މާލެ ހެންވޭރު ގެއެއްގެ ފުރާޅެއްގެ މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިދިޔަ ހުކުރު ދުވަހު ހެނދުނު 07:23 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރީ އެދުވަހުގެ މެންދުރުފަހު 03:11 ގައެވެ.

" އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާ ދެމުން. ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް. މިމައްސަލަ ދަނީ ތަހުގީގު ކުރަމުން". ފުލުހުންގެ މުއައްސަސާއިން މީޑިއާ ގުރޫޕުގައި ހިއްސާކޮށްފައިވެއެވެ.
އެއަށްފަހު މިމައްސަލައިގެ ތަފްސީލް ފުލުހުން ހާމަކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ހާމަކުރި ގޮތުގައި ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އާއި އޭނާއާއެކު އެރޭ އުޅުނު ފިރިހެން މީހާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
- އަންހެން މީހާ ވެއްޓުނީ އެރޭ ދަންވަރު 4:30 އާއި 5:00 އާއި ދެމެދު
- އަންހެންމީހާ ވައްޓާލިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނޭ
- މީހުން ވަނީ 3 ގެއަކަށް ވަދެފައި
- މާލޭގެ މެދުގައި ހުރި ގެއަކަށް މި 2 މީހުން ހިމެނޭހެން 8 މީހުން ގޮސްފައިވޭ. އެގޭތެރޭގައި ހިމެނެނީ 3 އަންހެނުންނާއި 5 ފިރިހެނުން
- އެއަށްފަހު މި 2 މީހުން ހިމެނޭހެން ޖުމްލަ 4 މީހަކު އަމީނީމަގުގައި ހުރި އެހެން ގެއަކަށް ވަދެފައިވޭ. އެގެއިން ނުކުތީ 4:00 ގައި. އެގޭގައި 10 ވަރަކަށް މިނިޓް ހޭދަކޮށްފައިވޭ
- ވެއްޓުނު އަންހެން މީހާއާއި އޭނާއާއެކު އުޅުނު ފިރިހެން މީހާ ދެން ވަނީ ބުރުޒުމަގުގައި ހުރި ހެންވޭރު ފެންޓެނޮއީ ކިޔާ ގެއަށް. އަންހެން މީހާ ވެއްޓިފައިވަނީ މިގެއިން ހ. މިޓާޒް ކިޔާ ގެއެއްގެ ފުރާޅުމައްޗަށް
ތިންވަނަ ގެއަށް ވަންއިރު އަންހެން މީހާ ހުރީ ހުސްފަޔާ މަސްތުވެގެން ކަމުގައި ބެލެވޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ސީސީޓީވީ ކެމެރާއިން ވަނީ އެގޭ ތެރޭގައި އެމީހުން އުޅޭ ބައެއް މަންޒަރު ފެނިފައެވެ.
- ގޭގެ ސިޑިމަތީގައި ބަދުއަހުލާގީ އަމަލު ހިންގާފައިވާކަމަށް ވަނީ ބުނެފައި. ފުލުހުން ދެއްކި ވީޑިއޯގައި ވަނީ އެބައިތައް އުނިކޮށްފައި
- ވެއްޓުނު އަންހެން މީހާ އާއި ފިރިހެން މީހާ އެގޭގެ 7،8،9 ވަނަ ފްލޯގެ ސިޑިމަތީގައި ގިނައިރު އުޅެފައިވޭ
- އަންހެންމީހާ ކުރިން ލާފައި ހުރި ހެދުމުގެ ބަދަލުގައި ފަހުން ލާފައި ހުރީ ފިރިހެން މީހާގެ ޓީޝާޓް އެއަށްފަހު އެގޭގެ 8 ވަނަ ފްލޯގެ އެޕާޓްމަންޓްގެ ދޮރުގައި ހިފާފައިވޭ. އެކަމަކު އެ އެޕާޓްމަންޓަށް ނުވަދެވުމުން 9 ވަނަ ފްލޯއަށް އަރާފައިވޭ އެއަށްފަހު އަންހެން މީހާ ފެންނަ މަންޒަރެއް ފުލުހުން ހާމަކޮށްފައިނުވޭ
- ފަތިހު 4:52 ހާއިރު ބާރު އަޑެއް އިވޭއިރު އެއަޑުއިވުމަށްފަހު ފިރިހެންމީހާ ހަޅޭއްލަވާ ރޯއަޑު އިވުނު. އަދި 9 ވަނަ ފްލޯއަށް އަރާ މަންޒަރު ފެނިފައިވޭ
އާންމުންގެ ސުވާލުތަކެއް، ޖަވާބު ބޭނުންވޭ!
- އަންހެން މީހާ ނުވަވަނަ ފްލޯ އަށް އެރުމަށްފަހު އެއަންހެން މީހާއަށް ދެން ވީގޮތެއްގެ ވީޑިއޯއެއް ފުލުހުން ނޫސްވެރިންނަށް ދައްކާފައިނުވުން
- ފުލުހުން ބުނަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުރި ކުޑަކުޑަ ދޮރަކުން ކަމަށް. އެކަމަކު އާންމުން ދަނީ ސުވާލު އުފައްދަމުން އެދޮރުން ވެއްޓުނުނަމަ އަންހެންމީހާ އެފުރާޅުމަތީގައި އޮތީ ކީއްވެތޯ؟
- އަންހެން މީހާ ވެއްޓުނީ އިތުރު މީހެއްގެ ބައިވެރިވުމެއް ނެތިކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި. އެކަމަކު އެކަމަށް ބާރުލިބޭ އެއްވެސް ސީސީޓީވީ ވީޑިއޯއެއް ފުލުހުން ދައްކާފައި ނުވުން
- މިހާތަނަށް ޔުމްނު އާއި އޭނާއާއެކު އުޅުނު ފިރިހެން މީހާގެ ސާމްޕަލް އެކަނި ނެގުމުންވެސް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި
- އަދި މި ދެމީހުންނާއި ދެންތިބި މީހުން ވަން އެހެން ގެތަކުގެ މައުލޫމާތު އާންމު ނުކުރުމުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ
- ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްއިރު ކައިރި އިމާރާތެއްގެ ސީސީޓީވީގެ މަންޒަރަކުންވެސް ވެއްޓޭ މަންޒަރު ފެނިފައިވާކަން ހާމަނުކުރުން
މިހާދިސާގައި ވެއްޓުނު އަންހެން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ވެންޓިލޭޓަރުން ނަގާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ. އެކަމަކު މިއަންހެން މީހާއާއެކު އުޅުނު ފިރިހެން މީހާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.
މިމައްސަލައިގައި އާންމުން ދަނީ ފުލުހުންގެ މައްޗަށް ތުހުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އަންހެން މީހާ ވެއްޓުނީ އެނާ އަމިއްލައަށް ކަމަށް ފުލުހުން ބުނާއިރު އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ހުރިކަމަށް ނުބުނުން މިއީ އާންމުންގެ ކަންބޮޑުވުމެކެވެ. އަދި އޭނާ ވެއްޓިފައިވަނީ ކުޑަދޮރުން ކަމަށް ބުނާއިރު އޭނާ ވެއްޓުނީ އެގޭގެ ޓެރަސްއިން ކަމަށް ގަބޫލުކުރާ މީހުންވެސް އެބައުޅެއެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރިކަމަށް ބެލެވޭއިރު އަނެއް 7 މީހުންނާއިމެދު ފުލުހުން ފިޔަވަޅު ނައަޅާތީ އެކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ.
މިމައްސަލައިގައި ސަރުކާރުގެ އިސްވެރިންނާއި ގުޅުންހުރި އާއިލާގެ މީހުންގެ ހިމެނޭ ކަމަށް ބުނެ އަދި މައްސަލައިގައި ފުލުހުން ވަކިގޮތަކަށް އަމަލު ކުރަމުން ދަނީ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައިވަނީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ދިވެހި ފުލުހުންގެ ޤާނޫނާއި ޤަވާއިދާއި ފުލުހުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ޚިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.