ކުއްލިއަކަށް ބޮކި ދިއްލިގެން ދިޔައެވެ. އަޝްރަފްގެ ކުރިމަތީގައި ހުރީ ސިއްތިއެވެ. އެ އަންހެންމީހާ ވަނީ ގެއްލިފައެވެ. ސިއްތިގެ މޫނުމަތީގައި ފެންނަނީ ހިނިތުންވުމެކެވެ.
"ސިއްތި... ކިހިނެއްވީ؟ އެ އަންހެންމީހާއަކީ ކާކު؟" އަޝްރަފް ސުވާލުކުރިއެވެ
ސިއްތި ޖަވާބެއް ނުދެއެވެ. އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އަޝްރަފްގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ސިއްތި އަޝްރަފްގެ ކައިރިއަށް އައެވެ.
"އަހަރެންނަކީ ކާކުކަން ބުނެދޭންވީތަ؟" ސިއްތި ވަރަށް ބިރުވެރި އަޑަކުން ބުންޏެވެ. ސިއްތިއަކީ ނަފްސާނީ ގޮތުން ހަމަނުޖެހޭ މީހެއްކަން އަޝްރަފަށް ވިސްނުނެވެ. މިފަދަ ހާލަތެއްގައި ސިއްތި ކޮންމެ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް އިހުސާސްވިއެވެ. އަޝްރަފް ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ސަލާމަތްވާށެވެ. މިއީ ހަމައެކަނި ދޮންއާދަނުމެންގެ ގެއަށް ދިމާވެފައިވާ ކަމެއް ނޫންކަން މިހާރު އަޝްރަފަށް ޔަޤީންވިއެވެ.
"ސިއްތި... އަޅުގަނޑަށް އެނގޭ ކަލޭ ބިރުގަންނަވާފައި ހުރިކަން" އަޝްރަފް ވަރަށް ބިރުވެރިކަމާއެކު، މަޑުމައިތިރިކޮށް ބުންޏެވެ.
ކުއްލިއަކަށް ސިއްތިގެ މޫނުމަތިން ބިރުވެރިކަން ފިލައިގެން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ އައެވެ
"އަޝްރަފް... އަހަރެން ބޭނުމެއް ނޫން މިކަން ކުރާކަށް. އެކަމަކު އެމީހުން އަހަރެންނަށް މަޖުބޫރު ކުރަނީ" ސިއްތި ރޮމުން ބުންޏެވެ.
"ކާކު؟ ކޮން ބައެއް؟" އަޝްރަފް އަވަސްވެގަތުމާއެކު ސުވާލު ކުރިއެވެ.
"އެމީހުން... އެމީހުން މި ގޭގައި ދިރިއުޅޭ. އަހަރެމެންނަށް ނުފެންނަ ބަޔަކު. އެމީހުން ބޭނުންވަނީ މި ގެ ހުސްކުރަން. އެމީހުން އަހަރެންނަށް ބިރުދައްކައިގެން މިކަން ކުރުވަނީ" ސިއްތި ކަންހިނގާފައިވާ ގޮތް ކިޔައިދިނެވެ.
އަޝްރަފް ހައިރާންވެ، ވިސްނުމަށްފަހު މިއީ ޖިންނިންގެ ކަމެއްކަން ދެނެގަތެވެ.
"ސިއްތި، އަހަރެން އެހީތެރިވާނަން. އަހަރެމެންނަށް މިކަމުން ސަލާމަތްވެވޭނެ" އޭނާ ޔަޤީންކަމާއެކު ބުންޏެވެ.
ސިއްތި ބޮލުން އިޝާރާތްކޮށްލިއެވެ. ދެމީހުން އެކުގައި ގެއިން ނިކުތްއިރު ވިއްސާރަ ވެހެމުން ދިޔައެވެ. ނަމަވެސް އެ ވިއްސާރައަކީވެސް އެ ބިރުވެރި ގެއަށްވުރެ މާ ރަނގަޅު އެއްޗެކެވެ. އަޝްރަފާއި ސިއްތި އަވަސް އަވަހަށް ހިނގައިގަތެވެ. އެމީހުންނަށް އެނގުނީ މި ބިރުވެރި ސިއްރު ހާމަވެއްޖެ ކަމެވެ. އަދި މިހާރު އެމީހުންނަށް ބޭނުންވަނީ އެހެން މީހުންނަށް މިކަން އަންގައި، އިތުރު މީހުން މި ނުރައްކަލުން ސަލާމަތްކުރުމެވެ.
ވިއްސާރައިގެ ތެރެއިން ދުވަމުން ދިޔައިރު، އިވެމުން ދިޔައީ ގަދަ ވިއްސާރައިގެ އަޑެވެ. ވައި ގަދަވެ، ގަސްތައް ހެލިފެލިވާން ފެށިއެވެ. އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
"އަޝްރަފް... އެމީހުން އަންނަނީ!" ސިއްތި ބިރުވެރިކަމާއެކު އަޑުގަދަކޮށް ބުންޏެވެ.
އަޝްރަފް ފަހަތަށް ބަލާލިއެވެ. އޭނާގެ ލޮލަށް ފެނުނީ އެމީހުންނާ ދިމާލަށް އަންނަ ހިޔަނިތަކެކެވެ. އެ ހިޔަނިތައް އެމީހުންނާ ކައިރިވަމުން އަންނަކަމުގެ އިހުސާސް ވިއެވެ. އަޝްރަފް ސިއްތިގެ އަތުގައި ހިފައި، ވަރަށް ބާރަށް ދުވާން ފެށިއެވެ.
ކުއްލިއަކަށް ސިއްތި ވެއްޓުނެވެ. "އަޝްރަފް! އެމީހުން އަހަރެންގެ ފައިގައި ހިފަނީ!" ސިއްތި ބިރުން ހަޅޭއްލަވާލިއެވެ.
އަޝްރަފް އަވަސްވެގަތުމާއެކު ސިއްތިގެ ގައިގައި ހިފައި، ދަމާލިއެވެ. "ދޫކުރޭ އޭނާ! ތިޔަ ނުބައި ޖިންނިންނޭ!" އަޝްރަފް ބާރަށް ގޮވާލިއެވެ.
ކުއްލިއަކަށް ވިއްސާރަ ހުއްޓުނެވެ. އަޝްރަފާއި ސިއްތި ބަލާލިއިރު، އެމީހުންގެ ވަށައިގެން ހުރި ގަސްތަކުގެ ތެރެއިން ނުކުންނަމުން އައީ އާދަޔާ ޚިލާފު ސިފަތަކެއް ހުރި ފެހި ކުލައިގެ މަޚްލޫޤުތަކެކެވެ. އެ މަޚްލޫޤުތަކުގެ ލޮލުން ނުކުންނަ ރަތް އަލިން މުޅި ސަރަހައްދު އަލިވެގެން ދިޔައެވެ.
"އަޝްރަފް... މިއީ ކޮން ބައެއް؟" ސިއްތި ބިރުވެރިކަމާއެކު ސުވާލުކުރިއެވެ.
"އަހަރެންނަކަށް ނޭނގޭ... އެކަމަކު ބިރުގަންނާކަށް ނުޖެހޭ. އަހަރެން ރައްކާތެރިކޮށްދޭނަން" އަޝްރަފް ވަރަށް މަޑުމައިތިރިކޮށް ބުންޏެވެ. އޭނާގެ އަޑުގައި ބިރުވެރިކަން ހުރި ނަމަވެސް، ސިއްތިއަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ.
އެ މަޚްލޫޤުތަކުގެ ތެރެއިން އެއް މަޚްލޫޤު ކުރިއަށް އައެވެ.
"ތިޔަ ދެ މީހުން މިތަނަށް އައީ ކީއްވެ؟" އެ މަޚްލޫޤު ސުވާލު ކުރިއެވެ. އޭގެ އަޑު ވަރަށް ބާރު، އެކަމަކު ހަރުކަށި ނޫނެވެ.
"އަހަރެމެން... އަހަރެމެން މިތަނަށް އައީ ރަށުގެ މީހުން ސަލާމަތްކުރަން" އަޝްރަފް ހިތްވަރާއެކު ކުރިއަށް އައެވެ.
"ގެއްލުން؟ އަހަރެމެން ރަށުގެ މީހުންނަށް ގެއްލުމެއް ނުދެން" އެ މަޚްލޫޤު ހައިރާންވެފައި ބަލާލިއެވެ.
"އެކަމަކު އެ ބިރުވެރި ގޭގައި ހިނގާ ކަންތައްތައް... އެއީ ކަލޭމެންގެ ޢަމަލުތަކެއް ނޫންތަ؟" ސިއްތި ކުރިއަށް ޖެހިލަމުން ސުވާލުކުރިއެވެ.
އަޝްރަފާއި ސިއްތި އެއްބަޔަކު އަނެއްބަޔަކަށް ބަލާލިއެވެ. އެމީހުންނަށް މިހާރު އެނގުނީ އެމީހުން ހީކުރި ގޮތާ މުޅިން ތަފާތު ޙަޤީޤަތެއް ކަމެވެ.
"އެ ބިރުވެރި ގެ؟ އަހަރެމެންނަށް އެއްވެސް ގެއެއްގެ ވާހަކައެއް ނޭނގެ" މަޚްލޫޤު އެ ދެމީހުންނާ ދިމާލަށް ބަލާލުމަށްފަހު، އޭގެ ބޮޑެތި ލޮލުން ދެފަރާތަށް ބަލާލިއެވެ.
"އެހެންވިއްޔާ... އެ ގޭގައި ހިނގާ ކަންތައްތަކަކީ ކޮބާ؟ އެތައް ބަޔަކު ގެއްލިފައި، އަދި އަޑުއިވޭ އަޑުތައް" އަޝްރަފް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
"އަހަރެމެންނަށް އެނގޭ ގޮތުގައި، މި ރަށުގައި ވަރަށް ޒަމާންވީ ސިއްރުތަކެއް ވަޅުލެވިފައި އެބަހުރި. ފަހަރެއްގައި ތިޔަ ބުނާ ކަންތައްތަކަކީ އެ ސިއްރުތަކާ ގުޅުން ހުރި ކަންތައްތަކެއް ކަމަށް ވެދާނެ" މަޚްލޫޤު ބޮލުގައި އަތްލާފައި ވިސްނާލިއެވެ.
"ޒަމާންވީ ސިއްރުތައް. އެ ސިއްރުތަކަކީ ކޮބައިތޯ. އަދި އެ ސިއްރުތަކާއި މި އިމާރާތާ ހުރި ގުޅުމަކީ ކޮބައިތޯ؟" ސިއްތި ސުވާލުކޮއްލިއެވެ.
"އެހެންކަމަށްވާނަމަ، އެ ބާރުތަކުގެ ސަބަބުން މިހާރު ދިމާވަމުންދާ ކަންތައްތަކެއް ކަމަށް ވެދާނެތަ" އަޝްރަފް ކުއްލިއަކަށް ހަމަޖެހުނެވެ.
"އެކަށީގެންވާ ކަމެއް އެހެންނަމަވެސް، މިއީ ހަމައެކަނި ލަފާކުރެވޭ ކަމެއް. ޙަޤީޤަތް ހޯދުމަށްޓަކައި އިތުރު ތަޙުޤީޤުތަކެއް ކުރަންޖެހޭނެ" މަޚްލޫޤު ބޯޖަހާލިއެވެ.
މާގިނައިރެއް ނުވަނީސް އެމަޚްލޫޤު ގެއްލުނެވެ. އަޝްރަފް އާއި ސިއްތި ވަށައިގެން ހޯދައިލިއެވެ. ނަމަވެސް އެއްވެސް އަސަރެއް ނުފެނުނެވެ.
"ސިއްތި، މިހާރު ގެއަށް ދާން ރަނގަޅުވާނެ. އަހަރެން ގެއަށް ގެންގޮސްދޭނަން." އަޝްރަފް ބުންޏެވެ.
އަޝްރަފް ސިއްތި ގެއަށް ލާން ދާން ހިނގައިގަތެވެ. މަގުމަތީގައި ހިނގަމުން ދަނިކޮށް، އަޝްރަފްގެ ސިކުނޑީގައި ގިނަ ޚިޔާލުތަކެއް އުފެދެމުން ދިޔައެވެ. އަޝްރަފްގެ ސިކުނޑީގައި ވަނީ މުޅިރަށަށް މިކަން ފެތުރިފައި ނުވާނެބާއޭ ސުވާލެވެ. އަދި ސިއްތި ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް މިރަށުގެ މީހުން ދެކެނީވެސް މިކަމުން ސިއްތި ސިކުނޑިއަށް ލިބިފައިވާ ގެއްލުމަކުން ކަމަށްވެސް ވެދާނެވެ.
"ސިއްތި، ކަލޭ ދެކުނު އެއްޗަކާ ބެހޭގޮތުން އެހެން މީހުންނަށް ކިޔައިދޭން ބޭނުންތަ؟" އަޝްރަފް ސުވާލު ކުރިއެވެ"
"ނޫން! އެކަކުކައިރީގައިވެސް ނުބުނާނަން. އެމީހުން އަހަރެންނަށް ދެން ކިޔާނީ މޮޔައޭ" ސިއްތި ބުންޏެވެ.
އަޝްރަފް ހިތްހަމަޖެހުނެވެ. އޭނާ ވިސްނީ މިކަން ސިއްރުކޮށްގެން ތިބެ، އިތުރަށް ތަޙްޤީޤު ކުރަން ޖެހޭނެ ކަމަށެވެ. ސިއްތިގެ ގެއާއި ހަމައަށް އައިއިރު، އަޝްރަފް ނިންމީ މިކަމާ ބެހޭގޮތުން އިތުރަށް ބަލާނެ ކަމަށެވެ.
"ސިއްތި، ބިރުނުގަންނާތި. އަހަރެން މިކަން ބަލާނަން. އަދި އެއްވެސް ކަމެއް ވެއްޖެނަމަ، ވަގުތުން އަހަރެންނަށް ގުޅާ" އަޝްރަފް ބުންޏެވެ.
ސިއްތި ބޯޖަހާލަމުން ގެއަށް ވަދެގެން ދިޔައެވެ. އަޝްރަފް އަނބުރާ ދާން ހިނގައިގަންނަމުން، އަނެއްކާވެސް އެނބުރި ރަނގަޅަށް ބަލައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އަޝްރަފް ނިންމީ މާދަމާ އަލުން މިތަނަށް އައިސް ބަލާލަން ކަމަށެވެ.
އަޝްރަފް ގެއަށް ދިޔައިރު ރޭގަނޑުގެ ވަރަށް ގިނައިރުވެއްޖެއެވެ. ނިދާލާނަމޭ ހިތާ ގޮސް އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އޭނާގެ ލޮލަށް ނިންޖެއް ނާދެއެވެ. އެމީހުން ދުށް އެއްޗަކާއިމެދު ވިސްނަމުން ދިޔައެވެ. އެއީ ކޮން އެއްޗެއްބާއެވެ؟ އެހާ އަވަހަށް ގެއްލުނީ ކީއްވެބާއެވެ؟ މިފަދަ ސުވާލުތަކެއް އަޝްރަފްގެ ސިކުނޑީގައި އުފެދެމުން ދިޔައެވެ.
އަނެއް ދުވަހު ހެނދުނު، އަޝްރަފް ނިކުމެ ރަށުތެރެއަށް ދިޔައެވެ. އޭނާ ބޭނުންވީ މީހުންގެ ވާހަކަތަކުން އެއްޗެއް އަޑުއިވޭތޯ ބަލާށެވެ. ނަމަވެސް އެއްވެސް މީހަކު އާދަޔާ ޚިލާފު އެއްޗެއް ދުށްކަމަކަށް ވާހަކަ ދައްކާ އަޑެއް ނީވުނެވެ. މިކަމުން އަޝްރަފަށް ކުޑަކޮށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް އަދިވެސް އޭނާގެ ހިތުގައި ޝައްކު އޮތެވެ.
ދެން އަޝްރަފް ދިޔައީ ސިއްތިމެން ގެއަށެވެ. ސިއްތި ދޮރުމަތީގައި އިށީނދެ އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނިދި ނުލިބި ވަރުބަލިވެފައިވާ ކަމެވެ.
ކިހިނެއް ސިއްތި؟ ރޭގަނޑު ރަނގަޅަށް ނިދުނުތަ؟" އަޝްރަފް އަހާލިއެވެ.
"ނޫން އަޝްރަފް. އަހަރެންނަކަށް ނުނިދުނު. އަބަދުވެސް އެ މަންޒަރު ފެންނަނީ" ސިއްތި ޖަވާބުދިނެވެ.
"އަޝްރަފް، އެއީ ވަރަށް ބޮޑު އެއްޗެއް. ކަޅުކުލައިގެ، އަދި ދިގު އަތްތަކެއް ހުރި އެއްޗެއް. އޭގެ ލޯތައް ހުރީ ރަތްކުލައިގައި ފެހިކުލަ އެއްވެފައި" ސިއްތި ކުޑަ ވަގުތުކޮޅަކަށް ހަނުހުރެލާފަ ދެން ބުންޏެވެ.
މި ވާހަކަ އަޑުއިވުމުން އަޝްރަފްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް އޭނާ ވިސްނީ ސިއްތިއަށް ހިތްވަރުދޭން ޖެހޭނެ ކަމަށެވެ.
"ސިއްތި، ބިރުނުގަންނާތި. އަހަރެން މިކަން ބަލާނަން. އަދި ރައްކާތެރިކަން ހޯދައިދޭން މަސައްކަތްކުރާނަން" އަޝްރަފް ބުންޏެވެ.
އެދުވަހުގެ ހަވީރު، އަޝްރަފް ނިންމީ ރޭގަނޑު ރަށުތެރޭގައި ދަތުރުކޮށްލަން ކަމަށެވެ. އޭނާ ބޭނުންވީ އެ ބިރުވެރި މަޚްލޫޤު ދެކޭށެވެ. އަދި މިކަމުގެ ޙަޤީޤަތް ހޯދާށެވެ. އަޝްރަފް ރޭވުމަކީ ރަށުގެ އެކި ސަރަޙައްދުތަކުގައި އަތުރާލާފައިވާ ކެމެރާތަކެއް ބަހައްޓާ، އެ މަޚްލޫޤުގެ ފޮޓޯއެއް ނެގުމެވެ.
ރޭގަނޑުގެ އަނދިރިކަމުގައި، އަޝްރަފް ރަށުތެރޭގައި ހިނގަމުން ދިޔައެވެ. އޭނާގެ އަތުގައި ވަނީ ޓޯޗެއް އަދި ކުޑަ ކެމެރާއެކެވެ.
ކޮންމެ މަގަކަށް ވަދެވޭ ވަގުތު އަޝްރަފްގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ. ނަމަވެސް އޭނާ ހިތްވަރު ކުރަމުން ކުރިއަށް ދިޔައެވެ.
ގަޑިއިރެއްހާއިރު ވަންދެން ހިނގާފައި ދިޔައިރުވެސް އެއްވެސް އާދަޔާ ޚިލާފު އެއްޗެއް ނުފެނުނެވެ. އޭނާ ވިސްނީ މިއަދު އެ މަޚްލޫޤު ނުފެންނާނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އަޝްރަފަށް އަޑެއް އިވުނެވެ.
"ޝަޝް... ޝަޝް..." މި އަޑު އައީ ކައިރީގައިވާ ގަސްތަކުގެ ތެރެއިންނެވެ.
އަޝްރަފް ހުއްޓުނެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަތުގައި އޮތް ޓޯޗު ގަސްތަކާ ދިމާއަށް އަމާޒުކޮށްލިއެވެ. އެހިނދު އަޝްރަފަށް ފެނުނީ ސިއްތި ކިޔައިދިން ފަދަ ބޮޑު، ކަޅު މަޚްލޫޤެކެވެ. އޭގެ ރަތް އަދި ފެހިކުލައިގެ ދެލޮލުން އަޝްރަފާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އަޝްރަފް ބިރުން ގަދަ އަޑަކުން ހަޅޭއްލަވައިގަތެވެ. އޭނާގެ އަތުން ޓޯޗު ވެއްޓުނެވެ. ނަމަވެސް އަވަހަށް ކެމެރާ ނަގައި، އެ މަޚްލޫޤުގެ ފޮޓޯއެއް ނެގިއެވެ. އޭގެ ފަހުން އަޝްރަފް ބިރުން ދުވެފައި ދިޔައެވެ.
ގެއަށް އައިސް، އަޝްރަފް ކެމެރާގައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. ހައިރާންކަމާއެކު، އެ މަޚްލޫޤުގެ ފޮޓޯއެއް ނެގިފައެއް ނެތެވެ. ހަމައެކަނި ފެންނަނީ އަނދިރި ގަސްތަކުގެ ފޮޓޯއެކެވެ.
އަޝްރަފް ވިސްނަން ފެށިއެވެ. މިއީ ކިހިނެއް ވީކަމެއްބާއެވެ؟ އޭނާ ޔަޤީނުންވެސް އެ މަޚްލޫޤު ދުށްކަން ކަށަވަރެވެ. ނަމަވެސް ފޮޓޯއެއް ނެތެވެ. މިކަމުން އަޝްރަފަށް އިތުރު ސުވާލުތަކެއް އުފެދުނެވެ. މި މަޚްލޫޤަކީ ޙަޤީޤަތުގައި ކޮން އެއްޗެއްބާއެވެ؟ އަދި މިކަމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްބާއެވެ؟
= ނުނިމޭ =