November 22, 2024 14:38
Advertisement

-Advertisement-

ސިސްޓް ހުރޭތަ؟ އަވަހަށް ކަސްރަތު ކުރަން ފަށާ!

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ސަބަބުން ތަފާތު އެކި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. އެންމެ ހިތްދަތިކަމެއް ކުރިމަތިވަނީ އެއުފުލަންޖެހޭ ވޭނުގެ އިތުރަށް ދަރިމައިވުމުގެ މައްސަލަތަކާއި ކުރިމަތިލާންޖެހުމެވެ. ޒީޓައިމްސް އާއި ވާހަކަދައްކަމުން ޕީސީއޯއެސް ތަހައްމަލް ކުރަމުންދާ މީހަކު ބުނެފައިވަނީ "ވަރަށް ދެރަވޭ ބަނޑުބޮޑުނުވެ ގިނަދުވަސް ހޭދަވާތީ. މިހާރު ވަރަށްގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެ. ބޭސްވެސް ކެވިއްޖެ. އަދި ހައްލެއްނާދޭ" މިގޮތަށެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންތަކެއް މިއަދު ތަހައްމަލް ކުރަމުންދާ ކަމެކެވެ.

ޕީސީއޯއެސް ނުވަތަ ކުދި ސިސްޓްތަކެއް ހުންނަނީ ހޯމޯންއަށް އަންނަ ބަދަލުތަކަކާއި ގުޅިގެންނެވެ. ބަރުދަން އިތުރުވެ ޕީރިއަޑްނުވެ ގިނަ މަސްތަކެއް ހޭދަވުން މިއީވެސް ޕީސީއޯއެސްގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. ބައެއް މީހުން ބަރުދަން އިތުރުނުވެ ހަށިގަނޑު ހިކިކޮށް ހުރި ކަމުގައިވިއަސް މިމައްސަލައާއި ކުރިމަތިލާންޖެހެއެވެ. އަދި މޫނުގައާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި އާދަޔާ ޚިލާފަށް އިސްތަށިފެޅުން މިއީ ވެސް ބައެއް އަންހެނުންނަށް ކުރިމަތިވާ ކަމެކެވެ.

ޕީސީއޯއެސް ހުންނަ މީހުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ކަސްރަތު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ޒީޓައިމްސް އަށް މަޢުލޫމާތު ދެއްވަމުން ޑރ.ޖުމެއިލަތު ބޭގަމް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި އަންހެނުންގެތެރޭގައި ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމެއްކަމަށެވެ.

Advertisement

" މީގެ އެންމެބޮޑު ސަބަބެއްކަމަށް ފާހަގަވަނީ ދިރިއުޅުމަށްއައި ބަދަލުތަކާއި ގުޅިގެން ބަރުދަން އިތުރުވުން. ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވެފަ ހުންނަތަން ފެންނަނީ. މިއީ އެކީގަ ރަނގަޅުވާކަމެއް ނޫން. އަމިއްލައަށް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަންޖެހޭނީ. ބަރުދަން ލުއިކޮށް ކަސްރަތު ކުރަންވީ" ޑރ. ޖުމެއިލަތު ވިދާޅުވިއެވެ.

ޑރ. ޖުމެއިލަތު ވިދާޅުވިގޮތުގައި ޕީސީއޯއެސް ހުންނަ ހުރިހާ މީހުންނަކީ އަދި ދަރިމައިނުވާ ބައެއް ނޫނެވެ. އެކި މީހުންނަށް ކުރިމަތިވަނީ އެކިކަހަލަ އުދަގޫތައް ކަމަށާއި، މިކަމަށް ފަރުވާދިނުމަށް އެކި މަރުހަލާތައް ހުންނަކަމަށެވެ. މިގޮތުން ދަރިމައިވުމަށް އުދަގޫވާ ފަރާތްތަކުން ކަސްރަތުކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.

ސިސްޓް ހުރެގެން ބޭނުންކުރުމަށް ޑޮކްޓަރު ދޭ ބޭހަކީ ދޭތެރެދުރުކުރުމަށް ދޭ ބޭހެއްގެ ގޮތުގައި ދެކޭ މީހުން ގިނަކަން ފާހަގަވެއެވެ. އަދި އެބޭހުގަ ސައިޑް އިފެކްޓްސް ހުންނަކަމަށްބުނެ އެބޭނުން ކުރުމަށް ބޭނުންނުވާ މީހުންވެސް އުޅެއެވެ. ބައެއް މީހުން މިބޭސް ބޭނުންކުރުމުން ވަރުބަލިވެ ހޮޑުލުމުގެ މައްސަލަތައް ކުރިމަތިވެފަ އެބަހުއްޓެވެ. ޑރ.ޖުމެއިލަތު ވިދާޅުވިގޮތުގައި ކޮންމެ ބޭހަކީވެސް ސައިޑް އިފެކްޓްސް ހުންނާނެ ބޭހެކެވެ.

 " އެކަމަކު އޭގެ އަސަރު އެކި މީހުންނަށް ކުރާނީ އެކިވަރަށް. ނުގުޅޭ ބޭހެއްވެއްޖިއްޔާ އެބޭހެއް ބަދަލުކުރަން އަންނާނީ ޑޮކްޓަރު ކައިރިއަށް. ނުގުޅެއޭ ބުނެ ބޭސް ކެއުން ހުއްޓާނުލުން މުހިއްމު. ބައެއްމީހުން މިބޭހަށް ކިޔާ ދޭތެރެދުރުކުރާ ބޭހޭ ވެސް. އެއްބޭހެއް ވަރަށްގިނަ ކަންތައްތަކަށް ދޭނެ. އެބޭސް އެދެނީ ސިސްޓްކަންތަކަށް. ބޭސްކެއުން ހުއްޓާނުލާ ޑޮކްޓަރު ކައިރިން މައުލޫމާތު އޮޅުންފިލުވާ" ޑޮކްޓަރު ޖުމެއިލަތު ވިދާޅުވިއެވެ.

ސިސްޓް ހުރުން މިއީ ހިތްދަތި އިހުސާސްތަކެއް ކުރެވޭކަމެކެވެ. މިކަމުން ރައްކާތެރިވުމަށް ބަރުދަން ހުންނަންޖެހޭ މިންވަރުގައި ބެހެއްޓުމަށް އިސްކަންދީ، ގަވާއިދުން ކަސްރަތު ކުރުމަކީ މިކަމަށް އަމިއްލައަށް ދެވޭނެ އެންމެބޮޑު ފަރުވާއެވެ.

+1
0
+1
0
+1
0
+1
0
+1
1
+1
0
+1
5

Advertisement

ގުޅުންހުރި ލިޔުންތައް