March 10, 2025 03:02
Advertisement

-Advertisement-

އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން- ހުކުރު ޚުޠުބާ

ރޯދަ ފަރުޟު ކުރައްވައިފައިވަނީ ތަޤްވާ ވެރިކަން ހާސިލު ކުރުމަށްޓަކައިކަން މި އާޔަތުން ވަރަށް ސަރީހަކޮށް އެނގެއެވެ. ތަޤްވާވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި އަލިއްޔު ބުން އަބީޠާލިބް ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. "އެއީ މަތިވެރިވަންތަ ﷲ އަށް ބިރުވެތިވުމާއި ﷲ ބާވައިލެއްވި ފޮތަށް އަމަލުކުރުމާއި އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުމެވެ".

ރޯދައަކީ ﷲ ތަޢާލާގެ އަމުރުފުޅުތައް ޤާއިމުކޮށް އެކަލާނގެއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަމެވެ. ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު ކެއިންބުއިމާއި އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފުސު ހިފަހައްޓައެވެ. ﷲ ތަޢާލާ އޭނާއަށް ހުއްދަ ކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވެއެވެ. ވަރަށް ގިނަ ފަހަރަށް ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ.

ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިހްސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ އިހްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ. އެ ރިވެތި އަޚްލާގީ ސިފަތަކުގެ ސަބަބުން ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރި ކޮށްދެއެވެ.

Advertisement

މިއަދު މާބޮޑުކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުމެވެ. ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި އަހަރެމެން މިއަދު މިކަންކަން ކުރަނީ ފާޅުކަންބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތިއެވެ. މިއީ މާތް ﷲ ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޣީބަ ނުކިޔާށެވެ. (އެބަހީ އެކަކު އަނެކަކަށް ޣީބަ ނުކިޔާށެވެ.) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތަޢުބާ ނުވި މީހާ (ދަންނާށެވެ) ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ".

ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދެއެވެ. ހެޔޮ ޢަމަލުތަކުގައި މީހާ މަޝްޢޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވައެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް