November 22, 2024 11:01
Advertisement

-Advertisement-

ފޮޓޯ: ޑރ.ނާއިލާ

ޑރ.ނާއިލާ: ފުޑް ސައިންސް އަދި ފުޑް ޓެކްނޮލޮޖީ ދާއިރާގެ އެންމެ ކުރީގައި

ސައިންސަސް/ފުޑްޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގައި އެއްމެފުރަތަމަ ޕީއެޗްޑީ ހެއްދެވީ ޑރ.އައިޝަތު ނާއިލާއެވެ. ދިވެހިރާއްޖެއަށް ބަލާއިރު މިދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެތެރޭގައި ޑރ.ނާއިލާ ހިމެނިވަޑައިގަންނަވައެވެ. ޕިއޯސައިންސްގެ އެއް މާއްދާއަކުން ފަސްޓް ޑިގްރީ އާއި މާސްޓަރސް ޑިގްރީ އާއި ޕީއެޗްޑީ ހައްދަވާފަ ތިއްބެވި ދިވެހިން ވަރަށް މަދެވެ. ޑރ.ނާއިލާ ފަސްޓް ޑިގްރީ އާއި މާސްޓަރސް ޑިގްރީ ހެއްދެވީ ސައިންސްގެ ދާއިރާއިންނެވެ. މިފަދަ ސްޕެޝަލައިޒްޑް ޓެކްނިކަލް ސައިންޓިސްޓުން ރާއްޖޭގައި ކިތަންމެ މަދު ނަމަވެސް އެއީ ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ބައެކެވެ.

ޑރ.ނާއިލާ

ގދ.ފަރެސްމާތޮޑާއަށް އުފަން ޑރ.ނާއިލާ އެއްމެފުރަތަމަ ތަޢުލީމު ހާސިލްކުރެއްވީ މާފަންނު މަދަރުސާއިންނާއި އެމްއީއެސް އިންނެވެ. އޭލެވެލް ހެއްދެވުމަށްފަހު އެންމެފުރަތަމަ ވަޒީފާ އަދާކުރެއްވީ ކުރީގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގައެވެ. ފުރަތަމަ ޑިގްރީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީ އިން ހެއްދެވީ ފުޑް ސައިންސް އެންޑް ފުޑް ޓެކްނޮލޮޖީ ދާއިރާއިންނެވެ. އެއަށްފަހު އެދާއިރާއިން އޮސްޓްރޭލިއާގެ ކަރޓިން ޔުނިވާސިޓީ އިން މާސްޓަރސް ހެއްދެވުމަށްފަހު، ޕީއެޗްޑީ ހެއްދެވީ ނިއުޒިލެންޑްގެ މަސޭ ޔުނިވާސިޓީއިންނެވެ. ޕީއެޗްޑީ ރިސާރޗް ހެއްދެވީ ދިވެހިރާއްޖޭގައި ކެއުމަށް ޢާންމުކޮށް ބޭނުންކުރާ ރިހާކުރު ކެއުމުން އަނގަކަހާ މައްސަލަ ދިމާވާގޮތް ދެނެގަނެ އެކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުންނެވެ. މިގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް، އެންޒައިމެއް ބޭނުންކޮށްގެން ކާބޯތަކެތީގެ 'ހިސްޓަމިން އޭ' ކިޔާ ވިހަ ކެމިކަލް މާއްދާއެއް ނައްތާލާނެގޮތް އީޖާދުކުރެއްވީ ޑރ.ނާއިލާއެވެ.

Advertisement

ފުރަތަމަ ޑިގްރީ ހެއްދެވުމަށްފަހު ކުރީގެ ޕަބްލިކް ހެލްތް ލެބޯޓަރީގަ މަސައްކަތްކުރައްވަން ފެއްޓެވިތާ މާގިނަ ދުވަހެއް ނުވަނީސް، އެތަނުގެ ނަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީއަށް ވަނީ ބަދަލުވެފައެވެ. ޕީއެޗްޑީއަށް ފަހު ފުރަތަމަ މަސައްކަތްކުރެއްވީ އެކިއެކި ޕްރޮޖެކްޓްތަކުގައެވެ. ފުވައްމުލަކާއި އައްޑޫ އަދި ލ.އަތޮޅުގައި ފުޑް ޕްރޮސެސިންގ އެންޑް ޕެކޭޖިންގ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަވާ އެއަތޮޅުތަކުގައިތިބި ގިނަ ޢަދަދެއްގެ ބަޔަކަށް އެކަމުގެ ފަންނު އުގަންނަވައިދެއްވިއެވެ. އެއަށްފަހު މެލޭޝިއާގައި ރިސާޗް ދާއިރާގެ ވަޒީފާއެއްގައި މަސައްކަތް ކުރެއްވުމާއެކު ޕޯސްޓް ޑޮކްޓޯރަލް ކޮލިފިކޭޝަން ވަނީ ޙާސިލް ކުރައްވާފައެވެ. އެއީ ކެމިކަލް އިންޖިނިއަރިންގ އިންނެވެ. އެގޮތުން ކެމިކަލް އިންޖިނިއަރިންގ އާގުޅޭ 8 ޢިލްމީ ދިރާސީ ލިޔުން ވަނީ ޝާއިޢު ކުރައްވާފައެވެ. ޑރ.ނާއިލާއަށް ލިބިލެއްވި އެއްފަޚުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ގުޅި ވަޑައިގެންނެވިއިރު ޕޯސްޓް ޑޮކްޓޯރަލް ފެލޯޝިޕެއް ފުރިހަމަކުރައްވާފައިވަނީ ހަމައެކަނި ޑރ.ނާއިލާ އަށް ވުމެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ޑރ.ނާއިލާ ވަނީ ކެމިކަލް ސައިންސްގެ ދާއިރާއިން ސްޕެޝިއަލައިޒް ވެފައިވާ ސައުތު އޭޝިއާގެ އަންހެން ސައިންޓިސްޓެއް ކަމަށް ކަނޑައަޅާ، ސައުތް އޭޝިއާގެ ވިމެން ސައިންޓިސްޓުންގެ 2020ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ދިމާވާ ދަތިތަކާގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި 2018ވަނަ އަހަރު ގުޅިވަޑައިގެން އެޔުނިވާސިޓީގެ ރިސަރޗް ޑިވެލޮޕްމެންޓް އޮފީހުގައި އެސިސްޓެންޓް ޕްރޮފެސަރ އަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ.ނާއިލާ ވިދާޅުވީ މިހާތަނަށް 50 ވަރަކަށް ރިސާރޗް ޕޭޕަރު ޝާއިޢު ކުރައްވާފައިވާނެ ކަމަށެވެ. މީގެތެރޭގައި ބުކް ޗެޕްޓަރ އާއި، ކޮންފަރެންސް އާޓިކަލްތަކުގެ އިތުރަށް ޖާނަލް އާޓިކަލްތައް ހިމެނެއެވެ.

" ޕީއެޗްޑީ ތީސިސްގެ ހުރިހާ ޗެޕްޓަރުތަކެއް ވާނީ ބައިނަލްއަޤުވާމީ ސައިންޓިފިކް ޖަރނަލްތަކުގައި ޝާއިޢު ކޮށްފަ. ގިނަވާނީ އެކި ޔުނިވާސިޓީތަކާއި ކޮލަބޮރޭޓް ވެގެން ޝާއިޢުކުރި ޕޭޕަރު. އެގޮތުން ހަމައެކަނި އެއް ޕޭޕަރަށް 410 ސައިޓޭޝަން މިހާތަނަށް ލިބިފައިވޭ" ޑރ.ނާއިލާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާއިރު ކުރިމަތިވެވަޑައިގަންނަވާ އެންމެބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޑރ.ނާއިލާ ފާހަގަކުރެއްވީ ރަނގަޅު ފެންވަރުގެ ފުޑް ސޭފްޓީ އެންޑް ކޮލިޓީ ޓެސްޓްކުރާނެ ރިސަރޗް ލެބޯޓަރީއެއް ނެތުމުގެ މައްސަލައެވެ. ދާދިފަހުން ކުރިއަށްގެންދެވި ރިސަރޗް ޕްރޮޖެކްޓެއް ކަމުގައިވާ މާމުއިގެ ކޮލިޓީ ބެލުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވީ ޝްރީލަންކާއަށް ސާމްޕަލް ފޮނުއްވަވައިގެން ކަމަށާއި، މީގެ ސަބަބުން ޤައުމުން ވަރަށްގިނަ އަދަދެއްގެ ފައިސާ ބޭރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

" ރަނގަޅު ފެންވަރުގެ އެކްރެޑިޓެޑް ފުޑް ރިސަރޗް ލެބޯޓަރީއެއް ޤައުމުގައި ހުރުމުން ކާބޯތަކެތީގެ ޒަރީއާއިން ސިއްޙީގޮތުން ދިމާވާ މައްސަލަ ޙައްލުކުރުމަށް ރިސަރޗް އެވިޑެންސް ލިބި، ގިނަ ދަރިވަރުން މިކަމަށް ތަމްރީނުވެ، މިލެބޯޓަރީ ކޮމާޝަލައިޒްކޮށް ޤައުމުން ލާރި ބޭރުނުވެ އާމްދަނީ އިތުރުކުރެވޭނެ"

ޤައުމީ ޔުނިވާސިޓީ އިން ވަނީ ޑރ.ނާއިލާ އަށް ދިވެހި ބޭސްވެރިކަމާއި ކާބޯތަކެތީގެ ސޭފްޓީ އަދި ކޮލިޓީ ބެލުމަށް އެއް މިލިޔަން ރުފިޔާގެ ގްރާންޓެއް އެވޯޑުކޮށްފައެވެ. މިޕްރޮޖްކެޓް ނިންމަވާ ލިބުނު ނަތީޖާ ބޭނުން ކުރައްވައިގެން ޖާނަލް އާޓިކަލް ގެންދަވަނީ ތައްޔާރު ކުރައްވަމުންނެވެ. ޑރ.ނާއިލާގެ ޕްރޮފެޝަންގައި ރާއްޖޭގައި ހުންނަވައިގެން ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް ހުރިނަމަވެސް މަސައްކަތްކުރައްވަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ސައިންސްގެ ރޮގުން ތަމްރީންކުރެއްވުމަށެވެ.

"ދަރިވަރުންލައްވާ ސައިންސާބެހޭ ފޮތެއް ތައްޔާރުކޮށްފަވާނީ. ފިޒިކްސް އާއި ބެހޭ ފޮތެއް ކައިރި މުސްތަޤުބަލެއްގައި ދިވެހިބަހުން ޝާއިޢުވެގެންދާނެ" ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ކޮލިޓީއާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޑރ. ނާއިލާ ވިދާޅުވިއެވެ.

ސައިންސް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ޑރ.ނާއިލާ ވިދާޅުވަނީ އެއީ ޝައުގުވެރި ދާއިރާއެއްކަމަށެވެ. ޤައުމަށް ބޭނުންވާ ދާއިރާއަކީ ކޮބައިތޯ ބެލުމަށްފަހު އެދާއިރާއަކުން ރިސަރޗް ކުރިއަށްގެންދިއުމުން ޤައުމަށް އިތުރަށް އޭގެ ފައިދާ ކުރާނެކަމަށެވެ.

ސޯޝަލް މީޑިއާއަށް ބަލާލުމުން ޑރ.ނާއިލާއަކީ ކަސްރަތުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވާ ކަނބަލެއްގެގޮތުގައި ފާހަގަކުރެވުނެވެ. ކަސްރަތާއިގުޅޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ ކަސްރަތުވަގުތަކީ ރައްޓެހިންނާއިއެކު ހޭދަކުރަން ލިބޭ ވަގުތެއް ކަމަށެވެ. އަދި  ވަރަށްގިނަ ރެސްޓޯރެންޓްތަކަށް ވަޑައިގެން އެތަންތަނުގަ ހުންނަ ކާއެއްޗެހީގެ ރަހައާއި ދޭތެރޭ ފާޑުވިދާޅުވާކަން ފާހަގަކުރެވޭއިރު، ޑރ.ނާއިލާ ދެކެވަޑައިގަންނަވާ ގޮތުގައި ރަހަ ނުބައި ކާއެއްޗެހި ވިއްކާ ތަންތަނާއިމެދު ފިޔަވަޅުއަޅަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް ބޮޑު ފޭނެއްކަމަށްވާ ޑރ.ނާއިލާ ވިދާޅުވީ "ރައީސް ނަޝީދު ވިދާޅުވާހެން މިރާއްޖެ ތަނަކަށް ވާނީ ނިކަމެތި ރައްޔިތުމީހާ އުފާވެރި ވެގެން" މިގޮތަށެވެ.

އިންޓަވިއު ނިންމަވާލައްވަމުން ޑރ.ނާއިލާ ވަނީ އެސިސްޓެންޓް ޕްރޮފެސަރ އަށް ވުމަށް ކަޑައްތުކުރެއްވި މަރުޙަލާގައި މަންމަ(އާޤިލާ)ގެ އިތުރުން ޢާއިލާއިން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ގެންދަވަނީ ޕްރޮފެސަރ އަކަށް ވެވަޑައިގެންނެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވަމުންނެވެ.

+1
1
+1
15
+1
12
+1
0
+1
2
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް