އަހަރެމެންނާ މި ބައްދަލު ކުރަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ މަހު ހިފާ ރޯދައާއި ކުރާ ހެއު އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެވެ. އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަހެވެ. ހެއު އަމަލުތަކަށް މަގުފަހިވާ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވޭ މަހެވެ. ޝައިތާނުން ކަސްތަޅު އެޅުވޭ މަހެވެ. ނުބައިކަންތަކަށް ހުރަސްއެޅޭ މަހެވެ.
ރޯދައިގެ މައިގަނޑު މަޤްސަދަކީ ތަޤުވާވެރިވުމެވެ. ތަޤުވާގެ މާނައިގައި ހެއުއަމަލުކުރުމާއި އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނެއެވެ. ރޯދައަކީ ތަޤުވާގެ އިތުރަށް ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސް މެއެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތަކުން އެއްކިބާވެ ހުރުމީ ދުނިޔަވީ އެދުންތަކާއި ނަފުސު ދުރުކުރުމަށް ލިބޭ ތައުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ދުނިޔޭގެ އެދުންތަކާއި ދުރުވެ ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވެއެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް ނޭދެވޭ ކަންތަކާއި ވެސް ދުރުހެލިވެގެންނެވެ. ނުބައިބަސްތައް ބުނުމާއި އެފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެންނެވެ. އަރައިރުންވުމާއި ޒުވާބު ކުރުމުން ދުރުހެލިވެގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ.
ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ރޯދަވެރިޔާ އަމިއްލަ އިޚުތިޔާރުގައި ކުރާ ކަންކަމެވެ. އެއީ ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާޢުވުމާއި މިއިން ކަމެއްގެ ހުކުމުގައި ހިމެނޭ ކަންކަމެވެ. މުޅި ދުވާލު މަސްތުގެ ހާލަތުގައި ހުރި މީހާގެ ރޯދަވެސް ގެއްލޭނެއެވެ.
ރޯދަމަކީ މުސްލިމުންގެ ހުރިހައި އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ މަހެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ނިކަމެތީންނަށް އެހީވުމާއި ނަމާދުކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ދަމުނަމާދު ކުރުމާއި އިޢުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައެވެ. ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތްތައް ވަކިބަޔަކަށް ނުޖައްސައި އެކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެކެވެ. ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓްރޯލުކޮށް އުޚުރަވީ ހަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެކެވެ.
ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި ހަލާލުތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެކެވެ. ކެއުންބުއިމުގައި އިސްރާފުކޮށްގެން ނުވާނެއެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ