އިސްލާމް ދީނަކީ އުޚުއްވަތްތެރިކަމުގެ ދީނެވެ. އޯގާތެރިކަމާއި ރަހުމާއީ ހަމްދަރުދީގެ ދީނެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. މި ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއް ނޫނެވެ. އެހެނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑެވެ. މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި ކާމިޔާބީއާ ހަމައަށް ވާސިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއް ނޫނެވެ.
އެއްބައިވަންތަކަމާއި އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވެއެވެ. އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައިވެއެވެ.
އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވިއެވެ. މި ގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި ފުރައްސާރަކުރުން މަނާކުރައްވައި މާތްﷲ ވަހީ ކުރައްވައިފައިވެއެވެ. މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށްވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ".
އަދި އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުން މަނާކުރައްވައި މާތްﷲ ވަހީ ކުރައްވައިފައިވެއެވެ. މާނައީ" އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. (އެބަހީ އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށް ފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި އެކަންތަކުން ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ".
މުޖުތަމަޢުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ޤަބޫލުކުރުމާ ބެހޭ ގޮތުން އެކަލާނގެ ވަހީކުރައްވައިފައިވެއެވެ. މާނައީ " އޭ އީމާންވެއްޖެ މިސްތަކުންނޭވެ. ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ހަޤީޤަތް ހޯދާށެވެ. އެއީ ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ".
މުސްލިމުންނާއި މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަތައް ފެތުރުމަކީވެސް މާތް ﷲ މަނާކުރައްވައިފައިވާ ކަމެކެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ