އޮފީސް ނިމުމަށްފަހު ގޭގެ ކައިރީގައި ހުރި މިސްކިތުން އަސުރު ނަމާދު ކޮށްލައިގެން ގެޔަށް ދިޔައީމެވެ. އެއީ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެންގެ ފަސް އަހަރަށްދާ ކުޑަދަރިފުޅު އޭރު ހުރީ ބުރެއް ޖަހާލުމަށް ދިއުމަށް އަހަރެންގެ އިންތިޒާރުގައެވެ. މިއީ އާދައިގެ މަތިން އަހަރެންގެ ޝެޑިއުލްގައި ކޮންމެ ދުވަހަކުމެ ހިމެނިފައި އޮންނަ ކަމެކެވެ.
އެހެންކަމުން، ކޮފީތައްޓެއް ބޯލައިގެން ދަރިފުޅާއި އެކު ދުއްވާލުމަށް ސައިކަލުގައި ނުކުތީމެވެ. ދަރިފުޅަކީ ބުރިޖަށް އަރަން އަބަދުވެސް ފޯރިހުންނަ ކުއްޖެއް ކަމުން އެދުވަހުވެސް ބުރިޖުގައި ދުއްވާލުމަށް ދިޔައީމެވެ. ވަގުތަކީ ހަވީރުގެ ވަގުތު ކަމުގައި ވާތީ ބުރިޖާއި ހައިވޭގައި ކާރޫބާރު ބޮޑު ވަގުތެކެވެ. ނަމަވެސް އާދައިގެ ދުވެއްޔެއްގައި ދުއްވާފައި މާލެ ދިޔައީމެވެ. އަދި މާލެ ވަށާ ބުރެއް ޖަހާލުމަށްފަހު ހުޅުމާލެއަށް ދިއުމަށް އެނބުރި ބުރިޖަށް އެރީމެވެ.
އަހަރެންނާއި ދަރިފުޅު ދުއްވަމުން ދިޔަ ވަގުތު ބާރު ސުޕީޑްގައި ކާރުތަކާއި ސައިކަލުތައް ދުއްވަމުން ދިޔައެވެ. އަހަރެންނަށް ފާހަގަވި ކަމަކީ ބާރު ސްޕީޑްގައި ދުއްވަމުން ގެންދިޔަ ކާރުތަކަކީ ޕްރައިވެޓް ކާރުތަކެއް ކަމެވެ. އަދި އުޅަނދުތަކުގެ ސްޕީޑް ބާރު ކަމުން އަހަރެންގެ ދަރިފުޅު ވަރަށް ބޮޑަށް ބިރުގަނެފައިންކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އަހަރެންގެ ވިސްނުން ހުރީ ސަލާމަތްތެރިކަމާއެކު ގެއަށް ދިއުމަށެވެ.
ކަން ހިނގާދިޔައީ އަހަރެން ހީކުރި ގޮތާއި ދިމާ އިނދިކޮޅަށެވެ. އެއަރޕޯރޓް ޓްރެފިކް ލައިޓާއި އަރާ ހަމަވި ވަގުތު ސައިކަލަކާއި ކާރެއް އެކްސިޑެންޓުވި މަންޒަރު ކުރިމަތިން ފެނުނެވެ. ފެނިގެން ދިޔައީ ސައިކަލު ދުއްވަން އިން އަންހެނަކާއި، ކުޑަ އަންހެން ކުއްޖެއް ވިއްސައިގެން ގޮސް ފަނަވަރަކަށް ފޫޓު ދުރަށް ގޮސް ބުރިޖުގެ ޗެންޗޭނު ކައިރިއަށް ޖެހުނު މަންޒަރެވެ. އަދި އެކްސިޑެންޓްވި ކާރު މަޑު ނުކޮށް ބާރު ސްޕީޑްގައި ފިލައިގެން ދިޔަ މަންޒަރެވެ. މިބިރުވެރި މަންޒަރު ފެނުނު ވަގުތު އަހަރެންގެ ކުޑަ ދަރިފުޅު ބިރުން ރޯންފެށިއެވެ. އަދި މިކަން ހިނގާދިޔުމާއި އެކު ގިނަ އިރުތަކެއް ނުވެ، ދުއްވާ އެއްޗެހި އެސަރަހައްދުގައި މަޑުކޮށް މުޅި ހިސާބު ތޮއްޖެހިއްޖެއެވެ. ހިނގާ މިދިޔަ ހާދިސާއާއި އަދި އަހަރެންގެ ކުޑަ ދަރިފުޅު ބިރުން ރޯން ފެށުމުން އަހަރެންނަށް ވެސް ލިބިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ނުތަންވަސްވެރިކަމެކެވެ. ދެން ކުރަންވީ ކީއްކަމެއް ނޭނގި ސައިކަލުގައި މަޑުކޮށްގެން އިން ވަގުތު ފުލުހުން އެސަރަހައްދަށް އައިސް އާންމުންގެ އެހީތެރިކަމާއި އެކު، އެކްސިޑެންޓްވީ ދެފަރާތް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ.
ފުލުހުން އެސަރަހައްދު ކްލިއަރ ކުރުމުން އަހަރެންވެސް އަވަސްވެގަތީ ގެޔަށް ދިއުމަށެވެ. އަދި ގެޔަށް ދެވުމާއި އެކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަންހެނުންނަށް ކިޔައިދިނީމެވެ. އޭރުވެސް ދަރިފުޅު ބިރުން ހުރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.
އެނގޭހެއްޔެވެ. ހަފުތާއެއް ވަންދެން އެދަރިފުޅު އުޅުނީ ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ބަސްމަދުވެ، އަވަސް އަވަހަށް ރޮވެއެވެ. އަބަދުވެސް ދަރިފުޅު ބިރު ގައްނަނީ ކަމަށް ބުނަމުން ގެންދިޔައެވެ. ނިދާފައި އޮންނަ ވަގުތު ވެސް ސިއްސައިގެން ގޮސް ހޭލާ ރޯންފަށައެވެ. މިކަން މިހިސާބަށް ދިއުމުން ދަރިފުޅު ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމަށް މަޖުބޫރުވެ ޑޮކްޓަރުގެ ލަފަޔާއި އިރުޝާދު މިކަމުގައި ހޯދީމެވެ. ދަރިފުޅު އެއްކޮށް ހަމަޔަކަށް އެޅުނީވެސް ގާތްގަނޑަކަށް މަހެއް ވަރު ފަހުންނެވެ.
އޭގެ ފަހުން އެއްދުވަހެކެވެ. އަހަރެން ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ ބުރެއް ޖަހާލަން ދިއުމަށް ބުނުމުން، އެކުޑަ ދަރިފުޅު ދިނީ އަހަރެން ހިތަށް ވަރަށް އަސަރު ކުރުވި ޖަވާބެކެވެ.
" ބައްޕާ! ކޮއްކޮއަކަށް ނުކެރޭނެ ދުއްވަން ދާކަށް. ޕޮލިސް ބޭބެމެން ބައްޕިއާއި ކޮއްކޮ ސަހަރާއަށް ގެންގޮސްދާނެ. ކޮއްކޮ ބޭނުމެއް ނޫން ބައްޕަ ގެއްލޭކަށް. ކޮއްކޮ ބޭނުމެއް ނޫން ބައްޕައާއި ކޮއްކޮ މަންމަ އަށް ގެއްލޭކަށް. ބައްޕަ މަރުވެދާނެތީ ކޮއްކޮ ވަރަށް ބިރުގަނޭ! އޭރުން މަންމަ ވަރަށް ރޯނެ. ބްރިޖަށް އަރާކަށް ނުވާނެ. މަރުވެދާނެ" މި އަޑު އިވުމުން އަހަރެންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. އަހަރެންގެ އެކުޑަކުޑަ ދަރިފުޅަށް ކޮއްފައިވާ އަސަރު އިންތިހާއަށް ފާހަގަވިއެވެ.
މިއީ އަހަރެންގެ ލޯކުރިމަތީ ހިނގައިގެން ގޮސްފައި ހުރި ކަންކަމެވެ. އަހަރެން ތިޔަ އެންމެ ފަރާތްތަކަށް ނަސޭހަތެއް ދޭން ބޭނުމެވެ. މަގުތަކާއި ހައިވޭތައް އަދި ބުރިޖުތަކަކީ ތިޔަ ހުރިހާ ފަރާތްތަކުންވެސް ބޭނުން ކުރުމަށް ހެދިފައިވާ ތަންތަނެވެ. އުޅަނދު ފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މަގުތަކާއި ބުރިޖްފަދަ ތަންތަން ބޭނުން ކުރާއިރު އެތަންތަން ބޭނުން ކުރުމަށް ހެދިފައިވާ ގަވާއިދު ތަކަށް ބޯލަނބަން ޖެހެއެވެ. ދުއްވުމުގައި އަބަދުވެސް އެންމެނަށް ރައްކާތެރި ގޮތްތައް ބަލާ އެގޮތަށް އަމަލު ކުރަން ޖެހެއެވެ. މިތަންތަނަކީ އެންމެންވެސް ބޭނުން ކުރުމަށް ހުންނަ ތަންތަނެވެ. އާންމު ފަރުދުންގެ ބޭނުންތަކަށް ލުއިފަސޭހަ ގޮތުގައި ބޭނުން ކުރުމަށް ހެދިފައި ހުންނަ މިފަދަ ތަންތަނުގެ ބޭނުން ލުއިފަސޭހަ އަދި ރައްކާތެރި ގޮތުގައި ބޭނުން ކުރަން ޖެހެއެވެ. ވީމާ މިތަންތަނުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާށެވެ. މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތެނީނަމަ ރައްކާ ނުރައްކަލަށް ބަދަލުކޮށްލުމަށް މަދު ސިކުންތު ކޮޅެއްވެސް ނުނަގާނެކަން ދަންނަންޖެހޭ ކަމަކީ ތެދު ހަގީގަތެވެ. ތިމާމީހާގެ މޮޅުކަން ދައްކަން ވިސްނުމެއް ނެތި ކުރެވޭ ކަންތަކެއްގެ ސަބަބުން، މި ދުނިޔެއާއި ވަކިވެގެން ދިޔައީ ކިތައް މީހުން ހެއްޔެވެ. ތިމާގެ ފަރުވާ ކުޑަކަމުންނާއި، ބައެއްގެ މޮޅުކަމާއި ގަޓް ދައްކާލުމަށް ވިސްނާނުލާ ބާރު ސްޕީޑްގައި ދުއްވުމުގެ ނަތީޖާއަކަށްވެ މުޅި އުމުރަށް ނުކުޅެދުންތެރިކަން ތަހައްމަލް ކުރަންޖެހިފައިވާ ކިތައް މީހުން އެބަ ތިބިހެއްޔެވެ. މިކަމުގެ ސަބަބުން އެތަކެއް އާއިލާއެއް ވަނީ ބިކަވެފައެވެ. އެތަކެއް ޅަދަރީންނެއް ޔަތީމު ވެއްޖެއެވެ. އަމާން މަގުތަކާއި ބުރިޖް ފަދަ ތަންތަން ނާމާން ތަންތަނުގެ ގޮތުގައި ބަދަލުވެގެން ދަނީ އަހަރެމެންގެ ތެރެއިން ބަޔަކު ވިސްނާނުލާ ކުރާ ކަންތަކެއްގެ ސަބަބުންނެވެ.
ވީމާ މިކަންކަމާއިމެދު ފުންކޮށް ވިސްނަވާށެވެ. ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮތްކަން ދަންނާށެވެ. މަގުތައްމަތީގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓްތަކަކީ ފަރުދުންގެ ރައްކާތެރިކަމަށް ހަރުކުރެވިފައިވާ ތަކެއްޗެވެ. ޓްރެފިކް ނިޝާން ބޯޑްތަކުން އަންގައިދޭ ގޮތަށް އަމަލުތައް ބަހައްޓަވާށެވެ. މަގުހުރަސްކުރުމަށް ކަނޑައަޅާފައިވާ ތަންތަނުން ހުރަސްކުރުމަށް އާދަކުރާށެވެ. އަދި އުޅަނދުފަހަރުގައި ދަތުރު ކުރާ ފަރާތްތަކުން، ފައިމަގުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް އެރައްކާތެރިކަން ކަށަވަރު ކޮށްދޭންވާނެއެވެ. އުޅަނދު ފަހަރުގެ ދުވެލީގެ ސްޕީޑް ދަށްކުރަން ޖެހެއެވެ. މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކާއި ބުރިޖާއި ހައިވޭ އަދި ރައްރަށުގެ މަގުތަކަކީ އާއިލާއާއި ރައްޓެހި ރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކޮށްލުމަށް ހަވީރު ފިންޏަށާއި ރޭގަނޑުގެ ހިތްގައިމު ވަގުތު ތަކުގައި ދުއްވާލުމަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހަދަން ހިނގާށެވެ. އެންމެނަކީވެސް ރައްކާތެރިކަން ބޭނުންވާނެ މީހުންނެވެ. މިރައްކާތެރިކަން ހޯދޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ.
ގޭތެރޭގައިވެސް ބެލެނިވެރިން ދަރީންނަށް މިކަންކަން ކިޔާދީ ހަނދާން ކޮށްދޭން ޖެހޭނެއެވެ. އަދި މަދަރުސާތަކުގައި މުދައްރިސުންވެސް ކުދިންނަށް މިކަންކަން ކިޔާދީ މަގުތަކަކީ ކިހާ މުހިންމު ތަންތަން ކަމުގައި ބުނެދޭންވާނެއެވެ. އަހަރެމެންގެ ޅަދަރީންގެ މެދުގައި މިކަންކަމަށް ހޭލުންތެރިކަން އުފައްދައި ދެވިއްޖެނަމަ، އަރަމުން އަންނަ ޒުވާން ޖީލުތަކަށްވެސް މިކަމުގެ މުހިންމުކަން ވިސްނި ހެޔޮގޮތުގައި ވިސްނާ އަމަލުކުރާނެއެވެ.
އެއްވެސް މަންމައެއް އަދި ބައްޕައެއްވެސް އެދުވަހު އަހަރެންގެ ދަރިފުޅަށް އެދިމާވި ފަދަ ބިރުވެރި ކަމެއް، އެމީހުންގެ ދަރީންނަށް ދިމާވަން ނޭދޭނެކަން ގައިމެވެ. ވީމާ މިކަންކަމާއި ދޭތެރޭ ވިސްނާ ފިކުރު ކުރާށެވެ. ތިމާގެ ފަރުދީ ޒިންމާ އަދާކުރާށެވެ.
ނޯޓް: މިއީ ޒީޓައިމްސްގެ ކިޔުންތެރިއެއް ހަދިޔާކޮށްފައިވާ ލިޔުމެކެވެ. މިފަދަ ލިޔުންތަކުގެ ބޭނުމަކީ ހޭލުންތެރި ކުރުވުމެވެ.