ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަކީ ރާއްޖެފަދަ އުފެއްދުންތެރިކަން މަދު އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގައި އިޤްތިސާދު އާރާސްތު ކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކޮށްދޭނެ ދާއިރާއެއް ކަމަށް ތަޖްރިބާރުން ދެކެއެވެ. މިޤައުމުގެ އިގްތިސާދު ބިނާވެފައި މިވަނީ މައިގަޑު ގޮތެއެއްގައި ޓޫރިޒަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ މައްޗަށެވެ. ޤައުމު އާރާސްތުކޮށް ބިނާކުރުމައްޓަކައި ދިވެހިން ވަޒީފާތަކަށް ނުކުމެ އިގްތިސާދުގައި އަމަލީގޮތުން ބައިވެރިވުމަކީ އިގުތިސާދު ހަރުދަނާކޮށް ކުރިއަރުވަން އެންމެ މުހިންމު ބަހާކަމުގައި އިގްތިސާދީ މާހިރުން ދެކެއެވެ. އިގްތިސާދުގައި ޒުވާނުން ބައިވެރިކުރުވޭނީ އެޒުވާނުންނަށް އެކަމުގެ ހުނަރާއި ޢިލްމު ހޯދަދީގެންނެވެ.
ރާއްޖޭގައި ހުނަރު ދަސްކޮށްދީ މީހުން ބިނާކުރުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ހިންގޭނެ އެއް އިދާރާ އަކީ މޯލްޑިވްސް ޕޮލިޓެކްނިކްއެވެ. އެތަނަކީ އިންޑަސްޓްރީއަށް އެންމެ ބޭނުންވާ ފެންވަރުގެ މީހުން ބިނާކުރުމަށް އެކަށީގެންވާ ކޯސްތަކެއް ފަރުމާކޮށް ވަސީލަތްތައް ހުރި ތަނެއްކަމަށް ބެލެވެއެވެ. ބޭނުންވަނީ އެފަދަ ތަންތަނުން ހުޅުވާލާ ފުރުސަތުތަކުގެ ބޭނުންހިފައިގެން ކިޔަވާނެ މުރާލި ޒުވާނުންނެވެ.
ސްކޫލް ނިންމާ ކުދިންނަށް ސެޓިފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް، ހިންގާ ކޯސްތަށް ޕޮލިޓެކްނިކުގައި މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ސްޓެމްގެ ދާއިރާތަކަށެވެ. އެހެންކަމުން އެތަނުން ކިޔަވައިދޭ އިންޖިއަރިން ކޯސްތަކަށް ވަންނަ ދަރިވަރުންނަކީ ހިސާބު ޢިލްމާއި ފިޒިކްސް ޢިލްމުގެ ކޮންމެވެސް މިންވަރެއް ދަންނަ ކުދިންނަށްވާން ޖެހެއެވެ. ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ(ސިއީއޯ) އަހުމަދު ނާސިރު ވިދާޅުވީ މިފަދަ ޢިލްމު ނޭނގި ކޯސްތަކަށް ވަންނަ ކުއްޖަކަށް ކޯސް ކުރިއަށް ގެންދިއުމަށް އުނދަގޫވާކަން ފާހަގަ ކުރެވޭކަމަށެވެ.
"ހިސާބު ޢިލްމާއި ފިޒިކްސް ނޭނގޭނަމަ، މިސާލަކަށް ގްރޭޑް 7 ނިންމާފަ އިންޖިނިއަރިން ކޯހަކަށް ވަންނަނަމަ ފަހަރުގައި އެކުއްޖަކަށް އުނދަގޫވެދާނެ ކުރިއަށްދާން. ދެން އަޅުގަޑުމެނަށް މި ޖެހެނީ އެދަރިވަރުންނަށް އިތުރު އެހީ ތެރިކަން ފޯރުކޮށްދޭން"
ޒީޓައިމްސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަހުމަދު ވިދާޅުވީ "ގިނަ މީހުންނަށް މިތަން އެނގިފަ މިއޮންނަނީ މިއީ ހަމައެކަނި އިންޖިނިއަރިން ފެކަލްޓީއެއް ގޮތަށް. ޕޮލިޓެކްނިކް އުފައްދާފައި މިހިރީ، ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ހަކަތަ އުފައްދަން، އެއީ ހުރިހާދާއިރާތަކުން، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓުއަރިޒަމާއ، ކޮންސްޓްރަކްޝަނާއި ސިއްޙީދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާތަކުންވެސް ޒުވާނުން ބިނާކުރަން. ގިނަ ދާއިރާތަކުން މިހާރުވެސް ޕޮލިޓެކްނިކްގަ ކޯސްތައް ހިންގާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާރިރާއިން އިރާދަ ކުރެއްވިއްޔާ މިއަހަރު ކޯސްތައް ހިންގަންފާށާނަން".
އަހުމަދު ވިދާޅުވީ މިސަރުކާރު އައިފަހުން ޕޮލިޓެކްނިކަށް ގެނެސްފައިވާ މުހިއްމު ބަދަލުތަކުގެތެރޭގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަ މައިގަނޑު ހުރިހާ ދާއިރާއަކުން މީހުން ބިނާކުރުމަށްވެސް ޕޮލިޓެކްނިކުން މުހިއްމު ދައުރެއް ކުޅެދޭނެ ކަމަށެވެ. "ރާއްޖެއަކީ އިހުޒަމާނުއްސުރެ މަސްވެރި އިގްތިސާދެއް. އެކަމަކު މިހާރު މަޑުމަޑުން މިބަދަލުވީ ޓޫރިޒަމް ސާވިސް އިންޑަސްޓްރީގެ އިގްތިސާދަކަށް. ދުނިޔެ މިދަނީ ޓެކްނޮލޮޖިކަލް އެވްޑްވާންސްމެންޓާ ދިމާއަށް. ކޮންމެ ދިމާއަކަށް ބެލިޔަސް އައިސީޓީ އިންވޯލްނުވާ ދާއިރާއެއް ނެތް. ޕޮލިޓެކްނިކް މިއީ ވޮކޭޝަނަލް އެޑިއުކޭޝަނަލް ސެޝަންތަކުގެ ތެރެއިން މިތަނުގެ އިގްތިސާދަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން އުފައްދާ ތަނެއް." ކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.
އިގްތިސާދު ބިނާވެފައި އޮންނަ މައިގަނޑު 6 ސެކްޓާއަށް ކޯސްތަކެއް ފަރުމާ ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ. " ޓޫރިޒަމް ދާއިރާގެ 6 ޕްރޮގްރާމެއް މިދިޔަ އަހަރުގައި އިއުލާނު ކުރިން. ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ކުރިޔަށްއެބަދޭ. މަސްވެރިކަމުގެ ޕްރޮގްރާމެއްވެސް ތައްޔާރު ކުރެވެމުން ދަނީ. ސިއްޙީދާއިރާގެ ޕްރޮގްރާމްތަކެއް ފަރުމާކޮށް އެކަންކުރުމަށް ތައްޔާރުވަމުން މިދަނީ. މަގްސަދަކީ އިގްތިސާދުގައި މަސައްކަތްކުރާނެ ފެންވަރު ރަނގަޅު މަސައްކަތްތެރިން ބިނާ ކުރުން. މިތަނުން ކޯސް ހަދައިގެން އަމިއްލައަށް މަސައްކަތެއް (ވިޔަފާރިއެއް) ފެއްޓެން ޖެހޭނެ، ނޫނީ އެހެންތަނަކުން ވަޒީފާއެއް ހޯދެން ޖެހޭނެ" ކަމަށް އަހުމަދު ވިދާޅުވިއެވެ.
ދިވެހި މަސައްކަތްތެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އަހުމަދު ވިދާޅުވީ "މިސާލަކަށް ރާއްޖެއިން ޝަޓަލިން ކާޕެންޓަރުން ނުލިބިގެން އަޅުގަނޑުމެންނަށް ރިކުއެސްޓް އެބައާދޭ ބޮޑެތި ކުންފުނިތަކުން. ވެލްޑަރުންވެސް ރާއްޖެއަށް ބޭނުންވާ ވަރަކަށްނެތް. ބޮޑެތި ކުންފުނިތަކުން ފުދޭވަރަކަށް ރަނގަޅު މުސާރައަކަށް މުވައްޒަފުން ހޯދަން އެދެނީ. ގްރެޖުއޭޓްވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭންވެސް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަން." ކަމަށެވެ.
ޕޮލިޓެކްނިކަށް އިތުރު ކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޓުވަރިޒަމް ސެކްޓަރގެ ކޯސްތައް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މިއީ 2000 ރުފިޔާގެ އެލަވަންސެއް ދަރިވަރަށް ލިބޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، ރިސޯޓްތަކަށް ދަރިވަރުން ފޮނުވައިގެން ހިންގާ މިޕްރޮގްރާމުގައި ރިސޯޓްތަކުންވެސް ދަރިވަރުންނަށް އެލަވަންސެއް ދޭ ކަމަށާއި، ޓިޕްސް އާއި އެހެނިހެން އެލަވަންސްތަކާއި އެކު އެޕްރޮގްރާމްގައި އުޅޭ ކުދިންނަށް ގާތްގަނޑަކަށް މުސާރައެއް ގޮތަށް 5000 ވަރަކަށް ރުފިޔާ ލިބޭނެ ކަމަށެވެ.
ޕޮލިޓެކްނިކްގެ ތާރީޚުގައި ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ގްރެޖުއޭޓްވީ ދަރިވަރުންގެ އަދަދު ނިސްބަތުންދަށްކަމަށް ގަބޫލު ކުރައްވާ އަހުމަދު ވިދާޅުވީ މިފަހުން ދެ އަހަރެއްގައި 700 ދަރިވަރުން ދަސްވެނިވެއްޖެ ކަމަށެވެ. އާންމު ގޮތެއްގައި އެވްރެޖްކޮށް އެތަނުން ގުރެޖުއޭޓްވަނީ އަހަރަކު 250 އެއްހާ ކުދިން ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކުދިން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"މިތަނުން 2000 ކުދިންނަށް ޖާގަދެވޭނެ. ޓާގެޓަކީ ހުރިހާ ދާއިރާއަކުން ގިނަ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން. މިތާނގައި އެހެން ތަންތަނަށްވުރެ މުއްދަތުވެސް ދިގުވާނެ. ބައެއް ފަހަރު ސެޓިފިކެޓް ލެވެލްގެ 3 އަކަށްވެސް އެބަނަގާ 6 މަސްދުވަސް. ފުދޭވަރަކަށް ތަފްސީލުކޮށް ކިޔަވައިދޭނީ. 80 އިންސައްތައަކީ ވޯކްޝޮޕެއްގައި، ބަދިގެއެއްގައި ނޫނީ ރެސްޓޯރެންޓެއްގައި ކުރަންޖެހޭ މަސައްކަތް. އަދި އޭގެއިތުރުން އިންޓާރންޝިޕް ފުރިހަމަ ކުރަން ޖެހޭނެ." ކަމަށް އަހުމަދު ވިދާޅުވިއެވެ.
ކޯސްތައް ހިންގުމުގައި މުޅި ރާއްޖެއަށް ފުޅާކޮށްލަން ބަލާއިރު ޕޮލިޓެކްނިކަށް ދިމާވާ ދަތިތަކުގެ ތެރޭގައި އަހުމަދު ފާހަގަ ކުރެއްވީ އިންޑަސްޓްރީގައި އުޅޭ ތަޖްރިބާކާރު މީހުން ލެކްޗަރާއިންގެ ގޮތުގައި ހޯދުމަށް ދިމާވާ ދަތިތަކެވެ. "ތަމްރީނު ކުރާނެ މީހެއް ހޯދުން ވަރަށްދަތި. ރިސޯސްއެއް ނެތް. ކެޕޭސިޓީއެއް އެވަރަށްނެތް. އިންޑަސްޓްރީގައި އުޅެމުން ކިޔަވައިދެވޭނެ ރަނގަޅު ބޭފުޅުން ވަރަށް މަދު. އެހެންވީމާ ބޭނުންވާ ލެވެލަށް އެސްކޭލްގައި މިކަން ފުޅާކޮށްލެވޭކަށް ނެތް. އެންމެބޭނުންވާ ލަނޑުދަނޑިއާ ހިސާބަށް ދެވެންހުރި ގޮންޖެހުންތައް ގިނަ" ސިވިލްސާވިސް ކަމަށްވުމުން ކަންކަން ހާސިލުކުރެވޭލެއް ލަސް" ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ޕޮލިޓެކްނިކަކީ މިރީޖަނުގައި ހުރި އެންމެރަނގަޅު ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ ކަމަށާއި، ކިޔަވައިދިނުމާއި ދެވޭ ތަމްރީނުގެ ކޮލިޓީއާއިމެދު ވަރަށް ޔަގީންކަން އޮންނަ ކަމަށެވެ. "މިތަނުގައި އެސެސްމެންޓް ހަދާނީ ވޯކްޝޮޕްތަކުގައި. އެހެންވީމާ މިސާލަކަށް އެހެންމީހަކު ލައްވާ އެސައިންމެންޓް ހަދައިގެންޖެހޭ މައްސަލަ ދިމާވުން ދުރު. މިތަނުގަ އެހެންމީހެއް ލައްވާ އެސައިންމެންޓެއް އެސެސްމެންޓެއްވެސް ނެހެއްދޭނެ. ގަވާއިދުތަކަށް ވަރަށް ސްޓްރިކްޓްކޮށް ފޮލޯ ކުރާނެ" ކަމަށެވެ.
ސްޓޫޑެންޓްސް ސާވިސް ޑިރެކްޓަރ މާޖިދާ މަޖީދު ވިދާޅުވީ ޕޮލިޓެކްނިކްގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ވަޒީފާއެއްގައި އުޅެމުން ކިޔަވާ ކުދިން ކަމަށެވެ. އަދި ކޯސް ނިންމައިގެންދާ ކުދިންގެ އަހްލާގީ މައްސަލައެއް ދިމާނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
"ނިމިގެންދާ ކުއްޖަކަށް ހުންނާނީ މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ އެތިކްސް ދަސްކޮށްދެވިފަ. ވޯކްޝޮޕްތަކަށް ވަންނައިރު ވަކި ގަވާއިދުތަކެއް ހުރޭ. އެކަންކަން ވަރަށް ސްޓްރިކްޓްކޮށް ބަލާނެ މިކޮޅުން. މިސާލަކަށް އެއްފަހަރު ދިމާވި ސޭފްޓީބޫޓަށް ނާރާ އައި ކުއްޖަކު ވޯކްޝޮޕަށް ނުވައްދާ ބޭރުގައި. ފައިގައި ބެންޑޭޖްކޮށްފަ ފައިވާނަށް އަރާފަހުރި ކުއްޖެއް. އޭނާ ވޯކްޝޯޕަށް ނުވައްދާ ދެން ބޭރުގައި ބަހައްޓާނީތޯ ލެކްޗަރަރ ކައިރިން އަޅުގަނޑު އަހާލީމަ ބުނީ ޤަބޫލުކުރަމޭ އިންޖަރީއެއްވެގެން ސޭފްޓީބޫޓަށް ނޭރޭނެ ކަން. އެކަމަކު ގަވާއިދުތަކާއި އެއްގޮތަށޭ ކުރިއަށްދާނީ. ސޭފްޓީބޫޓަށް ނާރާހުއްޓާ ވޯކްޝޮޕުން ގެއްލުމެއް ލިބިއްޖެނަމަ އިތުރު އިންޖަރީއެއްނޫންހޭ ވާނީ. އެހެންވީމަ ބޭރުގައި ހުރެގެން އަޑުއަހައިގެން ކިޔެވުން އެއީ އެކުއްޖާގެ ކަމެކޭ."