ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ފޮނުއްވި ޚިޠާބުގައެވެ.
" އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް. މާތްﷲގެ މޫރިތި ކަލާމްފުޅު، ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ބަސްފުޅަކީވެސް "އިޤްރައު" (ކިޔަވާށޭ). ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއަށް ފުރަތަމަ ބާވައިލެއްވުނު ވަޙީގެ 5 އާޔަތުންވެސް ކަށަވަރުކޮށްދެނީ އުނގެނުމުގެ މުހިންމުކަމާއި، ޢިލްމުގެ ޒަރީޢާއިން އިންސާނާއަށް ދެއްވި ކުރިއެރުމާއި މަތިވެރި ދަރަޖަ". ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންކަމަށާއި، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގެ ޔަޤީންކަން ރައީސްވަނީ ދެއްވާފައެވެ.
" ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެން. ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެން. ދަރިވަރުންގެ ޙައްޤުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެން". ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވައިފައިވެއެވެ.
މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
" ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިކުނޑިތަކަށް ދެވޭ ކާނާއަކީ ތަޢުލީމް. ރަނގަޅު ތަޢުލީމެއް ނުދެވޭ ކޮންމެ މުޖުތަމަޢެއް ބަދަލުވެގެން ދާނީ، ތަހުޒީބުކަމެއް، ތަމައްދުނެއް ނެތް އަބާއްޖަވެރި ވެށްޓަކަށް. ދިވެހިރާއްޖެ ދުށް އެންމެ ބޮޑު އެއް ޢާލިމް އަދި އެންމެ ބޮޑު އެއް އަދީބު، މަރުޙޫމް ޙުސައިން ޞަލާޙުއްދީން ޅެންބަހުރުވައިން ދެއްވި އަގުހުރި ނަސޭހަތެއްގައި؛
" ތަޢުލީމު ނެތަމަ ތާކު ޒަމާނާއި އެކުވެގެން
ތަން ދާނެއެ ބުއްދީގެ މަގުން އެއްކިބާ ވެގެން "
މިފަދައިން ވިދާޅުވެފައި އެވަނީ މި ސަބަބަށްޓަކައި". ރައީސްގެ ޚިޠާބުގައިވެއެވެ.
ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެވެސް ވާޖިބެއްކަމަށާއި، ހަމަ ކޮންމެ ޢުމުރެއްގައިވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެވެސް ކާމިޔާބީއާއި ގުޅިފައިވާ އެންމެ ބޮޑު ސިއްރުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް ރައީސް އިލްތިމާސް ކުރެއްވީ ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. ބެލެނިވެރީންގެ އަރިހުން އެދިވަޑައިގަތީ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. ލޮބުވެތި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި މި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށެވެ.