ދަރީން އުފަންވީއްސުރެ އެދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ގިނަ ބެލެނިވެރިން މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރާތަން ފެނެއެވެ. އެހެންނަމަވެސް ދަރިން ތަރުބިޔަތު ކުރުމުގައި މަދުންނަމަވެސް އިހުމާލުވެވޭ ބެލެނިވެރިން އެބަތިބި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވިއެވެ. ސްކޫލަކުން ދަރިވަރުންގެ ބޯކޮށިވާހަކައެވެ. ބެލެނިވެރިންގެ ކިބައިން އެދުމުންވެސް ސްކޫލުގެ ގަވާއިދާއި ހެދިފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް އެދަރިވަރުންގެ ބޯކޮށުމަށް އެއްބާރުލުން ނުލިބުނު ވާހަކައެވެ. މި ޕޯސްޓަށް ކޮމެންޓްކުރި ގިނަ މީހުން ބުނެފައިވަނީ މިކަމުގައި ބެލެނިވެރިންގެ އިހުމާލުވާކަމަށެވެ. ސްކޫލަށް ކުދިން ފޮނުވަން ވާނީ ސްކޫލުން އަންގާ ގޮތަށް ޔުނީފޯމް ލައްވާ ބޯކޮށައިފައިކަމަށެވެ.
" ދަރިފުޅު ބޯކޮށަން އެއްބަސް ނުވީމަ ދެން އެވީ ދަރިފުޅު ބުނާގޮތް ހަދަންތޯ؟ ނޫން ކޮންމެ ތަނެއްގައިވެސް ހެދިފައި ހުންނަ ގަވާއިދުތަކަށް ބޯލެބުމަށް ދަރީންނަށް ކުޑައިރުއްސުރެ ދަސްކޮށްދޭންޖެހޭ". ބެލެނިވެރިއަކު ލިޔެފައިވެއެވެ.
ތެދެކެވެ. ކުޑައިރުއްސުރެ ވަކިގޮތަކަށް ދަރީން ތަރުބިއްޔަތު ކުރުމަށް ބާރުއަޅައިފިނަމަ ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ރޭގަނޑު ވަކިގަޑިއެއްގެ ފަހުން އެކަނި ބޭރަށް ނުދިއުމަށާއި، ގުރޫޕު ހަދައިގެން ބޭކާރު ގޮތުގައި މަގުމަތީގައި ގިނައިރު ނުއުޅުމަށް ދަރީންނަށް ބާރުއަޅަން ޖެހެއެވެ.
ސްކޫލުގައި އުޅޭ ކުދިން ސިނގިރެޓް ބޮއެ ގުރޫޕްހަދައިގެން ސަކަރާތްޖަހައި އުޅޭ މަންޒަރުވެސް ފެނެއެވެ. ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުން އުޅޭކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިގޮތުން މަސްތުވާތަކެތި ވިއްކުމާއި ގޭންގު ކުށްތަކަށް ކުދިން އަރައިގަތުމަށް ހިތްވަރުދީ އެފަދަ ކުށްތަކުގައި ކުދިން އަމަލީގޮތުން ބައިވެރިކުރާ މީހުންނާއި މެދު ސަމާލުވާންޖެހެއެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
" މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ފެށި މިމަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެއް. މި މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ". ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.
ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމްކުރުމަށް ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުން ކަމުގައި ވަނީ ހާމަކޮށްފައެވެ. އުންމީދަކީ މުޅި ރާއްޖޭގައި ވެސް މިފަދަ ޕްރޮގްރާމްތައް އަވަސް މުސްތަގުބަލެއްގައި ހިންގާތަން ފެނުމެވެ.
ކުށްމަދު އަމާން ވެއްޓެއް ގާއިމް ކުރުމުގެ ގޮތުން ކުޑަކުދިން ކުށުގެ ވެއްޓަށް ދިޔަނުދިނުމަށް އެންމެ ބޮޑު ޒިންމާއެއް އަދާކުރެވޭނީ ބެލެނިވެރިންނަށެވެ. ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް އިދާރާތަކާއި ގުޅިގެން ކުރަން އެބަޖެހެއެވެ. ސްކޫލުގައިވެސް ދަރިވަރުންގެ އަޚުލާގަށް އަންނަ ބަދަލު ދެނެގަނެ މުދައްރިސުންނާއި ބެލެނިވެރިންނާއި އޮންނަ ގުޅުން ރަނގަޅުވާން އެބަޖެހެއެވެ. ސްކޫލުތަކުންވެސް ކުދިންގެ އަޚުލާގު ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް މިހާރަށްވުރެ ބޮޑަށް ކުރިއަށްގެންދަން ޖެހޭ ކަމަށް ފެނެއެވެ. ކުށުގެ ވެށީން ކުޑަކުދީން ސަލާމަތް ކުރެވޭނީ އެންމެން އެކީ އެއްއަޒުމެއްގައި މަސައްކަތް ކޮށްގެންނެވެ.