހޯދާފަ އޮވެއްޖިއްޔާ އެއީ އެމީހެއްގެ އަތުން ކެންސަލްވާނެ އެއްޗެއް. އެއީ އިސްތިސްނާއެއް. އެކަހަލަ ކަންތަކެއް ހިންގާފަ ހުރިއްޔާ ނޫނިއްޔާ އޭސީސީއިން އެބެލިބެލުންތަކުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފަ ހުރި ބަޔަކު ފިޔަވާ އެންމެންނަށް ވައުދުވިގޮތަށް ދޭށޭ މިތިބީ" ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބާރު ސްޕީޑުގައި އެވައުދުވިގޮތަށް އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މައިގަނޑު އަމާޒަކީ އެމީހަކަށް ފުލެޓު ލިބުނު ތަނަކުން ނުވަތަ ގޯތި ލިބުނު ތަނަކުން ދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
" އެކަމަކު ގޯސްތަކެއް ހަދާފަ އޮތް ބައެއްގެ މައްސަލަ ބެލިގެން ދާނެ. އަޅުގަނޑު އުންމީދު މިކުރަނީ ވީހާވެސް އަވަހަކަށް އެ 4000 ފުލެޓުގެ ކަންތައް ނިންމާ އަޅުގަނޑުމެންނަށް އިއުލާން ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް އިއުލާން ކުރަން މިމަސައްކަތް ކުރަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ކުރެވޭނެ ކަމުގެ". ރައީސް ވިދާޅުވިއެވެ.
އައު ސަރުކާރުން ދިޔައީ ވޭތުވެދިޔަ 1 އަހަރުވެސް އެލިސްޓް މުރާޖަޢާ ކުރަމުންނެވެ. އަދި ފައިނަލް ލިސްޓް އިއުލާންކުރާނެ ކަމަށް ތާރީޚުތަކެއް ދިން ކަމުގައިވިއަސް އެ ތާރީޚުތައް ނިމުނުއިރުވެސް ލިސްޓް އިއުލާން ނުކުރެވުމުން ނިމިދިޔަ ނޮވެންބަރުމަހު ވަނީ ލިސްޓް އާންމުކުރުން މުއްދަތެއް ހާމަނުކޮށް ފަސްކޮށްފައެވެ. ރައީސް މިއަދު ވިދާޅުވިގޮތަށް ރޯދައިގެ ކުރިންވެސް ފުލެޓް ލިބޭނެ މީހުން އެނގިގެންދިއުމަކީ އެއިންތިޒާރުގައި ތިބި މީހުންގެ ވަރަށް ބޮޑު އެދުމެކެވެ.