April 19, 2025 21:20
Advertisement

-Advertisement-

މުއްސަނދިން ވިސްނާށެވެ! މުދާ ހޭދަކުރަންވާނީ މުދާ ދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާ އެދިވަޑައިގަންނަވާ ގޮތަށް- ހުކުރު ޚުޠުބާ

ފަޤީރުކަމުގެ ހާލަތަކީ ޢަޤީދާގެ ގޮތުންނާއި ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު އޭނާއާ ކުރިމަތިވާން އެދޭނޭ ހާލަތެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއް ނެތި އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެއެވެ. އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މިހިސާބުންނެވެ. ޒަކާތް ފަރުޟު ކުރެއްވީ މުއްސަނދީންގެ މުދަލުން އެނަގައި އޭގެ ޙައްޤުވެރިންނަށް އަދާކޮށްދިނުމަށްޓަކައެވެ.

އިސްލާމް ދީނުގައި މުދާ ހޯދުމާއި މުދާ މިލްކުކުރުމާއި މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައިވެއެވެ. އެއީ ވަޟުޢީ ނަޒަރިއްޔާތަކާއި މުޅީން ޚިލާފު ނަޒަރިއްޔާއެކެވެ. މި ނަޒަރިއްޔާގައި މުދަލުގެ ހަގީގީ ވެރިފަރާތަކީ ﷲ ސުބުހާނަހޫ ވަތަޢާލާއެވެ. އިންސާނާއަކީ އެމުދަލާއި ހަވާލުވެގެން ހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރަންވާނީ އެމުދާ ދެއްވި ފަރާތްކަމުގައިވާ ﷲ ސުބުހާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވާ ގޮތަށެވެ.

މުދަލުގެ ހައްޤަކީ އެމުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުތު ހަމަވާނަމަ އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެ ޝަރުތުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި މުދަލުގައި ނިޞާބު ހަމަވުމާއި ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.

Advertisement

އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ ހަމައެކަނި ފަޤީރުމީހާގެ ޙާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްސަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި ޒަކާތުގެ މަޤްސަދަކީ އޭގެ ހައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. އެބަހީ އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހެދުމެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް