February 2, 2025 21:01
Advertisement

-Advertisement-

ދިމާވާ މުސީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން- ޚުޠުބާ

ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިނާކާރުކޮށްފި މީހާ އީމާންވި ކަމުގައެއް ނުވެއެވެ. އީމާންކަމަކީ ކޮބައިތޯ ސަލާމްލެއްވި ޖިބްރީލުގެފާނު ކީރިތި ރަސޫލާ ﷺ އަރިހުގައި ސުވާލުދެންނެވުމުން ހަދީޘް ކުރެއްވިއެވެ. މާނައީ: "އެއީ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ".

ޤަޟާ ޤަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ، ﷲ ސުބުހާނަހޫ ވަތަޢާލާ ހުރިހައިކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. ޚަލްޤުތަކުން ހެއްދެވުމުގެ މާކުރީން މާތް ﷲ އަޒަލިއްޔަ ޢިލްމުފުޅުގައި އެތަކެއްޗާ ބެހޭ ހުރިހައިކަމެއް ދެނެވޮޑިގެންވާކަމާއި، އުޑުތަކާއި ބިމުގައި ހިނގައިފައިވާ ހުރިހައި ކަމަކާއި، ހިނގާ ހުރިހައި ކަމަކާއި، އަދި މުސްތަޤުބަލުގައި ހިނގާނޭ ހުރިހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ޤަބޫލުކުރުމެވެ.

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާންޖެހޭ ދެވަނަ ކަމަކީ اللوح آل محفوظ ގައި ﷲ ސުބުހާނަހޫ ވަތަޢާލާ ހުރިހައިކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވުމެވެ. ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި އިރާދަފުޅާއި ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމެވެ.

Advertisement

މާތް ﷲ ވަހީކުރައްވައިފައިވެއެވެ. މާނައީ: " އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާ ނަމަ އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮ ގޮތެއް މެދުވެރިކުރައްވާނަމަ (އެކަން ދުރުކުރާނޭ އެހެން ފަރާތެއް ނުވެއެވެ.) ފަހެ އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ". ބަޔަކު ކިތަންމެ ގަދައަޅައި ތިބާއަށް ގެއްލުމެއްދޭން ނުވަތަ މަންފާއެއް ހޯދައިދޭން އުޅުނުކަމުގައި ވިޔަސް އެކަލާނގެ އިރާދަފުޅުން މެނުވީ އެކަމެއް ނުވާހުއްޓެވެ.

މާތް ނަބިއްޔާ ޢަބްދުﷲ ބިން ޢައްބާސީ ރަޟިޔަﷲ ޢަންހުމާ އަށް ނަސޭހަތް ދެއްވަމުން ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ: " އަދި ކަލޭގެފާނު ދަންނާށެވެ! ހަމަކަށަވަރުން އެންމެހައި މީސްތަކުން އެއްބައިވެ ތިބާއަށް މަންފާއެއް ހާސިލުކޮށްދޭން އުޅުނަސް ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ ހޯދައެއް ނުދެވޭނެތެވެ. އަދި އެބައިމީހުން އެއްބައިވެ ތިބާއަށް ގެއްލުމެއް ދޭން އުޅުނަސް ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ ނުދެވޭނެތެވެ. ފަތްފުށްތަކުން ގަލަންތައް އުފުލި ދެލި ހިކިއްޖެއެވެ. (އެބަހީ އެންމެހައި ކަމެއް ވަނީ ލިޔެވި ނިމިފައެވެ. އަދި އެކަމަކަށް ބަދަލު އައުމެއް ނެތި އެކަންކަން ހިނގާނެއެވެ.)

ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާންޖެހޭ ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ ﷲ ސުބުހާނަހޫ ވަތަޢާލާ ކަމަށް އީމާންވުމެވެ. އޭގެ ތެރޭގައި ހުރިހައި މަޚުލޫޤުން ކުރާކަންތަކާއި އެ މަޚުލޫޤުންތަކަށް ލިބިފައިވާ ކުޅަދާނަކަމާއި ހުރިހައި ބާރެއްވެސް ހިމެނެއެވެ.

ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެއެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެއެވެ. ހުރިހައިކަމެއް މެދުވެރިވެގެންދަނީ މާތް ﷲ ގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. އޭނާއަށް ދިމާވެފައިވާ ކަންކަމާ ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެއެވެ.

މާތް ﷲ މިކައުނުގައި ލައްވައިފައިވާ ހުރިހައި ކަމެއް ލައްވައިފައިވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައެވެ. އަހަރެމެންނަށް އެކަން އެނގުނުކަމުގައިވިޔަސް އަދި ނޭނގުނު ކަމުގައިވިޔަސް ހިނގާ ހުރިހައި ކަމަކީ އެކަމުގައި އެންމެ މަސްލަހަތު ހުރި ގޮތެވެ. އެކަލާނގެ ހައްދަވައިފައިވާ ތަކެއްޗާއި އެތަކެއްޗަށް މިންވަރު ކުރައްވައިފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ.

މާތް ﷲ އެއްވެސް އަޅަކަށް ނުއުފުއްލޭވަރުގެ ތަކުލީފެއް ނުޖައްސަވައެވެ. އެކަލާނގެއީ އެންމެ އަދުލުވެރި ރަސްކަލާނގެއެވެ. އަދި ހަމަ އެފަދައިން އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެއެވެ. އަހަރެމެންނަށް ދިމާވާ މުސީބާތްތަކުގައި އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުމެވެ. އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި ސަވާބު ހިސާބެއްނެތި ދެއްވައެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް