ރަމަޟާން މަހަށް ޚާއްސަކޮށްގެން ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް އެސްޓީއޯއިން ވަނީ ކުރިއަށްގެންގޮސްފައެވެ. މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މާލެސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރެވި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ.
ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. " މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން. މާލޭގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ މިފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެ".
މަސްދަޅުކޭސް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.
މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވިފައި ހުންނާނެއެވެ. މިތަންތަނަކީ:
މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް
ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.