ބަނޑަށް 8 މަހުގައި ރޯގާޖެހިގެން ޑޮކްޓަރަށް ދައްކަން ދިޔަ ގއ. ވިލިގިނލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ (37އ) އަދި އޭނާގެ ތުއްތުދަރިފުޅަށް މިދިމާވީ ވަރަށްވެސް ހިތްދަތި ގޮތެކެވެ. ގްރޭޑް 2 އަދި 6 ގައި ކިޔަވަމުން އަންނަ 2 އަންހެން ކުދިންގެ މަންމަ ކަމަށްވާ ޝިއުނާ މިދުނިޔެ ދޫކޮށް އެދިޔައީ ތިންވަނަ ދަރިފުޅު އުފަންވުމަށްފަހު އެކަށީގެންވާ ފަރުވާ ނުލިބިއެވެ.
ގއ. ވިލިނގިލިން 'ޒީޓައިމްސް' އަށް މައުލޫމާތު ދިން މީހުން ވަނީ މިހިތާމަވެރި ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

" ތިންވަނަ ދަރިފުޅަށް ބަނޑުބޮޑުވުމަށްފަހު ވެސް ސިއްހަތު ރަނގަޅަށް ހުރި މީހެއް އެއީ. ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަމުން ދިޔައީ. އަންގާރަ ދުވަހުގެ ރޭ ނެބިއުލައިޒް ކުރަން ވިލިނގިލީ ހޮސްޕިޓަލުގެ އެމަޖެންސީގައި ހުއްޓާ ވަރަށްބޮޑަށް ބަނޑުގައި ރިއްސާ މޭގައި ރިއްސަން ފެށިކަމަށް ބުނި. އަދި ނޭވާލާން އުނދަގޫވެ އޮބްޒަވޭޝަންގައި އެޑްމިޓްކުރީ އެރޭ. ބުދަދުވަހު ހެނދުނުވީއިރުވެސް އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ނާދޭ ބަލިމީހާއަށް ފަރުވާ ދިނުމަށް. ނޭވާ ހާސްވެ ނޭވާނުލެވެން ފެށީމަ ވަގުތުން ސިޒޭރިއަން ހަދާފަ ދަރިފުޅު ނަގަން ލަފާދިނީ. އެއިރު އޮކްސިޖަން ލެވެލް ވަރަށް ދަށްކޮށް ހުރީ".
ވެންޓިލޭޓަރުގެ އެހީގައި ޝިއުނާއަށް ނޭވާލެވޭގޮތް ހެދިކަމުގައިވިއަސް އޮކްސިޖަން ހިފެހެއްޓޭ ގޮތް ނުވިކަމަށްވެއެވެ. އަދި ބުދަދުވަހުގެ ހަވީރުގެ ވަގުތެއްގައި އެމަޖެންސީކޮށް ސިޒޭރިއަން ހަދައި ދަރިފުޅު ނެގިއިރު ދެމައިންގެ ހާލުވެސް ސީރިއަސްއެވެ.
" ހޭނައްތާ ޑޮކްޓަރު ދެކޮޅު ހެދިކަމަށް މައުލޫމާތު ލިބެނީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ނެތި ސިޒޭރިއަން ކުރިއަށްގެންދިއުމަށް. ތިނަދޫ އިން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ގެނެސްގެން ސިޒޭރިއަން ހެދިއިރު ދެމައިންގެ ހާލުވެސް ސީރިއަސް. ސިޒޭރިއަން ހެދުމަށްފަހު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތްކުރި. އެކަމަކު އެއާ އެމްބިއުލާންސް ފްލައިޓް ހަމަޖައްސަން މަސައްކަތްކޮށް އެ ފްލައިޓް ކޫއްޑޫއަށް އަންނާނެކަމަށް ފުރަތަމަ ބުނީ އިރުއޮއްސި 7 ޖެހިއިރު. އެކަމަކު ލަސްވި. އަދި ފްލައިޓަށް އެރުވުމަށްޓަކައި ޝިއުނާ ރަންވޭއަށް ގެންދެވުނީ ބުދަދުވަހުގެ ރޭ 11:40 ހާއިރު. ފްލައިޓް އައިއިރު މައިމީހާއާއި ކުޑަދަރިފުޅަށް ބޭނުންވާވަރަށް އޮކްސިޖަން ނެތް. ވެންޓިލޭޓަރު ހުރީ ހަލާކުވެފައި. 3 ފަހަރު ފަރުވާއަށް ބޭނުންވާ ތަކެތި ހޯދުމަށް ލޯންޗުގައި އަނބުރާ ވިލިނގިލީ ހޮސްޕިޓަލަށް ދާން ޖެހުނު".
ފުލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް ޝިއުނާ ނިޔާވީ މެންދަމު 1:30 ގައެވެ. އަދި ތުއްތު ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މަގުމަތީގައި ހޮސްޕިޓަލަށް ނުގެންދެވެނީސް ނިޔާވެފައިވާއިރު ފަރުވާ ދިނުމުގައި ލަސްތަކެއްވެ 2 މައިން ނިޔާވުމުން ގިނަ ބަޔަކު ދަނީ މިކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
ޝިއުނާގެ ތުއްތު ދަރިފުޅު ނިޔާވުމުން އެދަރިފުޅުގެ ހަށިގަނޑު އެނބުރި ވިލިނގިއްޔަށް ގެންދިޔައީ މިއަދު ހެނދުނުގެ ފުލައިޓުގައެވެ. ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއް ތަޢުބާ މިސްކިތުގައެވެ. ދެމައިންގެ ހަށިގަނޑު ވަނީ އެއްވަޅެއްގައި މިއަދު ވިލިނގިލީގައި ވަޅުލައިފައެވެ. ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ. 2 އަންހެން ކުދިންނަށްފަހު ލިބެން އުޅުނު ފިރިހެން ދަރިފުޅުގެ އިންތިޒާރުގައި ތިބި އާއިލާއަށް މިލިބުނީ ކޮންފަދަ ހިތާމަވެރި ކަމެއް ހެއްޔެވެ. ލޯބިލޯބި 2 އަންހެން ކުދިންނާއި ޝިއުނާގެ ފިރިމީހާ އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!
މިހިތާމަވެރި ހާދިސާއަށްފަހު މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވިއަން އިން އެއާއެމްބިއުލާންސް ފޮނުވީ ޕްރޮޓޮކޯލްގައި ވާގޮތުގެ މަތިން ބޭނުންވާ ސާމާނާއެކުގައި ކަމަށެވެ. އަދި މިހާދިސާ އާއި ގުޅޭ ތަފްސީލީ މައުލޫމާތެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާގައި މިވަނީ ހޮސްޕިޓަލާއި އެއާއެމްބިއުލާންސް ފޮނުވި ފަރާތާއި ދެމެދުގެ މުއާމަލާތު ކުރުމުގެ މައްސަލައެއްތޯ ނުވަތަ ބޭނުންވާ ސާމާނު ހަމަނުވަނީ ކޮންބައެއްގެ އިހުމާލަކުންތޯ އަދި ފަރުވާ ނުދެވި ލަސްވި ސަބަބު ތަހުގީގު ކުރެވެން ޖެހެއެވެ. އަދި މިފަދަ ހާދިސާއެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހެއެވެ.