November 23, 2024 01:46
Advertisement

-Advertisement-

ހާދިސާ: ބަރެސްދޫ މޭނާކަލޭގެފާނު

ކުރީ ޒަމާނުގައި ހުވަދު އަތޮޅު ވެރިކަން ކުރަމުން އައީ ހޯޑެއްދޫ ގައެވެ. އެއްދުވަހަކު ހޯޑެއްދޫ އަތިރިމަތީގައި ތިބިބަޔަކަށް، އެރަށާއި ދިމާއަށް ދޯއްޏެއް އަންނަތަން ފެނިފައިވެއެވެ. އެ ދޯއްޏަކީ ފަންރިޔާނެގި ދޯއްޏެކެވެ. ބާރަށް ވައިޖެހޭ ދުވަހަކަށް ވުމުން ވަރަށް އަވަހަށް ދޯނި އައިގޮތަށް ރަށުގެ ގޮޑުދޮށަށް ބީއްސާލިއެވެ. އަތިރިމަތީގައި ތިބިމީހުން އެއީ ކޮން ދޯއްޏެއްތޯ ބެލުމަށް ދޯނި ދޮށަށް ދިޔައެވެ. "ދޯނީގައި އިނީ އެންމެ މީހެއް. އެމީހާއާއި ސުވާލުކުރުމުން ބުނީ އަހަންނަކީ ބަރެސްދޫ މީހެއް. ބަރެސްދޫއިން މީހުން މަރުވަމުންގޮސް މީހުން ހުސްވާން ކައިރިވެއްޖެ. މިހާރު މަރުނުވެ ތިބީ މަދު މީސްކޮޅެއް. ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެމީހުންވެސް ފުރައިގެން އެކިރަށްރަށަށް ދަނީ. އަހަރެންނަކީ އެގޮތުން އައި މީހެއް. ދިރިއުޅޭނެ ރަށަކާއިމެދު ވިސްނުމަށްފަހު އަހަންނަށް ފެނުނު އެންމެ ރަނގަޅު ރަށަކީ މިރަށް ކަމަށް ޤަބޫލު ކުރެވުމުން މިރަށަށް މިއައީ"

ތިއީ ކޮންނަމެއްކިޔާ ކާކުތޯ ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ "އަހަރެންގެ މަޝްހޫރު ނަމަކީ ބަރެސްދޫ މޭނާކަލޭގެފާނު. ބައެއްމީހުން ބަރެސްދޫ ދަންނަ ކަލޭގެފާނުވެސް ކިޔާއުޅޭ. އަދި އެދުރުކަލޭގެފާނުވެސް ކިޔާ" މިހެން ބުނުމުން އެމީހުން އޭނާއަށް އިހުތިރާމްކޮށް އެރަށުގައި ވަޒަންވެރިވުމުމަށް ދަޢުވަތު ދިނުމުން އޭނާ އެދުނީ އެރަށުގައި އޭނާ ބަހައްޓަން އެދޭނަމަ އެހެން މީހުން ނުހިގާ ގޮތަށް މަގެއް ތައްޔާރުކޮށް އެމަގުގެ ކޮޅުގައި ކުޑަގެއެއް އަޅައިދިނުމަށެވެ. ސަބަބަކީ އޭނާ އެކަނި ފެންނަންހުރި ކަމުގައިވިޔަސް އޭނާއާއިއެކު އެކުވެރިޔެއް އުޅޭކަމަށެވެ. އޭނާ އެހެން ބަޔަކަށް ނުފެންނާނެ ކަމަށެވެ. އެހެން ބުނުމުން އެރަށުމީހުން އެގޮތް ޤަބޫލުކޮށް އަނެއްދުވަހު ރަށުއެންމެން ނުކުމެ ރަށުގައި މީހުން ނުއުޅޭ ހިސާބެއްގައި އުތުރުން ދެކުނަށް މަގެއް ކޮށާ ސާފުކޮށް ދޮންވެލިލާ ރީތި ކޮށްފިއެވެ. އަދި މޭނާކަލޭގެފާނު ދިރިއުޅުއްވުމަށް ކަމުދާގޮތަށް ގެއެއްއަޅާ ތައްޔާރު ކުރުމުން އެގޭގައި އުޅުއްވަން ފައްޓަވައިފިއެވެ. ރަށުގެ އެންމެން މޭނާކަލޭގެފާނަށް އިޙްތިރާމް ކުރެއެވެ.

ހަފްތާއެއް ފަހުން މޭނާކަލޭގެފާނު އަމުރަށް އޭނާ ދަތުރުކުރެއްވި ދޯނި ކޮށި މަގުގެ ދެކުނުފަރާތަށް އެހެލައިފިއެވެ. ދޯނި އެހެލާ ދެތިންދުވަސް ވަންދެން ހިއްކަން އަވީގައި ބެހެއްޓުމަށްފަހު ހަރުގެއެއްއަޅާ ދޯނި ހިޔާކޮށް އަދި މޭނާކަލޭގެފާނުގެ ގެއަށް ކައްކާނެ މީހަކު ހަމަޖައްސާފައިވެއެވެ. ދުވަސްކޮޅެއް ފަހުން ކައްކާމީހާ އެހެން މީހުންގެ ގާތުގައި ބުނިގޮތުގައި ވަރަށްގިނަ ދުވަސްދުވަހު އޭނާ ނުކައްކާ އެއްޗެހި އެގޮތުން ކަރުހަކުރާއި ރޫސިހާބަތް ފެންނަ ކަމަށް ބުނެފައިވެއެވެ. އެއްދުވަހަކު އެއީ ކޮންތަނަކުން ގެންނަ އެއްޗެއްތޯ މޭނާކަލޭގެފާނު އަރިއަހުން ކައްކާމީހާ އެހީމަވެސް ޖަވާބެއް ނުދެއްވިއެވެ. ކައްކާމީހާ ބުނިގޮތުގައި ގިނަފަހަރަށް އެކަލޭގެފާނު ކޭންބައްލަވަނީ އެއެއްޗެއްސެވެ.

Advertisement

 މޭނާކަލޭގެފާނު ހޯޑެއްދޫގައި އުޅުއްވާތާ މަސްދުވަސް ފަހުން އެރަށު ވަޅުގޭ ފާތުމާފުޅު ނަމަކަށްކިޔާ ވަރަށްރީތި ކުއްޖަކާއި ކައިވެނި ކުރައްވައިފިއެވެ. މިކައިވެއްޏަށްފަހު ހޯޑެއްދޫގަ މަޝްހޫރު އެދުރުގެ އަޅުއްވައިފިއެވެ. އަދި އެއަށްފަހު އެރަށުގެ ކުދިންނަށް ދީނީ ޢިލްމާއި، ފަންޑިތަވެރިކަމާއި އަދިވެސް އެހެނިހެން ބައެއް ޢިލްމު އުގަންނަވައިދެއްވަން ފައްޓަވައިފިއެވެ. އެހިސާބުން މޭނާކަލޭގެފާނު ޖިންނިއެއް ގެންގުޅޭކަން ރަށުގެ މީހުނަށް އެނގުނެވެ.

އެހެންކަމުން މޭނާކަލޭގެފާނު ހައްޖުވުމަށް ގަސްދުކޮށް ޝައްވާލް މަހުގެ ދުވަހެއްގައި މޭނާކަލޭގެފާނުގެ މަސްދޯނި ބާލުއްވައި ކޮއްތު ދަރު ބޯފެން ލުމަށްފަހު އެރޭފަތިހު އަށެއްކަ ކުދިންނާއެކު ދަތުރު ފެއްޓެވިއެވެ. އިރުއެރުމުގެ ކުރިން ކާޑެއްދޫ ކަނޑުން ނުކުތުމަށްފަހު މިސްރާބު ޖެއްސެވީ ޖިއްދާގެ ބަދަރަށެވެ. ނިޔާމަ ދަތުރަކަށްފަހު 15އަށް ވީ ދުވަހު ޖިއްދާގެ ބަދަރަށް ވަދެވުނެވެ. އަދި ދޯނި އެހެލުމަށްފަހު ފައިމަގުގައި މައްކާއަށް ދަތުރުކޮށް ވަރަށް އޮމާންކަމާއެކު ޙައްޖުގެ ހުރިހާކަމެއް ނިންމަވައި ރަށަށް ދުރުވެއްޖެއެވެ. މޭނާކަލޭގެފާނު ޖިއްދާ އިން ރަށަށް ދުރުވި އިރު އަންހެނުން ވަނީ ވިހަން ކައިރިވެފައެވެ. ހައެއްކަ ދުވަސް ތެރޭގައި މޭނާކަލޭގެފާނުގެ ފުރަތަމަ ދަރިފުޅު ވިހައި މުޙަންމަދުގެ ނަމުން ނަން ކިޔާފައިވެއެވެ.

މުޙައްމަދަށް އެކި ޢިލްމު ދަސްކޮށްދެމުންގޮސް ބާވީސް އަހަރުވީތަނާ މޭނާކަލޭގެފާނު ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމުން ކުދިންނަށް ކިޔަވައިދިނުމުގެ ކަންތައް ކުރިއަށް ގެންދެވީ މުޙައްމަދުއެވެ. އޭރު މުޙައްމަދު ހުރީ އެރަށުން މީހަކާއި އިދެގެންނެވެ. އެރަށުމީހުން މުޙަންމަދަށް އެދުރު ކަލޭގެފާނު ކިޔަން ފަށައިފިއެވެ. މީނާއަށް ދަރިޔަކު ލިބި ނަމަކަށް މޫސާކިޔާފައިވެއެވެ. މޫސާ ބޮޑުވެ ކިޔަވާ މޮޅުވުމުން އޭނާގެ ބައްޕަ އެއްދުވަހަކު އޭނާގެ ފެންވަރު ބެލުމަށް ފަންޑިތައެއް ހަދައިފިއެވެ. މޫސާ އަތިރިމައްޗަށް ގޮސްފައި ގެއަށް އައިއިރު މަގުމެދުން ބޮޑު ފުރޭތައެއް ފެނުނެވެ. މިއީ އޭނާގެ ބައްޕަ އޭނާގެ ފެންވަރު ބެލުމަށް މަގުމެދުގައި ހަނޑޫ ކަނޑާ ވަނެއް ބަހައްޓާ އޭގައި ފޮތިގަޑެއް އަޅައިގެން ހަދާފައިވާ އެއްޗެކެވެ. މޫސާ ފަންޑިތައެއްހަދާ ރުމާ ޖެއްސުމުން ހަނޑޫކަނޑާ ވަން ފުޑުފުޑުވެގެން ހިގައްޖެއެވެ.

މުސްކުޅި އެދުރުކަލޭގެފާނަށް އޭނާގެ ދަރިފުޅުގެ މޮޅުކަން ރަނގަޅަށް އެގިއްޖެއެވެ. މިހިސާބުން ބައްޕަ ކުރެއްވި ކަމަކީ ދަރިފުޅު މޫސައަށް ދީނުގެ ފަސްވަނަ ރުކުން ފުރިހަމަ ކޮށްދެއްވުމަށް އޭނާ ގޮވައިގެން ފުރައިފިއެވެ. މި އަޅުކަމުގައި ދެބަފައިކަލުން ވަނިކޮށް ރަށުގެ ބޮޑު އެދުރުގޭގައި ބޮޑުފާތިހާއަކަށް ކެއްކިއެވެ. މިކެއްކުމުގެ ތެރޭގައި މުސްކުޅި އެދުރުބީފާނު ބުނުއްވިއެވެ. 'އަހަރެން މިފިހާތަނުން ފޮޅިއެއް މަގޭ ދަރިފުޅަށް ހޫނުކަން ހުއްޓާ ދެވޭނެނަމަ ކިހާރަނގަޅުހޭ؟' އެދުރުބީފާނު މިހެންބުނުމުން އެގޭދޮށުގައި އުޅޭ ކުޑަކުއްޖަކު އައިސް 'އަޅުގަނޑު ގެންގޮސްދީފާނަމޭ' ބުނެފިއެވެ. ދެން އެދުރުދައިތަ ރަނގަޅަށް ބަންދު ކުރައްވާފައި މިކުއްޖާއަތަށް ފޮޅިތައްޓެއް ދިނެވެ.

އޭގެ ފަހުގައި އެދުރުކަލޭގެފާނުގެ ދެބަފައިން ހައްޖުން އެބުރި ރަށަށް ދުރުވުމުން މޫސަ އެދުރު ބުނުއްވިއެވެ. 'މަންމާ! ހާދަމީރު އަދި އެހާމެ ހޫނު ފޮޅިވައްޓެއް އަހަރުމެން ޖިއްދާގައި ވަނިކޮށް ލިބުނެވެ.' އާނ! ދަރިފުޅާ އެއީ އެދުރުގޭގައި ބޮޑުފާތިހާ ކެއްކި ދުވަހު މަންމަ ފިހުނު ފޮޅިތަކުގެ ތެރެއިން ދަރިފުޅާއި ބައްޕަ އަށް ފޮނުވި ފޮޅިއެވެ. އަދި އެ ފޮޅި ގެންގޮސްދިން ކުއްޖާއަކީ އިންސާނެއްނޫންކަން މީހުނަށް އެނގިއްޖެއެވެ. ނަމަވެސް އެދުރުގޭގައި ޖެހޭހާ މަސައްކަތެއް ކޮށްގެން އެގޭގައި ރަނގަޅަށް އުޅެއެވެ.

މޫސާ އެދުރުކަލޭފާނު ކޮންމެރެއަކު ދާ އެއްލަން ދުރުވެއެވެ. ވަރަށް ރަނގަޅަށް މަސްހިފައެވެ. މޫސާ އެދުރުކަލޭގެފާނު ދާ އުއްކަވަން ދުރުވާއިރު މަސްފަތި ހިފަހައްޓަން ގެންދަވަނީ އެއްކަލަ އެދުރުގޭގައި އުޅޭ ކުޑަކުއްޖާއެވެ. ކޮންމެ ރެއަކުވެސް ހިފޭ މަހެއްވިއްޔާ ފައްޗަކަށް އަމުނައިގެން މޫސަގެ ފަސްފަހަތުން މި ކޮއި ހިނގައެވެ. މިގޮތަށް މަސްހިފައި ނިމިގެން އެދުރުގެއަށް މަސްފަތި ގެނެސް ބަލާއިރު އެއްވެސް މަހެއްގެ ލޮލެއް ނުހުރެއެވެ. މިކަންތައް މިހެން ވާތީ އެއްދުވަހަކު މޫސާ އެދުރު ވަރަށް ރުޅި ދުރުވެއްޖެއެވެ. އަދި އެކުއްޖާ އަށް އެއްޗެތި ކިއުއްވާ ގެއިން ބޭރު ކޮށްފިއެވެ.

މިކުއްޖާ ބޭރުކުރުމުން ގޮސް އެރަށުގައި ދޯނިފަހަރު ބަނދެއުޅޭ އަތިރިމަތީގައި އުޅެންފަށައިފިއެވެ. މި އަތިރިމައްޗަށް އެރަށުމީހުން ކިޔަނީ 'ވަޑިންގެ ދިހަރޭ' އެވެ. މިކުއްޖާ އަށްވެސް 'ވަޑިންދިހަރޭ ކުއްޖާ' މިހެން އެރަށުމީހުން ކިޔަން ފަށައިފިއެވެ. މިކަން މިހެން ހިގާތާ ޒަމާން ތަކެއްފަހުން ހޯޑެއްދޫގައި މީހުންގެ ބޮލުގައި ރިހުމާއި ހޭނެތުން ގިނަވާން ފަށައިފިއެވެ. މިކަމާއި ރަށުއެއްމެން ބިރުގަނެ ކަންބޮޑުވާން ފަށައިފިއެވެ. މިކަން މުސްކުޅި އެދުރުކަލޭގެފާނަށް އެނގިލެއްވުމުން މިކަމަށް ފަންޑިތައެއް ހައްދަވައިފިއެވެ. އެއަށްފަހު ވަޑިދިހަރޭ ކުއްޖާ ގެންނަވައި ހޯޑެއްދޫ އަށް އުފަން އެއްވެސް މީހަކާއި ނުބެހުމަށް އެކުއްޖާލައްވާ ހުވައިކޮށްފިއެވެ. އެއަށްފަހު ވާރުގޭ މިސްކިތުގެ ބިއްދޮށުގައި އުޅުމަށް މިކޮއި ފޮނުވައިފިއެވެ. އެއްދުވަހަކު މިކުއްޖާ އަތިރިމަތީގައި ހުއްޓާ ގުރާބެއް އަންނަތަން ފެނިއްޖެއެވެ. މިގުރާބު އައިގޮތަށް އައިސް ވަޑިންގެ ފަންނަށް ރިޔާދޫކޮށްލައިފިއެވެ. ދެން މިކުއްޖާ ގުރާބު ކައިރިއަށް ގޮސް ޚަބަރު އެހިއިރު މިއީ މާލެއިން ރަދުން ފޮނުވައިގެން އައި ގުރާބެކެވެ.

އެމީހުންގެ ބޭނުމަކީ ރަސްގެފާނުގެ ދަރިކަނބަލުންގެ އިސްތަށިފުޅުގައި ރިއްސާ ރިއްސުމެއް ފަސޭހަނުވެގެން ދެކުނުގެ ފަންޑިތަވެރިއަކު ހޯދުމެވެ. މިގުރާބުގެ މީހުން ގާތުގައި މިކޮއި ބުންޏެވެ. 'ކަލޭމެން އެބުރި މާލެއަށް ދާށެވެ. ފަންޑިތަވެރިއަކު ދާނެއެވެ. އަދި ކަލޭމެން މާލެ ގޮސް ދިވެހިރާއްޖޭގައިވާ ކޮންމެ ވައްތަރެއްގެ ކޮންމެ ލަކުޑިއަކުން އެއްގޮޑި ޖަހާށެވެ.' މިގުރާބު މީހުން މިވާހަކަ އަހައި އެބުރި މާލެ ހިގައްޖެއެވެ. އަދި ރަސްގެފާނު އަރިހުގައި މިވާހަކަ ދެއްނެވުމުން ރަސްގެފާނުގެ އަމުރުފުޅަށް ގޮޑިޖަހަން ފަށައިފިއެވެ. ރާއްޖޭގެ އެތައްމިތަނުން ހޯދައިގެން ފެނުނު ކޮންމެ ވައްތަރެއްގެ ލަކުޑިއަކުން ގޮޑިޖަހަނީ އެވެ.

މިގޮތަށް ގޮޑިޖަހަމުން ގޮސް ލިބެންހުރި ހުރިހާ ވައްތަރެއްގެ ލަކުޑި ހުސްވެ އެންމެފަހު ގޮޑިޖަހާ ނިމުނު ދުވަހު އެއްކަލަ ކޮއި މާލެއިން ފެނިއްޖެއެވެ. ދެން ރަދުންގެ އަމުރުފުޅަށް މި ކޮއި ގަޑުވަރަށް ގެންގޮސް ރަސްގެފާނުގެ ދަރިކަނބަލުންގެ އިސްތަށިފުޅުގައި ވާ ރިހުން ފަސޭހަ ކުރުމަށް ފަންޑިތަ ހެދުމަށް މި ކޮޔަށް އެންގިއްޖެއެވެ. ދެން މިކޮއި ކިޔަވަން ފަށައިފިއެވެ. އެކި ވައްތަރުގެ ލަކުޑިން ޖެހި ގޮޑި ތައްވެސް ބަރިއަކަށް އަތުރާފައި ހުއްޓެވެ. ވަރަށް ގިނައިރު ކިޔެވުމަށްފަހު ފުންމައިގެން ތެދުވެއްޖެއެވެ. އަދި ވަރަށް ބާރަށް ގޮވާލައިފިއެވެ. 'މިގޮޑީގައި އިށީންނަ މީހާ ކޮބައިހޭ؟ އަދި މިހިރަ ގޮޑީގައި އިށީންނަ މީހާ ކޮބައިހޭ؟ 'ހަމަ އެވަގުތު ޖިންނީންތައް އައިސް އެކި ޖިންނި އެކި ގޮޑީގައި އިށީދެއްޖެއެވެ.

ހުރިހާ ގޮޑިއެއްގައި ޖިންނިން އިށީދެ ނިމުނު އިރުވެސް މިރިހި ލަކުޑިން ޖަހާފައި ހުރި ގޮޑިހުރީ ހުހަށެވެ. ދެން މިކަމާއި މި ކޮއި ކައިރިއަށް ވަރަށް ރުޅި އައިސްގެން ދެލޯ ރަތްކޮށްލާފައި ހަޅޭއްލަވައިގެންފިއެވެ. ހަމަ އެވަގުތު އެގޮޑީގައި އިށީންނަން ޖެހޭ ކޮރުޖިންނި، ދަމާގެނެސް ގޮޑީގައި ބޭންދުމަށްފަހު ރުޅި އައިސްފައި ބުންޏެވެ. 'ރަސްގެފާނުގެ ދަރިކަނބަލުންނަށް ގޯނާކުރީ ކީއްވެހޭ؟ 'ކޮރު ޖިންނި ބުންޏެވެ.' އެއްދުވަހަކު އަހަރެން މިގަޑުވަރުމަތިން އުދުހިފައި ދިޔައިރު ރަސްގެފާނުގެ ދަރިކަނބަލުން ހުންނެވީ ނާނޭފުޅު ފިއްލަވާށެވެ. އަދި އެވަގުތު އެކަމަނާގެ އިސްތަށިފުޅުން ފެން ފޮޅާލެއްވުމުން އެއިން ފެންތިކެއް އައިސް އަހަރެންގެ ނިތްކުރީގައި ޖެހުނީއެވެ. އެކަމާ ރުޅި އައިސްގެން އަހަރެން އެކަމަނާގެ ނިތްކުރިފުޅުގައި އިނގިލިކުރި ޖައްސާލީ އެވެ.

މި އަޑު އަހާފައި ފަންޑިތަކޮއި ރުޅިއައިސްފައި ގަދަ އަޑުން ބުންޏެވެ. 'ހަމަ މިހާރު ރަނގަޅު ކުރާށެވެ.' ޖިންނި ވަރަށް ބިރުން އިދެ ޖަވާބު ދިނެވެ. ހަމަ މިހާރު މި ފަސޭހަކުރަނީ އެވެ. ކުޑައިރުކޮޅަކުން ރަސްގެފާނުގެ ދަރިކަނބަލުންނަށް ކުއްލިއަކަށް ފަސޭހަ ވެއްޖެއެވެ. އިސްތަށިފުޅުގައި ރިއްސާތީ އެނދު ދާންކޮޅުން ތެދުވެ ވަޑައިނުގެން އޮންނެވި ކަމަނާ ވަގުތުން އެނދުދާންކޮޅުން ތެދުވެ ވަޑައިގެންފިއެވެ. ރަސްގެފާނު ވީ އުފާފުޅުން އެކޮޔަށް އެކަށޭނަ ޢިނާމު ދެއްވުމަށްޓަކާއި ވަޑައިގެންނެވިއިރު އެކޮއެއް އަދި އެއިން ޖިންނިއެއްވެސް ފެންނާކަށް ނެތެވެ. މިހާދިސާއަކީ، މިހާދިސާ ދިމާވި ދުވަސްވަރުން ފެށިގެން މިއަދާހައަށްވެސް މިކަމުގެ ވާހަކަ ދެކެވެމުން އަންނަ ވާހަކައެކެވެ.

ނޯޓް: މިއީ ނ.ތ.ހަސަންދީދީ ލިޔުއްވި "ކުރީގެ ހުވަދު އަތޮޅު" ގައި ބަރެސްދޫ މޭނާކަލޭގެފާނުގެ ވާހަކަ ލިޔުއްވި ގޮތުގެ ނަކަލައެކެވެ. މި ލިޔުމުގައި ބައެއް ބަސްތައް އަތުރާފައި ހުރިގޮތް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރެވިފައިވާނެއެވެ.

+1
1
+1
12
+1
5
+1
2
+1
2
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް