April 25, 2025 19:51
Advertisement

-Advertisement-

ފުލުހުން ކުރާ މަސައްކަތް ދެފުށްފެންނަ ގޮތެއްގައި އަވަހަށް ރައްޔިތުންނަށް އެނގެން އެބަޖެހޭ - ރައީސް

ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރިއަށްގެންދާ ބައެއް ތަހުގީގުތަކުގެ މައުލޫމާތު ލިބުން ލަސްވުމަކީ ނޫސްވެރިންނާއި އާންމުންގެ ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން މިގޮތުގައި އޮއްވާ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ހިއްސާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެ ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

" ރައްޔިތުންނަށް ފުލުހުން ކުރާ މަސައްކަތް އެނގެން އެބަޖެހޭ މިހާރަށްވުރެ ގާތުން. ދެފުށްފެންނަ ގޮތެއްގައި. އަވަސްމިނުގައި. މިހާރު އަމަލު ކުރަމުންދާ އެކިއެކި އުސޫލުތައް ޕްރޮސީޖަރތަކަށް ބަދަލު ގެންނަންޖެހޭ. މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު. މިމުއައްސަސާއަށް ރައްޔިތުންގެތެރޭގައި އޮންނަންޖެހޭ އިތުބާރު އޮންނަންޖެހޭ މިންވަރަށް ޤާއިމްކުރުމުގައި މިދެންނެވި ކަންތައް އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް". ރައީސް ވިދާޅުވިއެވެ.

މައްސަލައެއް ބަލާ ހިސާބުން އެމައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

 " ތިބޭފުޅުންނަށްވެސް ޚިދުމަތް ދިނުމުގައި ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެންވަނީ ރައްޔިތުންނާއި ގާތްވިވަރަކަށް. އަޅުގަނޑު އެދެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި އެއީ ވެދާނެ ކޮންމެފަދަ މައްސަލައަކަށްވެސް އެވެދާނެ މާރާމާރީއަކަށްވެސް. ނޫނިއްޔާ އެހެންފަދަ ކަމަކަށްވެސް. ކޮންމެފަދަ ކަމެއްދިމާވިއަސް އެމައްސަލަ ބަލަން ފަށާހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާގޮތަށް ޕްރޮސީޖަރ ބަދަލުކުރަން އަޅުގަނޑު އެދެން. ޓްރާންސްޕޭރެންސީ އެގޮތަށް ގެނައުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ތިބޭފުޅުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ. ތިކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ". ރައީސް

ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށާއި އެގޮތަށް ފުލުހުންގެ މުއައްސަސާ ކުރިއަށްގެންދިއުމުގައި އަދި ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަޚުރެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޞީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ޤައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފުލުހުންގެ ފުރިހަމަ ޚިދުމަތް ރައްޔިތުނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރު އައި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި ބޭނުންވާ އެހެނިހެން ކަންކަން ކޮށްދިނުމަށްވެސް ވަރަށް އިސްކަންދެއްވާކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް "އޮނަރ ގަރޑް" އެއް ވަނީ އަރުވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް