February 23, 2025 16:23
Advertisement

-Advertisement-

ރ. ވާދޫ އަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުންފުޅުވޭ- ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. ވާދޫ އަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ. މިގޮތުން ރަށުގެ މުސްތަގުބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ވަނީ ހިއްސާކުރައްވާފައެވެ.

ވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ނުހަނު ބޭނުންފުޅު ވާ ކަމެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރ. ވާދޫ ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަގައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ. ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ރައީސް ވިދާޅުވީ، ރަށުގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށާއި، ރ.ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއް ކަމަށެވެ. އަދި އެކަމަށް މަރްޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތްވަރުވެސް ދެއްވައިފައެވެ.

2028 އަންނަ އިރު މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި، އެންމެ މަދުވެގެން 3 ބައިކުޅަ 1 ބަޔަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެންދެވޭ ޚިދުމަތެއް ކަމުގައި ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއްބެވި ކަމަށް ވަންޏާ، އެ ރަށުގެ ހުރިހާ ތަންތަނަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައެވެ. ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ މި ރޮނގުން މޮޑެލް ރަށަކަށް ހައްދަވަން ބޭނުންފުޅުވާކަމަށާއި، މުޅި ރަށް އެއްކޮށް، އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ރ. ވާދޫގެ ރައްޔިތުންނަށް އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން، ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލަވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވިއެވެ.

ގިރާ ސަރަޙައްދުގެ މައްސަލައަށް އިޝާރާތް ކުރައްވާ، ރައީސް ވިދާޅުވީ އެ މައްސަލަ ޙައްލު ކުރުމަށް ބޮޑުހިލަޖެއްސުމުގެ މަޝްރޫޢު ކުރިއަށް ދާއިރު، ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމަށެވެ.

ކައުންސިލުން އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ރ. ވާދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ. ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ އެންމެ ބޮޑު ޔަޤީންކަމަކީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ކަމުގައިވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިއެވެ. އެގޮތުން އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރީ، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް