February 23, 2025 03:14
Advertisement

-Advertisement-

"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!- ހުކުރު ޚުޠުބާ

އަހުރެމެން ވޭތުކުރަމުން މިދަނީ ޝަޢުބާން މަހުގެ ދުވަސްތަކެވެ. މިމަހަކީ އެތައް ގޮތަކުން ޚާއްސަ މަހެކެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔާން ތައްޔާރުވަމުން އަންނަ މައްސަރަކަށް ވީތީއެވެ. ޝަޢުބާންމަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާންމަހު އަޅުކަމުގައި މަޝްޢޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ވާތީއެވެ.

މާތް ނަބިއްޔާ ﷺ ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލެވެ.

މުސްލިމް އަޚުންނޭވެ. "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރާށެވެ! ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް ﷲ އަހުރެމެން ސަލާމަތްކުރައްވާނެ ކަމެކެވެ. މިފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ ﷺ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް ހެޔޮ ޢަމަލު ކުރުންމަތީ، ސާބިތުވެ ތިބުމަކީ މުހިންމު ކަމެކެވެ.

Advertisement

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މުސްލިމް އަޚުންނޭވެ. ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ އެ ރޯދަ އަވަހަށް ޤަޟާކުރާށެވެ. ހީވާގިކަމާއެކު ރަމަޟާންމަހަށް އިސްތިޤުބާލުކުރާން ތައްޔާރުވާށެވެ. ރަމަޟާންމަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާށެވެ. ރަމަޟާންމަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫންކަން ދަންނާށެވެ. ފިޠްރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާންމަސް ނިމުމުގެ ކުރިން އެ ޒަކާތް ދައްކާށެވެ. ދީލަތިކަން އިތުރުކުރާށެވެ. އޯގާތެރި މަޑުމައިތިރި މީހަކަށް ވާށެވެ. ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކާ ދުރުހެލިވާށެވެ. ކެތްތެރިކަން އިތުރުކުރާށެވެ. ދޮގުހެދުމާއި ފުރައްސާރަ ކުރުމާއި ދުރުހެލިވާށެވެ. ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިކުރާށެވެ.

ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ސައްޙަ ނޫން ޙަދީޘްތަކަކަށް ވާތީވެ އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ނުކުރައްވައި ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެކެވެ.

ސުވަރުގެ ވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާނަމަ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޢަމަލު ކުރާށެވެ. ނޭނގެއޭ ބުނެ ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލާށެވެ. ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވާށެވެ. ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވާށެވެ. ތިމާގެ އަމިއްލަ ނަފްސު އިސްލާމީ ޢިލްމުން މުއްސަނދިކުރާށެވެ. އިންސާނުންނަކީ އަބަދާއި އަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެކެވެ.

މައުލޫމާތު: ހުކުރުޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް