February 23, 2025 03:09
Advertisement

-Advertisement-

ރޯދަމަހާއި ކުރިމަތިލާއިރު ކުރެވެމުންދާ ކުށްފާފަތަކާއި ދުރުހެލިވެ ފުރިހަމަ ތަޢުބާއަކުން ތަޢުބާވާށެވެ- ހުކުރު ޚުޠުބާ

އަހަރެމެންނާ ކުރިމަތިވަމުން މިއަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޟާންމަހެވެ. މި ބަރަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެމައްސަރާ އިސްތިޤުބާލު ކުރަންޖެހެއެވެ.

ރަމަޟާންމަސް ކައިރިވެގެން އަންނަ ހިނދު ކައުއިތުރު ރަސޫލާ ﷺ އަސްޙާބު ބޭކަލުންނަށް އެ މަހުގެ މުހިއްމުކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައި އެކަލޭގެފާނު ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ:   "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ (ހުރިހައި ހެޔޮކަމަކުން) މަޙްރޫމްވެއްޖެއެވެ".

ބަރަކާތްތެރި މައްސަރާއި ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާއި ދުރުހެލިވެ ފުރިހަމަ ތަޢުބާއަކުން ތަޢުބާވެގެންވާ ހާލު މި މަތިވެރި މައްސަރާއި ބައްދަލުކުރުމެވެ. ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ ކުރިމަތިލާންވާނީ ފުރިހަމަ އީމާންކަމާއެކު އެމައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލުގައެވެ.

Advertisement

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުޢީ ހުކުމްތައް ދެނެގަތުމެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފާނެ ގޮތް ދަސްކުރުމެވެ. ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުމަށްޓަކައެވެ. ރޯދައިގެ ހިސާބެއް ނެތް އަޖުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައެވެ.

ރޯދަހިފާންޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ލިބޭ ބަޔަކަށް އަހަރެމެން ވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ކުރާންވީ ކަންކަމުގެ ތެރޭގައި ހާރު ކެއުން ފަސްކުޅައުމާއި، ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި ކީރިތި ޤުރުއާން ކިޔަވާއިރު ޤުރުއާނާއި މެދު ވިސްނައި ފިކުރުކުރުމާއި ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ. އަނބިދަރިންނާއި މައިންބަފައިންނާއި ގާތްތިމާގެމީހުންނަށް ހެއު ފޯރުވައި އިހްސާންތެރިވެ އުޅުމާއި ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި ގިނަގިނައިން ސަދަޤާތް ކުރުން ހިމެނެއެވެ. ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން ފަދަ ކަންކަމަށް ޖާގަ ލިބޭނޭ ގޮތަށް ކަންކަން ރާވައިލައިގެން ރަމަޟާންމަހާ ބައްދަލުކޮށްފިނަމަ އެންމެ ފުރިހަމަގޮތުގައި މިމަތިވެރި ފޯވަހީގެ ބޭނުން ހިފޭނެއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް