November 22, 2024 07:15
Advertisement

-Advertisement-

ނަސްރު

ނަސްރު: މެދުނުކެނޑި 26 އަހަރުވީ ރޭޑިިއޯ އަޑެއް

އެންމެ ހެނދުނާ ރޭޑިއޯ ހުޅުވާލާއިރު އިވެނީ 'ބާއްޖަވެރި ހެނދުނެއް' ދުވަސްވީ މި ޕްރޮގްރާމްގެ އަޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވާ މި ޕްރޮގްރާމުގެ ދުވަސްވީ އެއް އަޑަކީ ނަސްރުﷲ އިދުރީސްގެ އަޑެވެ. ރޯދަމަހެއްގައި ނަމަ ރޯދަ ކުރުކުރުން ޕްރޮގްރާމުންވެސް އިވޭ އެއް އަޑަކީ މިއެވެ.
ދިވެހިރާއްޖޭގެ އަޑަށް ވަދެވުނު ގޮތް ޒީޓައިމްސް އާއި ހިއްސާ ކުރައްވަމުން ނަސްރުﷲ ވިދާޅުވީ އެދުވަސްވަރަކީ ސްކޫލު ނިމޭއިރަށް ވަކި ވަރަކަށް ކުދިން ސިފައިންގެއަށް ވަޒީފާއަށް ނަގާ ދުވަސްވަރު ކަމުން ސިފައިންގެއަށް ގެންދިއުމުގު ކުރިން ވަޒީފާއެއް ހޯދަން އުޅެގެން އެންމެ ފުރަތަމަ ލިބުނު ވަޒީފާއަކީ ރޭޑިއޯގެ ވަޒީފާ ކަމަށެވެ. "އޭރު ގާތްގަނޑަކަށް 22 އަހަރު. 1994ގަ ދިވެހިރާއްޖޭގެ އަޑަށް ވަނީ. އެމްއީއެސްއިން ގްރޭޑް 10 ނިންމާފަ އޭރު ސިފައިންގެއަށް ވަޒީފާއަށް ދާންވެސް އަންގާފަ އޮތީ. ދިވެހިރާއްޖޭގެ އަޑަށް ވަނީ ޕްރޮޑިއުސަރ ޓްރޭނީއެއްގެ ގޮތުގަ" ކަމަށެވެ.

މިހާރު ޕީއެސްއެމްގެ 'މެނޭޖަރ–ރޭޑިއޯ ޕްރޮޑަކްޝަންސް'ގެ މަޤާމު އަދާކުރައްވާ ނަސްރުﷲ އަކީ ރޭޑިއޯ ދާއިރާގެ ހުށަހެޅުންތެރިއަކަށް ވެދާނެ ކަމަށް ކުރިން ޚިޔާލަށްވެސް ގެންނެވި ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ކުޑައިރު އުފަންރަށް ހއ.އުލިގަމުގައި އުޅުއްވިއިރު ގޭގައި ރޭޑިއޯ ހުންނާތީ ވަރަށް ގިނައިން ރޭޑިއޯ އަޑު އައްސަވައެވެ. އޭރު އެންމެ ގަޔާވި އަޑަކީ ބަދުރުއްނަސީރުގެ އަޑެވެ. ނަސްރުﷲއަށް އެންމެ ކަމުދިޔަ ޕްރޮގްރާމަކީވެސް އޭރު ބަދުރުއްނަސީރާއި އިބްރާޙީމް މަނިކު ހުށަހަޅުއްވަމުން ގެންދެވި 'ބާއްޖަވެރި ހެނދުނެއް' މި ޕްރޮގްރާމެވެ.

"ރަށުގައި އުޅުނުއިރު ރޭޑިއޯ ޕްރޮގްރާމްތައް އަޑުއިވޭތީ ޝައުގުވެރިކަން އުފެދުނު. އޭރު އެންމެ ޝައުގުވެރިކަން އުފެދުނީ ހަމަ ލައިވް ކޮމެންޓްރީއަށް، އެންމެ ފާހަގަކޮށްލެވެނީ ބަދުރު، ދެން ބާއްޖަވެރި ހެނދުނެއް އެއީ އިބްރާހީމް މަނިކު. ދުވަހަކުވެސް ބަދުރުމެން ފަދަ ރޭޑިއޯގެ ހުށަހެޅުންތެރިއަކާއި ބައްދަލުވާނެ އެކޭ ހަމަ ހިތަކަށް ނާރާ އޭރަކު" ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲ ރޭޑިއޯ ދާއިރާގައި ދެމި ހުންނެވުމުގެ ސިއްރަކީ، ސްކޫލު ދައުރުގައި އަދަބީ ކަންކަމުގެ ތެރޭގައި އުޅުއްވުމުގެ ސަބަބުން އަދަބިއްޔާތަށް ލޯހުޅުވިފައިވާ މިންވަރެވެ. "މިހާ ގިނަ ދުވަހު މިދާއިރާގައި އުޅެވުނީ ސްކޫލު ދައުރުގައި ވަރަށްބޮޑަށް އަދަބީ ކަންކަމުގައި އުޅެވިފައި ހުރީ. ރަށުން މާލެ އައިސް އަމީރު އަހުމަދުގަ އަދަބީ ޖަމްއިއްޔާގަ އިސްދައުރެއް އަދާކުރިން. އޭގެ ފަހުން އެމްއީއެސްއަށް ބަދަލުވެ އަދަބީ ކަންކަމުގައި ވަރަށް އުޅުނިން. އަދަބީ ބުސްތާނުގެ ރައީސްކަން ވެސް ކުރިން. އެހެންވީމަ އޭގެ ބޭނުން ވަރަށް ހިފޭ މިދާއިރާގަ" މިއީ 26 އަހަރުވީއިރުވެސް ހުއްޓާނުލާ އެއް ވަޒީފާއެއްގައި އެއް ދާއިރާއެއްގައި ދެމިހުރެވޭ މައިގަނޑު އެއް ސަބަބެވެ. އޭގެ އިތުރުން ނަސްރުﷲ އަކީ ދުވަހަކުވެސް އޮފީހަށް ގަޑިޖެހިފައިވާ މުވައްޒަފެއް ނޫނެވެ. އަދި ސަލާމުގެ ޢަދަދުވެސް އެއް އަތުން ގުނާލެވޭހާ މަދެވެ.

ޕްރޮގްރާމް އުފެއްދުމުގެ ތެރެއިން އެންމެ ފުރަތަމަ އެންމެ ބޮޑަށް މަސައްކަތްކުރަން ނަސްރުﷲއަށް ފުރުސަތު ލިބުނީ ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކުގައެވެ. އެގޮތުން އަޑުގައި އެންމެ ފުރަތަމަ އުފައްދަން ލިބުނު ޕްރޮގްރާމަކީ އޭރު ވަރަށް މަޝްހޫރު ކަރަންޓް އެފެއާޒް ދެ ޕްރޮގްރާމެއް ކަމުގައިވާ 'ޚަބަރު ފީތާ' އާއި 'ވޭތުވެދިޔަ ހަފްތާގައި ރާއްޖެ' މި ދެ ޕްރޮގްރާމެވެ. ޢަލީ ޢަބްދުﷲގެ ބެއްލެވުމުގެދަށުން މި ދެ ޕްރޮގްރާމްގައި މަސައްކަތް ކުރަން ލިބުން ވެގެންދިޔައީ ކަރަންޓް އެފެއާޒް އަށް ވަރަށް ބޮޑަށް ލޯބި އުފެދުނު ކަމަކަށެވެ. އެއްވެސް ތަޖުރިބާއެއްނެތި ފެށި މި މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާ މަގުދައްކަވައިދެއްވީ ޢަލީ ޢަބްދުﷲ އެވެ. މި ދެޕްރޮގުރާމަށްފަހު ނަޖުމާ ހުސައިން އުފައްދަވަމުން ގެންދެވި 'ވޭތުވެދިޔަ ހަފްތާގައި ދުނިޔެ' އުފައްދަން ލިބުނެވެ. އަދި ރަމަޟާން މަހު ގެނެސްދެމުންދިޔަ 'ލޯބީގެ ދަރުބާރު' ޕްރޮގްރާމް އުފެއްދުމާ ހަވާލުވެ އެ ޕްރޮގްރާމް އަހަރުތަކެއްވަންދެން އުފައްދަން ލިބުނެވެ. މުޅިން އަމިއްލަ ޚިޔާލަށް ޕްރޮގްރާމްތައް ބައްޓަންކޮށް އުފައްދަން ފުރުޞަތުތައް ލިބެންފެށީ މި މަސައްކަތްތަކަށްފަހު ކަމަށް ނަސްރުﷲ ފާހަގަ ކުރެއްވިއެވެ. މިގޮތުން ގިނަ ޕްރޮގްރާމްތަކެއް އުފައްދާ ހުށަހަޅުއްވައިފައިވެއެެވެ.

"އެންމެ ފުރަތަމަ އަޅުގަނޑަށް އަޑުއަޅަން ލިބުނީ 'އެބައުޅޭއެބައުޅޭ' އަށް. އެއީ ޒާހިދާ އިބްރާހީމް އުފެއްދި ޕްރޮގްރާމެއް. އަމިއްލަ އަޑު ރެކޯޑްކޮށްފަ އަޑު އަހާއިރު އެހާ ހިތްގައިމެއް ނޫން. އެހެންވެ އޭރު ވަރަށް ލަދު ގަތް.".
އޭރު އަޑުއަޅަން ނުކެރިގެން އުޅުނު ނަސްރުﷲގެ އަޑު ކޮންމެ ދުވަހަކުވެސް ރޭޑިއޯއިން މެދު ނުކެނޑި އިވެމުންދާތާ 27 ވަނަ އަހަރަށް އަޅާފައިވާއިރު މިއީ ރޭޑިއޯގެ އެހުންތެރިންނަށް ވަރަށް ފަރިތަ އަޑަކަށް ވެއްޖެއެވެ. ނަސްރުﷲގެ މީޑީއާ ކެރިއަރުގައި އެންމެ އުފާވީ ބަދުރުއްނަސީރާ އެކުގައި 'ބާއްޖަވެރި ހެނދުނެއް' ހުށަހަޅާލަން ފުރުސަތު ލިބުނު ހިސާބުންނެވެ. އެންމެ ހިތްހަމަޖެހިގެން ހުށަހެޅޭ ޕްރޮގްރާމަކީ 'ރޯދަކުރުކުރުން' ކަމަށް ފާހަގަކުރައްވާ ނަސްރުﷲ ވިދާޅުވީ ފަހުން އެ ޕްރޮގްރާމުގެ މުޅި ކޮންސެޕްޓް ބަދަލުކޮށްލަށް ކުރެވުނު މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރުމުގެ ފުރުސަތު އޭނާ އަށް ލިބިލެއްވި ކަމަށެވެ.

ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުންތެރިކަމުގައި ނަސްރުﷲގެ ސްޓައިލަކީ ބަދުރުގެ އަރިހުން ދަސްވި ސްޓައިލެކެވެ. އެހުންތެރިންނާއި ބައިވެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަކަށް އޯޑިއަންސާއި ވަރަށް ގާތްކަން ބަހައްޓައިގެން ޕްރޮގްރާމްތައް ހުށަހަޅުއްވާ ނަސްރުﷲ ވިދާޅުވީ "ރޯދަ ކުރުކުރުން ހުށަހަޅަން ފެށީ ބަދުރާ އެކީގައި. ބަދުރު ދެއްވި ފުސަތެއް އެއީ. ބަދުރުމެން ގެންގުޅުއްވި އެ ސްޓައިލް ވަރަށް ބޮޑަށް ކޮޕީ ކުރެވިފަ ކަންނޭނގެ ހުރީ. ބަދުރުމެން ހުށަހަޅުއްވާއިރު އެހުންތެރިންނާ ވަރަށް ގާތްކޮށް ވާހަކަ ދައްކަވާނީ. އޭގެ ސަބަބުން އެހުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ދަމައިގަންނާނެ. އެ ސްޓައިލް ކޮންމެވެސް ވަރަކަށް ލިބިފަކަންނޭނގެ ހުރީ" ރޯދަކުރުކުރުން ހުށަހެޅުމާއި ގުޅޭ ގޮތުން ނަސްރުﷲ ވިދާޅުވިއެވެ.


ރޭޑިއޯ ޕްރޮޑަކްޝަނާއި ޕްރެޒެންޓިންގެ އިތުރުން ނަސްރުﷲ އަކީ އެކި މަޖައްލާތަކަށް ލިޔުއްވި ފާހަގަ ކޮށްލެވޭ ލިޔުންތެރިއެކެވެ. ރާއްޖޭގައި ވަރަށް މަޝްހޫރުވި ކުރީގެ ހަފްތާ މަޖައްލާއެއް ކަމުގައިވާ 'އައްޑުވަސް' ގެ އެންމެ ރަންޒަމާނުގައި ނަސްރުވަނީ އެ މައްޖަލާއަށް ތަފާތު މައުޟޫ ތަކަށް ލިޔުއްވާފައެވެ. އަދި އައްޑުވަހުގެ ތެރެއިން އުފަންވެގެން އައި 'މަނަސް' މަޖައްލާގެ ޑެޕިއުޓީ އެޑިޓަރުކަން ކުރެއްވިއެވެ. ފަހުން 'ފިޔެސް' މަޖައްލާގެ ޑެޕިއުޓީ އެޑިޓަރުކަން ކުރެއްވިއެވެ. ނަސްރުﷲ ވަނީ 2006 ހިސާބުގައި ފުވައްމުލަކު މީޑީއާ ސެންޓަރުގައި މަސައްކަތްކުރެއްވި ދުވަސްވަރު 'ކައްޓެޅި އޮންލައިން'ގެ ނަމުގައި ފުވައްމުލަކުގައި އޮންލައިން ނޫހެއް ފައްޓަވާ ދެއްވާފައެވެ. މި ނޫހުގެ ފުރަތަމަ އެޑިޓަރަކީ ނަސްރުﷲ އެވެ. އަދި އެރަށުގައި ނޫސްވެރިން ތަމްރީނު ކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ބާއްވާ ޓްރެއިނިންގ ތަކުގައި ނަސްރުﷲ ވަނީ އެދުރެއްގެ ރޯލުވެސް އަދާކޮށްފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ރޭޑިއޯ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމްތައް ޕްރޮޑިއުސަރުންލައްވާ އުފެއްދުމާއި ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމުގެ މުހިންމު ޒިންމާ އަދާކުރަމުން ނަޞްރުﷲގެ އަޑު ރޭޑިއޯއިން ކެނޑިގެން ދިޔަ ނުދެއެވެ. ވަޒީފާގެގޮތުން މިހާރު މީ ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމުގައިވިޔަސް ޕްރޮގްރާމް ހުށަހަޅަނީ މިކަމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

"މިދާއިރާގައި ކަންތައްތައް ދަސްވެގެން ދިޔައިރު ބަދުރާއި އެކީގައި ހުށަހަޅާލަން ލިބުނު ޕްރޮގްރާމުތަކުގެ ތެރެއިން ޕްރެޒެންޓް ކުރުމުގެ ތެރެއަށް އެންމެ ރަނގަޅަށް ވަދެވުނީ. ކަރަންޓް އެފެއާޒްގެ ތެރެއަށް އެންމެ ރަނގަޅަށް ވަދެވުނީ އަދި ދަސްވެގެން ދިޔައީ ޢަލީ ޢަބްދުﷲގެ ސަބަބުން. ލައިވް ކޮމެންޓްރީގެ ތެރެއަށް ވަދެވުނީ މޫމިނާ އިބްރާހީމް އާއި އެކީގައި. އޭރުގައި ވަރަށް ގިނަ އެއްޗެހި ބުނެދެއްވާނެ މޫމިނާއްތަ. ރޭޑިއޯ ޕްރޮޑަކްޝަންގެ ތެރެއިން ހަފްސާ ޢަލީ، ހަފްސާއްތަ ވަރަށް ރަނގަޅަށް ބުނެދެއްވާނެ ރަނގަޅު ކުރަންވީ ކަންކަން" މިއީ ނަސްރު ރޭޑިއޯ ދާއިރާގައި އުހަށް ގެނެސްދިޔުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތްތަކެވެ. ނަސްރު އާއި އެކު ރޭޑިއޯގައި މަސައްކަތް ކުރާ އެކުވެރިންނާ ޕީއެސްއެމްގެ އިސްވެރިންގެ އިތުރުން ނަސްރުގެ ޢާއިލާއަކީވެސް ނަސްރުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބައެކެވެ.

+1
1
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް