ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރެއްގެ މަޤާމުގައި މިހާރު ހުންނެވި އަޒްރާ ތައުފީގު، އެންމެން ދަންނަ ނަމުންނަމަ އަޒްރާމިސްއަކީ ދިވެހި ބަސްދެކެ އިންތިހާއަށް ލޯބިވާ ބޭފުޅެކެވެ. ހަމައެހެންމެ ދިވެހިބަސް ކިޔަވައިދެއްވުމަށް އެހުންނަ ޝައުގުވެރިކަމާއި ލޯބި އެއީ ލިޔާ ލިޔުމަކުން ހާމަކޮށްދެވޭނެ ކަންކަމެއް ނޫނެވެ.
ޕްރިންސިޕަލް ސަޢީދު އަޙްމަދުގެ މެސެޖް: ޓީޗަރަކަށްވުމުގެ ސަބަބު
ގދ.ތިނަދޫއަށް އުފަން އަޒްރާ ތައުފީގުގެ ތަޢުލީމީ ޙަޔާތް ފެށުނީ ރަށު ސްކޫލުންނެވެ. އޭރު އެ ސްކޫލުން ކިޔެވެނީ ގްރޭޑް 8 އާއި ހަމައަށެވެ.
1984ގައި ރަށު ސްކޫލުން ތަޢުލީމީ ޙަޔާތް ނިމުނުއިރު އާދައިގެ މަތިން ސްކޫލުގެ މޮޅެތި ދަރިވަރުންނަށް ވަނީ ރަށުގެ އޮފީސްތަކުން ވަޒީފާ ހަމަޖެހިފައެވެ. އެހެންނަމަވެސް އޭރު ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އަޙްމަދުގެ އެދިލެއްވުމަކީ އަޒްރާގެ ބެޗަކީ ރަށުގެ ސްކޫލަށް ޚިދުމަތް ކުރުމަށް ޓީޗަރުންގެ ގޮތުގައި ނުކުންނަ ބެޗަކަށް ވުމެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ބެޗްގެ ގޮތުގައި ތަމްރީނުވާން ލިބުނު ފުރުސަތުގެ ބޭނުން ކުރެއްވީ ވަރަށްވެސް މާނަފުން މެސެޖާކާއި އެކުގައެވެ.
" ޕްރިންސިޕަލަކަށް ހުންނެވި ސަޢީދު އަޙްމަދު ވިދާޅުވީ އޮފީހަށްދާނެ ކަމެއް ނެތޯ ޓީޗިންގ އޭ ހަދަންވާނީ. ތިއީ ފެންވަރު ހުރި ކުދިންނޭ. އޭރު ނޭނގެ ކިޔަވާ ނިމުނުއިރު ޓީޗިންގއަކީ ކޮބައިކަމެއް. ޓީޗަރުންނަކީ ކިހާ ގަދަރުވެރި، ކިހާ މުހިންމު ބައެއްކަން ޕްރިންސިޕަލް ބުނެދެއްވީ ޑޮކްޓަރަކު މިސާލަކަށް ނަންގަވައިގެން. ޑޮކްޓަރެއް ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން ބަލިމީހަކު ބަލިން ފަސޭހަކޮށްދިނަސް، ބަލިން ފަސޭހަވުމަށްފަހު ގިނަ ފަހަރަށް އެ ޑޮކްޓަރެއްގެ ނަން އަދި ކޮށްދިން ކަމެއްވެސް އެ ބަލިމީހާ ހަނދާން ނުހުންނާނެ. އެހެންނަމަވެސް ޓީޗަރެއްނަމަ ކިތަންމެ ޒަމާނެއްވިޔަސް އެ މީހަކު ފެނުމުން އެއީ ތިމަންނައަށް ކިޔަވައިދިން މީހާކަން ހަނދާން ހުންނާނެކަމަށް ޕްރިސިޕަލް އެދުވަހު ވިދާޅުވި''
ޓީޗަރަކަށްވުމަކީ އެއީ ވަރަށް ބޮޑު ފަޚުރެއްކަމާއި ބައެއް ފަހަރު ބެލެނެވެރިންގެ ހިތްހަމަ ނުޖެހުން ހުރިނަމަވެސް ޓީޗަރަކަށްވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެކަމެއްކަމަށް ޕްރިންސިޕަލް ދެއްވި ނަސޭހަތްޕުޅާއިއެކު އެހިސާބުން ޓީޗަރަކަށްވުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔަކަމަށް އަޒްރާ ވިދާޅުވިއެވެ.
އެންމެ ބޭނުންވީ ޔުނީފޯމުގައި ސްކޫލަށް ކިޔަވަން ދިއުން
އުމުރުން 16 އަހަރުގައި ކިޔަވައިދޭން ފަށައި އެކަމަށް ބޭނުންވާ ތަމްރީން ހޯއްދެވުމަށް މާލެ ވަޑައިގެންނެވިއިރު ޕްރިންސިޕަލް ހުންނެވީ މާލޭގައެވެ. އެހެންކަމުން އެ ބެޗްގެ ކުދިން ގޮވައިގެން ކޯސް ހަދާ މަރުކަޒަށް ވަޑައިގެންނެވީ ސީދާ ޕްރިންސިޕަލެވެ. އޭރު އެކޯހަށް ވަރަށް ޑިމާންޑް ބޮޑެވެ. ކިޔެވުމަށް އެންމެ ރަނގަޅު ކުދިންނަށް ކޯހުން ޖާގަ ދިންއިރު އެ ބެޗްގައި އަޒްރާ ހޮވުނީ ރަށު ސްކޫލުން ކިޔަވައިދެއްވި ޝަކީލުސަރގެ މިންނެތް މަސައްކަތުންކަން މިއަދު އަޒްރާ ފާހަގަކުރައްވައެވެ. ސްކޫލުދައުރުގައި ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމެއް ޝަކީލުސަރ ވަނީ އުނގަންނައި ދެއްވާފައެވެ. ޓީޗިންގއަށް ޝައުގު ހުރިނަމަވެސް، އޭރު ޓީޗިންގ ހަދަން އެހާ ބޭނުން ނުވާކަން ފާހަގާކުރައްވާ އަޒްރާ ވިދާޅުވީ އޭރު އެންމެ ބޭނުންވީ ޔުނީފޯމުގައި ކިޔަވަން ސްކޫލަށް ދާން ކަމަށެވެ. އެހެންނަވެސް އޭރުގެ ޙާލަތު ހުރިގޮތުން ކިޔެވެން ނެތުމުން ޓީޗިންގ ހެދީކަމަށް ވިދާޅުވިއެވެ. އޭރު އެކީގައި އުޅުނު ބައެއް ކުދިން ޔުނިފޯމްގައި ކިޔަވަން ދާތަން ފެނުމުން ވަރަށް ދެރަވިކަންވެސް ފާހަގަ ކުރެއްވިއެވެ.
އޭރު ޓީޗަރުންނަކީ ވަރަށް ޤަދަރުވެރިބައެއް
ޓީޗިންގ ނިންމެވުމަށްފަހު ލ. އަތޮޅަށް ޕްރެކްޓިސްއަށް ވަޑައިގެންނެވިއިރު އަޒްރާ އަކީ އެ ކޯހުގައި ހިމެނޭ އުމުރުން ހަގު ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އެހެންނަމަވެސް ޓީޗަރުންނަށް އޭރު ކުރި ޤަދަރު އެ ދަތުރުން ފެނިގެން ދިޔައެވެ.
'' ބެލެނެވެރިން މިސްމެން ފެނުމުން ތިބި ތަނަކުން ތެދުވެގެން ގޮސް ފާރުކައިރީ އެތުރިގެން އެބަތިބޭ އޭރު. މުސާރަވެސް އޭރާއި ބަލާއިރު ވަރަށް ރަނގަޅު. ފުރަތަމަ މުސާރައަކީ 375 ރުފިޔާ. ކަތީބުންނަށް އޭރު ލިބެނީ 90 ރުފިޔާ. އެހެންކަމުން ޓީޗަރުންގެ އަގު ކިހާ މަތިކަން އެކަމުންވެސް ދޭހަވޭ. އޭރު 24 ގަޑިއިރު ސްކޫލުގައި އުޅެނީ. ވަކި ޝިފްޓަކަށް ނުބަލާ. ވަރަށް އުޅޭ ހިތުން އެންމެންވެސް އުޅުނީ. ބެލެނެވެރިންވެސް ދަރިވަރުންވެސް ވަރަށް ލޯބިވާނެ "
އުނގެނުމަށް ހުރި ޝައުގާއިގެން ކުރިއަށް
އަޒްރާ ފާހަގަ ކުރެއްވި ގޮތުގައި އޭރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީޗިންގ ހެދުމަށްފަހު އިތުރަށް ކުރިއަރައިގެން ދާނެ ރޮނގެއް ނެތުމެވެ. ދާއިރާގައި އުޅުއްވާތާ 12 އަހަރު ފަހުން ޓީޗަރުން އިތުރަށް ތަމްރީނު ކުރުމުގެ ކޯސްތަކަށް އިޢުލާންކުރިއެވެ. އެޑްވާންސް ޕްރައިމަރީ ޓީޗިންގ ކޯހަށްފަހު ކޮންމެ އަހަރަކު ކޮންމެވެސް އެއް ކޯހެއް ފުރިހަމަ ކުރައްވަމުން ގެންދެވީ އުނގެނުމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.
ދަތި، ހިތްދަތި އެތަކެއް ވަގުތުތަކާއި ދުވަސްތައް
އޭރު ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން އިތުރަށް ކިޔެވުމަށް ބޭނުންވާތީ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވާން ޖެހުނެވެ. އޭރު ޑިގްރީއަށް ކިޔަވާނަމަ ވަޒީފާއިން ކެނޑެންޖެހެއެވެ. ވަޒީފާ އަދާކުރީތީ ބޭސިކް މުސާރައިގެ ގޮތުގައި 3275 ރުފިޔާ އޭރު ލިބުނަސް އެއީ ގޭގެ ކުއްޔަށް އަރާވަރަށްވުރެ ކުޑަ އާމްދަނީއެކެވެ. އެހެންވިޔަސް ހިތްވަރު ދޫނުކޮށް ތުއްތު ދެކުދިންނާއިއެކު ކިޔެވުމަށްޓަކައި 24 ގަޑިއިރު މަސައްކަތް ކުރައްވައިގެން ދަރިންބަލަމުން ކިޔެވުން ކުރިއަށް ގެންދެވިއެވެ. އިތުރަށް އާމްދަނީ ބޭނުންވާތީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުގެ ޕާޓްޓައިމް ވަޒީފާއެއް އަދާކުރެއްވިއެވެ.
ކިޔަވައިދެއްވަމުން، ކިޔަވަން ވަޑައިގަންނަވަމުން އަދި ލިބޭ ކުޑަ ވަގުތުކޮޅު ޓިއުޝަން ދެއްވިއެވެ. ހެނދުނު 8-12 އަށް ކިޔަވައިދެއްވުމަށްފަހު 1-6 އަށް ކޮލެޖަށް ކިޔަވަން ވަޑައިގެންނެވިއެވެ. އެ ދެމެދުގައި ލިބޭ ބްރޭކްގައި ޓިއުޝަން ދެއްވިއެވެ.
ދަރިންގެ ކަންކަން އެކަނިކުރައްވަމުން ގެންދެވީ ގޮންޖެހުން ބޮޑު ދިރިއުޅުމެކެވެ. އެސައިންމަންޓް ނިންމަވަނީ ރޭގަނޑު 12 ގެ ފަހުން ދަރިން ނިންދެވުމަށްފަހުގައެވެ. ރޭގަނޑުގެ ނިންޖަށް ބެއްލެވުމެއް ނެތެވެ.
'' އެޑްވާންސް ޓީޗިންގ ހެދިއިރު އެއީ ކޮމްޕިޔުޓަރުގެ ޒަމާނެއް ނޫން. ހުރިހާ އެސައިންމަންޓެއް ހަދާފައި ހުންނާނީ އަތުން ލިޔެގެން. އެއީވެސް ވަރަށް ވަގުތު. އޭރު ދިރިއުޅުނު ގެއަކީ ކިޔެވުމަށް ފަހި މާޙައުލެއް ހުރިތަނެއް ނޫން. ގޭ އެންމެން ނިދީމަ ބަދިގޭގައި އެކަނި އަލިކަމެއް ހުންނާނީ. ބަދިގޭގައި ހުންނަ ގޮނޑިއެއްގެ މަތީގައި ފިލާގަނޑެއް އަޅައިގެން އެތާ އިނދެގެން އެސައިންމަންޓް ލިޔަނީ. އޭރު އެސައިންމަންޓެއްގެ ދިގުމިނަކީ އެގްޒަމިނޭޝަން ގަނޑެއްގެ ދިގުމިން. އެހެން ލިޔާއިރު އެންމެ ބޭނުންވާ މަޢުލޫމާތު އެ ގަނޑެއްގައި ނުލިޔެވިއްޖެނަމަ އަނެއްކާ އަލުން އެހެން ގަނޑެއްގައި އެއަށްވުރެ ކުދިކޮށް ލިޔަނީ. ބޭނުންވާ ހުރިހާ މަޢުލޫމާތު ހިމެނޭ ގޮތަށް އެހެން ލިޔަނީ. ''
އޭރު އަޒްރާ މިސްގެ ދަރިފުޅު ވަރަށްވެސް ކުޑައެވެ. ތުއްތު ކުއްޖަކު އެހެން ބަޔަކާއި ޙަވާލުކޮށްފައި، ކިޔަވަން އަދި ވަޒީފާއަށްވެސް ދިއުމަކީ މަޔަކަށް ކެތްވާނެކަމެއް ނޫނެވެ.
''އެއީ ވަރަށް ހިތްދަތި ހަނދާނެއް. 8 ޖަހާއިރަށް ކިޔަވަން ދާންޖެހޭތީ 6.45 އެހާކަންހާއިރު 2 އަހަރުގެ ތުއްތު ދަރިފުޅު ހޭލައްވައިގެން ކާންދިނުމަށްފަހު ކިޔަވަން ދަނީ. ބްރޭކް ގަޑީގައި ގެއަށް ގޮސް ކާންދެނީ. އެހެން 6 ވަރަކަށް މަސް ވަރަށް އުނދަގުލުގައި އުޅުމަށްފަހު އެންމެ ފަހުން ކެތް ނުވެގެން ދަރިފުޅު ރަށަށް ފޮނުވާލީ. ދެން ކޯސް ނިންމުމަށްފަހު އަނެއްކާ ރަށަށް ގޮސް ދަރިފުޅު ގޮވައިގެން އައީ. އެއީ ވަރަށް ބޮޑު ޤުރުބާނީއެއް. އޭރު ފުރަތަމަ ދަރިފުޅު އުޅުނީ ޔޫކޭޖީގައި. ''
ޢިލްމު އުނގެނުމުގައި، އެބުރަ މަސައްކަތްކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއިރު ޤާރީ އެޑްވާންސް ކޯސްވެސް ހެއްދެވިއެވެ.
ޑިގްރީ ނިންމެވިއިރު ހުންނެވީ ބިލަބޮންގ ގައި ދިވެހި ޓީޗަރަކަށެވެ. ޑިގްރީ އަށްފަހު ސިވިލްސާރވިސް ވަޒީފާއެއް ހޯއްދެވުމަށް މަސައްކަތް ފެއްޓެވީ ސިއްޙީ ޙާލަތުހުރި ގޮތުންނެވެ. ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް އެދުވަސްވަރު ކުރަން ޖެހުމަކީ ދިރިއުޅުމުގެ އެހެން ޕްލޭންތަކަށް ހުރަސް އެޅުނު ކަމެކެވެ. އަމިއްލަ ޚަރަދުގައި ހައްޖަށް ވަޑައިގެންނެވުމަކީ އަޒްރާގެ ވަރަށް ބޮޑު ހުވަފެނެއްކަމުން އޭރު ހުންނެވީ އެކަމަށް ފައިސާވެސް ދައްކަވާފައެވެ. އެފަދަ އެތައް ކަމަކަށް، ބަލިވުމުގެ ސަބަބުން ބުރޫއެރިއެވެ.
ހިތްވަރު ލިބުނީ ދީނީ ކަންތައްތަކުން
ތަޢުލީމީ ދާއިރާގެ މި ދިގު ދަތުރުގައި ދުވަސްތައް ހޭދަކުރެއްވިއިރު ގަދަ ކަނޑުގައި އެކަނި ފެތި ދުވަސްތައް މަދެއް ނޫނެވެ. ދެންމެ ދެންމެ ކަނޑުވެދާނެއޭ ދެން ނުވާނެއޭ ހީވާކޮންމެ ދަނޑިވަޅެއްގައި ކެތްތެރިކަމާއިއެކީ ކުރިއަށް ފިޔަވަޅުއެޅުއްވީ ދީނީ ކަންތަކަށް ދެއްވި އިސްކަމާއި އެ ހިތްހަމަޖެހުމާއި އެކުގައެވެ. ޢާއިލާގެ އެއްވެސް މީހަކަށް، މިއަދާ ހަމައަށްވެސް އަޒްރާގެ އެ ހިތްދަތި ދުވަސްތަކާއި އުފުލި ބުރައާއި ތަކުލީފު ނޭނގޭނެއެވެ. އޭގެ ބަދަލުގައި އެންމެނަށްވެސް ފެނުނީ ހިނިއައިސް، ހިނިތުންވެފައި ހުންނަ ހިތްހެޔޮ މީހެކެވެ. އެ ހިނިތުންވުމުން، ކިޔަވައިދެއްވާ ދަރިވަރުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވިއެވެ. އެ ހިތްހެޔޮކަމުން މާޔޫސްވެފައިވާ އެތަކެއް ބަޔަކަށް އުފާވެރިކަން ގެނުވިއެވެ.
ދަރިންނަށް ދެއްވި މެސެޖް
ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމަކާއިއެކުވެސް ކިޔެވުމަށްބުރަކޮށް މަސައްކަތްކުރައްވާ، އާމްދަނީ ހޯއްދެވުމަށް ކުރެއްވި މަސައްކަތުން ދަރިންނާއިއެކީ ހޭދަކުރަން ލިބުނު ވަގުތުތައް ވަރަށް މަދެވެ. އެކަމާ އަބަދުވެސް އަޒްރާ ދެރަވެއެވެ. އެހެންނަމަވެސް އެ ހުރިހާކަމެއް ކުރީ އެކުދިންނަށްޓަކައެވެ.
އެހާބުރަކޮށް މަސައްކަތް ކުރައްވައިގެން، އެހާ ދަތިކޮށް ވަގުތު ހޯއްދަވައިގެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ކިޔަވައިގެންތިބި ދަރިންގެ ގޮތުގައި ވީތީ ވަރަށް އުފާކުރައްވާކަމަށް އަޒްރާ ވިދާޅުވިއެވެ.
ކިޔެވިއިރުވެސް ވިސްނެވީ ދިވެހިބަހާއި އަދަބިއްޔާތައް ޚިދުމަތްދެއްވޭތޯ
ދިވެހިބަހަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން، ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރެއްވިއިރު މުޅިންވެސް އިސްކަންދެއްވީ ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރެވޭތޯއެވެ.
ޓީޗަރަކަށްވުމަށް ތަމްރީނުވުމަށްފަހު ދިވެހިބަސް ކިޔަވައިދިނުމަކީ އެހާމެ ޝައުގުވެރިކަމަކަށްވިއެވެ. އަދި ތުއްތު ކުދިންނަށް އަކުރުތައް ދަސްކޮށްދެއްވުމަކީ އަޒްރާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.
މިކަން އެނގިގެން ދިޔައީ ދިވެހިބަހާއި ސަޤާފަތުން ޑިގްރީ ނެންގެވުމަށްފަހު މާސްޓަރސްވެސް ހައްދާވާފައިވާތީއެވެ.
ސަރުކާރު ޤަބޫލުކުރާ ފެންވަރަށް ދިވެހިބަހުގެ ފޮތް ލިޔުއްވައިގެން 2000 ވަނައަހަރާއި 2002 ވަނަ އަހަރު އަޒްރާ އަށް ވަނީ ޤައުމީ އިނާމު ލިބި ލައްވާފައެވެ.
އެންމެ ފުރަތަމަ ޤައުމު
ވަޒީފާއަދާކުރަނީ ކިތަންމެ ބޭނުންވެގެންކަމުގައި ވިޔަސް މުސާރައިގެ ހިތްހަމަ ނުޖެހުމަކީ ކޮންމެ މީހަކަށްވެސް އަންނާނެ ހިތްހަމަ ނުޖެހުމެކެވެ. 33 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ އަޒްރާ އަށް އެ ހިތްހަމަ ނުޖެހުން އައެވެ. ވަޒީފާގެ އޮނިގަނޑަށް ގެނައި ބައެއް ބަދަލުތަކުން ދެފަހަރަކު ކުރިއެރުމެއް ނުލިބި ދިޔައެވެ. މަތީ ތަޢުލީމު ހޯދާފައިވުމާއި އާމްދަނީއަކީ ދިރިއުޅުމުގައި މުހިންމު އެއްޗަކަށްވާތީ އެން.އައި.އީގައި އޭރުކުރައްވަމުން ގެންދެވި މަސައްކަތް ދޫކޮށް، ޓީޗަރަކަށް ވުމަށްޓަކައި ރެހެންދި ސްކޫލަށް އެޕްލައިކުރެއްވިއެވެ. ނަސީބު ކަންދިމާކުރިގޮތުން އެތަނުން ވަޒީފާ ހަމަޖެހުނެވެ. އޭރު ދިޔައީ ކަރިކިއުލަމްގެ މަސައްކަތްތައް ކުރަމުންނެވެ. އެތަނުގައި އޭރު ދިވެހި މާއްދާގެ މަސައްކަތް ކުރައްވަން ހުންނެވީ އަޒްރާ މިސްއަށްވެފައި، ދިވެހި ބަހާއި ތާރީޚުގެ ތެރެއަށް ވަދެވިފައިވުމާއިއެކު އެވަގުތަކީ އަޒްރާ މިސްގެ ބޭނުން ޤައުމަށް އެންމެ މުހިންމު ވަގުތުކަމަށް ޤަބޫލުކުރައްވާ ރެހެންދި ސްކޫލުން ލިބުނު ވަޒީފާ ދޫކޮށްލެއްވިއެވެ. އެ މަސައްކަތްކުރެއްވީ ހިތްހަމަޖެހުމަށްޓަކައެވެ. އަމިއްލަކަމެއްގެ ގޮތުގައި ދެކިލައްވައިގެން ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ.
33 އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތުގައި
1987އިން ފެށިގެން ޤައުމީ ޚިދުމަތުގައި 33 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާއިރު އެކަނި ދަރިން ގޮވައިގެން އުޅުއްވަމުން މިހިސާބަށް ވަޑައިގެންނެވޭނީ އެމީހެއްގެ ކިބައިގައިވާ ހިތްވަރާއި، ކެރުމާއި ޢަޒުމް ވަރުގަދަކަމުންކަން ކަށަވަރެވެ.
'' ވަޒީފާ އަދާކުރަމުން ދަރިންގެ ހުރިހާ ކަމެއް ކުރަމުން މިއީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. މިހާހިސާބަށް މި އާދެވުނީ ކިޔެވުމަށްހުރި ޝައުޤުވެރިކަމުން. ފިރިމީހާވެސް ޑިމާންޑްކުރި ވަޒީފާ ދޫކޮށް ރަށަށް ދިއުމަށް. ''
އެންމެ ފުރަތަމަ ޚިދުމަތްކުރެއްވީ ކިޔެވި ސްކޫލަށެވެ. މިހާރު މުޅި ޤައުމަށެވެ. މަންހަޖާއި ސިލަބަހުގެ މަސައްކަތްކުރައްވާ ޓީޗަރުން ތަމްރީނުކުރެއްވުމަށް އެކި އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުން މިއަދު އަޒްރާ އަކީ އެންމެންނާއި ވަރަށް ގާތް މިސް އަކަށްވެއްޖެއެވެ. އަޒްރާގެ ޚިދުމަތް ނުލިބޭ ރަށެއް މި ޤައުމުގައި ނެތެވެ.
މިހާތަނަށް ކުރެއްވުނު މަސައްކަތަށްބަލާއިރު މަންހަޖަށް އަހުލުވެރިކުރުމަށް ކުރެވުނު މަސައްކަތް އަޒްރާ ފާހަގަކުރެއްވިއެވެ. ބަހަށް ޚިދުމަތްކުރެއްވުމުގައި އަދިވެސް ހުންނެވީ ކުރިއަށް ދިޔުމުގެ ޢަޒުމުގައެވެ.