February 6, 2025 03:00
Advertisement

-Advertisement-

ދުވަސް ނުފުރާ ވިހެއި ކަމުގައިވިއަސް ދަރިފުޅު މަރުވުން މިއީ އެންމެ ހިތްދަތި އިހުސާސް! ވިހެއުމުގެ ޗުއްޓީ ލިބެންޖެހޭ!

ވިހެއުމުން މައިންނަށް 6 މަސް ދުވަހުގެ ޗުއްޓީ އަދި ބަފައިންނަށް 1 މަސް ދުވަހުގެ ޗުއްޓީ މުސާރައާއެކު ދޭގޮތަށް ފަށައިފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެންނެވެ. މިއީ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޤަވާއިދަށް ގެނައި ބަދަލެކެވެ. އެހެންނަމަވެސް ސަރުކާރުގެ ބައެއް އެހެން މުއައްސަސާތަކުންވެސް މިގޮތަށް މައިންނަށް ޗުއްޓީ ދީފައިވެއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި 15000 އަންހެނުން މަސައްކަތް ކުރާ ކަމަށް ލަފާކުރެވޭއިރު ވިހެއުމަށްފަހު ކުޑަދަރިފުޅަށް ވަގުތު ދިނުމަށް ވަޒީފާ ދޫކުރާ މީހުންވެސް އުޅެއެވެ. އެކަމަކު ޗުއްޓީއަށް ގެނައި ބަދަލާއެކު މިއީ މައިމީހާއާއި ކުޑަދަރިފުޅަށް ލިބިގެންދިޔަ އުފާވެރި ފުރުސަތެކެވެ. އެކަމަކު ދުވަސްނުފުރާ ބަނޑަށް 6 މަހުގައި ނުވަތަ 7 މަހުގައި ވިހެއުމަށްފަހު ދަރިފުޅު މަރުވުމުން ނުވަތަ ދުވަސްފުރާ ވިހެއުމަށްފަހު ދަރިފުޅު މަރުވުމުން މިގޮތަށް 6 މަސް ދުވަހުގެ ޗުއްޓީ ނުލިބުން މިއީ މައިންނަށް ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރެވޭ ކަމެކެވެ.

މަޔަކު އޭނަގެ އިހުސާސްތައް ޒީޓައިމްސް އަށް ކިޔައިދިނެވެ.  " ދަރިފުޅު ސަލާމަތްވާނެ އެއްވެސް އުންމީދެއް ނެތި އެއް ޑޮކްޓަރަށް ދައްކާ އަނެއް ޑޮކްޓަރަށް ދައްކާ އެކަހަލަ ހާލެއްގައި އުޅެފަ ރާއްޖެއިން ބޭރަށް ދިޔައީ. އެކަމަކު ދަރިފުޅު ސަލާމަތެއް ނުވި. އެންމެފަހުން ވިއްސީ. އެއިރު ބަނޑަށް 6 މަސް. އަލަތު ދަރިފުޅު މަރުވުމާއެކު ނަފްސާނީގޮތުން މީހާއަށް ވަރަށް އަސަރު ކުރި. އެހާލަތުގައި ވަޒީފާއަށް ނުކުންނަން ބޭނުންނުވޭ. އެކަމަކު އެމަޖެންސީ އަދި އަހަރީ ޗުއްޓީ ހަމަވުމުން ޖެހުނީ ވަޒީފާއަށް ނުކުންނަން". މިފަދަ އެތައް މަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. މިފަދަ ހާލަތްތަކުގައި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުންވެސް ދެވެން އޮތް ލުޔެއް މައިމީހާއަށް ދޭން އެބަޖެހެއެވެ.

Advertisement

ދާދިފަހުން ވަނީ ވިހެއުމަށްފަހު ލިބޭ 6 މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން އަނބުރާ ވަޒީފާއަށް ނުކުތުމަށް ސަރުކާރުގެ 2 އިދާރާއަކުން އެންގި މައްސަލައެއް ފެންމަތިވެފައެވެ.

" ވިހެއުމަށްފަހު އެ ލިބޭ 6 މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން ވަޒީފާއަށް ނުކުންނަން އެންގުމުގެ ބަދަލުގައި އެ 6 މަސްދުވަހުގެ ޗުއްޓީ ނިމެންދެން މަޑުކުރަންޖެހޭ. ސަބަބަކީ ދަރިފުޅުގެ ކުއްލި ވަކިވުމާއެކު މައިމީހާއަށް އެކުރާ ފުންއަސަރު. އެކަމުން އަރައިގަންނަން ވަގުތު ބޭނުންވާނެ. އެފަދަ ކަމެއް އިހުސާސްކުރަން ޖެހުމުން އެނގޭނީ އެއީ ކިހާވަރެއްގެ ވޭނެއްކަން. ހަމަނިދި ނުލިބި ހިތާމައިގައި އެހޭދަކުރާ ދުވަސްތައް". މަޔަކު އޭނަގެ އިހުސާސް ހިއްސާކުރިއެވެ.

ވިހެއުމުން ލިބޭ 6 މަސްދުވަހުގެ ޗުއްޓީގެ މުއްދަތުގައި ދަރިފުޅު މަރުވިއަސް ޗުއްޓީ ކެންސަލް ނުވާގޮތަށް ހަމަޖެއްސުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ މަދަނީ މައްސަލަތަކުގައި ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ. އަދި ވިހެއުމުން ލިބޭ 6 މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ. މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ދުވަސްފުރާ ވިހެއުމަށްފަހު ދަރިފުޅު މަރުވުމާއި ގުޅިގެން ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރާއިރު ދުވަސްނުފުރާ ބަނޑަށް ދަރިފުޅު މަރުވެގެން މިވޭނުގައި އުޅޭ މަންމައިންނަށް ވެސް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސަން އެބަޖެހެއެވެ. ތަފާތު ސިއްހީ ސަބަބުތަކާއިހުރެ ތަކުރާރުކޮށް ބަނޑަށް ދަރިފުޅު މަރުވެ ފަރުވާ ފުރިހަމަކުރުމަށް އުޅޭ މީހުންނަށް މިއީ ލިބޭނެ އިތުރު ހިތްވަރަކަށް ވާނެއެވެ. އެހެންނޫނީ އާންމުކޮށް އެއޮންނަ ޗުއްޓީ ހުސްވެ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ހުންނަންޖެހުމުން އެލިބެނީ އިތުރު ތަކުލީފެކެވެ. ދުވަސްފުރާ އަދި ދުވަސްނުފުރާ ދަރިފުޅު މަރުވިއަސް މައިންނަށް އެލިބޭ ހިތްދަތިކަމާއި ނަފްސާނީ ގެއްލުމުން އަރައިގަންނަން ވަގުތު ބޭނުންވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް